ފަހުގެ ޚަބަރު


އިތުރަށް...

ޑރ.ވަހީދު ވެރިކަމަށް ވަޑައިގަތީ ލޭ އޮހޮރުވައިގެން: ޖިނާޙް

ލިޔުނީ: Unknown - Tuesday, July 30, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ އެމްޑީޕީގެ ގައުމީ ސިޔާސަތު ކަމަށް ބުނެ ލީކްކޮށްލައިގެން އުޅޭ ޑޮކިއުމެންޓަކީ އެއްވެސް ބުރަދަނެއް ހުރި ޑޮކިއުމެންޓެއް ނޫން ކަމަށް ކުރީގެ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ޖިނާޙް ވިދާޅުވެއްޖެއެވެ.

ރޭ ރާއްޖެޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޖިނާޙް ވިދާޅުވީ ލީކްވެފައިވާ ޑޮކިއުމެންޓު ތައްޔާރުކުރުމުގައި އޭނާގެ އަތެއްވާ ކަމަށް ދެކެވޭ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކައެއް ނޫން ކަމަށެވެ.

އަދި ޓޮކިއުމަންޓަކީ ސައްޙަ އެއްޗެއް ކަމަށް ފުލުހުންގެ ތެރެއިންވެސް ގިނަ ބަޔަކު ޤަބޫލު ނުކުރާ ކަމަށާއި މިމައްސަލާގައި ފުލުހުންގެ އެންމެ އިސްފަރާތް ކަމަށްވާ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒް ކަންބޮޑުވުން ފާޅުކޮށް ވާހަކަދެއްކުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.

ރޭގެ ޕްރޮގްރާމްގައި އިތުރަށް ވާހަކަދައްކަވަމުން ޖިނާހް ވިދާޅުވީ ހަތެއް ފެބްރުއަރީގައި ވެރިކަން ހޯދަން ބޭނުންވީ ލޭ އޮހޮރުވައިގެން ކަމަށާއި ޑރ.ވަހީދު ވެރިކަމަށް ވަޑައިގެން ހުންނެވީވެސް ރައްޔިތުންގެ ލޭ އޮހޮރުވައިގެން ކަމަށެވެ.

އަދި ފުލުހުންގެ މުޢައްސަސާއަކީ ހަތެއް ފެބްރުއަރީގައި ހިނގާދިޔަ ހަދިސާގައި ޝާމިލްވާ މީހުންގެ ހަމައެކަނި ތަނެއް ނޫން ކަމަށް ވިދާޅުވެ، އަންނަ ރިޔާސީ އިންތިހާބަށް އެންމެ ޕްރޮފެޝަނަލްކޮށް މަސައްކަތް ކުރަމުން ގެންދަންޖެހޭ ބަޔަކީ ފުލުހުން ކަމަށްވާއިރު ރައްޔިތުން އިތުބާރު ކުރާ ބަޔަކަށް ފުލުހުންވާންޖެހޭ ކަމަށް ޖިނާހް ވިދާޅުވިއެވެ.

ކޮންމެ ސަރުކާރެއް އޮތަސް ފުލުހުން މަސައްކަތްކުރަން ޖެހެނީ ރައްޔިތުންގެ ތަރައްގީއަށް ކަމަށާއި މިތަރައްގީ ރައްޔިތުންނަށް ހޯދައި ދިނުމުގައި އެންމެ މުހިއްމު އެއް ކަމަކީ ލާމަޒު ކުރެވިގެން ފުލުހުންގެ ޙިދްމަތްތައް އަތޮޅު ތެރޭގައި ދިރިއުޅޭ ރައްޔިތުންނަށް ފޯރުކޮށްދެވޭނެ މަގު ފަހިވުން ކަމަށްވެސް ޖިނާހް ވިދާޅުވިއެވެ.

އިތުރަށް ވާހަކަދައްކަވަމުން ޖިނާހް ވިދާޅުވެފައިވަނީ ރާއްޖޭގައި ކްރިމިނަލް ޖަސްޓިސް ސިސްޓަމްއެއް ނެތް ކަމަށާއި ހުރިހާ މުވައްސަސާއަކުން މަސައްކަތް ކުރަމުންދަނީ އެމުވައްސަސާއެއް ބޭނުންވާ ގޮތަކަށްކަމަށްވާއިރު ފެންނަން އޮތް ހަގީގަތަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި ދެކޮޅަށް ތުހުމަތު ކުރެވިފައިވާ މައްސަލަތަކާއި ގުޅިގެން އެމައްސަލަތައް ބެލޭނެ ނިޒާމެއް ނެތުމުން އެއީ ރާއްޖޭގެ ރައްޔިތުންގެ ނިކަމެތިކަން ހާމަވެގެންދާ ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް