ފަހުގެ ޚަބަރު


އިތުރަށް...

ނިޒާރު މަރާލާފައި ދަމުން މައާފަށް އެދުނު

ލިޔުނީ: Unknown - Monday, July 15, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ރަހުމް ކުޑަގޮތަކަށް ހަމަލާދީ މަރާލި އަހްމަދު ނިޒާރު އިސްމާއީލް – ފޮޓޯ: ވީމީޑިއާ
ރޭ ލ.ގަމުގައި ރަހުމް ކުޑަގޮތަކަށް ހަމަލާދީ މަރާލި އަހްމަދު ނިޒާރު އިސްމާއީލަށް ހަމަލާ ދިން މީހުން އޭނާ މަރާލުމަށް ފަހު މައާފަށް އެދުނު ކަމަށް އެވަގުތު ނިޒާރާއި އެކު ތިބި ރައްޓެހިން ބުނެފިއެވެ.

ނިޒާރުގެ ބޮލަށް ދަނގަޑެއް ހަރާލާ އޭނަ މަރާލީ ގަމުގެ ތުނޑީ އަވަށުގައި ރަމަޟާން ކަޕްގެ ނަމުގައި ބާއްވަމުން އަންނަ ފްޓްސަލް މުބާރާތެއްގައި ވާދަކުރާ އޭނަގެ ޓީމަށް ރޭ ކުޅުމަށްފަހު އޭނާގެ ޓީމަށް ހޯދު ޖާރޒީ ބައެއް ބަލާ ކައްދޫއަށް ގޮސް އެނބުރި ގަމަށް ދިޔަ މަގުމަތީގައެވެ.

އޭނައަށް ދިން ހަމަލާގައި ބޮލުގެ ފުއްކިބައިން ފަސް އިންޗި އަށް ދަގަނޑެއް ހަރާފައިވާކަމަށް މައުލޫމާތު ލިބެއެވެ.
ނިޔާޒަށް ހަމަލާދިން އިރު އެންމެކައިރީގައި މަންޒަރު ފެންނަ ހިސާބުގައި ހުރި މުހައްމަދު ފާއިޒް ބުނީ އެމީހުން ކައްދުއަށް ޖާރޒީއެއް ބަލާ ދިޔައީ ދެސައިކަލެއްގައި ހަތަރު މީހުން ކަމަށެވެ.

ފާއިޒް ބުނީ އެމީހުން ޖާރޒީ ބައި ހިފައިގެން ގޮސް މުކުރިމަގުގެ މީހުން އުޅޭ ހިސާބާއި އަރާ ހަމަވި ތަނާއި ކުއްލިއަކަށް ރުކެއްގެ ބުޑުން މީހަކު ނިކުމެ މަޑުކުރަން ބުނި ކަމަށާއި އަދި މަޑުނުކޮށްފި ނަމަ މަރާލާނެ ކަމަށް ބުނި ކަމަށެވެ.

“ކިހިނެއް މަޑުކުރާނީ ކުއްލިއަކަށް ނިކުތީމަ. މަޑުނުކޮށް ނިޒާރު ކުރިއަށް އެރީމަ ދަގަނޑު އެއްލީ. އެދަގަނޑުން ނިޒާރުމެން ރެކުނު. އެކަމަކު އިތުރު މީހުން ނިކުމެ އެއްލި ދަގަނޑެއް ބޮލަށް ހެރިގެން ނިޒާރު ވެއްޓުނީ ސައިކަލް ދަށަށް.” ފާއިޒް ބުންޏެވެ.

ނިޒާރަށް ހަމަލާ ދިނުމަށް ފަހު އެމީހުން ފާއިޒަށް ހަމަލާދޭން މަސައްކަތް ނުކުރި ނަމަވެސް ނިޒާރުގެ ސައިކަލްގެ ފަހަތުގައި އިން މީހާގެ ފަހަތުން ދިވި ކަމަށް ވެއެވެ. އަދި އޭނާއަށް ކޮންމެވެސް ވަރަކަށް ހަމަލާ ދީފައިވާ ކަމަށް ވެސް ވެއެވެ.

ފާއިޒް ބުނީ ސައިކަލް ދަށުގައި އޮތް ނިޒާރު މަރުވީ ސައިކަލް ދަށުން ނެގި ފަހުން އޭނާގެ އަތްމަތީގައި ކަމަށެވެ.

ނިޒާރުގެ ބޮލަށް ހެރި ދަގަނޑު އޭރު ބޮލުގައި ނެތް ނަމަވެސް އެދަގަނޑު ހަމަލާދިން މީހުން ބޮލަށް ހަރާލުމަށް ފަހު ނެގީ ކަމެއް ނޫނީ ހަމަލާއަށް ފަހު ވިއްސައިގެން ދިޔައިރު ނެއްޓުނީ ކަމެއް ފާއިޒް އަކަށް ނޭންގެއެވެ.

ނިޒާރާއި އެކު ހުރި އެހެން ރައްޓެއްސަކު ބުނީ ނިޒާރަށް ހަމަލާދިނީ އޭނާގެ ކޮއްކޮ މުޙައްމަދު ރިޝާންކަމަށް ހީކޮށް ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އަދި ހަމަލާދިން މީހުން ދުއްވައިގަންނަމުން “ބްރޯ ސޮރީ އޮޅުނީ” އޭ ބުނި ކަމަށް އޭނާ ބުންޏެވެ.
ހަމަލާދިން މީހުންގެ ތެރެއިން ދެމީހަކު އެނގޭ ކަމަށް އެރަހުމު ކުޑަ ހަމަލާ ދިން މަންޒަރު ފެނުނު ނިޒާރުގެ ރައްޓެހިން ބުނެއެވެ.
އެމައްސަލައިގައި މިހާރު ހައްޔަރުކޮށްފައިވާ މުކުރިމަގު އަވަށު ދުނިފަރު އުމުރުން 21 އަހަރުގެ އަހުމަދު ސުޖާއު (ލޭޒް) އަކީ މީގެ ތެރެއިން އެކެކެވެ.

ނިޒާރުގެ އާއިލާގެ ފަރާތުން ވާހަކަދެއްކި މީހަކު ވެސް ބުނީ ނިޒާރަށް ހަމަލާދިނީ ކޮއްކޮ ކަމަށް ހީކޮށްކަމަށް ވުން އެކަށީގެންވާ ކަމަށެވެ.
މުކުރިމަގުގައި ކެއްކި ބަނގުރާ ހަމެއް ނިޒާރުގެ ކޮއްކޮ އާއި އެހެން މީހަކު ވެގެން މީގެ ދުވަސް ކޮޅެއް ކުރިން ވަގަށް ނަގާފައިވާ ކަމަށް ވާހަކަ ދެކެވޭ ކަމަށް އާއިލާގެ ފަރާތުން ވާހަކަދެއްކި މީހާ ބުންޏެވެ. ނިޒާރު އަކީ ކުށުގެ އެއްވެސް ރެކޯޑެއް އޮތް މީހެއް ނޫނެވެ.

މީގެ ހައެއްކަ އަހަރު ކުރިން ލ.މުންޑޫއިން ގަމަށް ދިރިއުޅުން ބަދަލުކުރި ނިޒާރު ޖާރޒީ ބައި ބަލާ ދިޔައީ ނިޒާރު ނުލާ ދެމީހަކު ދާން އުޅުމުން އެންމެން ދާން ވާނެ ކަމަށް ނިޒާރު އަމިއްލައަށް ބުނެގެން ކަމަށް އޭނާގެ ރައްޓެހިން ބުނެއެވެ.

ނިޒާރަށް ހަމަލާދީ މަރާލި އިރު އޭނާގެ ދެއަންހެން ކުދިން އެބަތިއްބެވެ. އޭނާގެ ކައިވަނި ވަނީ ރޫޅިފައެވެ. ދަރިން އުޅެނީ ކުދިންގެ މަންމަ ކައިރީ ލ.މުންޑޫ ގައެވެ.

ނިޒާރަކީ މަސްވެރިއެއް ނަމަވެސް ފުޓްބޯޅަ ކުޅުމަށް އަބަދުވެސް ޝައުގުވެރިވާ ނިޒާރު ރޭ އޭނާގެ ޓީމަށް ޖަހާދިން ގޯލަކީ އެޓީމަށް ދިން ހަދިޔާއެއް ކަމަށް ޓީމުގެ ކުޅުންތެރިން ގަބޫލުކުރެއެވެ.

އެޓީމް ރޭބަލިވި ނަމަވެސް ޓީމަށް ކާމިޔާބު ކުރެވުނު ހަމައެކަނި ގޯލް ޖަހާދިނީ ނިޒާރުއެވެ.
ނިޒާރުގެ މަރާލި މައްސަލަ ތަޙްޤީޤް ކުރަން މާލެއިން ހާއްސަ ޓީމެއް ގޮސް ތަޙްޤީޤް ފަށާފައި ވާއިރު މައްސަލަ އާއި ގުޅޭ ބައެއް ތަކެތި ހޯދާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް