ފަހުގެ ޚަބަރު


އިތުރަށް...

ހެލްތު މިނިސްޓަރު ޖަމްޝީދު ލޭއަޅާ ކުދިންނަށް އިންޒާރުދީފި

ލިޔުނީ: Unknown - Tuesday, July 23, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ހެލްތް މިނިސްޓަރު ކަނުމުގައި ހުންނަވާ ޑރ. ޖަމްޝީދު ލޭ އަޅާ ކުދިންނަށާއި ހިދުމަތް ހޯއްދަވާ ބެލެނިވެރިންނަށް އިންޒާރުގެ ބަސްތައް ވިދާޅުވެއްޖެއެވެ.

ރޭ ވީޓީވީ ގައި ތެލެސީމިއާ ސެންޓަރުގެ މައްސަލަ އާއި ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޖަމްޝީދް ވިދާޅުވީ ހިދުމަތް ހޯއްދަވަން އުޅޭ ލޭ އަޅާ ކުދިންނާއި ބެލެނިވެރިން އެ މައްސަލަ ސިޔާސީ ކަމަކަށް ހަދައިގެން އުޅޭ ކަމަށާއި އެހެން ކަމަށް ވާނަމަ ހިދުމަތް ހޯއްދަވަން ތެލެސީމިއާ ސެންޓަރަށް ދާ ކުދިންނާއި ބެލެނިވެރިންނަށް ތަކުލީފު އުފުލަން ޖެހޭނެކަމަށް ބުނެ ވަނީ އިންޒާރު ދިނުމުގެ މޭރުމަކުން ވާހަކަ ދައްކަވާފައެވެ.

ޑރ. ޖަމްޝީދުގެ މި ސްޓޭޓްމަންޓައް ރައްދު ދެއްވަމުން ލޭ އަޅާ ގިނަ ކުދިންތަކެއް ‘ޓައިމްސް’ އަށް ކިޔާދިނީ މިއީ ސިޔާސީ ކަމެއް ނޫން ކަމާއި މިހާރުވެސް ހިދުމަތް ނުލިބޭ ތަނަކުން އިތުރަށް ލިބޭނެ ތަކުލީފެއް ނެތް ކަމަށެވެ.

‘ޓައިމްސް’ އަށް މައުލޫމާތު ދެއްވަމުން ތެލަސީމިއާ ސޮސައިޓީގެ ސީނިއަރ ލޭ އަޅާ ކުދިން ހާމަ ކުރިގޮތުގައި މި އަހަރުގެ މޭ 5 ވަނަ ދުވަހު ޑރ. ވަހީދާއި އެ ކުދިން ވަނީ ބައްދަލުކޮށް ސެންޓަރުން ދިމާވާ މައްސަލަ ތަކުގެ ތަފްސީލް ކިޔާދީފައި ކަމަށެވެ. ޖަވާބުގައި ޑރ. ވަހީދު ވަނީ ބޭހާއި ކަށި ފަދަ ތަކެތީގެ ދަތިކަމުގެ ވާހަކަ ކުރިންވެސް އިނގިލައްވާކަމަށާއި އަވަސް ހައްލެއް ގެނެސްދޭނެ ކަމަށް ވިދާޅުވެފައި ކަމަށެވެ. ނަމަވެސް އަދި އަދަށް ވެސް ޑރ. ވަހީދުގެ ފަރާތުން އެއްވެސް ޖަވާބެއް ލިބިފައިނުވާ ކަމަށް އެކުދިން ހާމަކުރިއެވެ.

ބޭހާއި، ކަށި ފަދަ ތަކެތި ލިބުމުގެ މައްސަލަ ދިމާވެގެން އުޅެނީ މި އަހަރު ފެށުނު ފަހުން ކަމަށާއި ސަރުކާރުން ބޮޑު ހަރަދެއް ކޮށްފައި މި އަހަރުގެ ތެލެސީމިއާ ދުވަސް ފާހަގަ ކުރަން ކުޑަހުވަދޫއަށް ގޮސްފައިވާ އިރު އެއީ ނިސްބަތުން ތެލެސީމިއާ ކުދިން އެންމެ މަދު ރަށް ކަމަށް އެ ކުދިން ފާހަގަ ކުރިއެވެ. އަދި ބަޖެޓް ނެތިގެން ކަމަށް ބުނެ ޑެސްފަރޯލް ފަދަ ޒަރޫރީ ބޭސްތައް ލޭ އަޅާ ކުދިންނަށް ސަރުކާރުން ފޯރުކޮށްނުދެވޭ އިރު އެތައް ހާސް ރުފިޔާ ހަރަދުކޮށް މިއުޒިކް ޝޯ އާއި އެއްޗިސް ބޭއްވުމުގެ ބޭނުމެއް ނުފެންނަ ކަމަށް ވެސް ތެލެސީމިއާ ސޮސައިޓީގެ ކުދިން ވަނީ ވިދާޅުވެފައެވެ.

މޭ 8 ވަނަ ދުވަހު ޓީވީއެމް ގައި ތެލެސީމިއާ ސެންޓަރާ ހަވާލްވެ ހުންނެވި އިބްރާހިމް ފައިސަލް ވަނީ ‘ކުރިޔަށް އޮތް 2 ހަފްތާ ތެރޭ’ ބޭހުގެ ކަންކަން ހައްލު ވާނެ ކަމަށް ބުނެފައެވެ. ނަމަވެސް މިއީވެސް އަމަލީ ސިފައެއް ފެނިފައި ނުވާ ދޮތު ވާހަކަތަކެއް ކަމަށް އެ ކުދިން ހާމަ ކޮށްފައިވެއެވެ.

ލޭ އަޅާ ކުއްޖަކަށް ޑެސްފަރޯލް، އެލްވަން 500 އަދި މިފަދަ ބޭސް ތައް ނުލިބުމަކީ އެކުއްޖެއްގެ ފުރާނަ އަށް ގެއްލުން ކުރާ ވަރުގެ ނުރައްކާތެރި ކަމެކެވެ. ލޭ އަޅާ ކުދިންގެ ތެރެއިން އެންމެ ސީނިއާރ ޕޭޝަންޓުން ލޭ އަޅާ އެހެން ކުދިންގެ ހައްގުގަޔާއި އަމިއްލަ ފުރާނަ ސަލާމައް ކުރުމަށް ސަރުކާރުގެ ޓަކި ނުޖަހާ އެންމެ ދޮރެއްވެސް ނުހުންނާނެ ކަމަށް ‘ޓައިމްސް’ އަށް ވަނީ މައުލޫމާތު ލިބިފައެވެ. ހިއުމަން ރައިޓްސް ކޮމިޝަނުން ފެށިގެން ގޮސް ރައީސް އޮފީހާއި، މަޖިލީހުގެ މައްސޫލިއްޔަތު ބަލާ ކޮމެޓީ ގެ އިތުރުން ހެލްތް މިނިސްޓްރީ ވެސް ހިމެނޭ ކަމަށް ތެލެސީމާ ޕޭޝަންޓުން ހާމަކޮށްފައި ވެއެވެ.

ސިޓީ އަށް ޖަވާބު ލިބި މައްސަލައަށް ހައްލެއް ގެނައުމަށް މަޝްވަރާ ކުރުމުގެ ފުރުސަތު ލިބުނީ ހަމައެކަނި މަޖިލީހުގެ މައްސޫލިއްޔަކު ބަލާ ކޮމެޓީއިން އެކަނި ކަމަށާއި ތެލެސީމިއާ ސެންޓަރުގެ ހެޑް ފައިސަލް ލޭ އަޅާ ކުދިންނާ ބައްދަލުކޮށް ‘ކަލޭމެން ފޮނުވާހާ ސިޓީ އަކަށް ޖަވާބު ދޭކަށް ނުޖެހޭނެކަމަށް’ ބުނެފައިވާ ކަމަށް އެކުދިން ކިޔާދިނެވެ.

ރައީސް ނަޝީދުގެ ސަރުކާރުގައި ތެލެސީމިއާ ސެންޓަރު ހިންގަނީ ހެލްތް ކޯޕަރޭޝަންގެ ދަށުންނެވެ. އޭރު ހެލްތް ސެންޓަރުގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނަވާ ޒުބައިރާ ކޮންމެ ވަގުތެއްގައިވެސް ބައްދަލު ކުރެވޭ ކަމަށް ތެލަސީމިއާ ސޮސައިޓިގެ ކުދިން ވަނީ ‘ޓައިމްސް’އަށް މައުލޫމާތު ދެއްވާފައެވެ. ނަމަވެސް ސަރުކާރު ބަދަލުވެ، މޯލްޑިވިއަން ބްލަޑް ސާވިސްގެ ނަމުގައި ވަކި ސެކްޝަނެއް ހެދި އެ ސެކްޝަނުގެ ދަށުން ބްލަޑް ބޭންކާއި ތެލަސީމިއާ ސެންޓަރު ހިންގަން ފެށުނެވެ. އަދި ޒަރޫރީ ބޭހާއި ކަށި ފަދަ ތަކެތި ނުލިބިގެން އެކަމާ މަޝްވަރާ ކުރުމަށް އެއް މޭޒެއް ދޮށުގައި އިށީމުނަށް މިނިސްޓްރީ އިން ފުރުސަތެއް ދީފައި ނުވާ ކަމަށް އެކުދިން ހާމަކުރިއެވެ.

އިއްޔެ ހެންދުނު ބްލަޑް ބޭންކުގެ އިންޗާޖު ޑރ. ހުދާ ތެލެސީމިއާ ސޮސައިޓިގެ ކުދިންނަށް ގުޅުއްވާ ހުރިހާ ކުދިންނަށް ލޭ ހޯދައިފި ކަމަށް ވަނީ ވިދާލުވެފައެވެ އަދި ‘އެލްވަން 500′ ބޭސް ފިޔަވާ އެހެން ބޭސް ތަކާއި ސިރިންޖު ފަދަ ތަކެތި ހަފްތާ އަކަށް ވާ ވަރަށް ހޯދައިފައި ވާ ކަމަށް ‘ޓައިމްސް’ އަށް މައުލޫމާތު ދެމުން ލޭ އަޅާ ކުދިން ކިޔާދިނެވެ.

މިރޭ 9 ޖަހާއިރު މަޖިލީހުގެ މައްސޫލިއްޔަތު ބަލާ ކޮމެޓީއިން ބާއްވާ ބައްދަލުވުމުގައި ހެލްތް މިނިސްޓަރ ޑރ. ޖަމްޝީދާއި ހެލްތް މިނިސްޓްރީ ގެ ސްޓޭޓް މިނިސްޓަރު އަލީ ޝަރީފް އަދި ތެލެސީމިއާ ސެންޓަރާ ހަވާލުވެ ހުންނެވި އިބްރާހިމް ފައިސަލް ގެ އިތުރުން ލޭ އަޅާ ކުދިންގެ އެންމެ ސީނިއަރ ޕޭޝަންޓުންވެސް މި ބައްދަލުވުމުގައި ބައިވެރިވާނެކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

‘ޓައިމްސް’ ޓީމް އާއި ބައްދަލު ކޮށް މައުލޫމާތު ދިން ލޭ އަޅާ ކުދިން ހާމަ ކުރިގޮތުގައި ‘ފަތްޖެހި އެނދުގައި’ އޮވެގެން ލޭ އެޅި ޒަމާންވެސް ދިޔަކަމަށާއި އޭރުވެސް ހިދުމަތް ބަރާބަރާށް ލިބޭ ކަމަށް ފާހަގަ ކުރިއެވެ. އަދި އެކުދިންގެ އެދުމަކީ މިހާރުވެސް މެދުކެނޑުމެއް ނެތި ލޭ އެޅުމުގެ ހިދުމަތް ހޯދަމުންދާ 560 އަށް ވުރެން ގިނަ ކުދިންނަށް އެދެވޭ ގޮތުގައި ހިދުމަތް ފޯރުކޮށްދިނުމެވެ.

މީޑިޔާތަކުގެ އެހީއަށްވެސް ލޭ އަޅާ ކުދިން ވަނީ ގޮވާލަފައެވެ. އަދި ހަމައެކަނި ސަރުކާރުގެ މުއައްސަސާތަކުގެ ބަސް ގެނެސްދިނުމަށްފަހު ލޭ އަޅާ ކުދިންގެ ހުރި ތަކުލީފުތަކުގެ ވާހަކަ ގެނެސްނުދޭ ކަމުގެ ޝަކުވާވެސް ހިތާމައާއެކު އެކުދިން ވަނީ ފާޅުކޮށްފައެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް