ފަހުގެ ޚަބަރު


އިތުރަށް...

ވޯޓާސް ލިސްޓުގައިލ. ގަމު 15 އަހަރުގެ ދެ ކުއްޖެއްގެ ނަން ހިމެނިފައިވާ މައްސަލައެއް ފެންމަތި ވެއްޖެ

ލިޔުނީ: Unknown - Friday, August 30, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ލ. ގަމު އިހައްދޫ ސްކޫލްގައި ބަހައްޓާ ހަތަރު ނަންބަރު ވޯޓު ފޮއްޓަށް ވޯޓުލާ މީހުންގެ ފައިނަލް ލިސްޓުގައި 18 އަހަރުން ދަށުގެ ދެ ކުއްޖެއްގެ ނަން ހިމެނިފައިވާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ސަން އޮންލައިން އާ ވާހަކަ ދެއްކި ގަމު ކައުންސިލް އިދާރާގެ ސީނިއާ އެޑްމިނިސްޓިވް އޮފިސަރު މުހައްމަދު ސައީދު ވިދާޅުވީ އެ ރަށު އިހައްދޫ ސްކޫލްގައި ބަހައްޓާ ހަތަރު ނަންބަރު ވޯޓު ފޮއްޓަށް ވޯޓުލާ މީހުންގެ ފައިނަލް ލިސްޓުގައި 15 އަހަރުގެ ދެ ކުއްޖެއްގެ ނަން ހިމެނިފައިވާކަން އެނގުނީ މިއަދު ކަމަށެވެ.

އޭނާ ވިދާޅުވީ އެ ދެ ކުދިންގެ ތެރެއިން އެއް ކުއްޖެއްގެ ނަން ލިސްޓުގައި ހިމަނާފައި ވަނީ ނުބައިކޮށް ކަމަށާއި އެކަން އެނގުނީ އައިޑީކާޑް ނަންބަރު ބެލުމުން ކަމަށެވެ.

ލ. ގަން ދުންފިނިއުފާ އާއިޝަތު ފާތިހުގެ ނަން ވޯޓުލާ މީހުންގެ ފައިނަލް ލިސްޓުގައި ހިމަނާފައިވާ ކަމަށާއި ނަމަވެސް އެގޭ ރަޖިސްޓްރީގައި އެނަން ކިޔާ މީހަކު ނޫޅޭ ކަމަށް ސައީދު ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ ނަމާ ދިމާލުގައި ޖަހާފައިވާ އައިޑީކާޑު ނަންބަރަކީ އެގޭ އަހްމަދު ފާތިހުގެ ނަން ކަމަށާއި އިލެކްޝަންސްގެ ނަންބަރަށް އެސްއެމްއެސް ކުރުމުން ވެސް މެސެޖުގައި ވަނީ "އާއިޝަތު ފާތިހު"ގެ ނަން ކަމަށެވެ.

އޭނާ ވިދާޅުވީ އަހްމަދު ފާތިހު އަކީ 1998 ވަނަ އަހަރު އުފަންވި ކުއްޖެއް ކަމަށާއި މިހާރު އޭނާގެ އުމުރަކީ 15 ކަމަށެވެ. އޭނާ ވިދާޅުވީ ދެވަނަ ނަމަކަށް ލިސްޓުގައި ހިމަނާފައި ވަނީ ލ. ގަން ދަފްތަރު ރައުޝަން ހުސައިން ކަމަށާއި އޭނާ ވެސް އުފަންވެފައި ވަނީ 1998 ވަނަ އަހަރު ކަމަށެވެ. އަދި އޭނާގެ އުމުރަކީ 15 އަހަރު ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

"ލ. ގަން ދުންފިނިއުފާ ގޭގެ ރަޖިސްޓްރީގައި އާއިޝަތު ފާތިހު ކިޔާ މީހެއްގެ ނަމެއް ނޯންނާނެ. އެކަމަކު އިލެކްޝަންސް ކޮމިޝަނުން ގެޒެޓު ކުރި ލިސްޓުގައި އެނަން ހިމަނާފައި ވަނީ. އެނަމާއި ދިމާލުގައި އޮތް އައިޑީކާޑް ނަންބަރަށް ބެލުމުން އެއީ އެގޭ އަހްމަދު ފާތިހުގެ އައިޑީކާޑް ނަންބަރުކަން އެނގުނު. ދެވަނަ އަށް ފެންމަތިވީ ލ. ގަން ދަފްތަރު ރައުޝަން ހުސައިންގެ ނަން ވެސް ވަނީ ލިސްޓުގައި ހިމަނާފައި. މި ދެ ކުދީންގެ އުމުރަކީ 15 އަހަރު،" ސައީދު ވިދާޅުވި އެވެ.

އެ މައްސަލަ ފެންމަތިވީ ގެޒެޓުގައި ޝާއިއުކޮށްފައިވާ ލިސްޓު އެކުދިންގެ އާއިލާގެ މީހަކު ބެލުމުން ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ގެޒެޓު ކުރި ލިސްޓުގައި ވެސް އަދި ކައުންސިލް އިދާރާގެ ނޯޓިސް ބޯޑުގައި އާންމު ކުރި ވޯޓުލާ މީހުންގެ ލިސްޓުގައި ވެސް އުފަން ތާރީޚު ޖަހާފައި ނުވާ ކަމަށާއި އެހެންވުމުގެ ސަބަބުން އާންމުންނަށް އެފަދަ ޝަކުވާތައް ހުށަހެޅުމުގެ ފުރުސަތު ބަންދުވެފައިވާ ކަމަށެވެ.

"އަމުދުން ލ. ގަން ކަހަލަ އާބާދީ ބޮޑު ރަށެއްގައި ވޯޓުލާ މީހުންގެ ލިސްޓް ބެލީމަ ކިހިނެތްތޯ އާންމު ރައްޔިތު މީހަކަށް އެނގޭނީ އޭގައި 18 އަހަރު ނުފުރޭ މީހެއްގެ ނަން ހިމެނިފައި އޮތްކަން. ސަބަބަކީ އެ ލިސްޓުގައި އުފަން ތާރީޚު ޖަހާފައި ނުހުރޭ،" ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ 18 އަހަރު ނުފުރޭ މީހެއްގެ ނަން ލިސްޓުގައި އޮތްކަން އަމިއްލައަށް އެނގުނަސް އެ މައްސަލަ ހުށަހަޅާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. ސަބަބަކީ ކޮންމެ ބަޔަކު ވެސް ބޭނުންވަނީ އެބަޔަކު ތާއީދުކުރާ ކެންޑިޑޭޓަށް ގިނަ ވޯޓު ހޯދުމަށް ކަމަށްވާތީ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

މިކަމާ ބެހޭ ގޮތުން އިލެކްޝަންސް ކޮމިޝަންގެ ނާއިބް ރައީސް އަހްމަދު ފަޔާޒު ހަސަން ވިދާޅުވީ ވޯޓުލާ މީހުންގެ ލިސްޓުގައި 18 އަހަރުން ދަށުގެ ކުއްޖެއްގެ ނަން ހިމެނިފައި އޮތަސް އެ ކުއްޖަކަށް ވޯޓު ނުލެވޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ ގަމު ކައުންސިލް އިދާރާގެ ފަރާތުން އެފަދަ ޝަކުވާއެއް ލިބިފައި އޮތްތޯ ޗެކްކުރެވޭނީ ރަސްމީ ގަޑީގައި ކަމަށެވެ.

އެފަދަ މައްސަލައެއް ފެންމަތިވެއްޖެ ނަމަ ގައުމީ ކޮންޕްލަޔަންސް ބިއުރޯ އަށް ހުށަހެޅުމުގެ ފުރުސަތު ކޮންމެ ރައްޔިތަކަށް ވެސް އޮންނާނެ ކަމަށާއި އަދި އެތަނުން ދޭ ޖަވާބާ މެދު ހިތްހަމަނުޖެހޭ ފަރާތެއްވާ ނަމަ އެ މައްސަލަ ހައިކޯޓަށް ހުށަހެޅުމުގެ ހައްގު ލިބިގެންވާ ކަމަށް ވެސް ފަޔާޒު ވިދާޅުވި އެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް