ފަހުގެ ޚަބަރު


އިތުރަށް...

ލ. މާވަށު ބަނދަރު މަރާމާތުކުރުމުގެ މަސައްކަތް ފަށައިފި

ލިޔުނީ: Unknown - Friday, August 30, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ދައުލަތުގެ ބަޖެޓުގެ ހާލަތު ހުރި ގޮތުން ގިނަ ރަށްރަށުގެ ބަނދަރު އެ ބަޖެޓުން ހަރަދު ކޮށްގެން ހެދެންް ނެތް ކަމަށް ރައީސް މުހަންމަދު ވަހީދު މާވަށުގައި މިއަދު ވިދާޅުވެއްޖެ އެވެ.

މިރަށު ބަނދަރު ހެދުމުގެ މަސައްކަތް ފައްޓަވައި ދެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ރައީސް ވަހީދު ވިދާޅުވި ގިނަ ރަށްރަށުގެ ބަނދަރު ދައުލަތުގެ ބަޖެޓުން ހެދެން ނެތުމުން ދެން އެކަން ކުރަންޖެހެނީ ލޯނު ނަގައިގެން ކަމަށެވެ. އެކަމަކު އެކަން ވެސް އަދި މުޅިން ހަމަނުޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އެހެންވީމާ އަޅުގަނޑުމެން ޝުކުރު ކުރަންޖެހޭ މާވަށުގެ ބަނދަރު ދައުލަތުގެ ބަޖެޓުން ހެދުމަށްޓަކައި އިސްކަން ދެވިގެން އެކަން ކުރެވޭތީ. އިރާދަކުރެއްވިއްޔާ އަށް މަސް ތެރޭގައި މި ބަނދަރު ނިމޭނެ،" މާވަށު ކައުންސިލް އިދާރާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަހީދު ވިދާޅުވި އެވެ.

މާވަށު ބަނދަރު އަލުން ހަދަން މި ފެށީ 2004ގެ ސުނާމީ އަށް ފަހު އެ ބަނދަރު ވަރަށް ބޮޑަށް ހަލާކުވެފައިވާތީ އެވެ. މި ބަނދަރު ހެދުމަށް ދައުލަތުގެ 2011 ވަނަ އަހަރުގެ ބަޖެޓުގައި ވެސް ފައިސާ ހިމެނި އެވެ. އެކަމަކު އެ އަހަރު ނިމުނުއިރު ވެސް ބަނދަރު ނެހެދުނެވެ. ރައީސް ވަހީދު ވިދާޅުވި ގޮތުގައި ބަނދަރުގެ މަސައްކަތް ކުރަނީ 31 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެންނެވެ. ބަނދަރުގެ އެއްބަސްވުމުގައި މިއަހަރުގެ ފެބްރުއަރީގައި ސޮއިކުރި ނަމަވެސް މިހާތަނަށް އަމަލީ މަސައްކަތް ނުފެށި ދިގުލީ ތަފާތު ސަބަބުތައް ދިމާވެގެން ކަމަށް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރު މިނިސްޓްރީން ބުންޏެވެ.

މިރަށުގައި "ހަވީރާ" ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ 22 ރަށެއްގެ ބަނދަރެއްގެ މަސައްކަތް މިހާރު ކުރަނީ އެމްޓީސީސީއާ ހަވާލުކޮށްގެން ކޮންޓްރެކްޓާ ފައިނޭންސްގެ އުސޫލުން ކަމަށެވެ. އަދި މިހާރު ވެސް 50 ރަށެއްގެ ބަނދަރެެއްގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވަހީދު ވިދާޅުވީ އެމަނިކުފާނު ރާއްޖޭގެ ވެރިކަމުގައި މިދިޔަ ދޮޅު އަހަރު ހުންނެވިއިރު ގައުމުގެ ކަންކަން ހުރީ އެންމެ އެދެވޭ ގޮތަކަށް ނޫން ކަމަށެވެ. އަދި ސިޔާސީ ގޮތުން ސަރުކާރާ ހިޔާލު ތަފާތުވުންތަަކުގެ މީހުންގެ "ޖެއްސުމުގެ ތެރެއިން" ވެސް ރައްޔިތުންނަށް ހިދުމަތް ދިނުމަށް ކެނޑިނޭޅި މަސައްކަތް ކުރެއްވި ކަމަށް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ޑިމޮކްރެސީ އަކީ ރާއްޖެ އަށް އާ ކަަމަކަށް ވާތީ އެހެން ގައުމުތަކުގައި ތަހައްމަލު ނުކުރާ ކިތަންމެ ކަމެއް ފެނިވަޑައިގަންނަވާ ކަމަށެވެ. އެހެން ނަމަވެސް އެކީގައި މަސައްކަތް ކުރަންޖެހޭ ކަމަށް ރައީސް ވަހީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖޭގައި ހަމަޖެހުމާއި ތަޅާފޮޅުން ނައްތާލުމަށްޓަކައި އެކިއެކި ކަންކަން ތަހައްމަލު ކުރެއްވުމަށް މަޖުބޫރެވެ.

"އެެއްވެސް ގައުމެއްގައި އެ ގައުމެއްގެ ސަރުކާރަށް ނުކިޔަމަންތެރިވާ ކައުންސިލްތަކަކަށް ނުތިބެވޭނެ. ދިވެހި ގައުމުގައި ވެސް ރާއްޖޭގެ ގާނޫނު އަސާސީގައި ބަޔާން ވެގެން ވަނީ ތިން ބާރު. އޭގެ ތެރެއިން ރަށްރަށް ހިންގުމަށް ހަވާލުކުރެވިފައިވާ ކައުންސިލްތަކަކީ ވެސް ވެރިކަން ހިންގުމުގެ ބާރުގެ ތެރޭގައި ހިމެނޭ ކަންކަން. ރަށްރަށުގެ ކައުންސިލުން ވެސް ޖެހޭނެ ރައީސުލްޖުމްހޫރިއްޔާ އަކަށް ހުންނަ މީހާ ބުނާ އެއްޗެއް އަޑުއަހަން،" ރައީސް ވަހީދު ވިދާޅުވި އެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް