ފަހުގެ ޚަބަރު


އިތުރަށް...

އަތޮޅު ތެރޭން އަންނަ ކުދިންނާ މެދު މާލޭގެ ގޭގައި އޭރު އޮންނަ ތަފާތު ކުރުމަކީ ވެސް ރުހިވަޑައި ނުގަންނަވާ ކަމެއް

ލިޔުނީ: Unknown - Thursday, August 15, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
އަތޮޅު ތެރޭން އަންނަ ކުދިންނާ މެދު މާލޭގެ ގޭގައި އޭރު އޮންނަ ތަފާތު ކުރުމަކީ ވެސް ރުހިވަޑައި ނުގަންނަވާ ކަމަކަށްވެ އެކަން ވެސް ގޭ ތެރެއިން ނައްތަވައިލެއްވި އެވެ. ބަދިގެތެރޭގައި ކާންދެމުން ކުދިންނަށް ކާގޭގެ މޭޒުމަތިން ކެވޭ ގޮތަށް މާހައުލު ބަދަލުކުރެއްވި އެވެ.

ދޫންޏާއި ބުޅާ ފަދަ ތަކެތި ގެންގުޅުއްވުމަށް ތުއްޕުޅު އިރު ވެސް އެމަނިކުފާނު ލޯބިކުރައްވަ އެވެ. އަބަދުވެސް ކޮށި ހައްދަވައިގެން ދޫނީ ގެންގުޅުއްވަމުން ވަޑައިގަންނަވަނިކޮށް، ކޮށީގައި ތިބޭ ދޫންޏަށް ޖެހޭ ހާލު އެމަނިކުފާނަށް ވެސް އާޚިރުގައި ކުރިމަތިވި އެވެ. ދޫނީގެ އިހުސާސްތައް އެހިސާބުން ދެނެވަޑައިގެންނެވި އެވެ. އެސޮރުމެންނަށް މިނިވަންކަން ދެއްވި އެވެ.

އެމްބީސީގެ ޓީވީ މޯލްޑިވްސް އިން ގެނެސްދޭ "ރިޔާސީ ކެންޑިޑޭޓް" ޕްރޮގްރާމްގައި ކުރީގެ ރައީސް އަދި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދުގެ އުސޫލުތައް ކިއުއްވައި ދެއްވަމުން މަންމާފުޅު އާބިދާ ވިދާޅުވެފައިވެ އެވެ.
"ބޮޑުބޭބެ ހަދައިދިނީ ވަރަށް ބޮޑު ދޫނިކޮށްޓަކާއި މަސްފެންގަނޑަކާއި އެހެން ހުއްޓައި ޖަލަށް ގެންދިޔައީ، ގެންގޮސްފައި ހަމަ ގެނައި ދުވަހު ހުރިހާ ދޫނިތައް ދޫކޮށްލާފައި ބުނީ މިނިވަންކަން ދިނިއްޔޭ، ބަންދުވީމާ ވާގޮތް އިނގެޔޭ އަހަރެންނަށް މިހާރު،" ކުރީގެ ހަނދާންތައް ކިއުއްވައި ދެއްވަމުން އެ ޕްރޮގްރާމްގައި ރައީސް ނަޝީދުގެ މަންމާފުޅު ވިދާޅުވެފައިވެ އެވެ.

މަންމާފުޅު ވިދާޅުވެދެއްވި ވާހަކަތަކުގެ ތެރެއިން މިނިވަންކަމަށް ލޯބިކުރެއްވުމާ ގުޅޭ އަނެއް ވާހަކައަކީ ލިއުއްވުންތައް ލިއުއްވައި، ޚިޔާލު ފާޅުކުރެއްވުމުގެ ގޮތުން މަޖައްލާ އުފައްދަވަން ވަރަށް ތުއްޕުޅު އިރުގައި ވެސް މަސައްކަތް ފެއްޓެވުމެވެ. ގޭދޮށު ކުދިންނާއި ބޭބެމެންނާ ގުޅިގެން މަޖައްލާއެއް އުފެއްދެވުމުގެ މަސައްކަތް ގޭތެރޭގައި ފެއްޓެވި އެވެ.

"ވަރަށް ބޮޑަށް އަބަދުވެސް އުޅޭނީ މެގަޒިންއެއް (މަޖައްލާއެއް) ހަދަން ވެގެން، ކުޑައިރު، މި ފަސް އަހަރު ހަ އަހަރުގައި ވެސް، އެ ހަދަން ނޭނގޭ އިރުގައި ވެސް، ޗާޕްމެޝިން ގަނޑެއް ވެސް، ބާ އެއްޗެއް ހޯދައިގެން،" މަންމާފުޅު ކިއުއްވައި ދެއްވާފައިވެ އެވެ.

ވިދާޅުވީ މަޖައްލާ ހެއްދެވުމުގައި ވެސް ނަޝީދު ހުންނަވާނީ އިސްކޮށް "ބޮޑު މީހަކަށް ވެގެން" ކަމަށެވެ.
ރައީސް ނަޝީދުގެ މަންމާފުޅާއި އަނބިކަނބަލުންގެ އިތުރުން އެކުވެރިން ވެސް އެމަނިކުފާނު ދެކެވަޑައިގެންނެވީ ވަރަށް، އާދައިގެ، ވަރަށް މިވަން ބޭފުޅެއްގެ ގޮތުގަ އެވެ.

ރައީސް ނަޝީދު ވިދާޅުވަނީ އަބަދުވެސް ސާދާ ދިރިއުޅުމަށް ލޯބި ކުރައްވާ ކަމަށެވެ. ދަރިދަރި ކަނބަލުންނަށް ވެސް ދެއްވަން ބޭނުންފުޅު ވަނީ އެނަސޭހަތެވެ.

".... ދިރޭތަކެއްޗާ ޖަނަވާރަށް ލޯބި ކުރާނެ ކަމަށް އުއްމީދުކުރަން، ދެން މީހުންނަށް ހެޔޮވާނެ ކަމަށް، ކިބުރުވެރި ނުވާނެ ކަމަށް، ބޮޑާކޮށް ނޫޅޭނެ ކަމަށް އުއްމީދު ކުރަން،" ދެދަރިކަނބަލުންނާ މެދު ނަޝީދު ކުރައްވާ އުއްމީދު ވިދާޅުވެ ދެއްވީ މިހެންނެވެ.

އެމަނިކުފާނަކީ ތުއްޕުޅު އިރުގައި ވެސް ޒުވާން އިރުގައި ވެސް ލީޑަރެއްގެ ގޮތުގައި ހަމަ އެކަނި އަމުރު ކުރައްވަން ހުންނެވި ބޭފުޅެއް ނޫނެވެ. އަމަލީ ގޮތުން މަސައްކަތުގައި ބައިވެރިވަޑައި ގެންނެވި ބޭފުޅެކެވެ.

ބަންދުވީމާ ވާގޮތް އެނިގިވަޑައިގެން ދޫނިތައް ދޫކޮށްލެއްވި ނަމަވެސް ނަޝީދަށް އެ މިނިވަންކަން އެތައް ފަހަރަކު ގެއްލިވަޑައިގެންނެވި އެވެ. ސިޔާސަކޮށް، އުޅުއްވައި، ސިޔާސީ ކަންކަމާ ބެހިވަޑައި ގަންނަވާތީ އަވަސް އަވަހަށް ބަންދުވެ އެވެ. އެކަމުގެ ސަބަބުން ޒަވާޖީ ހަޔާތުގައި ވަރަށް ހިތާމަވެރި އެތައް ދުވަހެއް އައި ކަމަށް އަނބިކަނބަލުން ލައިލާ އަލީ ވިދާޅުވެފައިވެ އެވެ.

ނަޝީދުއަކީ ދަރިދަރިކަނބަލުންގެ ކަންކަމާއި ގޭތެރޭގެ އެހެން ކަންކަމާ އުޅުއްވި ބޭފުޅެއް ކަމަށް އަނބި ކަނބަލުން ވިދާޅުވެ އެވެ. ނަމަވެސް ހަޔާތުގެ ބޮޑުބައެއް ޖަލުގެ ތޭރިތަކުގެ ތެރޭގައި ހޭދަކުރައްވަން ޖެހިވަޑައިގެންނެވުމުން އެކަމަށް ތަކުރާރުކޮށް ބުރޫ އެރިކަން ދެކަނބަލުން ވެސް ފާހަގަ ކުރައްވަ އެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް