ފަހުގެ ޚަބަރު


އިތުރަށް...

ގާސިމަކީ ޤަރުނުގެ ބޮޑު ޖާހިލު ކަމަށް ސްޕްޝަލް އެޑްވައިޒަރ ޓޯޕީ ބުނެފި!

ލިޔުނީ: Unknown - Thursday, August 29, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ގާސިމް އިބްރާހިމް އަކީ ގަރުނުގެ ބޮޑު ޖާހިލު ކަމަށާއި ކިޔަވައިގެން ތިބި މޮޅެތި މީހުން ތިއްބާ އެފަދަ ޖާހިލަކަށް ވޯޓު ދޭނީ ކާކުތޯ ސުވާލު އުފައްދަވައި ވަހީދު ހަސަން މަނިކުގެ ހާއްސަ އެޑްވައިޒަރު އަހުމަދު ތައުފީޤު (ޓޯޕީ) ގާސިމް އިބްރާހިމް އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެވެ. ދިވެހިންނަކީ މޮޔަ ބައެއް ކަމަށް (ގާސިމް އަށް) ހީފުޅުވާ ކަމަށް ވެސް ޓޯޕީ ތުހުމަތު ކުރައްވާފައި ވެއެވެ.

ރޭ ޓްވިޓަރ މެދުވެރިކޮށް ބަހުގެ ވަރުގަދަ ހަމަލާތަކެއް ގާސިމަށް ޓޯޕީ އަމާޒު ކުރެއްވިއެވެ. އަދި ގާސިމް ކޮށްފައިވާ ބައެއް ކަންތައްތައް ކަމަށް ބުނެ ގިނަ ކަންތައްތަކެއް ބަޔާން ކޮށް އެކަމުގެ ހަޤީޤަތް ރައްޔިތުންނަށް އޮޅުން ފިލުވައި ދިނުމަށް ގާސިމަށް ގޮވާލާފައިވެއެވެ.

މައުމޫނުގެ ޅިޔަނު އިލްޔާސް އިބްރާހިމް ގެ ޓްރާންސްޕޯޓް މިނިސްޓަރު ކަމުގައި މާމިލިގިލީ އެއަޕޯޓް ގާސިމް ހޯދި ގޮތާއި އަދި މި ސަރުކާރުގައި އެ އެއަޕޯޓް 99 އަހަރަށް ‘ދަމައިގަތްގޮތް’ ކިޔާ ދިނުމަށް ޓޯޕީ އެދިފައިވެއެވެ.

އެސްޓީއޯގެ ޗެއަރމަން އަކަށް އިލްޔާސް އިބްރާހިމް ހުންނެވިއިރު، ރައްޔިތުންގެ ފައިސާއިން ހިންގާ އެސްޓީއޯ އިން، ގާސިމް މުއްސަނދި ވުމަށްޓަކައި ކްރެޑިޓް އުސޫލުން ތެޔޮ ނަގާފައިވާތީ އެކަން ކޮށްފައިވާ ގޮތް ރައްޔިތުންނަށް އޮޅުން ފިލުވައި ދިނުމަށްވެސް ޓޯޕީ ވަނީ ގާސިމް އަށް ގޮވާލާފައެވެ.

” އިލްޔާސް އިބްރާހިމް އެސްޓީއޯ ޗެއަރމަން އަކަށް ހުރެގެން ތެޔޮ އިމްޕޯޓް ކޮށްގެން ގާސިމް ކޮއްކޮ އަށް ކްރެޑިޓް އަށް ދީގެން އެ ހިންގި ވިޔަފާރި ގަނޑުގެ ވާހަކަވެސް ކިޔާލަދީ” ޓޯޕީ ވިދާޅުވިއެވެ.

މާމިގިލީގައި ގާސިމް އިބްރާހިމް މަޝްރޫޢުތަކެއް ހިންގަނީ އެ ރަށު ރައްޔިތުންނަށް ހެޔޮ އެދިގެން ނޫން ކަމަށާއި ހަމައެކަނި އަމިއްލަ އެދުންތަކެއް ހާސިލު ކުރުމަށްޓަކައި ކަމަށްވެސް ޓޯޕީ ތުހުމަތު ކޮށްފައިވެއެވެ.

” މާމިގިލީގައި ލާރި ޕަކަޅާ ކޮށްލަން އެއަޕޯޓު އާއި ޕޯޓު ހެދި އިރު އެރަށު ރައްޔިތުން ފާހާނާ ކޮށްލަން ނަރުދަމާ ގަޑެއްވެސް ނޭޅީ ކީއްވެގެންތަ؟”  ޓޯޕީ ސުވާލު ކުރެއްވިއެވެ.

ގާސިމް އިބްރާހިމް އަކީ މަކަރު ހަދާ މީހެއް ކަމަށް ޓޯޕީ ވިދާޅުވިއެވެ. ގާސިމް ގެ ވިޔަފާރި ފުޅާ ކުރުމަށްޓަކައި މުޅި ދިވެހި ދައުލަތް ރަހުނު ކުރުމަށްފަހު ބޮޑު ލޯނެއް ނަގާފައިވާ ކަމަށާއި އެކަން ގާސިމް ހިންގާފައިވަނީ މަކަރު ހަދައިގެން ކަމަށް ޓޯޕީ ވިދާޅުވިއެވެ. ޕެރަޑައިސް އައިލެންޑުގައި އަޅަން ހުއްދަ ލިބުނީ 100 ކޮޓަރި ކަމަށާއި، ނަމަވެސް މަކަރު ހަދައިގެން 150 ކޮޓަރި ގާސިމް އަޅާފައިވާ ކަމަށް ވެސް ޓޯޕީ ވިދާޅުވިއެވެ. މަކަރު ހަދައިގެން ކޮށްފައިވާ މި ކަންތައްތައް ރައްޔިތުންނަށް ކިޔާދިނުމަށް ޓޯޕީ ގާސިމަށް ގޮވާލާފައިވެއެވެ.

މީގެ އިތުރުން، ގާސިމް އަށް އިންތިހާބުގައި ތާއީދު ކުރާ ގައުމީ ޕާޓީގެ މެމްބަރު އަދި ކުރީގެ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިމާދު ސާލީހް ޓީޗަރުން ރެކްރޫޓް ކުރުމުގައި ކަންތައް ކޮށްފައިވަނީ ރަނގަޅު ގޮތުގައި ނޫން ކަން ޓޯޕީ ތުހުމަތު ކުރައްވައެވެ.

” ޓީޗަރުން ރެކްރޫޓް ކުރުމުގައި އިމާދު ސޯލިހް ކަންކަން ކުރެއްވި ސާފު ސީދާ ގޮތްވެސް ރަނގަޅަށް ކިޔާލަދީބަލަ” ޓޯޕީ ވިދާޅުވިއެވެ.

ރާއްޖޭގެ ވެރިކަމަށް ގާސިމް އަތުވެއްޖެނަމަ، އޭނާގެ ވިޔަފާރި ކުރިއެރުވުމަށް ވެރިކަމުގެ ނުފޫޒާއި ބާރު ފުޅާ ދާއިރާއެއްގައި ބޭނުން ކުރާނެ ކަމަށް ގިނަ ބަޔަކު ދެކެއެވެ. ގާސިމް އަކީ މި ސަރުކާރުގެ ގެނައުމުގައި ބައިވެރިވެ އަދި މިހާރުވެސް ސަރުކާރު ހިންގުމުގެ ބައިވެރި އަކަށް ވާއިރު، މި ސަރުކާރުގެ ތެރޭގައި އޭނާގެ ނުފޫޒު ބޭނުން ކޮށްގެން ވިޔަފާރި މަސްލަހަތު ހިމާޔަތް ކުރާ ކަމަށް ސަރުކާރު ބައިވެރިވާ އެހެން ޕާޓީ ތަކުގެ ވެރިން ދަނީ ސިފަ ކުރަމުންނެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް