ފަހުގެ ޚަބަރު


އިތުރަށް...

ދީނީ ބަޔަކު މެދުވެރިކޮށް ރާއްޖެ ވަނީ ފިތުނަ ފަސާދަކޮށްފައި: ޑރ. މުސްތަފާ

ލިޔުނީ: Unknown - Tuesday, August 6, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:

 ދީނީ ބަޔަކު މެދުވެރިކޮށް ރާއްޖޭގައި ފިތުނަފަސާދަ އުފައްދާފައިވާ ކަމަށާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުކޮށްފައި ވަނީ އެ ފިތުނަ ފަސާދައިގެ ތެރޭގައި ކަމަށް އެމަނިކުފާނުގެ ރަނިން މޭޓު ޑރ. މުސްތަފާ ލުތުފީ ރޭ ވިދާޅުވެއްޖެ އެވެ.

ލ. ފޮނަދޫގައި ބޭއްވި ކެމްޕޭން ޖަލްސާގައި މުސްތަފާ ވިދާޅުވީ ގައުމެއްގައި ފިތުނަފަސާދަ އުފެދުމުން ރައްޔިތުން ބައިބައިވެ، އެކުވެރިކަން ގެއްލޭނެ ކަމަށެވެ. ފިތުނަ ފަސާދައާ ދެކޮޅަށް ވާހަކަ ދައްކަން ޖެހޭ ދީނީ އިލްމުވެރިން ވެސް އެކަމުގައި ބައިވެރިވުމަކީ ހިތާމަކުރަން ޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ގައުމެއްގައި ފިތުނަ ފަސާދަ އުފެއްދުމަކީ ވަރަށް ނުރައްކާތެރި ކަމެއް. އެހެންވީމަ މާތް ﷲ އަންގަވާފައި މި ވަނީ ބަޣާވާތްކުރުމަކީ ހަރާމް ކަމެކޭ. އޭގެ ފިތުނަ އާއި އަނިޔާއާ އާއި އޭގެއިން ލިބޭ ގެއްލުން ބޮޑުކަމުން،" މުސްތަފާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައީސް ނަޝީދު ފިޔަވައި ވެރިކަމަށް މިހާރު ދައުވާކުރައްވާ އެންމެންނަކީ މިހާރު ވެސް ވެރިކަން ކުރަމުން އަންނަ ބޭފުޅުންނެވެ. ރައީސް މުހައްމަދު ވަހީދުގެ ކޯލިޝަން ސަރުކާރުގައި އެ ހުރިހާ ބޭފުޅުން ހިމެނިވަޑައިގަންނަވާ ކަމަށް މުސްތަފާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މި އެނގެނީ މިހާރު އެ ވެރިކަމުގައި އެ ތިބީ ކުރިއަށް އޮތް ތަނުގައި ވެސް އެ ވެރިކަމަށް އަންނަން ބޭނުންވާ މީހުންކަން. ވަކިވަކިން އެ މީހުން އުޅުނަސް އެއީ އެކައްޗެއްކަން އަޅުގަނޑުމެންނަށް ވަރަށް ސާފު،" މުސްތަފާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޯލިޝަނަކުން މިހާރު ވެސް ވެރިކަން ކުރަމުން އަންނައިރު ވެރިކަމުގެ ފައިދާ އޮތީ ވަކި ބަޔަކަށް ކަމަށާއި އާއްމު ރައްޔިތުންނަށް ވެރިކަމުގެ ފައިދާއެއް ނުކުރާ ކަމަށެވެ.

ރާއްޖެ އަށް "ބަޣާވާތެއް" ގެނައުމުން އެކަމުގެ އަސަރު ގިނަ ރައްޔިތުންނަށް ކޮށްފައިވާ ކަމަށާއި އިންސާނާ އަށް ކުރާ އަސަރަކީ އަގު ކުރެވޭނެ އެއްޗެއް ނޫން ކަމަށް ވެސް މުސްތަފާ ވިދާޅުވި އެވެ. ފެބުރުއަރީ ހަތެއްގައި ވެރިކަން ބަދަލުކުރި ގޮތުން ރައްޔިތުންގެ ތަރައްގީ ހުއްޓިފައިވާއިރު ތަރައްގީގެ ކަންކަންކަމަށް ހަރަދުކުރަން ބެހެއްޓި ފައިސާ ވެސް ހޭދަކުރަނީ އެހެން ކަންކަމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ވައުދުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ވިދާޅުވީ އެ ޕާޓީގެ ސަރުކާރެއްގައި އެއްވެސް ރައްޔިތަކު "ބަލި ތަންމައްޗަށް ދޫކޮށް ނުލާނަން" ކަމަށެވެ. ބޭސްފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައި ރައްޔިތުންނަށް ހެޔޮގޮތްތައް ހޯދައިދެއްވާނެ ކަމަށް ވިދާޅުވި އެވެ.

މުސްތަފާ ވިދާޅުވި ގޮތުގައި ސްކޫލް ދަރިވަރުންނަށް "ދޮންކެޔޮ ވަކަކާއި ކިރުތައްޓެއް" ދޭން އެމްޑީޕީން ކަނޑައެޅުމުން އެކަމާ ބަޔަކު ޖޯކު ޖަހައި ވާހަކަ ދައްކާފައިވެ އެވެ. އެހެން ނަމަވެސް އެމްޑީޕީގެ ސިޔާސަތުތަކަކީ ހަގީގީ ސިޔާސަތުތަކެއް ކަމަށާއި އެ ސިޔާސަތުތައް އެ ޕާޓީގެ ސަރުކާރެއްގައި ތަންފީޒުކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް