ފަހުގެ ޚަބަރު


އިތުރަށް...

ރިހާކުރުގެ ހަގީގަތް ސައިންސްވެރިން ފުރަތަމަ ފަހަރަށް ހޯދައިފި

ލިޔުނީ: Unknown - Sunday, August 4, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ނާއިލާ ލެބޯޓްރީގައި މަސައްކަތްކުރައްވަނީ: އޭނާގެ ޕީއެޗްޑީ ތީސިސް ހާއްސަކުރައްވާފައިވަނީ ރިހާކުރުގެ ދިރާސާތަކަށް
ރިހާކުރުގައި ވިހަވާ ވަރަށް ހިސްޓަމިން ހުރޭ: ދިރާސާ

ރާއްޖޭގައި ހާއްސަކޮށް އުފައްދާ ރިހާކުރަކީ ދިވެހިންނަށް ވަރަށް މީރު އެއްޗެކެވެ. އެކަމަކު ރިހާކުރު ކެއުމުން ތަފާތު މައްސަލަތައް ބައެއް ފަހަރު ދިމާވެ އެވެ. އެ މައްސަލަތަކުގެ އަސްލު ސައިންސްވެރިންގެ ބަޔަކު ފުރަތަމަ ފަހަރަށް ހޯދައިފި އެވެ.

ފުޑް ޓެކްނޮލޮޖީގެ ދާއިރާ އިން ޕީއެޗްޑީ އަށް ކިޔަވަމުން އަންނަ ދިވެއްސަކު އިސްވެ ހުރެގެން ކުރި ދިރާސާއަކުން އެނގުނު ގޮތުގައި އިންސާނުން ވިހަވާން މެދުވެރިވާ ހިސްޓަމިން ސިއްހަތަށް ނުރައްކާ މިންވަރަށް ރިހާކުރުގައި ހުރެ އެވެ. އެ ދިރާސާ މި އަހަރުގެ މާޗް މަހު ވަނީ ފުޑް ކެމިސްޓްރީ ޖާނަލްގައި ޝާއިއުކޮށްފަ އެވެ.

ނިއު ޒީލެންޑްގެ މެސީ ޔުނިވަސިޓީގައި ތައުލީމް ހާސިލްކުރައްވަމުން އަންނަ އައިޝަތު ނާއިލާގެ ތީސިސް ހާއްސަކުރައްވައިފައި ވަނީ ރިހާކުރުގެ ތަފާތު ދިރާސާތަކަށެވެ. އެކަމަށް އޭނާ މިހާރު ވަނީ ހަތަރު އަހަރު ހޭދަކުރައްވައިފަ އެވެ.

ނިއު ޒީލެންޑްގެ އިންސްޓިޓިއުޓް ފޯ ޕްލާންޓް އެންޑް ފުޑް ރިސާޗް ލިމިޓެޑާއި އޮޓާގޯ ޔުނިވަސިޓީ އާއި އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އޮފް ލިންކަންއާ ގުޅިވަޑައިގެން ނާއިލާ ހެއްދެވި މި ދިރާސާ ހާއްސަކޮށްފައި ވަނީ ރިހާކުރު ކެއުމުން ދިމާވާ މައްސަލަތަކަށެވެ.

"ރިހާކުރާ ބެހޭ ސައިންޓިފިކް އެއްވެސް މައުލޫމާތެއް ނެތީމަ އަޅުގަނޑު ޝައުގުވެރިވީ އެ މައުލޫތު ހޯދަން. ރިހާކުރު ކޭމަ ބައެއް ފަހަރު އަނގަ ކެހުން ކަހަލަ މައްސަލަތައް ދިމާވޭ. އަޅުގަނޑު ބޭނުންވީ އަނގަ ކަހަނީ ކީއްވެގެންތޯ ބަލަން،" ފަސް މީހުންގެ ޓީމަކުން ކުރި ދިރާސާއާ ބެހޭގޮތުން ނާއިލާ ވިދާޅުވި އެވެ. "ކުރިން އަޅުގަނޑު ހުންނާނެ ރިހާކުރުގެ ވަރަށް ގިނަ ފައިދާތަކެއް ހުރި ކަން އެނގޭ ދިރާސާއެއް ވެސް ކޮށްފައި. އެ ގޮތުން ރިހާކުރުގައި ޕްރޮޓީން ވަރަށް ގިނަ ކަމާއި އޭގައި އޮމޭގާ 3 ވެސް ހުންނަ ކަން ވާނީ ހޯދިފައި."

ހިސްޓަމިން އުފައްދާ ބެކްޓީރިއާ ރިހާކުރުގައި ހުންނަން މެދުވެރިވާ ސަބަބަކީ ނާއިލާ ގަބޫލުކުރައްވާ ގޮތުގައި ބޭނުންވާ ފިނިހޫނުމިނުގައި މަސް ނުބެހެއްޓުމެވެ. އެހެންކަމުން ބެކްޓީރިއާ އުފެދެނީ ރިހާކުރު ކެއްކުމުގެ ކުރިން، މަހުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"މަސް ފިނިނުކޮށް 16 ގަޑިއިރު ހޭދަވެއްޖެ ނަމަ މަތީ ދަރަޖައަކަށް ހިސްޓަމިން އުފެދިފައި ހުންނަ ކަން ވަނީ ފާހަގަކުރެވިފަ އެވެ،" ދިރާސާގެ މައްޗަށް ނާއިލާ ލިޔުއްވާފައިވާ ޕޭޕަރުގައި ވެ އެވެ.

"ދިރޭ މަހުގައި ގުދުރަތީ ގޮތުން ބެކްޓީރިއާ ހުންނަނީ މަހުގެ ހަމާއި ކަރުތާފަތުގަ އެވެ. ނަމަވެސް މަސް މަރުވުމުން ބެކްޓީރިއާތައް މަސްގަނޑުގައި އަށަގަނެ އެވެ. އަށަގަތުމަށް ފަހު، އިތުރުވުމަށްޓަކައި މަހުގައި އެކުލެވޭ މާއްދާއެއް ކަމަށްވާ ހިސްޓިޑިން ކާނާއެއްގެ ގޮތުގައި ބޭނުންކުރުމުން މި މާއްދާ ބަދަލުވަނީ ހިސްޓަމިން އަށެވެ."

ނާއިލާ ވިދާޅުވިގޮތުގައި ހިސްޓަމިން އަކީ ބަޔޯޖެނިކް އެމައިންސް އެކެވެ. ހިސްޓަމިންގެ އިތުރުން ވެސް ނުވަ ބަޔޯޖެނިކް އެމައިންސް ރިހާކުރުން ވަނީ ހޯދާފަ އެވެ. ބަޔޯޖެނިކް އެމައިންސްގެ ތެރޭގައި ޕުޓްރެސިން އާއި ކެޑެވެރިން، ހިސްޓަމިންގެ އިތުރުން، އެކުލެވޭނަމަ ހިސްޓަމިންގެ ވިހަކަން ރިހާކުރުގައި އިތުރުވާނެ ކަމަށް ނާއިލާ ވިދާޅުވި އެވެ.

"ރިހާކުރުން ބެކްޓީރިއާ ނަގާފައި ބަޔޯޖެނިކް އެމައިންސް ހުރިތޯ ބެލީ. ބަޔޯޖެނިކް އެމައިންސް އަކީ މައިގަނޑު ގޮތެއްގައި ބެކްޓީރިއާ އިން އުފައްދާ ކެމިކަލްތަކެއް،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ އުތުރާއި ދެކުނާއި މެދުތެރެއިން ރިހާކުރު ހޯދައިގެން ޓެސްޓްކުރި 28 ސާމްޕަލްގެ ތެރެއިން ހުރިހާ ސާމްޕަލަކުން ވެސް ބަޔޯޖެނިކް އެމައިންސް ފެނުނެވެ. އެއީ ތިން ސާމްޕަލަކުން ،9 10 ސާމްޕަލަކުން ،8 ހަ ސާމްޕަލަކުން ،7 ތިން ސާމްޕަލަކުން ،6 ފަސް ސާމްޕަލަކުން 4 އަދި އެއް ސާމްޕަލުން 1 ވައްތަރުގެ ބަޔޯޖެނިކް އެމައިންސް އެވެ.

ޓެސްޓްކުރި ސާމްޕަލްތަކުގެ ތެރެއިން 50 ޕަސެންޓަށް ވުރެ ގިނަ ސާމްޕަލުން ވިހަވާ ވަރަށް ( 500 ޕީޕީއެމް) ހިސްޓަމިން ވަނީ ފެނިފަ އެވެ.

"އިންސާނުންގެ ސިއްހަތަށް ނުރައްކާ ކަމަށް ބެލެވޭ މިންވަރަށް ހިސްޓަމިން ހުރި ކަން ވަނީ ފާހަގަކުރެވިފަ އެވެ،" ނާއިލާގެ ޕޭޕަރުގައިވެ އެވެ.

ހިސްޓަމިން ވިހަވުމުގެ އަލާމާތްތަކުގެ ތެރޭގައި ގައިން ފިތް ނެގުމާއި މޫނު ދުޅަވުމާއި ހިރުވުމާއި ތުންފަތް ދުޅަވުމާއި ބޮލުގައި ރިއްސުމާއި ހޮޑުލެވުމާއި ހުންއައުން ހިމެނެ އެވެ.

ކުރިން ހަދާފައިވާ ދިރާސާއެއްގައި ރެންޑަމްކޮށް ދެ ސާމްޕަލަކުން ބެކްޓީރިއާ ނަގާފައިވެ އެވެ. މީގެ ތެރެއިން 14 ބެކްޓީރިއާއެއް ހިސްޓަމިން އުފައްދާތޯ މި ދިރާސާގައި ޓެސްޓްކުރި އެވެ. ހިސްޓަމިން އުފައްދާ ކަމަށް ދެއްކީ ވަރަށް މަދު މިންވަރަކަށް 12 ބެކްޓީރިއާއިންނެވެ. އެހެންކަމުން ހިސްޓަމިން ގިނަ ރިހާކުރު އުފައްދާފައި ވަނީ ގިނަ އިރު ފިނިނުކޮށް ހުރި މަހުން ކަމަށާއި އޭގެ ސަބަބުން ހިސްޓަމިން އުފައްދާ ބެކްޓީރިއާ އިތުރުވުމުން ކަމަށް ވަނީ އެނގިފަ އެވެ.

ޕޭޕަރުގައި ބުނެފައިވަނީ ބޮޑަށް ބެލެވޭގޮތުގައި ރިހާކުރުގައި ހިސްޓަމިން އެކުލެވިގެން އަންނަނީ ރިހާކުރު ހެދުމުގެ ކުރިން ނުވަތަ އެ ހެދުމަށް ކައްކާފައި ހުންނަ ގަރުދިޔަގަނޑު ތެރެއިން ކަމަށެވެ.

"އެ ގޮތަށް ދިމާވަނީ މަސް ފިނިނުކޮށް ގިނަ އިރުތަކެއް ފަހުން، މަސް އުކާނުލާން ވެގެން ރިހާކުރު ކައްކާތީ. މި ގޮތުން ވަރަށް ބައިވަރު ހިސްޓަމިން އިތުރުވެފައި ހުއްޓާ މި ކެއްކެނީ،" ނާއިލާ ވިދާޅުވި އެވެ.

ރިހާކުރުގައި ހުންނަ ހިސްޓަމިން އުފައްދާ ވައްތަރުގެ ބެކްޓީރިއާ އަކީ ހޫނަށް ސެންސިޓިވް އެއްޗަކަށް ވުމުން އެ ބެކްޓީރިއާގެ ބާރު މަސް ކައްކާ އިރު ކެނޑިގެންދާނެ ކަމަށާއި އެހެންކަމުން އޭގެ ކުރިން ހިސްޓަމިން އުފެދިފައި ނެތް ނަމަ ރިހާކުރުގައި ހިސްޓަމިން ނުހުންނާނެ ކަމަށް ނާއިލާގެ ޕޭޕަރުގައި ވަނީ ފާހަގަކޮށްފަ އެވެ.

"ރިހާކުރުގައި ހިސްޓަމިން ހުރުން ކޮންޓްރޯލްކުރުމަކީ އުނދަގޫ ކަމަކަށް ވާނެ. ސަބަބަކީ ހިސްޓަމިން އުފެދުނަ ނުދިނުމަށްޓަކައި މަސް ފިނިކޮށްގެން ގެންގުޅުމަކީ އާއްމުންނަށް ދަތިކަމެއް. އެއީ ފިނިކުރުމުގެ ވަސީލަތްތައް އެކަށީގެންވާ ވަރަށް ނެތުމުގެ ސަބަބުން،" ނާއިލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވާގޮތުގައި ހިސްޓަމިން އުފެދޭ ފަހުން ނައްތާލަން އުނދަގޫވާނެ އެވެ. ސަބަބަކީ ހިސްޓަމިން އަކީ ހޫނަށާއި ކެމިކަލްތަކަށް ސްޓޭބަލް އެއްޗަކަށް ވުމެވެ. ނަމަވެސް ހިސްޓަމިން މަދުކޮށްދޭ ބެކްޓީރިއާ އާއި އެންޒައިމް ބޭނުންކުރެވިދާނެ ކަމަށް ނާއިލާގެ ޕޭޕަރުގައި ހުށަހަޅާފައިވެ އެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގެ ވަޒީފާގައި އުޅުއްވަމުން ޕީއެޗްޑީ އަށް ވަޑައިގެންނެވި ނާއިލާގެ ތީސިސް އެކްސްޕެރިމެންޓްތަކުގެ 99 ޕަސެންޓް ވަނީ ނިންމަވާފަ އެވެ. މިހާރު އޭނާ ކުރިއަށް ގެންދަވަނީ ލިޔުއްވުމުގެ މަސައްކަތެވެ.

"އަންނަ އަހަރުގެ އޭޕްރީލް މަހު ރާއްޖެ ދާން އަޅުގަނޑު އުއްމީދުކުރަން،" އޭނާ ވިދާޅުވި އެވެ.

މަސްދަރު: ހަވީރު އޮންލައިން
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް