ފަހުގެ ޚަބަރު


އިތުރަށް...

ދަގަނޑޭ ނޭރުވީ ރިސްކު ނުނަގަން ވެގެން: އުރުބާނީ

ލިޔުނީ: Unknown - Saturday, September 7, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
އަފްޣާނިސްތާނާ ދެކޮޅަށް އިއްޔެ ރާއްޖެ ކުޅުނު މެޗުގައި ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ކުޅެން ނޭރުވީ ރިސްކެއް ނަގަން ޓީމުން ބޭނުން ނުވާތީ ކަމަށް ގައުމީ ޓީމުގެ ކޯޗް އިސްތަވާން އުރުބާނީ ބުނެފި އެވެ.

ސާފް ޗެމްޕިއަންޝިފްގެ ގްރޫޕް ސްޓޭޖްގައި މިއަދު ރާއްޖެއާ އަފްޣާން ބައްދަލު ކުރިމެޗް ލަނޑެއް ނުޖެހި އެއްވަރު ވެފައިވާއިރު މެޗުގެ ކުރިން އުރުބާނީ ބުނެފައިވަނީ، ރީނދޫ ކާޑެއް ދައްކާފައިވީ ނަމަވެސް މިއަދުގެ މެޗުގައި ދަގަނޑޭ ލައްވައި ކުޅުވާނެ ކަމަށެވެ.

"އިއްޔެ އަހަރެން ހުރިހާ ކުޅުންތެރިންނާ ވާހަކަ ދެއްކިން މިއަދުގެ މެޗާ ބެހޭގޮތުން. ދަގޭ އަހަރެން ކައިރީ ބުނި، ސެމީ ފައިނަލްގައި އޭނައަށް ނުކުޅެވިދާނެ ފަދަ ރިސްކެއް ނަގަން ބޭނުންހޭ. އަހަރެން ބުނިން ނޫނެކޭ،" ކޯޗު ބުންޏެވެ. "މިއަދަކީ އަޝްފާގުގެ އުފަން ދުވަސް. އެހެން ކަމުން އެއީ ދަގޭގެ ބާތުޑޭ ވިޝްއެއް މިމެޗުގައި ނުކުޅުން."

އުރުބާނީ ބުނީ ޓީމުގައި އެންމެ ފަހުބަސް ބުނާ މީހަކީ ކޯޗު ކަމުގައި ވީނަމަވެސް މިއަދުގެ މެޗަށް އަޝްފާގު އަރުވައިގެން ދެވަނަ ރީނދޫ ކާޑެއް ލިބި ސެމީފައިނަލުން މަހުރޫމް ވެދާނެތީ ކުޅުންތެރިން ބޭނުންވި ގޮތަށް ނިންމީ ކަމަށެވެ.

"ދަގޭ މިއަދުގެ މެޗުގައި ރިސްކެއް ނަގައިގައިގެން ކުޅެން ބޭނުން ނުވާތީ އަހަރެން ބުނީ ހުރިހާ ކުޅުންތެރިން އެގޮތަށް އެދޭ ކަމަށް ވާނަމަ އަހަރެންވެސް އެގޮތަށް ނިންމާނަމޭ،" ގައުމީ ޓީމުގެ ކޯޗު ބުންޏެވެ. " އަހަރެން އިޙްތިރާމް ކުރަން ކުޅުންތެރިންގެ އިހްސާސްތަކަށް. މިއީ ހަމަ އެކަނި އަހަރެންގެ ސާފް ޗެމްޕިއަންޝިޕެއް ނޫން. މިއީ އެ ކުޅުންތެރިންގެ ވެސް ސާފްޗެމްޕިއަންޝިޕް."

މިއަދުގެ މެޗުން ރާއްޖެއާ އަފްޣާން އެއްވަރުވީ އިރު ގްރޫޕްގައި ދެ ޓީމަށް ލިބުނު ޕޮއިންޓުގެ އަދަދުވެސް ހަމަހަމަ އެވެ. ދެޓީމަށްވެސް ހަތް ޕޮއިންޓް ލިބިފައިވާ އިރު ރާއްޖެއަށް ގްރޫޕްގެ އެއްވަނަ ލިބެނީ ފައިދާ 16 ލަނޑުން ނެވެ.

މުބާރާތުގެ ސެމީ ފައިނަލްގައި އަންނަ ހޯމަދުވަހު ރާއްޖެއާ ދެކޮޅަށް ވާދަވެރި އިންޑިއާ ނުކުންނަ އިރު ކާޑު ހަމަވުމުގެ ސަބަބުން އިންޑިއާ ޓީމުގެ ކެޕްޓަން ސުނިލް ޗެތްރީއަށް ނުކުޅެވޭނެ އެވެ. އުރުބާނީ ބުނީ ޗެތްރީ އަކީ މޮޅު ކުޅުންތެރިއެއް ކަމަށާއި އެހެން ނަމަވެސް ސެމީފައިނަލްގައި އޭނާ އަށް ނުކުޅެވުމަކީ އުފާވާ ކަމެއް ނޫންކަމަށެވެ.

"އަހަރެން ބޭނުމެއް ނުވޭ އިދިކޮޅު ޓީމުތަކާ ބެހޭ ގޮތުން ވާހަކަ ދައްކާކަށް. އެކަމަކު ސުނިލް ޗެތްރީއަކީ މޮޅުކުޅުންތެރިއެއް އަދި މޮޅު ސްޓްރައިކަރެއް،" އުރުބާނީ ބުންޏެވެ. "އަހަރެން ބޭނުމެއް ނުވޭ އެއްވެސް ކުޅުންތެރިއަކަށް ދެރަގޮތެއް ވާކަށް. އަހަރެންނަކީވެސް ގިނަ ދުވަސްތަކެއް ވަންދެން ކުޅުނު މީހެއް. އެހެން ކަމުން ޗެތްރީއަށް ސެމީފައިނަލްގައި ނުކުޅެވޭތީ އަހަރެން ދެރަވޭ."

މި މުބާރާތުގައި ދަގަނޑޭ ނުލައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ރާއްޖެއަށް ލަނޑެއް ކާމިޔާބު ކުރެވިފައި ނުވާއިރު "ރާއްޖޭ ޓީމުގެ ސެންޓްރަލް ޕަވާ އަކީ އަޝްފާގުތޯ" ނޫސްވެރިއަކު ސުވާލު ކުރުމުން ކޯޗު ބުނީ، އަޝްފާގަކީ ރާއްޖޭ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ކަމަށާއި އެހެން ނަމަވެސް އަޝްފާގު ނެތް ނަމަވެސް މިއަދުގެ މެޗުގައި ޓީމް ހާސިލްކުރަން ބޭނުންވި ލަނޑުދަނޑި ހާސިލްވި ކަމަށެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް