ފަހުގެ ޚަބަރު


އިތުރަށް...

އަލީ ޝަރީފު ވަޒީފާއިން ވަކިކޮށްފި

ލިޔުނީ: Unknown - Monday, September 16, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު، ހެލްތު މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރުގެ މަގާމުގައި ހުންނެވި އަލީ ޝަރީފު މިއަދު އެސްއެމްއެސް އަކުން ވަޒީފާއިން ވަކިކުރައްވައިފިއެވެ.

ޑީއަރުޕީއަށް ނިސްބަތްވާ އަލީ ޝަރީފު ވިދާޅުވީ އިއްޔެގެ ވަގުތެއްގައި ރައީސް އޮފީހުން ގުޅުއްވާ އެމްޑީޕީއަށް ސަޕޯޓު ކުރައްވާ ކަމުގައި ވާ ނަމަ ވަޒީފާއިން ވަކި ކުރާނެކަމުގެ އިންޒާރު ވަނީ ދެއްވާފަކަމަށެވެ. އަދި އެއަށް ފަހު މިއަދުގެ ވަގުތެއްގައި ރައީސް ޑރ. ވަހީދު ވަނީ އަލީ ޝަރިފު ވަޒީފާއިން ވަކި ކުރިކަން އެސް އެމް އެސް އަކުން އޭނާއަށް އަންގާފައެވެ.

ރައީސެއްގެ މަގާމުގައި ހުންނަވާ ނެރުއްވި ބަޔާނުގައި ޑރ.ވަހީދު ޕީޕީއެމްއަށް ސަޕޯޓު ކުރައްވާނެ ކަމަށް ފާޅުގައި ބުނުއްވާފައިވާއިރު އަލީ ޝަރީފު ޑީއާރުޕީގައި ހުންނަވާ އެމްޑީޕީއަށް ތާއީދުކުރައްވާނެ ކަމަށް ބުނުމަކީ މައްސަލައެއްކަން ދެކެނުލައްވާ ކަމަށް ޝަރީފު ވިދާޅުވިއެވެ.

ޝަރީފު ވަޒީފާއިން ވަކިކުރުމާއެކު މިހާރު އެބޭފުޅާ ހއ. އަދި ހދ. އަތޮޅަށް ކެމްޕޭނު ދަތުރެއްގައި މަޖިލީސް ރައީސް އަބްދުﷲ ޝާހިދާއެކު ފުރާވަޑައިގެންފިއެވެ.

އަނެއްކޮޅުން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރުމަށް ޑީއާރުޕީން ނިންމުމުން އެޕާޓީއަށް ނިސްބަތްވާ މެމްބަރުން ސަރުކާރުގެ ވުޒާރާތަކުން ވަކިކުރަމުންގެދާތީ އެކަމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށް ޑީއާރުޕީން މިއަދުވަނީ ބުނެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ އަރިހުގައި 'އާބާރެއް ކުރިއަށް' ކެމްޕޭން ދަތުރުފުޅެއްގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. އަލީ ޝަރީފް ވަޑައިގަންނަވަނިކޮށް އޭނާ މަޤާމުން ވަކިކުރުމާއި އަދި ފޮރިން މިނިސްޓްރީ ހިންގެވުން ޑރ.އާސިމް އަހްމަދު އަތްޕުޅުން ނަންގަވާފައިވުމާއި ގުޅިގެން ޑީއާރުޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް ނަޝީދު) ވިދާޅުވީ ސިޔާސީ މައިދާނުގައި ޚިޔާލުތަފާތުވުމަކީ މައްސަލައެއް ނޫންކަމަށެވެ. ނަމަވެސް މަޤާމުތަކުގައި ތިއްބެވި ޑީއާރުޕީގެ މެމްބަރުން ވަކިކުރުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށެވެ.

ކާނަލް ނަޝީދު ވިދާޅުވީ ސަރުކާރުގެ ބާކީ އޮތް މަދު ދުވަސްކޮޅު އިންތައް ފަހަނައަޅައި ނުދިއުމަށް ސަރުކާރަށާއި ވެރިކަމުގައި ތިއްބެވި ފަރާތްތަކަށް ގޮވާލައްވާކަމަށެވެ. އަދި ސަރުކާރުން ޕާޓީގެ މެމްބަރުން ވަކިކުރާނެކަމަށް ބުނެ ބިރު ދެއްކި ކަމުގައި ވިޔަސް ބިރު ފަހަނައަޅައި ގޮސްފައިވާކަމަށާއި ސަރުކާރުގެ ބިރުދެއްކުމާއި ދެކޮޅަށް ޑީއާރުޕީ ތެދުވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މިމައްސަލައިގައި ޑީއާރުޕީން ނެރިފައިވާ ބަޔާނެއްގައި އެޕާޓީން ބުނީ ޑރ.ވަހީދުގެ ސަރުކާރުގައި ޑީއާރުޕީން ބައިވެރިވެ ތިބުމަކީ އެޕާޓީން ތާއީދުކުރާ ފަރާތްތަކަށް ތާއީދު ހޯދައިދިނުމުގައި ހަރަކާތްތެރި ނުވެވޭނެ ސަބަބެއްކަމަށް ނުދެކޭކަމަށެވެ. އަދި ވަހީދުގެ ސަރުކާރުގައި ހިމެނިވަޑައިގަންނަވާ އެކި ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުން އެކި ރިޔާސީ ކެންޑިޑޭޓުންގެ ފަހަތްޕުޅުގައި އުޅުއްވިއިރުވެސް އެބޭފުޅުން ވަޒީފާއިން ވަކިކޮށްފައިނުވާކަމަށެވެ.

ސްޓޭޓް މިނިސްޓަރުކަމުން ޑރ.ޝަރީފް ވަކިކޮށް ޑީއާރުޕީގެ ފަރާތުން ކެބިނެޓުގައި އިންނަވާ ޑރ.އާސިމްގެ އަތްޕުޅުން ފޮރިން މިނިސްޓްރީ ނަންގަވައިފައިވަނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީއަށް ތާއިދު ކުރަން ނިންމައިފައިވާކަން އިއުލާންކޮށް ކެމްޕޭން ފެށުމާއިއެކުގައެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް