ފަހުގެ ޚަބަރު


އިތުރަށް...

ތަސްމީންގެ ވާހަކަތައް އަޑުއިވުމުން ހައިރާންވޭ: އަބްދުއްރަހީމް

ލިޔުނީ: Unknown - Tuesday, September 17, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ ބަދަލުހިފުމުގެ ރޫހު ގެންގުޅުއްވާ ބޭފުޅެއް ނޫން ކަމަށް ޑީއާރްޕީގެ ލީޑަރު އަހްމަދު ތަސްމީން އަލީ ވިދާޅުވުމުން ހައިރާންވެވަޑައިގަންނަވާ ކަމަށް ޕީޕީއެމްގެ ނާއިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް އެމްޑީއޭ ކޯލިޝަނުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަމަވުން އަބްދުއްރަހީމް ވިދާޅުވީ ނަޝީދަކީ ބަދަލުހިފުމުގެ ރޫހެއް ނުގެންގުޅުއްވާ ބޭފުޅެއް ކަމަށް ވިދާޅުވާ އިރު އެމަނިކުފާނުގެ ތިން އަހަރުގެ ވެރިކަމުގައި އެއްވެސް ކުށަކާނުލައި ސިޔާސީ ލީޑަރުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އެގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނާއި ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލް އަހްމަދާއި ރައްޔިތުންގެ މަޖިލީހުގެ ނާއިބް ރައީސް އަހްމަދު ނާޒިމްގެ އިތުރުން އެހެނިހެން ސިޔާސީ ލީޑަރުން ނަޝީދުގެ ތިން އަހަރުގެ ވެރިކަމުގައި ހައްޔަރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ބަދަލުހިފުމުގެ ރޫހު ނުގެންގުޅުއްވާ ބޭފުޅާ އޮނަރަބަލް ގާސިމް އިބްރާހީމް ހައްޔަރުކުރެއްވީ އެއީ ކޮން ރޫހެއްގައި ތޯއޭ؟ އަބްދުﷲ ޔާމީން ހައްޔަރު ކުރެއްވީ ކޮން ރޫހެއްގައި ތޯއޭ؟ އޮނަރަބަލް އަހްމަދު ނާޒިމް ހައްޔަރު ކުރެއްވީ އެއީ ކޮން ރޫހެއްގަ ތޯއޭ؟ ޑރ. މުހައްމަދު ޖަމީލް އަހްމަދު ހަފްތާއެއްގެ ތެރޭގައި ހަތް ފަހަރަށް ހައްޔަރު ކުރެއްވީ އެއީ ކޮން ރޫހެއްގަ ތޯއޭ؟ އަބްދުﷲ ގާޒީ ގޭގައި ނިދާފައި އޮއްވައި ވަގަށް ނަގައިގެން ގޮސް ރަހީނު ކުރެއްވީ އެއީ ކޮން ރޫހެއްގައި ތޯއޭ؟ މިއީ ކޮންވާހަކައެއްތޯ މިދަންނަވަނީ އަޅުގަނޑަށް އޮޅިއްޖެއޭ ތަސްމީން އެ ވިދާޅުވާ އެއްޗެއް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ މެދު ވެސް ނަޝީދު ކަންތައް ކުރެއްވީ ރަނގަޅަށް ކަމަށް ތަސްމީން ވިދާޅުވެފައިވާ ކަމަށެވެ. ނަމަވެސް މައުމޫނާ މެދު ނަޝީދުގެ ވެރިކަމުގައި ކަންތައް ކުރެއްވިގޮތް ހަނދާނުން ނުނެތޭ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ނަޝީދުގެ ވެރިކަމުގައި މައުމޫން ދިރިއުޅުއްވާ ގެކޮޅަށް އެމްޑީޕީ ސަޕޯޓަރުން ފޮނުވައިގެން އެގެއާ ދިމާލަށް އެއްޗެތި އުކައި ދޮރު ހަލާކުކޮށްލައިގެން އެގޭތެރެއަށް ވަދެ ހަމަނުޖެހުން ހިންގާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މައުމޫން ފުލުސް އޮފީހަށް ގެންދަވައި އެމްޑީޕީ ސަޕޯޓަރުން ލައްވައި އެމަނިކުފާނުގެ ކާރަށް ގާ އުކުމުގެ އިތުރުން މައުމޫންގެ ހަގު ދަރިކަލުން ޣައްސާން މައުމޫންގެ ބޮލުގައި ސާބިތު ނުހިފޭ ދޮގު ތުހުމަތު އަޅުވައި ދޫނިދޫގައި ހައްޔަރުކޮށްގެން ބަހައްޓާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅު ކައިރިއަށް މީހުން ފޮނުއްވައިގެން ދޮރުވައްޓާލާފައި އެތެރެއަށް މީހުން ވަދެ ހަޅޭފަޅެއް ޖަހައި ރައީސް މައުމޫނަށް އަވަހާރަފުޅުލައްޕަވަން ދަތިފުޅުވެ، އުނދަގޫފުޅުވާ ގޮތަށް ކަންތައް ކުރެއްވުމަކީ އެއީތޯ އިއްޒަތުގައި ކަންތައް ކުރެއްވުމަކީ. ރައީސް މައުމޫންގެ އެންމެ ހަގު ދަރިކަލުން ޣައްސާން މައުމޫންގެ ބޮލުގައި ސާބިތު ނުހިފޭ ތުހުމަތެއް އަޅުވައިގެން ދޫނިދޫގައި ހައްޔަރުކޮށްގެން ބެހެއްޓުން އެއީތޯ އިއްޒަތުގައި ކަންތައް ކުރެއްވުމަކީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި އަބްދުއްރަހީމް ވަނީ ތަފާތު އެކި ހަފްލާތަކުގައި ނަޝީދު ދައްކަވަމުން ގެންދަވާ ވާހަކަތަކަށް ވެސް ރައްދު ދެއްވާފަ އެވެ.

އޭނާ ވިދާޅުވީ އެމްޑީޕީގެ ސަރުކާރެއްގައި އިސްލާމްދީނުގެ ރިވެތި އުސޫލުތަކާއި ގުޅުންތައް ދަމަހައްޓަވާނެ ކަމަށް ނަޝީދު ވިދާޅުވާ އިރު އެމަނިކުފާނު އެ ވިދާޅުވާ ރިވެތި އުސޫލަކީ އިސްލާމްދީނަށް ފުރައްސާރަ ކުރުމާއި ކީރިތި ރަސޫލާއަށް ހަޖޫޖެހުންތޯ މިއަދު ސުވާލުކޮށްލަން ޖެހޭ ކަމަށެވެ.

"މި ހުރިހާކަމެއް އަޅުގަނޑުމެންގެ ލޯމަތީގައި ކޮށްފައި އަނެއްކާ މިއަދު ނުކުމެވަޑައިގެން މި ވިދާޅުވަނީ ތިމަންނައަށް ވެރިކަން ލިބިއްޖެއްޔާ ނުވަތަ އެމްޑީޕީ އަށް ސަރުކާރު ލިބިއްޖެއްޔާ މިވެނިކަމެއް ކުރައްވާނަމޭ. އެވެނި ކަމެއް ކުރައްވާނަމޭ. އަޅުގަނޑު ދިވެހި ރައްޔިތުންނަށް ދަންނަވާލަން ބޭނުންވަނީ އެއްގޮތަކަށް ވެސް އެ ވާހަކަފުޅުތައް ގަބޫކުފުޅު ނުކުރައްވާށޭ. ތިޔަ ބޭފުޅުން ތި ތިއްބެވީ ވަރަށް ވަރަށް ހިތްދަތި ހިތާމަވެރި އަނިޔާވެރި ތިން އަހަރު ތަޖުރިބާ ކުރައްވައިގެންނޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް