ފަހުގެ ޚަބަރު


އިތުރަށް...

އިސްލާމްދީނާއި މިނިވަންކަން ނައްތާލުމަށް ޤާސިމް ހޮވުމަށް އަމިއްލަފުޅަށް ގޮވާލައްވައިފި

ލިޔުނީ: Unknown - Friday, September 6, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް އިންތިޚާބު ކޮށްދެއްވައިފިނަމަ ކޮރަޕްޝަންގެ އިތުރުން ދިވެހިރާއްޖޭން އިސްލާމްދީނާއި، މިނިވަންކަން ނައްތާލުމަށް މަސައްކަތް ކުރައްވާނެ ކަމަށް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ހަތަރު ކެންޑިޑޭޓުންގެ މެދުގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން (އެމްބީސީ) އާއި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ) ގުޅިގެން ބޭއްވި ރިޔާސީ ކެންޑިޑޭޓުންގެ ބަހުސަށްފަހު މީޑިޔާ އާއި ވާހަކަ ދައްކަމުން ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ވިދާޅުވީ، ރާއްޖޭން އިސްލާމްދީނާއި މިނިވަންކަން އަދި ކޮރަޕްޝަން ނައްތާލަން މަސައްކަތްކުރާ ރައްޔިތެއްގެ ވިސްނުންހުރި ކެންޑިޑޭޓަކީ އެމަނިކުފާނު ކަމަށެވެ.

ޤާސިމް ވިދާޅުވީ ރިޔާސީ ބަހުސް ނިންމާލަމުން ދޭން ބޭނުންވި މެސެޖަކީ، މިމަހުގެ ހަތްވަނަ ދުވަހު ބާއްވާ އިންތިޚާބުގައި ދެވޭ ވޯޓު ވެގެންދާނީ ދިވެހިރާއްޖެއިން އިސްލާމްދީން ސަލާމަތް ކުރުމަށާއި، މިނިވަންކަން ސަލާމަތް ކުރުމަށް ދެވޭ ވޯޓަކަށް ވެގެންދާނޭ ކަމަށެވެ.

އަދި ރާއްޖެއިން އިސްލާމްދީނާއި، މިނިވަންކަމާއި ކޮރަޕްޝަން ނައްތާލުމުގެ ވިސްނުމެއް ގެންގުޅުއްވާ ފަރާތެއްނަމަ، އެމަނިކުފާނަށް ވޯޓު ދެއްވުމަށާއި، ވެރިކަމަށް އިންތިޚާބުވެވަޑައިގެންފިނަމަ އިޚުލާސްތެރިކަމާއެކު އެމަސައްކަތް ކުރާނޭ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުއްވާ ކަމަށް ޤާސިމް ވިދާޅުވި އެވެ.

"އަޅުގަނޑު ދަންނަވާނީ ދިވެހިރާއްޖޭގެ އިސްލާމްދީނާއި، މިނިވަންކަމާއި، އަދި ކޮރަޕްޝަން ނައްތާލުމަށް މަސައްކަތް ކުރާ ރައްޔިތެއްގެ ވިސްނުން ހުރި ކަމަށް ވަންޏާ، އެކެންޑިޑޭޓަކީ އަޅުގަނޑޭ. އަޅުގަނޑަށް ވޯޓު ދެއްވާށޭ، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން. އަޅުގަނޑު ހަމަ ގައިމުވެސް އިޙުލާސްތެރިކަމާއެކީގައި އަޅުގަނޑު އެމަސައްކަތް ކުރާނަން. އެކަން ކޮށްދޭނަން. ދިވެހިރާއްޖޭގެ ރައްޔިތުންނަށްޓަކައި" ޤާސިމް ވިދާޅުވި އެވެ.

މީގެއިތުރުން ކުރިޔަށް އޮތް އިންތިޚާބުގައި ލާ ވޯޓަކީ ދިވެހީންގެ ކާބަފައިން ހޯއްދަވައިދެއްވި ހަރު މުދަލާއި، އަގުބޮޑު ތަކެއްޗާއި، ސްޓްރެޓީޖިކް އިންވެސްޓްމަންޓްތައް ވެސް ސަލާމަތް ކުރުން ހިމެނިގެންދާ ވޯޓަކަށް ވެގެންދާނޭ ކަމަށާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް އިންތިޚާބު ކާމިޔާބުވެއްޖެ ނަމަ އެކަމެއް ނޯންނާނެ ކަމަށް ޤާސިމް ވިދާޅުވި އެވެ.

ވެރިކަމަށް ވަޑައިގެންފިނަމަ، ރާއްޖޭގެ މިނިވަންކަމާއި އިސްލާމްދީން ނައްތާލާނެ ކަމަށް ޤާސިމް އަމިއްލަފުޅަށް ވިދާޅުވެފައިވާއިރު، މީގެ ކުރިން ޤާސިމްވަނީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގައި ދިވެހި ރައްޔިތަކަށް ވެވޭނީ މުސްލިމަކަށް ކަމަށް ބުނާ މާއްދާއަކީ އެމަނިކުފާނު އަމިއްލަފުޅު މަސައްކަތްކަމަށް ވަކާލާތު ކުރައްވާފައެވެ.

ދީނާއި ޤައުމަށްޓަކައި ކަމަށް ބުނެ، 2011 ވަނަ އަހަރުގެ ފަހު ކޮޅު 23 ޑިސެމްބަރު އިއްތިހާދުގެ ނަމުގައި ފެށި މުޒާހަރާތަކާއި، އޭގެ ފަހުން 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު ދިވެހިރާއްޖޭގެ ވެރިކަން ފުރޮޅާ ލުމަށް ގިނަ އަދަދެއްގެ ފައިސާ ޚަރަދު ކުރިކަމަށް ބުނާ މަހުޖަނު ޤާސިމް އިބްރާހިމް މިފަދަ މޭރުމަކުން ވާހަކަ ދައްކަވާފައިވާއިރު، އިސްލާމްދީނަށް ވަކާލާތު ކުރާ ކަމަށް ބުނާ އަދާލަތު ޕާޓީން ވެސް ވަނީ ކުރިޔަށް އޮތް އިންތިޚާބުގައި ޤާސިމަށް ތާޢީދުކޮށް އެމަނިކުފާނުގެ ޖުމްހޫރީ ގުޅުމަށް ބައިއަތު ހިފާފައެވެ.

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ތަފާތު އެކި ޖަލްސާތަކުގައި އެކި ގޮތް ގޮތަށް ވާހަކަ ދައްކަމުންދާ ޤާސިމް އިބްރާހިމް ވަނީ، ރާއްޖެއިން އިސްލާމްދީން ނައްތާލުމަށް ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީ ކަމަށްވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މަސައްކަތްކުރާ ކަމަށް ތުހުމަތުކޮށްފައެވެ.

އެމްޑީޕީން ދިވެހިރާއްޖޭން އިސްލާމްދީން ނައްތާލުމަށް މަސައްކަތްކުރާ ކަމަށް ކުރިން ތުހުމަތު ކުރެއްވުމަށްފަހު، އެކަން ކުރައްވާ ރާއްޖޭގެ މިނިވަންކަންވެސް ނައްތާލުމަށް މަސައްކަތް ކުރައްވާނެ ކެންޑިޑޭޓަކީ އެމަނިކުފާނު ކަމަށް ޤާސިމް އަމިއްލަފުޅަށް ވިދާޅުވެފައިވާއިރު، އެމްޑީޕީން ބުނީ ދިވެހިރާއްޖެއިން އިސްލާމްދީން ނައްތާލުމަށް އެއްވެސް ކެންޑިޑޭޓަކު މަސައްކަތް ކުރައްވާނެ ކަމަށް ޤަބޫލުނުކުރާ ކަމަށާއި، އެޕާޓީގެ ބޮލުގައި އެފަދަ ދޮގު އިލްޒާމްތައް ތަކުރާރުކޮށް އަޅުވަމުންދިޔަ ފަރާތްތަކަށް އަމިއްލަ ފުޅަށް އެހެން ވިދާޅުވެވުމަކީ ހައިރާންވާންޖެހޭ ކަމެއް ނޫން ކަމަށެވެ.

ޖުޑީޝަލް ސާރވިސް ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި އިންނަވާ ރިޔާސީ އިންތިޚާބަށް ކެމްޕޭން ފެއްޓެވި، ޤާސިމް އިބްރާހިމްގެ އަމިއްލަފުޅު ވިލާ ފައުންޑޭޝަންގެ ނަމުގައި އިންތިޚާބަށް ނުފޫޒު ފޯރުވުމަށް އެކި ކަހަލަ މުދަލާއި ތަކެތި، އަދި ފައިސާ ރަށްރަށަށް ބަހަމުންދާ ކަމުގެ ޝަކުވާ އިލެކްޝަންސް ކޮމިޝަނަށް ވަނީ ހުށަހަޅާފައެވެ.

އެމްޑީޕީ އާއި އިދިކޮޅު ފަރާތްތަކުން އެޕާޓީއަކީ ރާއްޖެއިން އިސްލާމްދީން ފޮހެލަން މަސައްކަތްކުރާ ޕާޓީއެއް ކަމަށް ތުހުމަތު ކުރާއިރު، ރިޔާސީ ކެންޑިޑޭޓުންގެ ބަހުސްގައި ރާއްޖޭއިން އިސްލާމްދީން ނޫން އެހެން އެއްވެސް ދީނަކަށް ފުރުޞަތު ނުދޭނެ ކަމަށް ބުނި ހަމައެކަނި ކެންޑިޑޭޓަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނަޝީދެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް