ފަހުގެ ޚަބަރު


އިތުރަށް...

ބަޣާވާތައް ނިމުމެއް ގެނައުމުގެ ފުރުސަތު ހޮނިހިރުގައި ލިބޭނެ

ލިޔުނީ: Unknown - Friday, September 6, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ޚިޔާލުތަފާތުވާ ފަހަރުތަކުގައި ރައްޔިތުންނަށް ދީފައިވާ އަނިޔާއަކީ ރާއްޖޭގެ ތަރައްޤީއަށް އެޅުނު އެންމެ ބޮޑު ހުރަސްކަމަށާއި، އެމްޑީޕީން ނުކުމެ ތިބީ އެހުރަސް ނައްތާލާއި، ބަޣާވާތުގެ ވެރިކަމަށް ނިމުމެއް ގެނައުމަށްކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީން ކެމްޕޭންގެ ހަރަކާތްތައް ނިންމާލުމުގެ ގޮތުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ގިނަ އަދަދެއްގެ ބަޔަކާއިއެކު ބޭއްވި ޖަލްސާގައި ޤައުމާއި މުޚާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ވޭތުވެދިޔަ 18 މަސް ދުވަހުގައި އެމްޑީޕީއަށް ކުރިމަތިކުރުވި ކޮންމެ ހަމަލާއަކުން އެޕާޓީ ސަލާމަތްވެފައިވާ ކަމަށާއި ބައެއްގެ މޮޅުކަން ހާމަވަނީ ވެއްޓުނީމަ ތެދުވާލެއް އަވަސް ކަމުންކަމަށެވެ.

ވެއްޓޭ ކޮންމެ ފަހަރަކު އުއްމީދީ ފިޔަވަޅު މައްޗަށް ތެދުވެވުނީ ރައްޔިތުންގެ ހިތްވަރާ އެކުގައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެކަމަށްޓަކައި ދިވެހި ރައްޔިތުންނަށް ރައީސް ނަޝީދު ޝުކުރު އަދާކުރެއްވިއެވެ.

އެމްޑީޕީގެ އަޒުމެއް ނުގުޑާނެކަމަށާއި ހިތްވަރެއް ބައްޔެއް ނުވާނެކަން ފާހަގަކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މުޅި ރާއްޖެ ތަރައްޤީ ކުރައްވާނެ ކަމަށާއި މުޅި ޖީބު އުޖާލާ ކޮށްދެއްވާނެ ކަމަށެވެ.

ރާއްޖެއަށް ލިބިފައިވާ ގުދުރަތީ މުއްސަދިކަމުގެ ބޭނުން ހިފައިގެން އެމްޑީޕީ ރައްޔިތުންނަށް ފާގަތި ދިރިއުޅުމެއް ހޯދައިދޭނެކަމަށާއި ނޮވެމްބަރު އެގާރަ ވަނަ ދުވަހު އެނެއްކާވެސް ވެރިކަމުގެ ހުވާ ކުރައްވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ހޮނިހިރު ދުވަހު އަޅުގަނޑުމެންނަށް ލިބޭ ފުރުސަތަކީ ބަޣާވާތުގެ ވެރިކަމަކަށް ނިމުމެއް ގެނައުމުގެ ފުރުސަތުކަމަށާއި އެކަން ރައްޔިތުން ނިންމާނީ އެއްބުރުންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އައު ގާނޫނު އަސާސީގެ ދަށުން 2008 ގައި އުފެދުނު ރައްޔިތުންގެ ސަރުކާރަކާއި ދެއަހަރު ދުވަހުގެ "ބަޣާވާތުގެ" ސަރުކާރެއް ހިނގަމުން ދިޔަތަން ވެސް ރައްޔިތުންނަށް ފެނިފައިވާ ކަމަށާއި، އެމްޑީޕީއާ އެކު ގިނަ އަދަދެއްގެ ރައްޔިތުން ތިބީ އެތަޖުރިބާގެ އަލީގައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރާއްޖެއަށް ލިބިފައިވާ ގުދުރަތީ މުއްސަދިކަމުގެ ބޭނުން ހިފައިގެން އެމްޑީޕީން ރައްޔިތުންނަށް ފާގަތި ދިރިއުޅުމެއް ހޯދައިދޭނެކަމަށާއި ނޮވެމްބަރު އެގާރަ ވަނަ ދުވަހު އެނެއްކާވެސް ވެރިކަމުގެ ހުވާ ކުރައްވާނީ އެއްބުރުންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ރާއްޖޭގެ ރައްޔިތުން ބޭނުންވަނީ ފަހުރުވެރި ދިރިއުޅުމެއް ކަމަށާއި އެއް ސާދާގަރެއް ކައިރިން އަނެއް ސާދާގަރެއް ކައިރިއަށް ސަލާންޖެހުމަށް ރައްޔިތުން ބޭނުން ނުވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާ ލައްވަމުން ދިވެހި ރައްޔިތުން މިއަދު ބޭނުންވަނީ ވަޒީފާގެ ފުރުސަތުކަމަށާއި ދަރިންނަށް ރަނގަޅު ތައުލީމެއް ލިބުމުގެ ފުރުސަތާއި ޒުވާނުންނަށް ރަނގަޅަށް ކުޅިވަރު ކުޅެވޭނެ ފުރުސަތުތައްކަން ފާހަގަކުރައްވާ މުޅި ރާއްޖެ ތަރައްޤީ ކުރައްވާނެކަމަށާއި މުޅި ޖީބު އުޖާލާކޮށްދެއްވާ، އިޖްތިމާއީ ރައްކާތެރިކަން ހޯއްދަވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް