ފަހުގެ ޚަބަރު


އިތުރަށް...

ލ. އަތޮޅު ކެމްޕަސް މަތީ ތައުލީމަށް ބޮޑު އިންގިލާބެއް ގެންނާނެ: ޗާންސެލަރު

ލިޔުނީ: Unknown - Thursday, September 26, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ރާއްޖޭގައި އަޅާ އެންމެ ބޮޑު ކެމްޕަސް ލ. ގަމުގައި އަޅާއިރު ދުވަސްކޮޅެއް ފަހުން އެތަން ވެގެންދާނީ މަތީ ތައުލީމަށް ބޮޑު އިންގިލާބެއް ގެނެސްދޭ ތަނެއް ކަމުގައި ގައުމީ ޔުނިވަސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޒާހިރު ހުސައިން ވިދާޅުވެއްޖެ އެވެ.

މި ކެމްޕަސް ގާއިމުކުރުމަށް ނިންމާފައިވަނީ 45 ހެކްޓަރުގެ ބިމެއްގަ އެވެ. މަސްވެރިކަމާއި ދަނޑުވެރިކަމާ ގުޅޭ ގޮތުން ރިސާޗްތައް ހަދާ ކެމްޕަހަކަށް ވުމާ އެކު އެ ސަރަހައްދު ތަރައްގީކުރަނީ މޫދު ވެސް ހިމެނޭ ގޮތަށެވެ.

ގަމު ކެމްޕަހުގެ ބިންގާ އެޅުމަށް އިއްޔެ ހަވީރު އެތަނުގައި ބޭއްވި ރަސްމިއްޔާތެއްގައި ޒާހިރު ވިދާޅުވީ އެއީ ޔުނިވަސިޓީގެ އެންމެ ބޮޑު ކެމްޕަސް ކަމަށާއި އެތަނުގައި ދަނޑުވެރިކަމާއި މަސްވެރިކަމުގެ ކޯސްތަކުގެ އިތުރުން ތަފާތު ގިނަ ކޯސްތަކެއް ހިންގަން ހަމަޖެހިފައިވާ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ދުވަސްކޮޅެއް ފަހުން މިތަން ވެގެން ދާނީ މަތީ ތައުލީމަށް އިންގިލާބެއް ގެނެސްދޭނެ ތަނަކަށް،" ޗާންސެލަރު ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ވައިސް ޗާންސެލަރު ޑރ. ހަސަން ހަމީދު ވިދާޅުވީ މި މަޝްރޫއުގެ ސަބަބުން ހައްދުންމަތީގެ ތަހުޒީބާއި ކުރިއެރުމަށް ހެޔޮ އަސަރުތަކެއް ކުރާނެ ކަމަށާއި އެގޮތުން މި ކެމްޕަސް މެދުވެރިކޮށް އަހަރަކު ދެ މިލިޔަނެއްހާ ރުފިޔާ ރަށުގެ އިގްތިސާދުގެ ތެރެއަށް ވަންނާނެ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ޔުނިވަސިޓީގެ ސަބަބުން ހައްދުންމަތި މަޝްހޫރުވެ، ރައްޔިތުންގެ އިގްތިސާދީ އަދި އިޖްތިމާއީ ތަރައްގީގެ ނާރެސް ކަމުގައި ވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޔުނިވަސިޓީން ބުނި ގޮތުގައި މި ކެމްޕަސް އިމާރާތް ކުރާނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. އެގޮތުން އެންމެ ފުރަތަމަ ފިޔަވަހީގައި ހިމެނޭނީ ކިޔަވައިދޭ އެއް ބްލޮކާއި ޓީޗަރުންނާއި ދަރިވަރުންގެ އެކޮމޮޑޭޝަން ބްލޮކެވެ. ފުރަތަމަ ވަހީގެ މަސައްކަތަށް 20 މިލިޔަނެއްހާ ރުފިޔާ ހަރަދު ވާނެ ކަމަށް ޔުނިވަސިޓީން ލަފާކުރެ އެވެ.

"މިއީ ދެ ތިން އަހަރުން ނިންމޭނެ ޕްރޮޖެކްޓެއް ނޫން. މުޅި ކެމްޕަސް އިމާރާތް ކުރުމަށް އެތައް އަހަރެއް ނަގާފާނެ. އަޅުގަނޑުމެން މިތަން ތަރައްގީކުރާނީ ދުރު މުސްތަގްބަލަށް އަމާޒުކޮށްގެން. އެކަމަކު ކޮންމެ އަހަރަކު ވެސް މިތަން ތަރައްގީ ކުރާނަން،" "ހަވީރަށް" ކުރިން ދެއްވި އިންޓަވިއުއެއްގައި ހަމީދު ވިދާޅުވެފައި ވެ އެވެ.

އޭނާ ވިދާޅުވީ ކެމްޕަސް ގާއިމްކުރަން ޔުނިވަސިޓީގެ ދަރިވަރުންގެ ފީގެ ގޮތުގައި ލިބޭ ފައިސާ ހޭދަކުރާނެ ކަމަށެވެ.

ގަމު ކެމްޕަހުގެ ބިންގާ އިއްޔެ އެޅި ނަމަވެސް އެތަނުގެ ވަގުތީ އިމާރާތުގައި މިހާރު ވަނީ ކިޔަވައިދޭން ފަށާފަ އެވެ. ގަމު މަތިމަރަދޫ ސްކޫލު ހިންގި އިމާރާތުގައި ޔުނިވަސިޓީން ކުރިއަށް ގެންދާ ކޯސްތަކުގެ ތެރޭގައި ނާސިން އާއި އިސްލާމިކް ސްޓަޑީޒް އާއި ޓީޗިން އަދި އިނގިރޭސި ބަސް ހިމެނެ އެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް