ފަހުގެ ޚަބަރު


އިތުރަށް...

ސްޕްރީމް ކޯޓުގެ އަމުރު ގާނޫނުއަސާސީއާ ހިލާފު: ދިޔާނާ

ލިޔުނީ: Unknown - Thursday, September 26, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
މިމަހުގެ ހަތްވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރުތަމަ ބުރު ބާތިލު ކުރުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ސްޕްރީމް ކޯޓަށް ހުށަހެޅި މައްސަލައާއި ގުޅިގެން ޖުމްހޫރީ ޕާޓީން އެދިފައިވާ ވަގުތީ އަމުރު ސްޕްރީމް ކޯޓުން ނެރެފައިވަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ކުރީގެ ބަންޑާރަ ނާއިބު އަދި މަޝްހޫރު ގާނޫނީ ވަކީލާ އާއިޝަތު ދިޔާނާ ސައީދު ވިދާޅުވެއެވެ.

ރޭގެ ވަގުތެއްގައި މޫކައި ހޮޓަލުގައި ގާނޫނީ ވަކީލުންގެ ޓީމެއް ބައިވެރިވެ ބޭއްވި ނޫސްވެރިން ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ދިޔާނާ ވިދާޅުވީ މިމަހުގެ ހަތްވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު، ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެއް ކެންޑިޑޭޓަށް ފަންސާސް އިންސައްތަ އަށްވުރެ ގިނަ ވޯޓު ލިބިނުލައްވައިފި ނަމަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހޭނެ ކަމަށެވެ. އަދި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލި މީހުންގެ ވޯޓުން އެއްވަނަ އަދި ދެވަނަ އަށް ލިބިވަޑައިގެން ދެ ކެންޑިޑޭޓުންގެ މެދުގައި ދެވަނަ ބުރެއް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ބޭއްވި ދުވަހުން ފެށިގެން 21 ދުވަހުގެ ކުރިން ބާއްވަން ޖެހޭނެ ކަމަށް ވަރަށް ސާފުކޮށް ގާނޫނުއަސާސީގެ 111 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ ކަމަށެވެ. އަދި ގާނޫނުއަސާސީގައި ވަކި މުއްދަތެއްގެ ތެރޭގައި ވަކިކަމެއް ކުރުމަށް ބާޔާންކޮށްފައިވާ ނަމަ އެކަމެއް ކުރުން ލާޒިމް ވާނެ ކަމަށާއި އެފަދަކަމެއް ފަސްކުރެވޭނީ ހަމައެކަނި ގައުމުގައި ހަނގުރާމައެއް ނުވަތަ ގުދުރަތީ ކާރިސާއެއް (އިންސާނުންނަށް ބާރުނުފޯރުވޭ ގުދުރަތީ ކާރިސާއެއް) ވެފައިވާ ނަމަ ކަމަށް ސްޕްރީމް ކޯޓުން 2009 ވަނަ އަހަރު ކޮށްފައިވާ ހުކުމެއްގައިވެސް ބަޔާން ކޮށްފައިވާ ކަމަށެވެ. އެއަމުރުވެސް ނެރެފައިވަނީ ހަމަ މިހާރުގެ ސްޕްރީމް ކޯޓުގެ މި ބެންޗުން ނެވެ.

ސްޕްރީމް އަމުރުގައި ކަންބޮޑުވާ ކަންތައްތަކެއް ހުރިކަމަށް ފާހަގަ ކުރައްވަމުން ދިޔާނާ ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ފަސްކޮށްފައިވާ އެއްވެސް ސަބަބެއް ސްޕްރީމް ކޯޓުގެ އެ އަމުރުގައި ނެތްކަމަށާއި އަދި އެއަމުރު ނެރެފައިވަނީ ސްޕްރީމް ކޯޓުގެ ހަތަރު ފަނޑިޔާރުންގެ އަޣްލަބިއްޔަތުން ކަމަށާއި ތަފާތުވި ރައުޔުވެސް ނެރެފައި ނުވާކަމަށެވެ. ދިޔާނާ ވިދާޅުވީ ތަފާތުވި ރާއުޔުވެސް މިފަދަ މައްސްލަތަކުގައި ބަލާލުން މުހިއްމު ކަމަށެވެ.

ރިޔާސީ ދައުރެއް ނުމޭއިރު އެ ރިޔާސީ ދައުރު ނިމުމުގެ 120 އާއި 30 ދުވަހާއި ދެމެދު ރިޔާސީ އިންތިހާބެއް ބާއްވާ ރައީސަކު ހޮވަން (ރައްޔިތުންގެ ވޯޓަކުން) ޖެހޭކަމަށް ގާނޫނުއަސާސީގައި ވަރަށް ސާފުކޮށް ބަޔާން ކޮށްފައިވާ ކަމަށާއި އެމުއްދަތުގެ ތެރޭގައި ރައީސަކު ނުހޮވި، ހިނގަމުންދާ ރިޔާސީ ދައުރު (ނޮވެމްބަރު 11 ވަނަ ދުވަހު) ހަމަވެއްޖެނަމަ ދުސްތޫރީ ބޮޑެތި މައްސަލަތަކެއް ކުރިމަތި ވާނެ ކަމަށްވެސް ދިޔާނާ ވިދާޅުވިއެވެ.

މީގެއިތުރުން ދިޔާނާ ވިދާޅުވީ ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ސްޕްރީމް ކޯޓުގެ އެބެންޗުން އެއްކިބާވާން ޖެހޭ ކަމަށާއި އެއީ އެ ފަނޑިޔާރާ މެދު ތުހުމަތު ބަދުއަހުލާގީ މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން ބުނެފައިވާތީ ކަމަށެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް