ފަހުގެ ޚަބަރު


އިތުރަށް...

ބިދޭސީންގެ މެދުގައިވެސް އެއްމެ މަޤުބޫލު ކެންޑީޑޭޓަކީ ރައީސް ނަޝީދު

ލިޔުނީ: Unknown - Saturday, September 21, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ: ,
ބަންގުލާދޭޝް ބަޔަކު މަސައްކަތުގައި - ފޮޓޯ: އެލްއޭ ނިއުސް
ރާއްޖޭގައި ގިނަ ޢަދަދެއްގެ ބިދޭސީން އުޅޭއިރު، ރިޔާސީ އިންތިޚާބު ކުރިމަތިވެފައިވާ މި ދުވަސްވަރު ބިދޭސީންވެސް ގެންދަނީ ރާއްޖޭގެ އިންތިޚާބުގެ ވާހަކަތައް ދައްކަމުންނެވެ. ކެމްޕޭން ކުރުމަށް ބޭނުންކުރާ ތަފާތު ގޮތްތަކުގެ ވާހަކަތައް ދައްކަމުންނެވެ. ރައީސްކަމަށް ހޮވުމަށް އެންމެ ރަނގަޅު މީހަކީ ކާކުކަމާމެދު ބިދޭސީންގެ ދޭދޭ ފަރުދުންގެ މެދުގައި ބަހުސްކޮށް އެންމެ މަޤުބޫލު ކެންޑިޑޭޓް ކަނޑައަޅަމުންނެވެ.

2010 ވަނަ އަހަރު ބިދޭސީންގެ ތެރެއިން ބަންގުލާދޭޝް ރައްޔިތުންގެ ތެރެއިން ގިނަމީހުން ކައިރީގައި ރައީސް މުޙައްމަދު ނަޝީދުގެ ވާހަކަދެއްކުމުން އެމީހުން އޭރު ރައީސް ނަޝީދަށް ތާއިދު ނުކުރާކަން އެނގެއެވެ. އޭރު ހަމަ އެންމެ  ކަމުދަނީ ބަންގުލާދޭޝް އާއި ޢާއިލީގޮތުން ގުޅިފައިވާ މަޢުމޫނު ޢަބްދުލް ޤައްޔޫމެވެ. ނަމަވެސް މިހާރު ބަންގުލާދޭޝް ވިޔަސް، އިންޑިޔާ ވިޔަސް، ލަންކާ ވިޔަސް، އަދި ތައިލޭންޑްގެ ބެންކޮކް ވިޔަސް، އެތަންތަނުގެ ރައްޔިތުންގެ ތެރެއިން ރާއްޖޭގެ ސިޔާސީ މާހައުލާމެދު ފިކުރު ހިންގާ ގިނަ މީހުންގެ ތާއިދު އޮތީ ރައީސް ނަޝީދަށްކަން އަޅުގަނޑުމެން ކޮށްލި ކުޑަ ދިރާސާއަކުން ދައްކައެވެ.

މި ދިރާސާގައި ގަން-ފޮނަދޫ ސަރަޙައްދުން 46 ބަންގުލާދޭޝް މީހުންނާއި ސުވާލު ކުރެވުނެވެ. ރާއްޖޭގެ ރަޢީސް ކަމަށް ހޮވަން އެންމެ ރަނގަޅީ އެމްޑީޕީގެ ކެންޑިޑޭޓް ނަޝީދުތޯ ނުވަތަ ޕީޕީއެމްގެ ކެންޑިޑޭޓް ޔާމިން ތޯއެވެ. ސުވާލު ކުރެވުނު 46 މީހުންގެ ތެރެއިން 39 މީހުން ބުނެފައިވަނީ ރައީސް ނަޝީދު ކަމަށެވެ. ކީއްވެގެންތޯ ސުވާލުކޮށްލުމުން ބުނަނީ "ރައްޔިތުންނަށް އެންމެ ބަރާބަރު ވައްތަރުގެ ކަންކަން ކުރަނީ އަންނި" ކަމަށެވެ.

ރާއްޖޭގެ ތަޢުލީމީ ދާއިރާގައި މަސައްކަތްކުރައްވާ އިންޑިޔާ ޓީޗަރުންގެ ވާހަކަތައްވެސް ހުރީ ހަމަ މިހެންނެވެ. ރައީސް ނަޝީދަކީ ހަމަ ސީދާ ރައްޔިތުންގެ އިޙްސާސް ދަންނަ ފަރާތެއްކަމަށް ބުންޏެވެ. ރައީސް ނަޝީދުގެ ހިތްތިރިކަމާއި ސާދާކަމަށް ތަޢުރީފު ކުރެއެވެ. އެމްޑީޕީގެ ސިޔާސަތު ތަކަށް ތަޢުރީފު ކުރެއެވެ. އެމްޑީޕީގެ ކެމްޕޭން ޙަރަކާތްތަކުގެ ފުރުހަމަ ކަމުގެ ވާހަކަ ދައްކައި ތަޢުރީފު ކުރެއެވެ. އިންތިޚާބުގެ ފުރަތަމަ ބުރުން ރައީސް ނަޝީދު ހޯއްދެވި ބޮޑު ކާމިޔާބީއާއި އަޅައި ކިޔަމުން އެމީހުން ބުނަނީ އިންތިޚާބުގެ ދެވަނަ ބުރު ވަރަށް ފަސޭހަކަމާއިއެކު ރައީސް ނަޝީދަށް ކާމިޔާބު ކުރެއްވޭނެ ކަމަށެވެ.

މި މަޢުޟޫއަށް ލިޔަން އިންދާ މިއަދުގެ ވަގުތެއްގައި ރައްޓެއްސަކު، ފޭސްބުކް މެދުވެރިކޮށް ލިންކެއް ފޮނުވާލިއެވެ. ކޮން ލިންކެއްތޯ ސުވާލުކޮށްލުމުން ބުނީ ތައިލޭންޑްގެ ބެންކޮކް ރައްޔިތަކު އެމްޑީޕީގެ ކެމްޕޭން ލަވަތައް ކިޔުމަށް މަސައްކަތްކޮށްފައިވާ ވީޑިއޯކޮޅެއް ކަމަށެވެ. ލިންކު ހުޅުވާ ބަލައިލިއިރު ފެންނަނީ ބެންކޮކްގެ މެދު ޢުމުރެއްގެ މީހަކު ބޮލުގައި ރީނދޫ ފޮތިގަނޑެއް އޮޅާލުމަށްފަހު އެމްޑީޕީގެ ކެމްޕޭން ލަވައަކާއި ބަޣާވާތާއި އދިކޮޅު ލަވައެއް ކިޔުމަށް މަސައްކަތްކުރާ މަންޒަރެކެވެ.


ދޭސީން ނޫނަސް ބިދޭސީންވެސް ރާއްޖޭގެ ސިޔާސީ މާހައުލާއި މެދު ވިސްނައެވެ. ރައްޔިތުންނަށް އެންމެ ފައިދާހުރި ސިޔާސަތުތަކެއް ހުށައަޅާ ފަރާތްތަކާއިމެދު ވިސްނައެވެ. ރާއްޖެއަށް ހެޔޮ ވެރިކަމެއް ލިބިއްޖެ ނަމަ އެކަމުގެ ފައިދާ އެމީހުންނަށްވެސް ކުރާނެކަން ޚުދު އެމީހުންވެސް ދަނެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް