ފަހުގެ ޚަބަރު


އިތުރަށް...

އެއްހާސް އަހަރު – ދިހަވަނަ ބައި

ލިޔުނީ: Unknown - Thursday, September 12, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ: ,
އުޑުމަތީގައި ހުރި ވިއްސާރަ ވިލާތައް ސާފުވެއްޖެއެވެ. ހަނދުވަރުގެ އަލިކަން އެއްވެސް ހުރަހެއް ނެތި ދޭން ފަށައިފިއެވެ. ގަސްތަކުގެ ތެރެއިންވެސް ބިމަށް ހެޔޮވަރު ވަރަކަށް އަލިކަން ފެތުރިފައިވެއެވެ. އެވަރުން ބިޝާރާއަށް ތަންތަން ފެންނަވަރު ވެއެވެ. ނަމަވެސް އޭނާގެ ދެލޯވެސް ވަނީ ވަށައިގެންވާ އަނދިރިކަމަށް ހޭނިފައި ކަހަލައެވެ. ހަމަގައިމުވެސް ވެމްޕަޔަރުން ގޮތަށް ރޭނގަނޑުގެ އަނދިރިކަމުގެ ތެރެއިން ތަންތަން ދުށުމުގެ ޤާބިލުކަމެއް އޭނާއަށް އަދި ލިބިފައެއް ނުވެއެވެ. އެހެން ހިތަށް އެރުމާއިއެކު ބިޝާރާ ކަންބޮޑުވިއެވެ. އޭނާ ލައިގެންހުރީ ގަދަ ކުލައެއްގެ ގަމީސް ޓޮޕްކޮޅަކާއި ޖީންސެކެވެ. އެކަމުގެ ސަބަބުން އެ އަނދިރިކަމުގައި އޭނާ ފެންނަލެތް ތަންކޮޅެއް ކުޑަވާނެއެވެ. އެކަމުގެ ހިތްހަމަޖެހުން މިވަގުތު ބިޝާރާއަށް އެބައޮތެވެ. ނަމަވެސް އޭނާ ޝިކާރަކުރުމަށް ފެންބޮވާފައިވާ ވޭމްޕަޔާ ވަރަށް ބާރުގަދަކަން އޭނާއަށް އެނގެއެވެ. އަދި އެ ވޭމްޕަޔާގެ އަތުނުޖެހޭ ހިސާބަށް ދުރަށް ދިއުމަށް އެތައް ތަނެއް ކަޑައްތުކުރަން ޖެހޭކަންވެސް އޭނާއަށް އެނގެއެވެ. ގަޑިންވީ ކިހާއިރެއްކަމެއް، އަދި ދާދި ދެންމެއަކު އޭނާއަށް ދުވެވުނު ވަރަކަށް ދުވެފައި އައިސް މިހާރު އެ ހުރެވުނީ ކިހާހިސާބެއްގައި ކަމެއްވެސް ނޭނގެއެވެ. ބިޝާރާ ދުވަމުން ދިޔައީ ދެފަރާތަށް ދެއަތް ހޫރަމުންނެވެ. ގަސްތަކުގެ ގޮފިތަކުން އޭނާގެ މޫނާއި ލޯ ހަމަގައިމުވެސް ރައްކާތެރި ކުރެވޭނެތީއެވެ.

ބިޝާރާ ކުއްލިއަކަށް ބިރުގެންފިއެވެ. މަކުނުވާ ތަކެއްގައި ޖެހިދާނެއޭ ހިތަށް އަރާފައެވެ. އެފަދަ ކަމެއް ހިތަށް އަރައި ބިރުގަތުމަކީ ހެއްވާ ކަމެއްކަންވެސް އޭނާއަށް އެނގެއެވެ. މަކުނުވާ ފަދަ އާދައިގެ އެއްޗެއްދެކެ އެވަގުތު ބިރުގަތުމުގެ ބަދަލުގައި ބިރުގަންނަންވީ ބައިވަރު އެއްޗެހި ހުރިކަން ހިތަށް އެރިއެވެ. ޖިންނި، ހަންޑި، ފުރޭތަ، ހާމުންޑި، ބަޑިއެދުރު އަދި ކައްޑެވި ވެސް އެއީ ގައިމު އުޅޭކަމަށް ކިޔާ ބިރުވެރި އެއްޗެއްސެވެ. އޭނާއަށް ހުރެވުނު ހިސާބަކީ މީގެ ކުރިން ދުވަހަކުވެސް އާދެވުނު ހިސާބެއް ނޫނެވެ. އެހެނަސް ކޮންމެ ފަރާތަކުންވެސް ރަށުގެ ގޮނޑުދޮށަށް ފޭބޭނެއޭ ހިތަށް އަރަމުން ދިޔައެވެ.

ކުއްލިއަކަށް އަނގަވަތަށް ބިޝާރާ ވެއްޓިއްޖެއެވެ. ކޮންމެވެސް ގަހެއްގެ މުލެއްގައި ނުވަތަ ކޮންމެވެސް އެއްޗެއްގައި އަޅައިގަނެފާކަން އަންދާޒާ ކޮށްލެވުނެވެ. ބިޝާރާގެ މޫނު ގޮސްޖެހުނީ ގާގަނޑެއްފަދަ ހަރު އެއްޗެއްގައެވެ. ކަނާތު ކޯތާފަތް ޖެހުނުގޮތުންނާއި ވީ ތަދުގެ ސަަބަބުން މަށައިގެން ދިޔަކަމުގެ ބިރު ހީވިއެވެ. ލޭ އަންނަ ކަމުގެ ބިރުވެސް ހީވިއެވެ. އޭނާގެ ހަށިގަނޑުން ލޭފޮދެއް ބޭރުވެއްޖެނަމަ އޭގެ ވަސް ވޭމްޕަޔާ އަށް ފޯރާނެކަން އެނގޭތީވެއެވެ. އެ ވަސް ފޯރާނީ ކިހާ ދުރުމިނަކަށް ކަމެއް ނޭނގެއެވެ. ކުއްލިއަކަށް އޭނާއަށް ހަނދަންވީ މިޔަރުގެ މަތިންނެވެ. ކޮންމެވެސް ފޮތަކުން ކިޔުނު މަޢުލޫމާތެއް ބުނާގޮތުން މޭލެއްހައި ދުރުން މިޔަރަށްވެސް ލޭގެ ވަސް ދެނެގަނެވެއެވެ. އެހެންކަމުން އޭނާގެ އުއްމީދަކީ އޭނާއަށް ހުރެވުނީ ވޭމްޕަޔާ އާއި މޭލެއްހައި ދުރުގައި ކަމުގައެވެ. އެހެނަސް އޭނާއަށް ދުވެވުނީ ވަށް ބުރަކަށް ނޫންބާވައޭ ހިތަށް އަރަން ފެށިއެވެ. އެ އަނދިރި ކަމުގެ ތެރޭގައި ހުރިހައި ތަނެއްވެސް ފެންނަނީ ހަމަ އެއްގޮތަކަށް ކަމުން ވާނުވާއެއް، ދެވޭ ނުދެވޭ ތަނެއް ރޭކައެއް ނުލައެވެ.

ބިޝާރާ ތެދުވުމުގެ ބަދަލުގައި ރެސްޓެއްނަގަން މަޑުކޮށްލިއެވެ. މުޅި ހަށިގަނޑުގެ ހުރިހާތަނެއްގައި ރިއްސަނީއެވެ. ދެ ފައިތިލައިގައި ފޮޅުނަގައި ފޮޅު ކެނޑިފައިކަން ވާތަދުގެ ޒާތުން އެނގެއެވެ. ފަހަރުގައި ދެފައިންވެސް ލޭ އަންނަމުން ދާކަމަށް ވެދާނެއެވެ. ދެފައިގައި އެއްކަމެއްވެސް ނެތެވެ. މުޅި ގައިގާ މަސްގުޅަ ކައިފިއެވެ. މެއިން ދިލަ ނަގަމުން ދެއެވެ. ކަރުތެރެ ހިކިގެންގޮސް ހީވަނީ އެހެންފަދަ ކަމެއްހެންނެވެ. އޭނާގެ ދެއަތުން މޫނު ފޮހެލިއެވެ. ދެއަތްތިލަ އެއްކޮށް ލެއިން ތެމިއްޖެއެވެ. އެހިސާބުން މޫނުމަތި މަށަމަށައިގެން ގޮސްފައި ހުރިކަން ޔަޤީން ކުރެވިއްޖެއެވެ.

'ޔާ ރައްބީ! އަނެއްކާ ބިމަށް ލޭ އެޅިފަ ނުހުންނާނެބާ؟' އެހެން ވެއްޖެނަމަ އޭނާއަށް އެ ދުވެވުނީ ބިސްމަޅިއެއް ދޫކުރަމުންނެވެ. 'ޔާ ﷲ، މިއަޅާ ހާދަހާ ބިރެއް އެބަގަނެއެވެ. މި އަޅާ މިކަމުން ސަލާމަތް ކުރައްވާންދޭވެ!' ބިޝާރާގެ ބޯޖެހުނު ގާގަނޑުކަމަށް ހީވި އެތީގައި އަތްލާ ޖެކް ކޮށްލިއެވެ. ލޭގެ އަސަރެއް ހުރިތޯއެވެ. އެހެނަސް އެއްވެސްކަހަލަ ތެތްކަމުގެ އިޙްސާސެއް ނުކުރެވުނެވެ.

ކައިރީގައި ހުރި ގަހެއްގެ ބުޑުގައި ލެނގިލަމުން އުޑުމަތިން ފެންނަންހުރި ހަނދަށް ބަލަންފެށިއެވެ. މީގެ ކުރިން ހަނދަށް ބަލައިލި ފަހަރަށްވުރެން އެއްވެސް މިންވަރަކަށް ހަނދު އޮއްސުނުތޯއެވެ. އެއްވެސް ވަރަކަށް އެފަދަ ތަފާތެއް ފާހަގައެއް ނުކުރެވުނެވެ. އެކަމުން އަންގައިދެނީ ދެ ކަމެކެވެ. އޭގެ ތެރެއިން ރަނގަޅު ކަމަކީ އޭނާ ދުވަންފެށިފަހުން މާކަ ގިނައިރުތަކެއް އަދި ނުވެއެވެ. އެހެންކަމުން އޭނާގެ ފަސްފަހަތުން އަންނަމުންދާނެކަމަށް ބުނި ވެމްޕަޔަރާއި ދެމެދު ފުދޭވަރެއްގެ ދުރުމިނެއް ހުންނާނެއެވެ. ގޯހުން ގޯހަށް ގޮސްދާނެކަމަށް ބެލެވޭ ކަމަކީ އޭނާއަށް ދުވެވުނު މިސްރާބެއް ނޭގިވެސް ދުވެވުނީ ހަމަ ސީދަލަށް ކަމެވެ. ފަހަރުގައި މި ދެވެނީ ވެމްޕަޔާ އާއި ދިމާއަށް ކަމަށްވެސް ވެދާނެއެވެ. 'އަހަރެން ދުވުމުގެ ބަދަލުގައި ފިލަން ވަންނާނެ ތަނެއް ހޯދުން މާރަނގަޅު...' ނޫނެކެވެ. އެއީ ފީކަޅާ ވިސްނުމެކެވެ. އޭރުން މާ ފަސޭހައިން ވެމްޕަޔާ އޭނާ ހޯދާނެއެވެ. އެހެންކަމުން ދުވުން ފިޔަވައި ދެވަނަ އެހެން ގޮތެއް ނެތެވެ. އަލިވިލުމުގެ ކުރިން ދުވެ ރައްކާވެވޭތޯ ބަލަން އެބަޖެހެއެވެ. އެހެންނޫނީ އެ ވެމްޕަޔާ އައިސް އޭނާ ޖަހައިގަންނާނެއެވެ. ދެވަނަ ވިސްނުމަކަށް ދެވޭކަށް ނެތެވެ. ހަމައެކަނި އޮތްގޮތަކީ މިކަންތައްގަނޑު ކޮންމެވެސް ގޮތަކަށް ސަލާމަތްވެވޭތޯ ދުވުމެވެ.

ކޮޅަށް ތެދުވެ ދުވަންފެށުމުގެ ބަދަލުގައި ބިޝާރާއަށް ރޮވެން ފެށިއެވެ. ދެލޯ ދުޅަވަންދެން ގަދައަށް ރުއެވެ. ރޭގަނޑުގެ ފިނީގައި އެވަރަށް ރުއިމުން ދެ ނޭފަތްވެސް ބްލޮކް ވެއްޖެއެވެ. އެ ވެމްޕަޔާ އަށް އޭނާ ފެންނާކަށް ބޭނުމެއް ނޫނެވެ. އެ ވެމްޕަޔާ އޭނާދެކެ ނުލާހިކު ރުޅި އާދެއެވެ. އަނިޔާވެރިކަމާއެކު މަރާލާނެ ވާހަކަ ބުނީ އެހެންވެގެންނެވެ. އޭނާއަށް ވޭމްޕަޔާއަކާއި ބައްދަލުވެވުނުއިރު ރަނގަޅު ވޭމްޕަޔާ އަކާއި ބައްދަލުވުމަށް މެދުވެރި ނުވީ ކީއްވެ ހެއްޔެވެ؟ ވޭމްޕަޔާ އަކީ ހަމަ ޙަޤީޤަތުގައިވެސް އުޅޭއެއްޗެއްނަމަ، އޭގެ ރަނގަޅު ވޭމްޕަޔާވެސް އުޅޭނެ ނޫންހެއްޔެވެ. އުޅެން ޖެހޭނެއެވެ. އެހެން ވެމްޕަޔަރުންގެ ލޯބި ލިބުމަށް އެދޭ ވޭމްޕަޔަރުންވެސް އުޅެން ޖެހޭނެ ނޫންހެއްޔެވެ. އެފަދަ ވޭމްޕަޔާ އުޅޭނީ އުފަލުގައެވެ. އަނިޔާވެރިކޮށް މީހުންމަރައި ލޭ ބޮއެ ނުހަދާނެއެވެ. ނުވަތަ އެއްގޮތަކަށްވެސް މީހުން މަރައި ނޫޅޭނެއެވެ. އެފަދަ ވޭމްޕަޔާވެސް ބަނޑުފުރާނަ މުއްތިކޮށް އުޅޭނީ ހަމަ އިންސާނުން ފަދައިންނެވެ. ނުވަތަ އިންސާނުންވެސް އަނެއް އިންސާނެއްގެ ލޭ ބުއިމަކީ ވަރުގަދަ ލައްޒަތެއް ލިބޭކަމަކަށްވެސް ވެދާނެ....

'އެ ވެމްޕަޔާ އަހަރެންދެކެ އެހާ ރުޅި އަންނަނީ ކީއްވެގެންބާވައެވެ. އަހަރެން ދެކެ އެވަރުގެ ގަދަ ރުޅީއެއް އަންނަންވީ އޭނާއަށް އަހަރެން ކޮން ގޯނާއެއް ކޮށްގެން ހެއްޔެވެ؟' ހިތަށް ވެރިވަމުންދިޔަ ސުވާލުތައް އަޑުއިވޭވަރަށް ކިޔަމުން ދިޔައެވެ.

ނުނިމޭ
ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް