ފަހުގެ ޚަބަރު


އިތުރަށް...

ނޮވެމްބަރު 2 ވާ ހޮނިހިރު ދުވަހު އިންތިހާބު ބޭއްވުމަށް ކެންޑިޑޭޓުން އެއްބަސްވެއްޖެ

ލިޔުނީ: Unknown - Monday, October 28, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ: ,
ރިޔާސީ އިންތިޚާބުގ ފުރަތަމަ ބުރުގެ ވޯޓުލުން އަންނަ ހޮނިހިރުދުވަހަށް އަވަސްކޮށް، ދެވަނަ ބުރު ނޮވެމްބަރު 9 ގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނާ އެކު މަޝްވަރާ ކުރަން ރިޔާސީ ތިން ކެންޑިޑޭޓުން ރޭ އެއްބަސްވެވަޑައިގެންފި އެވެ. 

މިހާރު އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ އިންތިޚާބުގެ ފުރަތަމަ ބުރު ނޮވެމްބަރު 9 ގައި އަދި ދެވަނަ ބުރު ނޮވެމްބަރު 16 ގައި ބޭއްވުމަށެވެ. އެ ކޮމިޝަނުން ކުރިން ބުނެފައި ވަނީ އެއީ އިންތިޚާބު ބޭއްވޭނެ އެންމެ އަވަސް ތާރީހު ކަމަށެވެ. އަދި އެއީ އެންމެ ކުރުކޮށް، އެންމެ ބޮޑަށް ފުރުސަތު ދީގެން އިންތިޚާބު ބޭއްވޭނެ ކަމަށް ބެލެވޭ މުއްދަތު ކަމަށް ވެސް އިލެކްޝަންސް އިން ބުނެފައިވެ އެވެ.

މިރޭ 10:00 ގައި އެމްޑީޕީގެ މުހަންމަދު ނަޝީދާއި ޕީޕީއެމްގެ އަބްދުﷲ ޔާމީން އަދި ޖުމްހޫރީ ޕާޓީގެ ގާސިމް އިބްރާހީމް ޓްރޭޑާސް ހޮޓަލުގައި ބޭއްވެވި ބައްދަލުވުމުގައި އެއްބަސްވެވަޑައިގަތް އެއް ކަމަކީ ނޮވެމްބަރު 11 ގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ބޭފުޅަކު އިންތިޚާބުކޮށް ނިންމުމެވެ.

ދޮޅު ގަޑިއިރުގެ ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ނަޝީދު ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު އިންތިޚާބުގެ ފުރަތަމަ ބުރު ބާއްވައި ނޮވެމްބަރު 9 ގައި ދެވަނަ ބުރުގެ ވޯޓުލުން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނާ ވާހަކަ ދައްކައިގެން ކުރިއަށް ގެންދަން ތިން ކެންޑިޑޭޓުން ވެސް އެއްބަސްވެވަޑައިގަތް ކަމަށެވެ. އަދި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓާ ގުޅޭ ގޮތުން ހުރި މައްސަލަތަކާ މެދު ވާހަކަދައްކައި އެކަމަށް ހައްލެއް ހޯދުމަށް ވެސް އެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށް ނަޝީދު ވިދާޅުވި އެވެ.
  
"އަޅުގަނޑުމެންނަށް ވާހަކަ ދެއްކެވި ވަރަށް ބޮޑަށް އެއްބަސްވެވޭ އެއް ބަޔަކު އަނެއް ބަޔަކަށް ނަފްރަތުގެ ނަޒަރުން ނުބެލުމަށާއި އެއް ބަޔަކު އަނެއް ބަޔަކަށް ގެއްލުންދެނިވި ގޮތަށް ކަން ކަމާ ވިސްނައި އެ މަގަށް އަޅުގަނޑުމެން ނުގޮސް މި ރާއްޖޭގެ ތަރައްގީ އަށް ފަހިވާނެ ގޮތަކަށް ކުރެވެން ހުރި މަސައްކަތްތަކަށް ރައްޔިތުންނަށް ކޮށްދިނުމަށް،" ނަޝީދު ވިދާޅުވި އެވެ.
    
ޔާމީން ވިދާޅުވީ އެ މަޝްވަރާގައި އެއްބަސްވި އެންމެ މުހިއްމު ކަމަކީ މިނިވަން އިންސާފުވެރި އިންތިޚާބަކަށް ހެދުމަށްޓަކައި އިލެކްޝަންސް ކޮމިޝަނާ ބައްދަލުކުރުން ކަމަށެވެ. އެގޮތުން އެ ކޮމިޝަނަށް ކުރެވޭ ކަމެއް ނަމަ، އިންތިޚާބު އަވަސްކޮށް، އިންތިޚާބު ކުރެވިފައިވާ ރައީސަކު ނޮވެމްބަރު 11 ގައި ވެރިކަމާ ހަވާލުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް ވެސް ކެންޑިޑޭޓުން އެއްގަލަކަށް އެރި ކަމަށް ޔާމީން ވިދާޅުވި އެވެ.
  
"މި އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަނުން އަމަލު ކުރައްވާއިރު އެތަނުގެ ޑޭޓާބޭސް ނުވަތަ ވޯޓުލާ މީހުންގެ ލިސްޓަކީ އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ފަދަ ގޮތަކަށް، އެންމެންނަށް ގަބޫލުކުރެވޭ ސައްހަ ލިސްޓެއްކަން ކަށަވަރުކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކަށް އެއްބަސްވެވުނު،" ޔާމީން ވިދާޅުވި އެވެ.
  
އޭނާ ވިދާޅުވި ގޮތުގައި ކެންޑިޑޭޓުންނަށް އެއްބަސްވެވުނު ކަންތައް މާދަމާ އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށް ވަނީ ހަމަޖައްސައިފަ އެވެ. އޭގެ އިތުރުން ރީރެޖިސްޓްރޭޝަން ފޯމުތަކުގެ ސައްހަކަން ބެލުމުގެ މަސައްކަތް މިހާރުން މިހާރަށް ފެށުމާއި ވޯޓާސް ލިސްޓަކީ މައްސަލަތައް މަދު ސައްހަ ލިސްޓަކަށް ވާންޖެހޭނެ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
   
"އަޅުގަނޑުމެން ތިން ކެންޑިޑޭޓުން ވެސް ބޭނުން ވަނީ ރައްޔިތުންގެ ވޯޓަކުން ނިންމާ ނިންމުމަކީ ސައްހަ ނިންމުމަކަށް ހެދުމަށްޓަކައި ކޯޓަށް ދާން ޖެހޭނެ ފަދަ ހާލަތެއް މެދުވެރިނުވެ އެކަން ވުން. އެކަމަށް އިލެކްޝަނުން އެބަޖެހޭ ވިސްނާވަޑައިގަތުމަށް،" އޭނާ ވިދާޅުވި އެވެ.
   
ގާސިމް ވިދާޅުވީ ނޮވެމްބަރު 11 ގެ ކުރިން ވެރިއަކު އިންތިހާބުކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ދޭންޖެހޭ އެއްބާރުލުން ދެއްވާނެ ކަމަށެވެ. ރައްޔިތުންނަށް ލިބިދާނެ ގެއްލުމަކުން އަދި ގައުމު ވެއްޓިދާނެ އަނދަވަޅަކުން ސަލާމަތްވުމަށްޓަކައި ވެސް ނޮވެމްބަރު 11 ގެ ކުރިން ރައީސަކު އިންތިހާބު ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
   
"ކޮންމެ ގޮތެއް ވިއަސް އަޅުގަނޑުމެން ބޭނުން ވާނީ މެދުކެނޑުމެއް ނެތި ނޮވެމްބަރު 11 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި އިލެކްޓް ވެފައި ހުރި ބޭފުޅަކަށް ފުރުސަތު ދިނުން. އޭރުން އަޅުގަނޑުމެންގެ ރައްޔިތުންނަށް ވެސް ހަމަޖެހުން ލިބިގެންދާނީ،" ގާސިމް ވިދާޅުވި އެވެ.
      
އެ ބައްދަލުވުމުގައި އިންތިހާބުގެ ކަންތަކުގެ އިތުރުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ބިލެތްދޫ ދާއިރާގެ އަހުމަދު ހަމްޒާ އާއި ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް ޑރ. މުހަންމަދު ލަތީފު ހުވާކުރުމާ ގުޅޭގޮތުން ވެސް ވާހަކަ ދެއްކި ކަމަށް  ނަޝީދު ވިދާޅުވި އެވެ.

ތިން ކެންޑިޑޭޓުން އެެއް ތަނަކުން މިރޭ ބައްދަލުކުރައްވައި އިންތިޚާބާ ގުޅޭ ކަންކަމުގައި އެއްގަލަކަށް އެރިއިރު ރާއްޖޭގެ ސިޔާސީ މަސްރަހު ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ. ހާއްސަކޮށް އިންތިޚާބު ލަސްވަމުންދާ ދިއުމާ ގުޅިގެން ތިން ކެންޑިޑޭޓުންގެ މެދުގައި ވެސް އަދި މުޅި ރާއްޖޭގައި ވަނީ ނުތަނަވަސްކަން އުފެދިފަ އެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް