ފަހުގެ ޚަބަރު


އިތުރަށް...

ސިފައިންގެ އިތުރު ދެބޭކަލަކު ސަސްޕެންޑުކޮށްފި

ލިޔުނީ: Unknown - Friday, October 4, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ސިފައިންގެ ތެރޭގައި ފިތުނަފަސާދަ އާއި ބައިބައިވުން އުފެއްދުމުގެ ތުހުމަތުގައި އިތުރު ދެ ސިފައިންގެ މީހަކު އަނެއްކާ ވެސް ސަސްޕެންޑް ކޮށްފި ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި ސާޖަންޓް ފަސްޓް ކްލާސް އަލީ ވަހީދާއި ލާންސް ކޯޕްރަލް ޝަހުރާބު ރާޝިދު އިއްޔެ އިން ފެށިގެން ސަސްޕެންޑްކުރީ ސިފައިންގެ ވަޒީފާއާ ބެހޭ ގަވާއިދުގެ ހަތްވަނަ ބާބުގެ 4 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.

"ސާޖަންޓް ފަސްޓް ކްލާސް އަލީ ވަހީދު ސަސްޕެންޑް ކުރެވުނީ ސިފައިންގެ ތެރޭގައި ފިތުނަފަސާދަ އާއި ބައިބައިވުން އުފެއްދުމުގެ ތުހުމަތުގަ އެވެ. އަދި ލާންސް ކޯޕްރަލް ޝަހުރާބު ރާޝިދު ސަސްޕެންޑް ކުރެވުނީ ސިފައިންގެއާ ގުޅޭ މައުލޫމާތު ހާމަކުރަންނުޖެހޭ ފަރާތްތަކަށް ހުއްދަ ނެތި ހާމަކުރުމާ ގުޅިގެންނެވެ،" އެމްއެންޑީއެފްގެ ވެބްސައިޓުގައިވެ އެވެ.

އަލީ ވަހީދާއި ޝަރުހާބު ރާޝިދު ސަސްޕެންޑް ކުރިއިރު ސިފައިންގެ ތެރޭގައި ފިތުނަފަސާދަ އުފައްދައި އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތްކުރަމުންދާ ކަމަށް ތުހުމަތުގައި ފަސްޓް ލެފްޓިނެންޓް އަބްދުﷲ ޝަރީފް ވެސް އިއްޔެ ވަނީ ވަކި މުއްދަތެއް ނެތި ސަސްޕެންޑް ކޮށްފައި ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

ޝަރީފް ސަސްޕެންޑްކޮށް، ސިފައިންގެ މައުލޫމާތަށްޓަކައި ސިފައިންގެ ތެރޭގައި އާއްމުކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ އޭނާ ސިފައިންގެ ތެރޭގައި ފިތުނަފަސާދަ އުފެއްދުމަށް މަސައްކަތްކުރާ ކަމަށް ތުހުމަތުކުރެވިފައިވާތީ އެ މައްސަލައާ ގުޅިގެން އެކި ރޭންކްގެ ސިފައިންނާ ސުވާލުކޮށް ބަޔާންތައް ނަގާފައިވާ ކަމަށެވެ. އޭނާ ފިތުނަފަސާދަ އުފެއްދުމަށް މަސައްކަތްކުރަމުންދާ ކަމަށް އެ ބަޔާންތަކުން ސާބިތުކުރެވިފައިވާ ކަމަށް ވެސް އެ އިއުލާންގައިވެ އެވެ.

ޝަރީފް ސަސްޕެންޑްކޮށްފައި ވަނީ ސިފައިންގެ ތެރޭގައި ފިތުނަ އުފައްދާ މައްސަލަ ތަހުގީގުކުރަމުންދާތީ ކަމަށް ވެސް އެމްއެންޑީއެފުން ބުނެފައިވެ އެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި ޝަރީފް ސަސްޕެންޑްކޮށްފައި ވަނީ ސިފައިންގެ ވަޒީފާއާ ބެހޭ ގަވާއިދުގެ ހަތް ވަނަ ބާބުގެ ހަތަރު ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ.

ބައެއް ޓީވީ ޗެނަލްތަކުންނާއި މީޑިއާގެ ތަފާތު ވަސީލަތްތަކުން ސިފައިންގެ ތެރޭގައި ފިތުނަ ފަސާދަ އުފައްދައި އެއްބައިވަންތަކަން ނަގާލައި ހަމަނުޖެހުން އުފެއްދުމަށް ކެނޑިނޭޅި ވާހަކަތައް ފަތުރަމުންދާ ކަމަށް ޑިފެންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އަދި ގާނޫނު އަސާސީ އާއި ސިފައިންގެ ގާނޫނާ ހިލާފަށް އެފަދަ ވާހަކަތައް ފަތުރާ ނަމަ މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމަށް ވެސް ޑިފެންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް