ފަހުގެ ޚަބަރު


އިތުރަށް...

3 ނޮވެމްބަރުގެ ހަމަލާ މިހާރު މިއޮތްގޮތަށް ތާރީޚަށް ވަދެ ނިމޭނީތޯ އެވެ؟

ލިޔުނީ: Unknown - Sunday, November 3, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ލިޔުނީ: އިލްޔާސް ހުސައިން
މަސްދަރު: އިލްޔާސް ޙުސައިން. ކޮމް
ނޯޓް: 1990 ވަނައަހަރު، ސިޔާސީ މަޖައްލާއެއްގެ ގޮތުގައި އަޅުގަނޑުގެ ނަމުގައި ރަޖިސްޓްރި ކޮށްގެން ނެރުނު [މަންތިރި] މަޖައްލާގައި މި މަޒުމޫނު، ލިޔެގެން އަޅުގަނޑަށް ވަނީ، 6 މަސް ދުވަހަށް ޖަލަށް ހުކުމް އިއްވާފައެވެ. އަދި ތަހުގީގުގައި ވަރަށް ގިނަ ދުވަހު ކުޑަގޮޅީގެ ވަހުޝީ އަނިޔާ ތައް ދައްކާފައި ވެއެވެ. އެއް ހުޅުބިޑި އަޅުވައި އޮރިއާން ހާލަތަށް ގެންދިއައެވެ. ފެންވަރުވަނީ، ހަތްދުވަހުން އެއްފަހަރުއެވެ. މިގޮތުން، ކޮންމެ ހުކުރު ދުވަހަކު ނޫނީ ނަޖިހުން ތާހިރު ވުމަށް ފުރުޞަތެއް ނުދެއެވެ. ފެންފޮދެއް ގަޔަށް އަޅާލާކަށް ނުދެއެވެ. އެއްދުވަހަކު ތަހުގީގަށް ނެރުމުން، ވުޟޫކުރުމަށް ބިޑިނައްޓާލަ ދިނުމަށް އެދުމުން ވ.ޅަހުއްތާއި އަބްދުއް ޝުކޫރު އަބްދުﷲ ވިދާޅުވީ، އެޅުވިއްޖެ ބިޑިއެއް ނުނެއް ޓޭނެއެވެ. ނަމާދު ކުރެވުނު ގޮތަކަށް ކުރާށެވެ. އެންމެ އަނިޔާ ބޮޑު ބިޑިއަކީ، އެއް ހުޅު ބިޑިއެވެ. މި ބިޑި އެޅުވުމުން ދެއަތްތިލައިން ފެށިގެން ދެއަތުގެ އުޅަނބޮއްޓާ ހަމައަށް ހުންނަނީ، ޖެހި ފިތި ބާރުވެ ބަނދެވިފައެވެ. އޮޅު އަޅާލާފައި ހުންނަހެން ބާރުވެފައެވެ. އަޅުވާނީ ގަދަބާރުން ހަންގަނޑު ފިއްތައިގެންނެވެ. ކާން ޖެހެނީ ބުޅާފަދަ ޖަނަވާރު ކާހެންނެވެ. އަނގަޖަހައި ގެންނެވެ. ފަހެ، ލުތުފީއާއި ބޮޑު ސިއްކައަށް، 19 ދިވެހިން މަރާލި، ދެޣައްދާރުންގެ ލަގަބުދޭއިރު އެބުނާ މީހުންގެ ތެރެއިން ގިނަ މީހުން ގަޔަށް އެރި ވަޒަންތައް އަރާފައި ހުރީ، ސިފައިންގެ ތެރެއިން ދިފާޢުގައި ތަނެއް ދޮރެއް ނުބަލާ ބުރުއްސި ވަޒަން ތަކުންނެވެ. އަދި އެމްވީ ޕްރޮގްރެސް ލައިޓްގައި ތިބި ދިވެހި ހޮސްޓެޖުން ގަޔަށް ބަޑިޖެހީ ސީދާ މަނަވަރުންނެވެ. ފަހެ، މިހާރުވެސް ބަންދު ގައިތިބި، ސަގަރު ނާސިރާއި ލުޠުފީއަށް ޢަފޫކޮށް ދޫކޮށްލުމަށް ރައީސް މައުމޫނަށް މިފުރުޞަތުގައި ވެސް އިލްތިމާސްކޮށް އަޅުގަނޑު ގޮވާލަމެވެ! އާދެ! މިނޯޓަކީ، 2006 ވަނައަހަރު އެސަންދާނު މަޖައްލާގެ 30 ވަނައަދަދުގައި މިއާޓިކަލް ޖެހުމަށް، ބޭނުންވެގެން އަޅުގަނޑު ލިޔުނު ނޯޓެކެވެ.

އާދެ! 3 ނޮވެމްބަރ 1988މ. ވަނަދުވަހުގެ އެންމެފަތިހު ވަގުތުގައި މާލެއަށް ދެވުނު ވަރުގަދަ ހަމަލާއަކީ، ދިވެހި ތާރީޚް ދުށް އެންމެ އަނިޔާވެރި ހަމަލާ ކަމަށް ހުރިހާ ދިވެހިންވެސް އެއްބަސްވެއެވެ. ގައުމާއި ދިމާވި މިފަދަ ބޮޑު މުސީބާތެއް، ހައްލުވެފައި އޮންނަންވާނީ އެންމެހާ ރައްޔިތުންނަށް ފާޅުގައި އެނގި ޝާމިލްވާ ގޮތަށެވެ. ޝައްކެތް ނެތެވެ. އެއްވެސް އޮޅުމެއް ނުވާގޮތަށެވެ. ފަހެ، ގައުމުގެ ހުރިހާ ބާރެއް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. ގައުމުގާ ރައްޔިތުންގެ ބާރެއްގެ ގޮތުގައި އުފެދިފައި އޮންނަނީ، ރައްޔިތުންގެ މަޖިލީހެވެ. އެހެންކަމުން ގައުމަށް ދިމާވާ ބޮޑެތި ހާދިޘާ ތަކާއި ކުއްލި ހަމަލާތައް ފަދަ ކަންތައްތައް ހައްލުކުރެވި، ތާރީޚާއި ހަމައަށް ދޫކޮށްލެވެން ވާނީ، ރައްޔިތުންގެ މަޖިލީހުގައި އެކަމާމެދު ވަރަށް ރަނގަޅަށް ބަހުސްކުރެވި، ހަގީގަތް އޮޅުން ފިލާވަރުގެ ވަރުގަދަ ރިޕޯޓެއް ފާސްކޮށް، އެމަޖިލީހުން ނިންމާ ގޮތެއްގެ މަތިން ޝަރީޢަތް މެދުވެރި ވެގެންނެވެ. އެހެންނޫނީ ހަގީގަތާދުރު ގޮތަކަށް އެކަން އޮޅުމާއެކު، ތާރީޚަށް ވަދެ ފޮރުވިގެން ދާނީއެވެ. އިންފިރާދީގޮތުން އެކިއެކި މީސްމީހުންގެ އަތުގައި ފޮރުވިފައި ހުންނަ ތާރީޚަށްވުރެ، ބައިނަލްއަގްވަމީ ފެންވަރުގައި، އަވަސްކޮށް ފެތުރިގެންދާނީ، ސަރުކާރުން އެކަމެއް ތާރީޚުގައި ނޯޓްކޮށް ލިޔާ ގޮތަކަށެވެ.
އާދެ! ފަހަކަށް އައިސް އަޅުގަނޑުމެންގެ ގައުމާ، ދިމާވި އެންމެ ނުރައްކާތެރި ހަމަލާގައި ބައިވެރިވި މީހުން ޝަރީޢަތަށް ފޮނުވި ދައުލަތުގެ ހައިކޯޓުން އެކަމުގެ ޝަރީޢަތް ކުރެވި މިހާރު ވަނީ، އެހަމަލާގައި ބައިވެރިވި މީހުންގެމައްޗަށް ދިވެހިރާއްޖޭގެ ގާނޫނުލް ޢުޤޫބާތުގައި، ކަނޑައެޅިފައި އޮންނަ ޙުކުމް އިއްވިފައެވެ. ޢުޤޫބާތް ދެވިފައެވެ. މިކަން ހިނގާ މިދިއައީ، ރައްޔިތުންގެ މަޖިލީހާ ހަމައަށް ނުގޮސް ދައުލަތުގެ އެހެނިހެން ޝަރީޢަތްތައް އާންމުކޮށް ހިނގާ ފަދައިންނެވެ. ރާއްޖޭގައި ސިޔާސީ މަގުޞަދުތައް ޝަރީޢަތައި މަސްހުނި ކުރެވޭލެއް މަދެއް ނޫނެވެ. ރައްޔިތުންގެ މަޖިލީހުގެ މަރުހަލާގައި ބެލެވެންޖެހޭ އެތައް ކަންތައްތަކެއް މިތަހުގީގުން ވަނީ ވަކި ބައެއްގެ ސަލާމަތަމަށް ޓަކައި އުނިކުރެވިފައެވެ. ދިވެހިންގެ ބަޔަކަށް އަމިއްލަ ހައްގުތަކެއް ނުލިބިގެން އުފެދުނު އުދާސް ގަނޑެއްގައި ބޭރުގެ ކުލީ ސިފައިން ގެނެސް ހިންގި ދެކޮޅުވެރި ހަމަލާއަކީ ދިވެހިންގެ ދާޚިލީ ރޭވުމަކަށް ވާހިނދު، އެމެރިކާ އާއި ޔޫއެންގެ ބަހެއް ފާޅުގައި ނެތި އިންޑިއާ ސިފައިން ރާއްޖެއެރީ ކީއްވެތޯއެވެ؟ އެދުވަހާއި އެދުވަހުގެ ކުރިން، ދިވެހި ޚާރިޖިއްޔާ އާއި އިންޑިޔާގެ އިސްފަރާތްތަކާ ދެކެވުނު ވާހަކަތަކަކީ ކޮބައިތޯއެވެ؟ ބައިނަލް އަގްވާމީ، ކަނޑުގައި ހޮސްޓެޖުން އުފުލި އުޅަނދު އެމްވީ ޕްރޮގްރެސް ލައިޓް ވަނިކޮށް، ހޮސްޓެޖުންގެ ފުރާނައަށް ގެއްލުންވާގޮތަށް ހަމަލާ ދެވުނީ ކީއްވެތޯއެވެ؟ ކާކުގެ އޯޑަރަކަށް ްތޯއެވެ؟ އަދި މިޢުދުވާނުގައި ޝަހީދުވެދިޔަ 19 މީހުންގެ ގަޔަށް ވަޒަން އަރާފައިވާގޮތް، ވަރަށް ތަފްސީލުކޮށް އެނގެން ޖެހޭނެއެވެ. ދިރާސާކުރެވެން ޖެހޭނެއެވެ. އަދި އެއީ ކޮންބައެއްގެ އަތުންއެރި ވަޒަންތަކެއް ކަން އިނގެން ޖެހޭނެއެވެ. ކޮންބަޑި ތަކަކުން ނުކުތް ވަޒަން ތަކެއްކަން އިނގެން ޖެހޭނެއެވެ. ކިހާ ދުރު މިނެއްގައި ޖަހާފައިހުރި ވަޒަންތަކެއް ކަން ސާފުކޮށް އިނގެން ޖެހޭނެއެވެ. ކާކުގެ އޯޑަރަށް ޖެހުނު ވަޒަން ތަކެއްކަން އިނގެން ޖެހޭނެއެވެ. އަދި ބާޣީންގެތެރެއިން މަރުވި މީހުންގެ މަރު ހިނގާދިޔަ ގޮތުގެ ތަފްޞީލް ވެސް އެނގެން ޖެހޭނެއެވެ. ބައިނަން އަގުވާމީ ފެންވަރުގެ ތަހުގީގެއް ހިންގެން ވާނެއެވެ. މިހާރުވެސް ފެންނަން ހުރި ފޮޓޯތަކުންނާއި އެކިޒާތުގެ ހެކިތަކުން، އެދުވަހުގެ ވަޒަންތައް ދަތުރު ކުރި ގޮތް ބުނެދެއެވެ. މިސްރާބު ހޯދޭނެއެވެ.

ފަހެ، މިހަމަލާއާ ގުޅިގެން މަޖިލީހުގައި ވާހަކަ ދެކެވުނުހާވެސް ވަރަކީ، އެހަމަލާ ކުށްވެރިކޮށް، ވަރަށް އާދައިގެ ގަރާރެއް ފާސްކޮށް ލުމެވެ. މިކަމުގައި ފޯރިއާއެކު، ބަހުސް ކުރެވިގެން ދިޔަ މަންޒަރު އާންމުކޮށް ޓީވީންވެސް ފެނުނެވެ. ލައިވްކޮށް ދެއްކިއެވެ. ބޮޑަށް ބަހުސް ހޫނުވެގެން ދިޔައީ، ބޭރު ބައެއްގެ ޢުދުވާނީ ހަމަލައެއްތޯ؟ ނުވަތަ އެތެރެއިން، ދިވެހި ބައެއްގެ ފަރާތުންއައި ޢުދުވާނީ ހަމަލައެއް ތޯއެވެ؟ މި ދެމާނައިން ކުރެ އޮންނަންވީ، ކޮން މާނައެއް ނުކުންނާނެ ޢިބާރާތެއްތޯ ބެލުމަށެވެ. އިބާރާތް ކުރާނެ ގޮތަކާ މެދުގައެވެ. ހަގީގީ ހާދިސާއަށް އަލިއަޅުވާ ލާފައެއް ނުވެއެވެ. އެވާހަކަ ދެއްކި އެއްވެސް އިއްޒަތްރެތި މެންބަރަކު ނެތެވެ. ފުރިހަމަ ތަހުގީގީ ރިޕޯޓެއްގެ ނަންވެސް ނުގަނެއެވެ. ރައްޔިތުންގެ މަންދޫބުންގެ މެދުގައި ބަހުސް ގެންދިޔައީ މިހާފެންކޮށެވެ.

ފަހެ، ދަންނާށެވެ! އަޅުގަނޑުގެ ވާހަކަ އަކީ، ގައުމައި ދިމާވާ މިފަދަ ބޮޑެތި ކަންތައްތައް މުޅިން އެކުގައި ނިމިގެން ދާންވާނީ، ރައްޔިތުންގެ މަޖްލީހުގައި ބަހުސްކުރެވި އެމަޖިލީހުގައި، ތިއްބަވާ އިއްޒަތްތެރި ބޭފުޅުންގެ ޚިޔާލު ފުރިހަމައަށް ލިބިގެންނެވެ. ރައްޔިތުންގެ މަޖިލީހަކީ ސަރުކާރުން ކަންތައްތައް ކުރަނީ ރަނގަޅަށްތޯ؟ ނުވަތަ ނުބައިކޮށްތޯ؟ ބެލުމަށް ރައްޔިތުންގެ ފަރާތުން އައްޔަން ކުރެވިފައި ތިބޭ ބަޔަކަށް ވާތީއެވެ. ރައްޔިތުންގެ ހުރިހާކަމެއް ބެލެހެއްޓުމުގެ ގެއަކީ، މަޖިލީހެވެ. މިސާލަކަށް މީހެއްގެ ގެއެއް، ބެލެހެއްޓުމުގެ ކަންތައްތައް މީހަކާއި، ނުވަތަ ބަޔަކާއި، ޙަވާލު ވެފައި ވަނިކޮށް އެގެއަށް ޓެރަރިސްޓުންގެ ބަޔަކު ވަގަށް ވަދެ، ގެއަށް ގެއްލުންދީ، ގެލޫޓުވާލާ، ގެތަޅާލުމަށް ފަހު، ބަޔަކު މަރާލާފައި ދިއުމުން ކުށްވެރިވާނީ، ހަމައެކަނި އެގެއަށް ވަގަށް ވަދެގަތް ޓެރަރިސްޓުން އެކަނި ތޯއެވެ؟ އެގެ ބެލެހެއްޓުމުގެ ހުރިހާ ކަމަކާ ޒިންމާ ނަގައިގެން، ޙަވާލުވެ ތިބި މީހުންނައި އެންމެ ކުޑަމިނުން ސުވާލެއްހާ މިންވަރުވެސް ކޮށްލުމެއް ނެތި، އެތަނަށް ވަދެގަތް ހުރިހާ މީހުންނަށް ނިޔާ، ކަނޑައެޅުމުން، އެކަން އެނިންމާލެވުނީ އިންސާފުން ތޯއެވެ؟ ޖަވާބަކީ، ނޫނެކެވެ! ހަމަކަށަވަރުން ވެސް ނޫނެކެވެ! ފަހެ، އޭރުން އެނިންމާލެވުނީ ރަނގަޅަކަށް ނޫނެވެ. އެއީ އިންސާފުވެރި ޢަދުލުވެރި ގޮތެއް ވެސް ނޫނެވެ. ފަހެ، އިންސާފުވެރި ގޮތަކީ، އެއާއެކު އެތަން ހިންގާ ބެލެހެއްޓުމާ، ހަވާލުކުރެވިފައި ތިބި މީހުންވެސް ޝަރީޢަތަށް ޙާޟިރުކޮށް، އެއީ، ކިހިނެތް ހިނގިކަމެއްތޯ؟ ކާކުގެ ފަރުވާ ކުޑަކަމުން ހިނގި ކަމެއްތޯ؟ އެކަން ހިނގުމުގެ ކުރިން އެއީ ހިނގާފާނެ ކަމެއްކަމުގެ ޢިޝާރާތެއް ފެވައި ވަނިކޮށް، ހަމަ ފަރުވާކުޑަކަމުން ހިނގި ކަމެއްތޯ ބެލުމެވެ. އަހާގިނަ ސުވާލުކޮށް، އެސުވާލުތަކަށް ފުރިހަމައަށް ޖަވާބުދާރީ ކުރުވުމެވެ. ފަހެ، މަސްޢޫލިއްޔަތު އުފުލުމަކީ މިއީއެވެ. އެފަދަ ހާދިސާތައް މިފެންވަރަށް ތަހުގީގު ކުރެވެން ޖެހޭނެއެވެ. ފަހެ، ދަންނާށެވެ! ކަމަކާ ޙަވާލުވުމުން ހަމަ ކޮންމެ މީހަކީވެސް މަސްއޫލު ވެރިއެކެވެ. ޒިންމާދާރު މީހެކެވެ. އެކަމުގެ މަސްއޫލިއްޔަތު އޭނާ އުފުލަން ޖެހޭނެއެވެ. އިހުމާލުން ކަމެއް ކޮށްފިނަމަ، ކޮނޑުގައި އަޅަން ޖެހޭނެއެވެ. ސަލާމާއި ޞަލަވަތްލެއްވި ކީރިތި ރަސޫލާ ހަދީޘް ކުރައްވާފައިވާ ވަރަށްދިގު ހަދީޘެއްގެ މާނާގައި ވެއެވެ. [ތިޔަބައި މީހުންގެ ތެރެއިން ކޮންމެ މީހަކީވެސް ބެލެހެއްޓުން ތެރިއެކެވެ. އަދީ އޭނަގެ ރައްޔިތުންގެ މައްޗަށް މަސްއޫލުވާންޖެހޭ މީހެކެވެ...... ހަދީޘް ނިމެންދެނެވެ.] މިހަދީޘް ރިވާ ކުރައްވާފައިވަނީ ބުޚާރީއާއި މުސްލިމްއެވެ.

ފަހެ، މިހަދީޘުން އެނގުނީ މަސްއޫލިއްޔަތު އުފުލުމަކީ ފުރިހަމައަށް ޒިންމާ ނެގުން ކަމެވެ. ޒިންމާ ނުއުފުލޭވަރުގެ ކަމެއްގައި މަސްއޫލިއްޔަތު އަދައެއް ނުކުރެވޭނެއެވެ. އަދި މަސްއޫލިއްޔަތު އަދާ ނުކުރެވޭ ވަރުގެކަމެއް ގައި މަސްއޫލުވެގެން ނުވާނެއެވެ. ޒިންމާ އުފުލައިގެން ނުވާނެއެވެ. ﷲ ގަންދީ ހުވާކޮށްގެން ނުވާނެއެވެ. އަމިއްލަ ފެންވަރު ވަޒަން ކުރުމަކީ އިސްލާމީ ޝަރީޢަތް ތަންދޭކަމެވެ. އަދި ބުއްދިވެރި ގޮތަކީ އުފުލަން ދަތި، ނުވަތަ ނުއުފުލޭ ވަރުގެ މަސްއޫލިއްޔަތެއް ކޮނޑުގައި ނޭޅުމެވެ. އަވަހަށް އެޒިންމާއިން ދުރަށް ޖެހުމެވެ. ﷲ ގަންދެއްވައި ކުޅަހުވަޔާ ޚިލާފުވެ، ދޮގުހުވާ މަތީގައި ހުރެގެން ނުވާނެއެވެ.

އަދިވެސް ނޮވެމްބަރު 3 ގެ ވަރުގަދަ ހަމަލާގެ ތެރެއިން، ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށް މުޅި ދިވެހި ރައްޔިތުންނަށް އެނގެން ބޭނުންވާ މުހިންމު ކަންތައްތައް ފޮރުވިފައި އެބަހުއްޓެވެ. މިއީ، ވެރިކަމުގެ ފަރާތުން ގަސްދުގައި ފޮރުވާފައި ހުރިކަން ތަކެވެ. ދިވެހިންގެ ތެރެއިން ބަޔަކު ހޮސްޓެޖުންގެ ގޮތުގައި ނަގައިގެން ގެންގޮސްފައި ވަނިކޮށް އެބައި މީހުންގެ ހަށިތަކާ ދިމާއަށް ހަނގުރާމަމަތީ މަނަވަރެއްގެ ބޮޑުބަޑިތައް އަމާޒުވާންވީ ކާކުގެ އަމުރަކަށް ތޯއެވެ؟ މަނަވަރުގެ ބޮޑެތިބަޑި ތަކުގެ ހައިންޗީގެ ފަލަ ވަޒަނުން ފުރާނަ ނެތިދިޔަ ދިވެހިންނާއި، އޭގެ ވަޒަންތަކުން އަނިޔާލިބުނު ދިވެހިން ބައިވަރު އެބަތިއްބެވެ. މިހާރުވެސް ދުނިޔޭގައި އެބަތިއްބެވިއެވެ. ނެގޯޝިއޭޓް ކުރުވުމަށް އިސްކުރެވުނު ވަޒީރު، އަހްމަދު މުޖުތަބާގެ ވާހަކަތަކަށް ބަލާލުމެއް ނެތި މަނަވަރު ކައިރިކުރަން ފެށުމުން މަރާލެވުނީ އެންމެ މީހެކެވެ. ދެފަރާތުން ދެކެވެމުންދިޔަ ވާހަކަތައް ރައްޔިތުންނަށް ސާފުވާން ޖެހޭނެއެވެ. ފަހެ، މިކަންވެސް ހިންގާފައިވަނީ، ބައިނަލްއަގްވާމީ ހަމަތަކާ ޚިލާފަށެވެ. ދެފަރާތުން ވާހަކަދަންކަމުން ދާހާހިނދަކު ފުރާނައަށް ގެއްލުންވާގޮތަށް އިސްވެ ހަމަލާދީގެން ނުވާނެއެވެ. މަނަވަރުން ދިންވަރުގަދަ ހަމަލާގައި ވީނުވީއެއްނޭނގި ގެއްލިފައިވާ މީހުންވެސް ހިމެނެއެވެ. ވާރިސުންނަށް ފުރިހަމަ މައުލޫމާތު ނުލިބިވާ މީހުން މަރުވި މީހުންގެ ތެރޭގައި މަރުވެގޮސް ފައިވެއެވެ. ބައިނަލްއަގްވާމީ ކަނޑުގައި ވަނިކޮށް އެބައި މީހުންނަށް މިފަދަ އަނިޔާ ލިބެން މިޖެހުނީ، ގައުމުގެ ނުވަތަ ސަރުކާރުގެ ދިފާޢުގައިކަން، ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށް މުޅިރައްޔިތުންނަށް ސާފުކޮށް އެނގެންވާނެއެވެ. މިޙަމަލާ ދިނުމުގައި ބައިވެރިވި އެއް މަނަވަރު ކަމުގައިވާ އައި.އެން.އެސް ގޯދާވަރީ މާލޭގެ ބަނދަރުގައި އޮތް ދުވަސްވަރު، އެމީހުންގެ ހެލިކޮޕްޓަރުތަކާއި، ޖެޓްތަކުގެ އިންޖިނޭރަކާއި، އަޅުގަނޑައި ބައްދަލުވިއެވެ. އެއީ އަޅުގަނޑު މަސައްކަތް ކުރާ ތަނުގެ ގޮތުން އެތަނުގައި ބައްދަލުވެ ވާހަކަ ދައްކާލުމަށް ލިބުނު ފުރުޞަތެކެވެ. ދެކެވުނު ވާހަކައިގެތެރޭގައި އޭނާ މަންޒަރު ދުށް ގޮތް އަޅުގަނޑަށް ކިޔައިދިނުމަށްފަހު ބުނީ، ކަނޑުމަތިން ޕްރޮގްރެސް ލައިޓަށް، ހޮސްޖެޓުންގެ ގަޔަށް ބަޑިޖެހީ ދިވެހި ސިފައިންނެވެ. އޭނާ ބުނި ގޮތުން ނަމަ، އެއީ އެވަގުތު މަނަވަރުގައި ތިބި ދިވެހި ސިފައިން އެކަން އެގޮތަށް ކުރީއެވެ. ބަޑިޖެހުމަށް އަމުރުނެރުނީއެވެ. މިވަހަކަ އަޅުގަނޑު މެންނަށްވީ ވަރަށް ހެއްވާ ވާހަކައަކަށެވެ. އެއީވެސް ވީއެއް ނުވީއެއް ރައްޔިތުންނަށް އޮޅުންނުފިލާ، ހިނގާފައިވާ ކަމެކެވެ. މިކަން ހިނގިގޮތާއި، ހިގި ހިސާބެއް ވަނީ ނޭގިފައެވެ. ބައިނަލްއަގްވާމީ ކަނޑުގައި ހޮސްޓެޖުންނާ ދެކޮޅަށް ހިންގުނު ހަމަލާއަށް އޯޑަރު ނެރުނު ފަރާތެއް އޮޅުންފިލާފައި އޮތުން ވަރަށް މުހިންމެވެ. އަލުން ރައްޔިތުންގެ މަޖިލީހުން މިހާދިސާ ދިރާސާކޮށް ބަލަންޖެހެނީ މިފަދަކަންތަކާ ހުރެއެވެ. އެހެނަސް އެނގޭވަރަކީ ހޮސްޓެޖުންގެ ތެރެއިން ބަޔަކު މަރުވެ، ބަޔަކަށް އަނިޔާވިކަމެވެ.

އެނގި ވަޑައިގަންނަ ވާނެ ފަދައިން ރަހީނުން، ނުވަތަ ހޮސްޓެޖުންނަކީ މަރުގެ ތުންފަތްމަތީގައި ތިބޭ އެހެނަސް ކުށެއްނެތް ވަރަށް މައުސޫމު ބައެކެވެ. ފަހެ، ކުށެއްނެތް ބަޔަކަށް، އަދަބެއް، އަނިޔާއެއްލިބި އެއިން މީހަކު، މަރުވެދާނެ ނުވަތަ މަރާލެވޭނެ ގޮތަކަށް ބަލައިގެން، އެއްވެސް ކަމެއް ނުހިންގައި ވީހާ ސަލާމަތްކަން ބޮޑު ރައްކަތެރި ގޮތަކަށް ޢަމަލު ކުރުމަކީ، ވަރަށް ނާޒުކު ފައްތަރެއްގައި އޮންނަ ގައުމީ މައްސަލައެކެވެ. އެގޮތުން އެންމެ ހިތި ތަޖުރިބާއެއް ކޮށްފައި ވަނީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެއް ބާރު ކަމުގައިވާ އެމެރިކާއެވެ. އެމެރިކާގެ ބަޔަކު ރަހީނުންގެ ގޮތުގައި އީރާނުގައި، ހިފެހެއްޓިފައި ވަނިކޮށް އެމީހުން ސަލާމަތް ކުރަން އެމެރިކަގައި އޭރު އޮތް ސަރުކާރުން އެޅި ފިޔަވަޅު ފުރޮޅިގެން ދިޔައީ އެސަރުކާރުގެ ނިމުން ކަމުގައި ވެގެންނެވެ. ފަހެ، ދަންނާށެވެ! އެހެންވުމާއެކު މިވަރުގަދަ ހާދިސާއަކީ ރައްޔިތުންގެ މަޖިލީހުން އިތުރަށް ތަހުގީގުކޮށް ގައުމީ ފެންވަރެއްގައި ބަލަން ޖެހޭނެ ކަމެކެވެ. މަޖުބޫރު ކަމެކެވެ. ދެންއަންނަ ވެރިކަމަކުން ނަމަވެސް މިތަހުގީގުތައް ކުރަންޖެހޭނެއެވެ. ހަމަ ގައިމުވެސް އަޅުގަނޑުގެ މުޅި އުމުރުގައި މިއަޑު އުފުލާނަމެވެ.

ދާދިފަހުން 1990މ. ގައި މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީން ނެރުއްވި ނޫސްބަޔަނެއްގައި [1988 ނޮވެމްބަރު 3 ގައި، ރާއްޖެއަށް ބޭރުގެ ޓެރަރިސްޓުން ގެނައި ބާޣީންނާ، އެކި ގޮތް ގޮތުން ގުޅުން ހުރި މީހުންނެވެ.] މިގޮތަށް ލިޔުއްވާފައި ވެއެވެ. މީން ދޭހަވާ ގޮތުގައި 3 ނޮވެމްބަރ 1988 ގެ ވަރުގަދަ ހަމަލާއާ، އެކި ގޮތްގޮތުން ގުޅުން ހުރި މީހުން އަޅުގަނޑުމެންގެ ތެރޭގައި އަދި ވެސް އެބައުޅެއެވެ. މިތަނުގައި ހާމަވެގެން މިދަނީ، ހަމައެކަނި ޢާއިލީ ގޮތުން ގުޅޭ ގުޅުން ނޫންކަމަށް ލިބޭ ޤަރީނާއަކީ، ދައުލަތުގެ އަމަން އަމަނާއި، ތަހްގީގުތައް ހިންގަވާ މިނިސްޓްރީއަކުން، ނަސަބާއި ލެއާއި ހުރި ގުޅުމަށް ބައްލައިގެން އެފަދަ ބަޔާނެއްގައި ޢިޝާރާތް ނުކުރައް ވާނެތީއެވެ. އަދި އެއާއެކު ހަސަބާއިނަސަބާ ހުންނަ ގުޅުމަކީ، އެކަކު ކުށެއް ކުރުމުން އޭގެ އަދަބު އޭނާ އާއި ގުޅުންހުރި އަނެއް މީހާއަށް ނުދެވޭނެތީއެވެ. އެއަށް ވުރެ ފުޅާކޮށްނަމަ ދިވެހިންނަކީ އެއް ނަސްލެއްގެ އެއް ސިފައެއްގެ، އެއް ދީނެއްގެ އެއް ބަޔަކަށް ވާތީއެވެ. ފަހެ، އެމީހެއްގެ ކުށް އޮންނާނީ އެމީކަހަކަށެވެ.

ފަހެ، ދަންނާށެވެ! މިގޮތުން އެއަނިޔާވެރި ވަރުގަދަ ހަމަލާގައި ބައިވެރިވެފައި ވަނީ ކިތައް މީހުންތޯއާއި، އެމީހުންގެ ހިއްސާ އެކަމުގައި ވަނީ ކިހާ ބޮޑު ކުޑަމިނެއްގައިތޯ އާއި ހައްޔަރު ކުރަންވީ މީހުންނާއި، ހައްޔަރު ނުވާންވީ މީހުންނަކީ ކޮބާތޯ އާއި އެއީ ކީއްވެގެންތޯ އާއި މިހުރިހާ މައުލޫމާތު ތަކަކީ، ރައްޔިތުންގެ މަޖިލީހަށް ގެންގޮސް ބަހުސްކުރެވި، އަދި ތަހްގީގުކުރެވި ޝަރީޢަތަށް ގެންދަން ޖެހޭނެ ކަންކަމެވެ. ފުރިހަމަ ރިޕޯޓެއް އޮންނަން ޖެހޭނެ ކަމެކެވެ. ރާއްޖޭގެ އޭރުގެ ޚާރިޖއްޔާއިން މިކަމުގެ ފުރިހަމަ ޒިންމާ އުފުލަން ޖެހޭނެއެވެ. އިންޑިޔާ ސިފައިން މިކަމުގައި ހަރަކާތްތެރި ވިލެއް އަވަސްކަމީ، ގިނަ ޝައްކުތަކެއް ހުރިކަމެއް ކަމަށް ފާކިސްތާނުގެ ޖާސޫސީ އިދާރާތަކުން ވަނީ، ހާމަކޮށްފައެވެ. ދިވެހި މުއައްރިޚު ޝަފީގުގޭ ޝަފީގް ވިދާޅުވާ ގޮތުގައި މި ޢުދުވަންތައް ތަހުގީގު ކުރުމަށް އުފެދުނު ކޮމިޝަނުގެ އެއް މެންބަރެއް ކަމުގައިވާ އަލްއުސްތާޛު ޢަބްދުﷲ ޙަމީދު، ކޯފާ ވެގެން ގެއަށް ވަޑައިގަންނަވަން ޖެހުނީ، އެރިޕޯޓުން މިބުނެވޭ މުހިންމު ނަންތައް އުނިކުރުމަށް ހަމަޖެހުމުންނެވެ. އާދެ! މިވަރުގަދަ ހަމަލާއާގުޅޭ އެއްވެސް ސިއްރެއް ރައްޔިތުންގެ މަޖިލީހަށް ނޭނގޭ ގޮތަށް އޮތުމަކީ، ރައްޔިތުން ރުހޭނެ ކަމެއް ކަމަށް އަޅުގަނޑު ނުދެކެމެވެ. ގަބޫލެއް ނުކުރަމެވެ. އަދި އެއްވެސް ދިވެއްސަކު މިކަން ގަބޫލެއް ނުކުރާނެއެވެ. އޭ! ﷲ އެވެ! ރައްޔިތުންގެ މައްޗަށް ފެރިވެގެންދިޔަ ބިރުވެރި، މިހަމަލާގެ ބިއްދަށުގައި ފޮރުވިފައިހުރި ސިއްރުތައް އަޅުގަނޑުމެން ދިވެހީންނަށް ވީހާއަވަހަށް ހާމަކޮށް ދެއްވާށިއެވެ! އާމީން!
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް