ފަހުގެ ޚަބަރު


އިތުރަށް...

ވަހީދަށް ދައުރުގެ މުއްދަތު އިތުރެއް ނުކުރެވޭނެ!

ލިޔުނީ: Unknown - Monday, November 11, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ: ,
ޤާނޫނުއަސާސީގައިވާ ގޮތުގެމަތިން 2008 ނޮވެމްބަރ 11 ގައި ފެށުނު ރިޔާސީ ދައުރު 2013 ނޮވެމްބަރ 10 ވަނަ ދުވަހުގެ ނިޔަލަށް، ނިމުމަކަށް އަތުވެއްޖެކަމުގައި އަންގަވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބުދުﷲ ޝާހިދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ޙަސަން މަނިކަށް ސިޓީއެއް ފޮނުއްވަވައިފިއެވެ.

އަދި މިފަދަ ސިޓީފުޅެއް ފޮނުއްވަން ޖެހިވަޑައިގައިގަތީ ޤާނޫނުއަސާސީއާ އެއްގޮތަށް ޢަމަލުކުރުމަކީ ދައުލަތުގެ ވާޖިބެއްކަމުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާތީ، ދައުލަތުގެ ޤާނޫނު ހެދުމުގެ ބާރުކަމުގައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސްއަކަށްހުރެ މިވާހަކަތައް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ވާޖިބެއްކަމުގައި އަމަނިކުފާނައް ޤަބޫލުކުރެއްވޭތީ ކަމުގައި އެ ސިޓީގައި ވިދާޅުވެފައިވެއެވެ.

އެސިޓީގައި ވިދާޅުވެފައިވަނީ ޤާނޫނުއަސާސީގެ 107 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ރައީސުލްޖުމްހޫރިއްޔާކަމުގެ ދައުރަކީ ފަސް އަހަރު ދުވަސްކަމަށާއި، ޤާނޫނުއަސާސީގެ 262 ވަނަ މާއްދާއަށް ބަލާއިރު، ރައީސުލްޖުމްހޫރިއްޔާކަމުގެ ދައުރަށް އެއްވެސް ބަދަލެއް ގެނައުމަށްޓަކައި، ޤާނޫނުއަސާސީގެ 107 ވަނަ މާއްދާ އިޞްލާޙުކޮށް، ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ ތިންބައިގެ އަޣުލަބިއްޔަތުން ފާސްކުރާ އެއްވެސް ބިލެއް ރައީސުލްޖުމްހޫރިއްޔާއަށް ތަސްދީޤުކުރެވެނީ، އެ އިޞްލާޙު ގެނައުމަށް ރައްޔިތުން ރުހޭތޯ ބެލުމަށް ނަގާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެއްގައި، އެ އިޞްލާޙު ގެނައުމަށް، ވޯޓުދިން މީހުންގެ އަޣުލަބިއްޔަތު ލިބިމުން ކަމަށެވެ.


އަދި، އެ އިޞްލާޙެއް ގެނައުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގައި ވޯޓުދިން މީހުންގެ އަޣުލަބިއްޔަތު ނުލިބިއްޖެނަމަ އެ ބިލެއް ބާޠިލްވީ ކަމަށާއި، އެނޫން ގޮތަކަށް، ރައީސުލްޖުމްހޫރިއްޔާގެކަމުގެ ދައުރުގެ މުއްދަތު އިތުރެއް ނުކުރެވޭނެ ކަމަށެވެ.

އެހެންކަމުން، 2008 ނޮވެމްބަރ 11 ވަނަ ދުވަހުގައި ފެށުނު ރިޔާސީ ދައުރު، 2013 ނޮވެމްބަރ 10 ވަނަ ދުވަހުގެ ނިޔަލަށް ނިމުމަކަށް އައިސްފައިވާކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ސިޓީފުޅުގައި ވިދާޅުވެފައިވެއެވެ. އަދި، ދައުރުގެ މުއްދަތު، ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މެނުވީ އިތުރުނުކުރެވޭނެކަމުގައިވެސް އެ ސިޓީގައި ބަޔާންކުރައްވާފައިވެއެވެ.

ޤާނޫނުއަސާސީގައިވާ އެންމެހައި ކަންތައްތަކަށް ފުރިހަމައަށް ކިޔަމަންވެ ޢަމަލުކުރުމަކީ ދައުލަތުގެ ތިން ބާރުގެ މައްޗަށާއި، ދައުލަތުގެ އެކިއެކި މަޤާމްތަކާ ޙާވާލުވެތިބި މީހުންނާއި އެންމެހައި ރައްޔިތުންގެ މައްޗަށް ޤާނޫނުއަސާސީއިން މަތިކޮށްފައިވާ ވާޖިބެއްކަމެއްވީހިނދު، ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތާ ޚިލާފަށްކުރާ ކޮންމެ ކަމަކީ ބާޠިލްކަމެއްކަމަށް ޤާނޫނުއަސާސީގެ 268 ވަނަ މާއްދާއިން ވަރަށް ސާފުކޮށް އެނގޭ ކަމަށްވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ސިޓީފުޅުގައި ފާހަގަ ކުރައްވާފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސުލްޖުމްހޫރިއްޔާ އަށް ފޮނުއްވި ސިޓީގެ އިތުރުން ހަމަ މިމޭރުމުން މިކަންކަން އަންގަވާ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު ފާއިޒް ޙުސައިން އާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރޖެނެރަލް އަޙްމަދު ޝިޔާމްއާއި، އިލެކްޝަން ކޮމިޝަންގެ ރައީސް އަލްފާޟިލް ފުއާދު ތައުފީޤް އާއި، ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސާ އަލްފާޟިލާ މަރިޔަމް އަޒުރާ އަޙްމަދު އާއި، ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ޑޮކްޓަރ މުޙަންމަދު ލަޠީފް އާއި، ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛު އަޙްމަދު މުޢިއްޒުއާއި، އޮޑިޓަރ ޖެނެރަލް އަލްފާޟިލް ނިޔާޒް އިބްރާހީމް އަދި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް އަލްފާޟިލް ޙަސަން ލުޠުފީއަށް ވެސްވަނީ ސިޓީ ފޮނުއްވާފައެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް