ފަހުގެ ޚަބަރު


އިތުރަށް...

ޖޭޕީގެ އިސް މެމްބަރުން ތަކަކާއި ކުރީގެ އިސްލާމިކް މިނިސްޓަރ ބާރީ އެމްޑީޕީއާއި ގުޅިވަޑައިގެންފި

ލިޔުނީ: ޢަލީ ޔާސިރު - Thursday, November 14, 2013 ކޮމެންޓް 0
ޢަލީ ޔާސިރު
ސޭވްކޮށްފައިވާ ކެޓަގަރީ: ,
ޖޭޕީގެ އިސް މެމްބަރުން ތަކަކާއި ކުރީގެ އިސްލާމިކް މިނިސްޓަރ ބާރީ އާއި ރައީސް ނަޝީދު ބައްދަލުކުރައްވަނީ - ފޮޓޯ: ރާއްޖެ.އެމްވީ
ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.އަބުދުލް މަޖީދު އަބުދުލް ބާރީއާއި، އެމްޑީޕީގެ ކުރީގެ ރައީސް ޑރ.އިބްރާހީމް ދީދީއާއި، ރައީސް ވަހީދުގެ ސަރުކާރުގެ ޓްރާންސްޕޯޓު މިނިސްޓަރުކަން ކުރެއްވި ޑރ.އަހުމަދު ޝަމްހީދާއި މާލޭ ސިޓީ ކައުންސިލުގެ ވިލި މާފަންނޫ ދާއިރާގެ މެންބަރު އަހުމަދު ހަމީދާއި ޖުމްހޫރީ ޕާޓީގެ ކައުންސިލު މެންބަރު މޫސާ ރަމީޒު މިއަދު އެމްޑީޕީއަށް ސޮއި ކުރައްވައިފިއެވެ.

ފަސް ބޭފުޅުން އެމްޑީޕީއަށް ސޮއިކުރެއްވުމަށް މިއަދު މެންދުރު އެމްޑީޕީގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހަންމަދު ނަޝީދު ވިދާޅުވީ ހޮނިހިރު ދުވަހުގެ ބާއްވާ އިންތިހާބު ވަރަށް ތަނަވަސް އަގުލަބިއްޔަތަކުން އެމްޑީޕީ ކާމިޔާބު ކުރާނެކަމަށެވެ.

"މިއީ އަޅުގަނޑުމެންގެ ދެ ވަނަ ބުރުގެ ކެމްޕެއިނަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް. އަޅުގަނޑުމެން ޖުމްހޫރީ ޕާޓީއާއި އެކުވާން ބޭނުންވީވެސް ހަމައެކަނި މިބޭފުޅުންގެ ތާއީދަށްޓަކާ، އަޅުގަނޑުމެންނަށް އެނގޭ އެޕާޓީގައި އެހެން ފިކުރުގެ ބޭފުޅުން ތިއްބަވާކަން. އެހެންވީމަ އެފިކުރުގެ ބޭފުޅުންނާއެކު އަޅުގަނޑުމެންގެ މެނިފެސްޓޯ އަދި އަޅުގަނޑުމެންގެ ސިޔާސަތުތައް ތަންފީޒްކުރުމަށް ވަރަށް ބޮޑަށް ދަތިވީސް،" ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީއަށް ސޮއިކުރެއްވުމަށް ފަހު ޑރ.ބާރީ ވިދާޅުވީ އެޕާޓީގެ މެނިފެސްޓޯގައި އިސްލާމްދީނާއި ގުޅޭގޮތުން ކަނޑައަޅާފައިވާ ސިޔާސަތުތަކާއި އަދި އިޖުތިމާއީ އިގްތިސާދީގޮތުން އެޕާޓީގައި މަސައްކަތްކުރަމުންދާ ޒުވާން ހީވާގި ބޭފުޅުންނަށް ބަލާއިރު ކުރިއަށް އޮތް ފަސް އަހަރަށް އުންމީދުތަކެއް ކުރެވޭކަމަށެވެ. އަދި މިފަހަކަށް އައިސް ރައީސް ނަޝީދުގެ ވާހަކަފުޅުތަކުގައިވެސް އިސްލާމްދީން ކުރިއެރުވުމަށް ވަރަށް ބޮޑު އުންމީދެއް ދެއްވަމުންދާކަމަށް ބާރީ ވިދާޅުވިއެވެ.

"ރައީސް ނަޝީދުއަކީ އަޅުގަނޑަށް އާބޭފުޅެއް ނޫން. އެބޭފުޅާ އަޅުގަނޑާއިމެދު ވިދާޅުވެފައިވާ ވާހަކަފުޅުތަކަކީ ހަގީގަތް. ކެބިނެޓްގައި ވަރަށް ގިނަ ކަންކަމުގައި އަޅުގަނޑު އަރުވާލަފާ އިހްލާސްތެރިކަމާއެކު ބަލައިގަންނަކަން އަޅުގަނޑު މިފުރުސަތުގައި ފާހަގަކޮށްލަން...ދިވެހި ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް، ވަކިން ހާއްސަކޮށް އުމުރާނީ ތަރައްގީއާއި އެހެނިހެން ކުރިއެރުންތައް ލިބިގެން ނޫނީ އިސްލާމްދީނެއްވެސް ކުރިއެއް ނޭރުވޭނެ. އެގޮތުން ވަރަށް އެކަށީގެންވާ ރަނގަޅު ސިޔާސަތެއް އެމްޑީޕީން ހުށަހަޅާފައިވަނީ،" ޑރ.ބާރީ ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ ކައުންސިލުން ނިންމާފައިވާ ގޮތަށް ޕީޕީއެމްއާއި އެޕާޓީ ގުޅިފައިވާއިރު، ޑރ.ޑީޑީ ވިދާޅުވީ އެޕާޓީ ދޫކޮށް އެމްޑީޕީއާއި ގުޅެންޖެހުނީ މައިގަނޑު ދެސަބަބަކާއިހުރެ ކަމަށެވެ. އެގޮތުން ދިވެހި ރައްޔިތުން އަލުން އަނބުރާ 30 އަހަރުގެ މާޒީއަށް ދާންޖޭހޭކަމަށް ގަބޫލު ނުކުރައްވާކަމަށާއި ޕީޕީއެމްގެ ވެރިކަމެއްގައި ޑިމޮކްރެޓިކް ހަމަތައް އޮންނާނެކަމަށް ގަބޫލު ނުކުރައްވާކަމަށްވެސް ޑީޑީ ވިދާޅުވިއެވެ. އަދި އަލުން އަނބުރާ އެމްޑީޕީއާއި ގުޅިވަޑައިގެންނެވީ ޖުމްހޫރީ ޕާޓީ ނުވަތަ އެޕާޓީގެ ލީޑަރާއި އެއްވެސް މައްސަލައެއް އޮވެގެން ނޫންކަމަށެވެސް އޭނާ ވިދާޅުވިއެވެ.

"ތެދުތެދަށް ދަންނަވާކަމަށްވާނަމަ ގާސިމް އިބްރާހިމްގެ 80 ޕަސެންޓް ހިތް އޮތީ އަދިވެސް އެމްޑީޕީއާއެކުގައި. މިއީ ވަރަށް ސާފްކޮށް ފެންނަން އޮތް ހަގީގަތެއް. ނަމަވެސް އެމަނިކުފާނަށް މިއަދު މަޖުބޫރީ ހާލަތެއް މެދުވެރިވެގެން އެނަގަންޖެހުން ޑިޝިޝަނެއް ނެގިފައި އޮތްކަމުގައި ވީނަމަވެސް އެމަނިކުފާނަކީ 1984 ވަނަ އަހަރުން ފެށިގެން މިރާއްޖެއަށް މިރިފޯމް ގެނައުމަށް އެންމެކުރީ ސަފުގައި މަސައްކަތް ކުރެއްވި ބޭފުޅާ، އެބޭފުޅާވެސް ބޭނުންފުޅެއް ނުވޭ މިރާއްޖޭގައި އާއިލީ ވެރިކަމެއް ދެމިގެންދާކަމަށް،" ޑރ.ޑީޑީ ވިދާޅުވިއެވެ.

ރައީސް ވަހީދުގެ ކެބިނެޓްގައި ޓްރާންސްޕޯޓް މިނިސްޓަރުކަން ކުރައްވާފައިވާ ޑރ.ޝަމްހީދު ވިދާޅުވީ އެމްޑީޕީއާއި ގުޅިވަޑައިގެންނެވީ 2008 އަހަރު ރިޔާސީ އިންތިހާބުގައި އެބޭފުޅާ ނިންމެވި ނިންމެވުން އަނެއްކާވެސް ނިންމަވަން ޖެހިވަޑައިގެންނެވުމުން ކަމަށެވެ. އަދި އަލުން 30 އަހަރުގެ މާޒީއަށް ރުޖޫއަވާން ޖެހޭ އެއްވެސް ސަބަބެއް އޮތްކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށާއި ގާސިމްގެ ނިންމުމަކީވެސް ހިތާއި ދެކޮޅަށް މަޖުބޫރީ ހާލަތުގައި ނިންމެވި ނިންމެވުމެއް ކަމަށެވެ.

ސީޓީކައުންސިލް މެންބަރު އަހްމަދު ހަމީދު (ފުލައި) ވިދާޅުވީ 30 އަހަރުގެ ވެރިކަން ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ހަންދާން ނެތިގެން ނުދާކަމަށާއި އެމްޑީޕީއާއި ގުޅުމަށް ނިންމީ 2008 ވަނަ އަހަރުވެސް އިސްލާހަށް މަސައްކަތްކުރި ވިސްނުމުގައި ކަމަށެވެ.

"ޖުމްހޫރީ ޕާޓީން އަދި ކޮންމެ ގޮތަކަށް ނިންމިނަމަވެސް، އަޅުގަނޑުމެންނަކީވެސް ހަމަވިސްނޭ ބަޔަކަށް ވާތީ އަދި ސިޔާސީ ގޮތުން ކުރިއަށްދާން ބޭނުންވާ މީހަކު ޖޭޕީގައި ހުރިނަމަ އަޅުގަނޑުދަންނަވަނީ އެމްޑީޕީއާއި އޭގުޅެން ޖެހޭނީ... ޖުމްހޫރީ ޕާޓީގެ ކައުންސިލުން ވަކިބައެއްގެ ނުފޫޒުން ވަކި ކޮޅަކަށް ދާން ނިންމިއަސް އެކަމަކީ އަޅުގަނޑުމެން ގަބޫލުކުރާނެ ކަމެއް ނޫން. އޭރުން އިސްލާހަށް އަޅުގަނޑުމެން ކުރި މަސައްކަތް ފުނޑުފުނޑުވެގެން ދިޔައީ،" ފުލައި ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ ސްޕޯކްސް ޕާސަންގެ މަގާމުގައި ހުންނެވި މޫސާރަމީޒް (މޫސަބޭ) ވިދާޅުވީ "ބައްޕަ ވެރިކަން ކޮށްފައި، ދަރި ވެރިކަންކޮށްފައި، ބޭބެ ވެރިކަން ކޮށްފައި، ކޮއްކޮ ވެރިކަށްކޮށް، އިނދެގެން އުޅޭ ބޭރު މީހާއަށް ގައުމު ހިންގަން ދީގެން، އާއިލީ ވެރިކަމެއް މިތާގާއިމް ކުރާކަށް،" އޭނާ އެދިވަޑައިނުގަންނަވާ ކަމަށެވެ.

ޖުމްހޫރީ ޕާޓީން ޕީޕީއެމްއަށް ތާއީދުކުރުމަށް ނިންމީ ގާސިމް އިބްރާހިމް އަށް ކުރިމަތިވެވަޑައިގެންނެވި މަޖުބޫރީ ހާލަތެއްގެ ސަބަބުން ކަމަށް ތަކުރާރުކޮށް އެބޭފުޅުން ވިދާޅުވިނަމަވެސް އޭގެ އެއްވެސް ތަފްސީލެއް ހާމައެއް ނުކުރައްވައެވެ. ނޫސްވެރިންގެ ސުވާލުތަކާއި ގުޅިގެން ޑީޑީ އިތުރަށް ވިދާޅުވީ މަސްލަހަތަށްޓަކާ އޭގެ ތަފްސީލްތައް މިވަގުތު އަދި ގާސިމްގެ އިޒްނަނެތި އަމުދުން ހާމަކުރައްވަން ބޭނުންފުޅުވެވަޑައި ނުގަންނަވާ ކަމަށެވެ.

"އެ ހާމަކުރަންޖެހޭ ދުވަހަކުން ގާސިމް އިބްރާހިމްގެ އިޒްނައާއެކު އެކަން އަޅުގަނޑު ހާމަކުރާނަން... އެމަނިކުފާނުގެ ހިތް އެނބުރި ތިރީހަށް ނުދާނެކަމާއިމެދު ޝައްކެތްނެތް، އެއީ ޔަގީން ކަށަވަރުކަމެއް. ގާސިމް އިބްރާހިމް އަދިވެސް ހުންނެވީ އެމްޑީޕީއާއި ރިފޯމިސްޓުންނާއެކީގައި،" ޑރ.ޑީޑީ ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެން އެމްޑީޕީއަށް ސޮއިކުރެއްވި ބޭފުޅުން ގާސިމް ހުންނެވީ އެމްޑީޕީއާއެކުގައި ކަމަށް ވިދާޅުވިނަމަވެސް ޖުމްހޫރީ ޕާޓީގެ ނިންމުމާއި ގުޅިގެން ރައީސް މައުމޫންއާއި ޔާމީން އަދި ޖަމީލްގެ އިތުރުން ގާސިމް އިބްރާހިމް ބައިވެރިވެވަޑައިގެން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެގައި ގާސިމް ގޮވާލައްވާފައިވަނީ އެމަނިކުފާނަށް ތާއީދުކުރައްވާ ހުރިހާ ބޭފުޅުން ޕީޕީއެމްއަށް ވޯޓް ދެއްވުމަށެވެ. 

މީގެ އިތުރުން ޖުމްހޫރީ ޕާޓީގެ ރަނިންމޭޓް ކަމަށް ވާދަކުރެއްވި ޤައުމީ ޕާޓީގެ ރައީސް ޑރ.ހަސަން ސައީދުގެ ބޭބެ ހުސެއިން ސައީދުވެސް ވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދަށް ތާއީދުކުރަން ނިންމަވާފައެވެ.

މިއަދު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ހުސެއިން ސައީދު ވިދާޅުވީ މިވަގުތު އެންމެ އިސްކަމެއް ދީގެން މަސައްކަތް ކުރަން ބޭނުންވަނީ ޤައުމުގައި ޑިމޮކްރަސީ ދެމެހެއްޓުން ކަމަށްވާތީ އެމްޑީޕީއަށް ތާއީދު ކުރަން ނިންމީ ކަމަށެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް