ފަހުގެ ޚަބަރު


އިތުރަށް...

އިލެކްޝަންސް ކޮމިޝަން މިނިވަން، އިންސާފުވެރި އިންތިޚާބަކަށް ހެދުމަށް އިލެކްޝަންސް ކޮމިޝަނުން އެދެފި

ލިޔުނީ: Unknown - Saturday, November 16, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ: ,
މާދަމާ އޮންނަ ރިޔާސީ އިންތިޚާބު މިނިވަން، އިންސާފުވެރި، އަދި ދެ ފުށް ފެންނަ އިންތިޚާބަކަށް ހެދުމަށް ދިވެހި ރައްޔިތުންގެ ކިބައިން އިލެކްޝަންސް ކޮމިޝަނުން މިރޭ އެދެފި އެވެ.

އިންތިޚާބުގެ ކެމްޕެއިން ނިންމާލަން ޖެހޭ ގަޑި ކަމަށްވާ އިރުއޮއްސި ހައެއް ޖެހުމާ އެކު، އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ދެއްކެވި ވާހަކާގައި އޭނާ ވިދާޅުވީ ކޮމިޝަނަށް ލިބިފައިވާ ހުރިހާ ރިސޯސެއް ބޭނުންކޮށްގެން މަސައްކަތްކޮށްފައި ވާނީ ވޯޓު ލާ މީހުންނަށް ފަސޭހަވާނެ ގޮތަކަށް ކަމަށެވެ. އެހެންނަމަވެސް ބައެއް ފަހަރަށް ދިމާވެދާނެ ކަމަކުން، ގިނަ އިރު މަޑުކޮށްލަން ޖެހުނަސް އެކަމާ ކެތްތެރިވުމަށް އޭނާ ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

"މާދަމާގެ އިންތިޚާބަކީ އިންސާފުވެރި، ދެ ފުށް ފެންނަ، މިނިވަން އިންތިޚާބަކަށް ހެދުމަށް ރައްޔިތުން އެއްބާރުލުން ދެއްވާނެ ކަމަށް އުއްމީދުކުރަން،" ފުއާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މާދަމާގެ އިންތިޚާބުގައި ވޯޓު ލުމަކީ ކޮންމެ މީހެއްގެ ވެސް ފަރުދީ ޒިންމާއެކެވެ. އެހެންކަމުން އެ ޒިންމާ އުފުލުމަކީ ގައުމީ ކަމެއްގެ ގޮތުގައި ބައިވެރިވެދިނުމަށް ވެސް އޭނާ އެދިވަޑައިގަތެވެ.

ފުއާދު ވިދާޅުވީ ނޮވެމްބަރު 15 ވަނަ ދުވަހުގެ ހަވީރު ހަޔަކުން 17 ވަނަ ދުވަހުގެ ހެނދުނު ހަޔަކާ ދެމެދު އެއްވެސް ގޮތަކުން ކެމްޕޭންކުރުމަކީ ގާނޫނީ ގޮތުން މަނާކަމެކެވެ. އެހެންކަމުން ސޯޝަލް މީޑިއާގެ ޓްވިޓާ ނުވަތަ ފޭސްބުކް ފަދަ އެއްޗެއް ބޭނުންކޮށްގެން ވެސް ކެމްޕޭން ނުކުރުމަށް އޭނާ އެދިވަޑައިގަތެވެ. އަދި އެސްއެމްއެސް މެދުވެރިކޮށްގެން ވެސް ކެމްޕޭންގައި ދެން ބައިވެރިނުވެވޭނެ ކަމަށް ވިދާޅުވި އެވެ.

ފުއާދު ވިދާޅުވީ "އެއްވެސް ބޭފުޅަކު ގާނޫނީ މައްސަލައެއްގެ ތެރެއަށް ވަދެވަޑައިގަތުމަކީ" އެދޭ ކަމެއް ނޫން ކަމަށެވެ.

"އެފަދަ ކަންކަމުން ދުރުހެލިވާން ޖެހޭ ވަގުތެއް މިއީ،" ކެމްޕޭންކުރުން މަނާ ވަގުތާ ބެހޭ ގޮތުން ފުއާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މާދަމާ ކޮންމެ މީހަކު ވެސް ރީތި އަޚުލާގު ދެއްކުން ވެސް މުހިންމެވެ.

"ކިއޫގައި ތަންކޮޅެއް ގިނަ އިރު މަޑުކޮށްލަން ޖެހުނަސް އެކަމުގައި ވެސް އެއްބާރުލުން ދެއްވުން އެދެން،" ފުއާދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މަސައްކަތްކޮށްފައި ވާނީ ހުރިހާ ވޯޓު ފޮއްޓެއް ވެސް ނިމޭ ވަރަށް މީހުން ހަމަޖައްސަން. އަޅުގަނޑުމެންގެ އަތުގައިވާ ރިސޯސްތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކޮށްގެން އެންމެ ބޮޑު އެހީތެރިކަމަކާއި ފަސޭހައެއް ދެވެން ކުރެވެން ހުރި ވަރަކަށް މަސައްކަތް ވާނީ ކޮށްފައި. އެކަމަކު އަތުން ދޫވެފައިވާ ކަމެއް ވާ ނަމަ ތިޔަ ބޭފުޅުން މައާފުކުރައްވާނެ ކަމަށް އުއްމީދުކުރަން."
ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް