ފަހުގެ ޚަބަރު


އިތުރަށް...

ނޭވާ ހިނގާހާ ހިނދަކު އެހެން ދީނަކަށް ޖާގައެއް ނޯންނާނެ: ނަޝީދު

ލިޔުނީ: Unknown - Friday, November 15, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ: ,
އެމްޑީޕީ މެންބަރުންގެ ނޭވާ ހިނގާހާ ދުވަހަކު ދިވެހި ރާއްޖޭގައި އިސްލާމްދީން ފިޔަވާ އެހެން ދީނަކަށް ޖާގައެއް ނޯންނާނެކަމަށް އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކެމްޕެއިން ޖަލްސާތައް ނިންމާލުމުގެ ގޮތުން ރާޅުގަނޑު ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުހަންމަދު ނަޝީދު ވިދާޅުވީ ވާދަވެރި ފަރާތްތަކުން ރައްޔިތުންނަށް ކޮށްދޭނެކަންތައްތައް ބުނެދިނުމުގެ ބަދަލުގައި ނިމިގެންދިޔަ ދިގު ކެމްޕެއިންގައި އިސްލާމްދީން ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށްފައިވާކަމަށެވެ. އަދި ކޮންމެ ޕާޓީއެއް ރާއްޖޭގެ ވެރިކަމުގައި އޮތްނަމަވެސް އިސްލާމްދީން ނޫން އެހެން ދީނަކަށް ރާއްޖޭގައި ފުރުސަތު ލިބޭއިރު، "އަޅުގަނޑުމެންގެ" ނޭވައި ނުހިނގާނެކަމަށާއި އިސްލާމްދީނުގެ ހިމާޔަތުގައި ޖާނާއި މާލުން ގުރުބާން ވެވަޑައިގަންނަވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ދިވެހިންގެ ހިތްތަކާއި ކުޅެލުމައްޓާކާ އިސްލާމްދީން ހަތިޔާރެއްގެ ގޮތުގައި މިދިޔަ ދިގު ކެމްޕެއިންގައި އެބޭފުޅުން އެގެންދަނީ ބޭނުން ކުރައްވަމުން. ކަނޑައެޅިގެން ދޮގުވާހަކަ މިރާއްޖޭގައި ފަތުރަމުން. ލާދީނީ ބައެއްގެ ގޮތުގައި އަޅުގަނޑުމެން ސިފަކުރަމުން، އަދި މިދިވެހި ރާއްޖޭގައި އެހެން ދީންތަކަށް ޖާގަދޭނެ ބަޔަކު މިރާއްޖޭގައި ތިބިކަމަށް ވާހަކަ ދައްކަމުން. އަޅުގަނޑު ޔާގީންކޮށް އަރުވަން އަޅުގަނޑުމެންގެ ނޭވާ ހިނގާހާ ދުވަހަކު އިރާދުކުރެއްވިޔާ މިރާއްޖެއަކު އެހެން ދީނަކަށް ޖާގައެއް ނޯންނާނެ،" ނަޝީދު ވިދާޅުވިއެވެ.

ލާދީނީ ބައެއްގެ ގޮތުގައި އެމްޑީޕީގެ މެންބަރުން ދެއްކުމަށް ވާދަވެރިން ކުރަމުންދާ މަސައްކަތްތަކަށް އިޝާރަތްކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ އިސްލާމްދީން ކުރިއެރުވުމަށް އިސްލާމިކް މިނިސްޓްރީއެއް އުފައްދައިދިނުމަށް ދީނީ އިލްމުވެރިން ތަކުރާރުކޮށް އެދުނު އެދުމާއި ރައީސް މައުމޫންގެ 30 އަހަރުގެ ވެރިކަމުގައި ދެކޮޅު ހައްދަވާފައިވާކަމަށެވެ. ނަމަވެސް އެމްޑީޕީގެ ވެރިކަމުގައި ފުރަތަމަ ފަހަރަށް ރާއްޖޭގައި އިސްލާމިކް މިނިސްޓްރީއެއް އުފައްދާ ދީނީގޮތުން ދަންނަ ބޭކަލަކާއި އެމިނިސްޓްރީ ހިންގުން ހަވާލުކޮށް، ހުތުބާ ކިޔުމުގެ މިނިވަންކަން ދީނީ އިލްމުވެރިންގެ އަތްމައްޗަށް ދޫކޮށްލެއްވިކަމަށް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ކެބިނެޓްގައި، ތަކުރާރުކޮށް އަޅުގަނޑު ދަންނަވާނަން ވީތޯގެ ބާރު، ނޫނެކޭ ބުނުމުގެ ބާރު ލިބިވަޑައިގެން ހުންނެވީ އެންމެ ވަޒީރަކަށް، އެއީ އިސްލާމިކް މިނިސްޓްރީގެ ވަޒީރަށް، ޑރ.ބަރީއަށް. އަބަދުވެސް އަޅުގަނޑުމެންގެ ސަރުކާރުގައި ކަންކަން ކުރަމުންގެންދިޔައީ އިސްލާމްދީނުގެ މަތިވެރި އުސޫލުގެ މަތިން. ކުރިއަށް އޮތްތަނުގައިވެސް އަޅުގަނޑުމެންގެ ސަރުކާރެއްގައި ކަން ހިނގަމުންދާނީ އެ މަތިވެރި އުސޫލުގެ މަތިން،" ރައީސް މުހަންމަދު ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ވެރިކަމުގައި އިސްލާމްދީން ކުރިއެރުވުމަށް ކުރައްވާފައިވާ މަސައްކަތްތަކަށް ބައްލަވާލައްވަމުން ލޯފެކަލްޓީއާއި އަރަބިއްޔާގެ އާއިމާރާތުގެ އިތުރުން ސްކޫލްތަކުގައި ނަމާދުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާއި މިސްކިތްތައް ބިނާކުރެއްވުމަށް ކުރެއްވި މަސައްކަތްތައް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. އަދި އެމްޑީޕީއާއި ގުޅުވައިގެން ވާދަވަރިން ދައްކަމުންދާ ހަގީގަތާއި ހިލާފު ވާހަކަތަކުގެ ގެއްލުން ލިބެނީ އެމްޑީޕީއަށް ނޫންކަމަށާއި އެއީ މިގައުމުގެ އަންނަން އޮތް ޖީލުތަކުގެ ހިތްތަކުން އިސްލާމްދީނަށް އޮތް ގަދަރު ގެއްލުވާލުމަށް ކުރެވޭ މަސައްކަތްތަކެއް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ. އަދި އެކަން ހުއްޓާލެއްވުމަށް އާދޭހާއެކު އެދިވަޑައިގަންނަވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އޭގެ ގެއްލުން މިޕާޓީއަށް ނުލިބޭކަމުގެ އެންމެ ވަރުގަދަ ހެއްކަކީ، ދަލީލަކީ 96،000 ވުރެ ގިނަ ރައްޔިތުން މިޕާޓީއަށް ވޯޓް ދިނުން. އެހެން ނަމަވެސް އަޅުގަނޑުމެންގެ ރާއްޖެއަށް ވަރަށް ބޮޑު ގެއްލުމެއް އެބަލިބޭ. އަޅުގަނޑު ދަން ރާއްޖޭގޭ ކޮންމެ މަދަރުސާއަކަށްވެސް. އުމުރުން 18 އަހަރު ނުވާ އެތައް ކުދީންނަކާއި އަޅުގަނޑާއި ބައްދަލުވޭ. ލާދީނީ ވާހަކަ ތަކުރާރުކޮށް ތަކުރާރުކޮށް ދެއްކީމައި އަޅުގަނޑުމެންގެ ޒުވާން ހިތްތަކުގައި އުފެދެނީ ސުވާލު، އެކުދިން އަހަނީ މިއީ ކޮންވާހަކައެއްތޯ މިދައްކަނީ. އެހެންދީންތައް ގެންނަ ވާހަކަ ދެއްކީމައި އެކުދިން އަހަނީ މިއީ ކޮންވާހަކައެއް ތޯ މިދައްކަނީ. ނަތީޖާއަކަށްވަނީ އެކުދިން އެމަގަށް ލެބުމުގެ ފުރުސަތު ފަހިވެގެން ހުޅުވިގެންދަނީ،" އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ މެނިފެސްޓޯއަށް އިޝާރަތްކުރައްވަމުން ނަޝީދު ވިދާޅުވީ ހަލާލު މަސައްކަތުން ދިރިއުޅޭ ދިވެހި ރައްޔިތަކުން ބިނާކުރުމަށް އެމްޑީޕީން މަސައްކަތް ކުރާނެކަމަށެވެ. އަދި ފަނޑީޔާރުގެތައް އިސްލާހުކޮށް އިންސާފްވެރި ޝަރީއަތެއް ރައްޔިތުންނަށް ލިބޭނެ މަގުވެސް އެމްޑީޕީން ފަހިކުރާނެކަމަށާއި މުޅިން އާ ގައުމިއްޔަތެއް ބިނާކުރައްވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑު މިމަގާމާއި މިކުރިމަތިލަނީ ފިސާރި ކެރިހުރެ. އަޅުގަނޑަށް މިރާއްޖޭގެ ހަގީތަތްތައް އެނގިހުރެ. އަޅުގަނޑު ދެނެހުރިން މިރާއްޖޭގެ ތާރީހް. އަޅުގަނޑަށް އެނގޭ މިރާއްޖޭގެ ރައްޔިތުންގެ އުންމީދުތައް، ޒުވާނުންގެ އިހްސާސްތައް. މިރާއްޖޭގެ މެދު އުމުރާއި ހަރު މީހުންގެ އުންމީދުތައް، ކަންބޮޑުވުންތައް. އަޅުގަނޑު މިރާއްޖޭގެ ވެރިކަމަށް މިކުރިމަތިލަނީ އިރާދުކުރެއްވިޔާ އިންސާފްވެރިކަމާއެކު އެކަން ކޮށްދިނުމަށް. އަޅުގަނޑު ތިޔަ ބޭފުޅުންގެ ހަޒާނާއިން ލޯލާރިއެއްގައިވެސް ނުޖެހޭނަން،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް