ފަހުގެ ޚަބަރު


އިތުރަށް...

ވޯޓަރސް ލިސްޓްގައި ސޮއި ނުކުރަން މިފަހަރުވެސް ޕީޕީއެމް އާއި ޖޭޕީން ބަހަނާ ދައްކަން ފަށައިފި

ލިޔުނީ: ޢަލީ ޔާސިރު - Wednesday, November 6, 2013 ކޮމެންޓް 0
ޢަލީ ޔާސިރު
ސޭވްކޮށްފައިވާ ކެޓަގަރީ: ,
އަންނަ ހޮނިހިރު ދުވަހު ބާއްވަން ހަމަޖެހިފައިވާ އިންތިހާބުގައި ވޯޓު ފޮށިތައް ކައިރިއަށް ފޮނުވާ ލިސްޓުތަކުގައި ސޮއި ނުކުރުމަށް މިފަހަރުވެސް ޖުމްހޫރީ ކޯލިޝަނާއި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑީވްސް އިން ބަހަނާތައް ދައްކަން ފަށައިފި އެވެ.

ޖުމްހޫރީ ގުޅުމުން ބުނީ އެ ގުޅުމުގެ ކެންޑިޑޭޓް ގާސިމް އިބްރާހީމް ގެ ފަރާތްޕުޅުން ސޮއި ކުރައްވާނީ ރީރަޖިސްޓްރޭޝަނަށް ހުށަހެޅި ހުރިހާ ފޯމުތައް ވެރިފައިކޮށް މައްސަލަ ހުރި ފޯމުތައް ބާތިލު ކުރުމުން ކަމަށެވެ. ޖޭޕީން މިހެން ބުނަމުންދާއިރު ޕީޕީއެމް އިން ބުނީ ފިންގަޕްރިންޓް ސައްހަތޯ ބަލަން އިލެކްޝަންސް ކޮމިޝަނަށް ހުށައެޅި 6000 ފޯމްގެ ފިންގަޕްރިންޓް ސައްހަތޯ ކޮމިޝަނުން ބަލައިދޭންޖެހޭނެ ކަމަށެވެ.

ޖުމްހޫރީ ގުޅުމުން އެހެން ބުނެފައިވަނީ އެޕާޓީގެ ސެކެރެޓަރީ ޖެނެރަލް ހަސަން ޝާހް ސޮއި ކުރައްވާ ފޮނުއްވި ސިޓީއެއްގައެވެ. ޖުމްހޫރީ ޕާޓީގެ ސެކެރެޓަރީ ޖެނެރަލް ސޮއި ކުރައްވާ ފޮނުއްވާފައިވާ މިސިޓީގައި ބުނެފައިވަނީ، ވެރިފައި ކުރަން އިލެޝަނުން ފޮނުވި ފޯމުތައް ވެރިފައި ކުރުމަށްފަހު ފުލުހުން ފޮނުވާފައިވާ ރިޕޯޓުން ކަންތައްތަކެއް ފާހަގަ ކުރެވިފައިވާ ކަމަށް އެޕާޓީއަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެގޮތުން 12000 ފޯމުގައި އިނގިލީގެ ނިޝާން ޖަހާފައިވަނީ ކޮން ބައެއްގެ ކަން ސާފު ނުވާ ކަމަށެވެ. އަދި 3000 ފޯމުގައި އިނގިލީގެ ނިޝާން ޖަހާފައިވަނީ ފޯމު ހުށަހެޅި ފަރާތުން ނޫން ކަމަށް ވެސް މިސިޓީގައި ބުނެފައިވެއެވެ.

ކުރިން ޖުމްހޫރީ ގުޅުމުން ބުނެފައިވަނީ ފަހެއް އިންސައްތަ ވެރިފައި ކުރަން ޖެހޭނެ ކަމަށެވެ. އިލެކްޝަނުންވަނީ 9152 ވެރިފައި ކޮށްފައެވެ. އޭގެތެރެއިން މައްސަލަ ހުރި ކަމަށް ފާހަގަ ކުރެވިފައިވަނީ ފޯމުގެ ތެރެއިން މައްސަލަ ހުރި ކަމަށް ފާހަގަވެފައިވަނީ 294 ފޯމެއްގައި ކަމަށެވެ. އެފޯމުތަކުގައި ވެސް ޖަހާފައިވަނީ އެހެން މީހެއްގެ އިނގިލީގެ ނިޝާންކަން ފުލުހުން ބުނެފައި ނުވާތީ އެފޯމުތަކުގެ ވެރިފަރާތްތަކަށް ކޮމިޝަނުން ގުޅާ އެފަރާތްތަކުން ފޯމު ހުށަހެޅިކަން ޔަގީންކޮށް އެފަރާތްތަކަށް ވެސް ވޯޓު ދެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް އިލެކްޝަނުން މައުލޫމާތުދެއެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުގެ މަންދޫބު އަބުދުﷲ އަމީން ވިދާޅުވީ، ޕީޕީއެމްއިން ފޯމްތައް ހުށައެޅީ ޝަކުވާގެ މުއްދަތުގައި ނޫންކަމަށް ބުނި ނަމަވެސް އެއީ ކަނޑައެޅިގެން ދޮގެއް ކަމަށާއި އެ ފޯމްތަކުގެ ފިންގަޕްރިންޓް ސައްހަތޯ ބަލަން ޕީޕީއެމުން ބޭނުންވާކަމަށެވެ.

"އަޅުގަނޑުމެން ފޯމްތައް ފޮނުވާފައިވާނީ ޝަކުވާ ހުށައެޅުމުގެ މުއްދަތުގެ ތެރޭގައި. އަދި ކޮމިޝަނުން ވެރިފިކޭޝަނަށް ވެސް މައުލޫމާތު އެއްކުރުމުގެ ވެސް ކުރިން އަޅުގަނޑުމެން ފޮނުވާފައިވަނީ. ވެރިފައި ކުރުމުގެ މައިގަނޑު ރޫހަކީ ކެނޑިޑޭޓުންގެ އިތުބާރު ލިބޭ ގޮތަކަށް، ކެނޑިޑޭޓުންގެ ބައިވެރިވުން އޮވެގެން އެކަން ކުރުން،" އަމީން ވިދާޅުވި އެވެ.

އަމީން ވިދާޅުވީ ފިންގަ ޕްރިންޓްވެރިފައި ކުރަންޖެހެނީ ވެސް ކޮމިޝަނާއި މެދު އިތުބާރު ގެއްލިފައިވާތީ ކަމަށާއި އެއީ ކޮމިޝަނުން ބޭނުންވާ ވަކި ފޯމްތަކެއް ނަގައިގެން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަމީން ވިދާޅުވީ، ފޯމްތައް މީގެ ހަ ދުވަސްކުރިން ޕީޕީއެމްއިން ކޮމިޝަނަށް ހުށައަޅައި ސިޓީ ފޮނުވާފައިވާއިރު އޭގެ ޖަވާބު ލިބުނީ އިއްޔެރޭ މީޑިޔާ މެދުވެރިކޮށް ކަމަށާއި އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ޕީޕީއެމްއިން ހުށައެޅި 6000 ފޯމުގެ ފިންގަޕްރިންޓް ސައްހަކަން ނުބަލާ ގޮތަށް ނިންމާފައިވާ ކަމުގައި އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ އިއްޔެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. އެކޮމިޝަންގެ ޑިރެކްޓަރު އައިމިނަތު މަޖުދާ ވިދާޅުވީ، ޕީޕިއެމްއިން ހުށައެޅި ފޯމްތައް ހުށައެޅީ ޝަކުވާގެ މުއްދަތު ފަހަނަ އަޅައިދިޔަ ފަހުން ކަމަށާއި، އޭގެ އިތުރުން އެ ފޯމްތަކުގެ ވެރިފަރާތުގެ ގޮތުގައި ހިމެނޭ އެއްވެސް ފަރާތަކުން ޝަކުވާއެއް ވެސް ހުށައަޅާފައި ނުވާ ކަމަށެވެ. އަދި ރީރެޖިސްޓްރޭޝަނަށް ހުށައެޅި 10 ފޯމްގެ ފިންގަޕްރިންޓް ސައްހަތޯ މިހާރު ބެލިފައިވާތީ އާއި، އިތުރަށް ފޯމްތަކެއް ފޮނުވައިގެން ބަލާނަމަ ވޯޓާސް ލިސްޓް ފައިނަލްކޮށް ނިންމުމަށް ވެސް ދަތިވާނެތީ، އެ ފޯމްތައް ވެރިފައި ނުކުރުމަށް ކޮމިޝަނުން ނިންމީ ކަމަށާއި އެކަން ޕީޕީއެމްއަށްވެސް އަންގާފައިވާނެ ކަމަށެވެ.

"ފޯމުގެ ވެރިފަރާތްތަކުން އެއްވެސް ޝަކުވާއެއް ޝަކުވާގެ މުއްދަތުގައި ހުށައަޅާފައިނުވާތީ، އަދި ވަގުތު ވެސް ނެތުމާއެކު އަޅުގަނޑުމެން ޕީޕީއެމްއަށް އަންގާފައި އޮންނާނީ، މިފަހަރު އެފޯމްތައް ޕްރޮސެސްކޮށް ވެރިފައި ކުރެވެން ނެތްކަމަށް،" މަޖުދާ ވިދާޅުވި އެވެ.

މަޖުދާ ވިދާޅުވީ، ރީރެޖިސްޓްރޭޝަނާއި ގުޅިގެން ޝަކުވާ ހުށައެޅުމަށް ހުޅުވާލި ފުރުޞަތުގައި ހުށައެޅިފައިވަނީ 213 ޝަކުވާ ކަމަށެވެ. އޭގެ ތެރެއިން 93 ޝަކުވާއަކީ ރީރެޖިސްޓްރީ އާއި ގުޅޭގޮތުން ހުށައެޅި ޝަކުވާ ކަމަށެވެ. އަދި 21 ފަރާތަކުން އެމީހުން އެދުނު ތަންނޫން އެހެންތަންތަނަށް ރަޖިސްޓްރީވެފައިވާތީ، އެކަން ހިނގާފައިވާ ގޮތް ބަލައި އިސްލާހު ކުރެވުނު ކަމަށެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް