ފަހުގެ ޚަބަރު


އިތުރަށް...

ގާސިމާއި ޔާމީން ލިސްޓުގައި ސޮއި ނުކުރެއްވިއަސް އިންތިހާބު އޮންނާނެ: ނަޝީދު

ލިޔުނީ: ޢަލީ ޔާސިރު - Wednesday, November 6, 2013 ކޮމެންޓް 0
ޢަލީ ޔާސިރު
ސޭވްކޮށްފައިވާ ކެޓަގަރީ: ,
އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ތައްޔާރުވަމުން އަންނަ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓުގައި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހީމާއި ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުﷲ ޔާމީން ސޮއި ނުކުރެއްވިއަސް އިންތިހާބު އޮންނާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.

ވިލިމާލޭގައި ބޭއްވި ކަންމަތީ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ ރައްޔިތުންނަށް ވޯޓު ދިނުމުގެ ހައްގު ކަށަވަރުކޮށްދިނުމަކީ އިލެކްޝަންސް ކޮމިޝަނުގެ މަސްއޫލިއްޔަތެއް ކަމަށެވެ. އެއީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ހައްގެއް ނޫން ކަމަށާއި ރައްޔިތުންނަށް ވޯޓުލެވޭނެ ގޮތް ހަމަޖެއްސުމަކީ ވެސް ކެންޑިޑޭޓުންނާ ގުޅޭ ކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ.

ގާސިމާއި ޔާމީން ވޯޓާސް ލިސްޓުގައި ސޮއިނުކުރައްވަން އުޅޭ ވާހަކައަކީ އެމަނިކުފާނު އަޖައިބުވެވަޑައިގަންނަވާ ވާހަކައެއް ނޫން ކަމަށާއި އިންތިހާބުގައި އެމަނިކުފާނާ ވާދަކުރައްވަން އެ ދެ ބޭފުޅުންނަށް ކެރިވަޑައިނުގަންނަވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އެއީ ދެ ބޭފުޅުން ވެސް އެއް ބުރުން ބަލިކުރައްވާނެކަން އެނގިވަޑައިގަންނަވާތީ އެވެ.

"ގާސިމަކަށް ޔާމީނަކަށް ކެރިވަޑައެއް ނުގަންނަވާނެ އަޅުގަނޑާ އެއް ރޭހަކަށް ނުކުންނަވާކަށް. އެ ދެ ބޭފުޅުންނަށް އަޅުގަނޑުގެ ހަގީގަތް މާބޮޑަށް ސާފުވާނެ. ހާއްސަކޮށް ގާސިމަށް އެނގިވަޑައިގަންނަވާނެ ބޮޑު ބައްޔަކުން އަޅުގަނޑު އެ ބޭފުޅާ ބަލިކޮށްލާނެކަން،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ޔާމީނު ވެސް ސްކޫލުގައި އުޅުނު ދުވަސްވަރުން ފެށިގެން އެނގިވަޑައިގަންނަވާ ކަމަށާއި އިންތިހާބެއްގައި ވާދަކުރިއަސް ކުޅިވަރެއް ކުޅުނަސް ޔާމީން ބަލިކުރައްވާފައިވާނެ ކަމަށެވެ. ގާސިމާއި ޔާމީން އިންތިހާބުގައި ވާދަކުރެއްވުމަށް ހުއްޖަތުތައް ދައްކަވަނީ ވާދަކުރައްވަން ކެރިވަޑައިނުގަންނަވާތީ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑަށް ޔަގީން ކަށަވަރު ކުރިއަށް މިއޮތް އިންތިހާބުގައި ގާސިމް އިބްރާހީމަކަށް 25،000 ހާސް ވޯޓު ވެސް ނުލިބޭނެ. އެއާހިލާފަށް އަޅުގަނޑުމެން ޔަގީންކޮށް އަރުވަން 125،000 ވޯޓު ނޮވެމްބަރު ނުވަ ވަނަ ދުވަހު އެމްޑީޕީ ނަގާނެ،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ގާސިމާއި ޔާމީން އިންިތިހާބުގައި ވާދަނުކުރެއްވި ނަމަވެސް އަންނަ ހޮނިހިރު ދުވަހު، ވޯޓުލުމުގެ ހައްގު ލިބިފައިވާ ގިނަ ބަޔަކު ނުކުމެ އެމްޑީޕީ އަށް ވޯޓު ދޭނެ އެވެ. އިންތިހާބުގައި ވޯޓުލުމަށް ނިކުންނަ 80 ޕަސެންޓަށް ވުރެ ގިނަ މީހުންގެ ތެރޭގައި ގާސިމްގެ އަނބިކަނބަލުންނާއި ޔާމީންގެ އާއިލީ ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ސެޕްޓެމްބަރު ހަތެއްގައި ބޭއްވި އިންތިހާބަށް ފަހު ޖުމްހޫރީ ޕާޓީ އާއި ޕީޕީއެމްގެ ޖަގަހަތައް އަންނަނީ ރީނދޫ ވަމުންނެވެ. އެކަމަކު އެމްޑީޕީގެ އެއްވެސް ޖަގަހައެއްގެ ކުލަ ބަދަލުވަމުން ނުދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އިންތިހާބުގައި ފުލުހުންގެ އެއްބާރުލުން ނުދިން ނަމަވެސް މާލޭ ސިޓީ ކައުންސިލަށް އިންތިހާބުގައި އިލެކްޝަންސް ކޮމިޝަނަށް އެހީތެރިވެދެވޭނެ ކަމަށެވެ. ފުލުހުން ހުރިހާ ކަމެއްގައި ބައިވެރިވުމުގެ ބަދަލުގައި، ފުލުހުންގެ މުއައްސަސާގެ ވާޖިބުތައް އަދާކުރުން މާރަނގަޅުވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ވިލިމާލޭގެ ރައްޔިތުންނަށް ބޭނުން ވަނީ ކޮން ކަންތައްތަކެއްކަން ވަރަށް ބޮޑަށް ސާފު ކަމަށާއި ވަޒީފާގެ ފުރުސަތާއި އާމްދަނީ އިތުރުކުރުމަށް މައިގަނޑު ތިން ވިޔަފާރިއެއް އެ ޕާޓީން ކުރިއަށް ގެންދާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. ގެސްޓު ހައުސްގެ ވިޔަފާރިއަކީ ވިލިމާލޭގައި ވެސް ހިންގައި އާމްދަނީ އިތުރުކުރޭނެ ވިޔަފާރިއެއް ކަމަށާއި ވިލިމާލޭގައި މަދުވެގެން 150 އެނދު ތަރައްގީކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން ވިލިމާލޭގެ ބޯޅަދަނޑު ތަރައްގީކޮށް، އެހެން ވެސް ކުޅިވަރުތައް ކުޅެވޭނެ ވަސީލަތްތައް ގާއިމްކޮށް، އެ އަވަށުގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް އެމްޑީޕީގެ ސަރުކާރެއްގައި ބަދަލުކޮށް އާ މިސްކިތެއް އެ ރަށުގައި ބިނާކުރުމަށް ވެސް ނަޝީދު ވައުދުވެވަޑައިގެންނެވި އެވެ.

މަސްދަރު: ހަވީރު އޮންލައިން
ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް