ސްކޫލްގައި މާ ބުރަކޮށް ކިޔެވުމާއިގެން އުޅުމަށްފަހު އަނެއްކާވެސް ރޭގަނޑެއްގެ ހިތްގައިމުކަން ބިޝާރާ އިޙްސާސް ކުރަމުން ދިޔައެވެ. ކުރިންރޭ ގަމު ތުނޑީ އޮޅަށްކޮޅުން ދިމާވި ކަންތަކާއި ގުޅިގެން މިއަދުވެސް ސްކޫލްގައި ބައެއް ކުދިން ބިޝާރާ އާއި ހަނގާކޮށް ހެދިއެވެ. އެރޭ ބިޝާރާގެ ރައްޓެހިން ބޭއްވި ބްފޭ ނައިޓްގަ ކަންތައް ކުރިގޮތުން އެކަމާ އޭނާ ވިސްނަމުން ދިޔައެވެ.
ހޮސްޕިޓަލުން ނިކުމެގެން ބިޝާރާ މިސްރާބް ޖެހީ ކަސްޓަމާއި ދިމާ އަތިރިމައްޗަށެވެ. އޭރު މެންދަމު ބާރަ ޖަހަން ކައިރިވެއްޖެއެވެ. މިރޭވެސް ބިޝާރާ ގޮސްވަނީ ކުރީރޭވެސް ވަތް ރުއްގަނޑު ތެރެއަށެވެ. ރުއްގަނޑު ތެރެއަށް ވަދެގެން ދިޔައިރު ކުރިންރޭ އޭނާގެ އަށީގައި އިން މީހާ މަތިން ބިޝާރާ ކުޑަކޮށްވެސް ހަނދާނެއް ނެތެވެ. މަޑުމަޑުން ހިނގަމުން ގޮސް އޭނާގެ އައްޓާއި ހަމައަށް ދިޔައިރު އެ އަށީގައި މީހަކު އިންކަމެއް ނުދެނެހުއްޓެވެ. އައްޓާއި ގާތްގަނޑަކަށް ދެތިން ފޫޓަށް ކައިރިވެވުމާއިއެކު ބިޝާރާ ސިހުނެވެ. މިރޭވެސް އަށީގައި މީހަކު އިންތަން ފެނުމުންނެވެ. އެރެއަކީ އެހެން ރޭރެއަށްވުރެން ފިނި ރެއެކެވެ. މުޅި ދުވަހު ގަމަށް ބޯކޮށް ވާރޭ ވެހުމުން ވަލުތެރެ އޮތީ ތެމިފައެވެ. ފިނިކަމުން ބިޝާރާ ހުރީ ދެއަތުން ގައިގާ ބައްދާލައިގެންނެވެ.
"މިހާ ދަންކޮށްފަ ތިގޮތަށް އަންހެން ކުއްޖަކު މިތަނަށް ތި އަންނަނީ ކޮންމެވެސް ނުލަފާ މީހަކު އަތުން ބޮނޑިއެއް ބޯން ދޯ!" އަށީގައި އިން މީހާގެ އަޑު ޖެހުމުން ބިޝާރާ އަށް ތެޅި ގަނެވުނެވެ.
"ކީކޭ ބުނަން ތިއުޅެނީ؟"
"ކަލޭ ލައިގެން ތިހިރަ ހެދުން ތުނިވެފަ ގަޔަށް އެހާ ބާރު. ކޮންމެ މީހަކަށްވެސް ތި ހަށިގަނޑުގެ ވަނާތައް ރީތިކޮށް ފެންނާނެ. ކިހިނެތް ކަލެއަށް އެނގެނީ މިހާ ދަންވަރު ދިމާވާނީ ކޮންކޮން ކަހަލަ މީހުންނަކާ ކަމެއްވެސް."
ރުއްގަނޑު ތެރޭގައި ކަޅުވާން ފަށާފައިވާ ދޮންވެލި ގަނޑުގައި ފައިވާނު ކޮޅުން ވެލިކޮންނަމުން ދިޔައިރު ބިޝާރާއަށް ހުރެވުނީ ނުތަނަވަސް ކަމެއްގެ ތެރޭގައެވެ. އެހެނަސް އޭނާ އަކީ އެހާ ފަސޭހައިން ބިރުގަންނަ ކުއްޖެއް ނޫނެވެ. ބިރުގަންނަން ބޭނުންވާ ކުއްޖެއްވެސް ނޫނެވެ. "ތީނަ މިތަނަށް އަންނަން ފެށުމުގެ ކުރިން މިހާ ދަންވަރު މިތަނަށް އެހެން އެއްވެސް މީހަކު އައިހެއް ނޫޅޭ." މިހެން ބުނަމުން ބިޝާރާ އެމީހާ އާއި ދިމާއަށް ބަލައިލިއެވެ. މިރޭ ބިޝާރާގެ އިސްތަށިގަނޑުވަނީ ދޫކޮށްލާފައެވެ. ބޮލުގެ ދެފަރާތަށް އޭނާގެ ފަން އިސްތަށިގަނޑު އެޅިފައި އޮތުމުގެ ސަބަބުން އޭނާގެ މޫނުވަނީ ކޮންމެވެސް ވަރަކަށް ފޮރުވިފައެވެ. "އަހަރެން ދުވަހަކުވެސް މިރަށުން ތީނައެއް ނުދެކެން. ތީ ވިޒިޓާއެއްތަ؟... އޫޕްސް... އެހެން ނޫނަސް މަށަކަށް ނުވެސް އެނގޭނެ މިރަށު އެހާ ގިނަމީހުންނެއް."
"އާނ" އެމީހާގެ ޖަވާބު ކުރުވެފައި އަވަހެވެ.
"އަޅުގަނޑު މިތާ އިށީންދެލިޔައަސް އޯކޭތޯ؟" ބިޝާރާ މިފަހަރު ވާހަކަދެއްކީ މާތް ބަހުންނެވެ.
"މިވަގުތު މިތާ އިށީންނުން އެއީ އެހާ ބުއްދިވެރި ކަމެއްނޫން." ޔަރަސް އެންމެ ފަހުން ލޭ ފޮދެއް ބުއިފަހުން ފުދޭވަރަކަށް ގިނައިރު ވެފައި ވުމުން ބުނެލިއެވެ. އެހެން ނޫނަސް އެ އަންހެން ކުއްޖާގެ ހަށިގަނޑު ތެރޭގައި ހޫނުކަމާއެކު ދައުރުވަމުން އަންނަ ލޭގެ އިޙްސާސް އޭނާއަށް ކުރެވިފައިވުމުން އެ ލެއިން ހިތްއެދޭފަދަ ތާޒާ ވަހެއް ނުދުވާކަން ޔަރަސް އަށް ރަނގަޅަށް އެނގެއެވެ.
"ތިއީ ހަމަ އަސްލުވެސް ވަރަށް ބީރައްޓެހި މީހެއް."
"އާނ. އަހަންނަކީ ތަފާތު މީހެކޭ ކަލެޔަށް ބުނެވިދާނެ!" ޔަރަސް އިސް އުފުލާލަމުން ސީދާ ބިޝާރާއަށް ބަލައިލިއެވެ. "އަހަރެން ކަލޭގެ ފޭވަރިޓް އަށި ވެރިކޮށްލުމުންވެސް ކަލޭ ރުޅިއައި ހެނެއް ހިއެއް ނުވޭ!"
"އާނ ކީއްވެ ރުޅި އަންނަންވީކީ؟" ބިޝާރާ ފުންނޭވައެއް ދޫކޮށްލަމުން ޖަވާބު ދިނީ ސުވާލަކާއި އެކުގައެވެ. "މިތަނުން އެހެން އައްޓެއްގަވެސް އަހަންނަށް އިށީންދެވިދާނެ އެއްނު. އެހެން ނޫނަސް ތި އަށީގަ މަގޭ ނަން ޖަހާފައެއްވެސް ނުހުންނާނެ." ޖެއްސުމުގެ ރާގަކަށް ޖަވާބު ދެމުން އެތަނުން ދާން ހިނގައިގަތެވެ. ޔަރަސް ހިމޭންކަމާއެކު ބިޝާރާއަށް ބަލަން އިނެވެ. މިރޭވެސް އެ އަންހެން ކުއްޖާ އެހެން މީހުންނާމެދު ވިސްނާވަރު ވަޒަން ކުރެވުމުން ޔަރަސް ހައިރާން ވިއެވެ. އެހެން ނަމަވެސް އެ އަންހެން ކުއްޖާ އަކީ އިންސާނެކެވެ. ނަމަވެސް އެ އަންހެން ކުއްޖާ އޭނާގެ ޝިކާރައަކަށް ހަދާކަށް މިވަގުތު އޭނާ ބޭނުމެއް ނުވިއެވެ. އެވަރުގެ ކަރު ހިއްކުމެއް މިވަގުތު އޭނާގެ ނެތްކަން ޚުދު ޔަރަސް އަށް އެނގެއެވެ.
ޖެހިގެން އައިރޭވެސް ބިޝާރާ އެތަނަށް ދިޔައިރު އަށީގައި އެމީހާ އިނެވެ. ޔަރަސް ހަމައެކަނި ބޭނުންވަނީ އެތަނުގައި ހަމަޖެހިލައިގެން އިނދެ ވިސްނާށެވެ. ބިޝާރާ ފެނުމުން ޔަރަސް ގެ ހިތުތެރޭގައި ހިތްހަމަ ނުޖެހުމުގެ އިޙްސާސްތައް ގަދަވާން ފެށިއެވެ. ނަމަވެސް އެ ހިތްހަމަ ނުޖެހުމާއި ނަފުރަތަކީ އޭނާ އެހެން އިންސާނުންދެކެ ވަމުން އަންނަ ނަފުރަތެއް ނޫނެވެ. އެއަށްވުރެން މާ ނާޒުކު ނުރުހުންވުމެކެވެ. ޔަރަސް ވިސްނަމުންދަނީ މިފަހަރު އޭނާ ލ. އަތޮޅަށް އައިސް އުޅޭ މިޝަން ކާމިޔާބު ކުރެވޭނެ ގޮތަކާއި މެދުގައެވެ. ނަމަވެސް މިފަހަރުގެ މިޝަން އަކީ ކާމިޔާބު ކުރެވިދާނެކަމުގެ މާބޮޑު ގެރެންޓީއެއް ނެތް މިޝަން އެކެވެ. އެކަމަކު މި އަންހެން އޭނާގެ ޝިކާރައަކަށް ހެދުމަށް ކިތަންމެ ފަސޭހަ ނަމަވެސް އޭނާ އެކަން ކުރާކަށް ބޭނުމެއް ނުވެއެވެ. ނަމަވެސް އެ އަންހެން ކުއްޖާ ޝިކާރަ ކޮށްލުމަކީ އޭނާއަށް އެއްވެސް ކަމެއް ނޫނެވެ. ކޮންމެ ރެއަކުހެން މިހާރު އެ ކުއްޖާ އައިސް އަމިއްލައަށް ދަލު ތެރެއަށް ވަދެ އައިސް އިނުމަށްފަހު އެހެރަގެން އުޅެނީއެވެ. ނަމަވެސް ޔަރަސް ބޭނުންވަނީ ފަހަތުން ދުވެ އަތުލައިގެން ޝިކާރަކޮށް އުޅުމަށެވެ. އެ އިންސާނުން ބިރުން ވިރިގެންދާތަން ދުށުމަކީ އޭނާއަށް ލިބޭ އުފަލެކެވެ. އެފަދަ ވަގުތު ތަކުގައި އެމީހުންގެ މަޘާނާ (ކިޑްނީ) ގެ މަތީގައިވާ އެޑްރީނަލް ގްލޭންޑުން އުފައްދާ އެޑްރީނަލިން ހޯމޯން ލެޔާއި އެކުވުމުން އެ ލޭގެ މީރުކަން އިތުރުވާކަމަށް ޔަރަސް ޤަބޫލު ކުރެއެވެ. އެ އަންހެން ކުއްޖާ މިހައި ވަރަށް ދޯޅުވަމުން އަންނަ ނަމަ އޭނާގެ ލޭފޮދު ބޮއެނުލާ ފަރުޖެހޭނެ ހެން ހިއެއް ނުވެއެވެ.
"އަދިވެސް އެބަ އުޅެންދޯ މި ރަށުގަ!" ދެތިން ފޫޓް ދުރުގައި ހުއްޓެމުން ބިޝާރާ ވާހަކަ ދައްކަން ފެށިއެވެ.
"ކަލެއަށް ކޮންކަމެއް؟" ޔަރަސް ހަޅޭއް ލަވައިގަތެވެ.
"އައިމް ސޮރީ!! އަހަރެން އަނގަގަދަ ކަމަށްޓަކައި މަޢާފަށް އެދެން."
ޔަރަސް ރުޅިވެރިކަމާއެކު ބިޝާރާއަށް ބަލަން އިނެވެ. އޭނާގެ ލޮލުގެ ކުލަ ކިލަނބު ވެފައި ވާހެން ބިޝާރާއަށް ހީވިއެވެ. އެ ދެލޮލުން ކަޅި ޖަހައިނުލާ ބަލަމުން ގެންދިޔައީ ބިޝާރާ އަށެވެ.
"ކީއްކުރަން ކަލޭ މިތަނަށް ތި އަންނަނީ؟ އަހަރެން އެހާ ސާފުކޮށް ކަލޭ ކައިރީ ނުބުނަންތަ މިތަނަށް މަ ފެންނަ ހިސާބަށް ނާންނާށޭ! ކީއްވެތަ ކަލެޔަށް ނުވިސްނިގެން ތި އުޅެނީ؟ މިތަނަށް އައިސްފަ، އަނގަ ތަޅަން ފަށާފަ މަޢާފަށް އެދިފަ، ތީ ކޮން ސަކަރާތެއް! ކީއްތަވާނީ ކަލޭ މިތަނަށް ނައިސް ހުރިއްޔާ! އޭރުން ކަލޭ ނުޖެހޭނެ ތިހެން މަޢާފަށް އެދިއެދި ހުންނާކަށް!" މިރޭ ޔަރަސް ހުރީ ބިޝާރާ ދެކެ ހަމަ ރަނގަޅަށް ރުޅި އައިސްފައެވެ.
"އެކަމަކު މިތަނަށް އަހަރެން އަބަދުވެސް އަންނަން. މިއީ މަގޭ ފޭވަރިޓް ސްޕޮޓް،" ދިފާޢުގައި ބިޝާރާ ވާހަކަ ދެއްކީ މަޑުމައިތިރި ކަމާއި އެކުގައެވެ. "އަހަރެން މިރަށަށް އައިފަހުން އަބަދުވެސް މިތަނަށް އައިސް އުޅެން."
"ހެވޭ! މިއަދަށް ފަހު މިތަންމިއީކީ ކަލޭގެ ތަނެއް ނޫން. ޕްލީސް މިތަނުން ދޭބަލަ. އެހެންނުނީ އަހަރުމެން ދެމީހުންވެސް ދެރަވެ ހިތާމަކުރާފަދަ ކަމެއް އަހަންނަށް ކުރެވިދާނެ!"
ބިޝާރާއަށް ތެޅިގަނެވުނެވެ. އަނގައިން ފުން ނޭވާއެއް ދޫކޮށްލިއެވެ. އެއަށްފަހު ބާރަށް ދުއްވައިގަތެވެ. އޭނާއަށް މަޑުމަޑުން ރޮވެން ފަށައިފިއެވެ. ބިޝާރާ އަށް ނޭނގުނު ނަމަވެސް ޔަރަސް އަށް ބިޝާރާގެ އެ ލުއި ގިސްލުމުގެ އަޑު ހަމަ ރަނގަޅަށް އިވެއެވެ. އެ އަޑު އިވުމުން އެންމެ ފުރަތަމަ ޔަރަސް ގެ ހިތަށް މޮޅިކަމެއް ވެރިވިއެވެ. ހަމަ އެއާއެކު އޭނާގެ ހިތަށް މަޖުބޫރު ކުރުވިއެވެ. އިންސާނަކާއި ދޭތެރޭ ހަމްދަރުދީގެ ޖަޒުބާތު ނުބޭއްވުމަށް އަމިއްލަ ނަފުސަށް އިންޒާރު ދިނެވެ. ބިޝާރާ އަކީ އޭނާގެ ކާނާއެވެ. އެއްވެސް މީހަކަށް އޭނާ ކެއުމަށް ބޭނުންކުރާ އެއްޗަކާއި މެދު ހަމްދަރުދީ ވެވޭނީ ކިހިނަކުން ހެއްޔެވެ؟ މިހެން ހިތަށް އެރުމާއި އެކު ޔަރަސް ގަމަށް އައިސް އުޅޭ މިޝަން މަތިން ހަނދާންވިއެވެ. އެއީ އޭނާއަށް ތަހައްމަލް ކުރަން ދަތި މިޝަން އެކެވެ. އޭނާ އެންމެ ފުރަތަމައިނުންވެސް މިތަނަށް ގެނުވީ އެ މިޝަންގެ ސަބަބުންނެވެ. އެއީ އޭނާގެ ނިމުމެއްނުވާ ދިރިއުޅުމަށް ޖެހިފައިވާ ބަލާ އިން މިންޖުވުމަށް ކުރިމަތިލާން ޖެހޭ މިޝަންއެވެ.
ހަފުތާ ތަކެއް ފަހެވެ. ބިޝާރާގެ މަންމަގެ ޙާލު އިތުރަށް ސީރިއަށް ވެއްޖެއެވެ. މިހާރު ރެއާއި ދުވާލު ބިޝާރާ އިންނަނީ ހޮސްޕިޓަލުގައެވެ. ދުވަސްކޮޅެއް ކުރިން ބިޝާރާގެ މަންމެގެ ހާލު ގޯސްވެ ކޯމާ އަކަށް ދިޔަ ފަހުންނެވެ. ޑޮކްޓަރުންނާއި ނަރުހުން ބިޝާރާ އަރާމުކޮށްލަން ދިއުމަށް އާދޭސް ކުރަމުން ދިޔައެވެ. އެންމެފަހުން ބިޝާރާ ހިތްހަމަޖައްސާލުމަށް އޭނާގެ ފޭވަރިޓް ސްޕޮޓަށް ދިޔައީ ޑޮކަޓަރުންގެ އެތަކެއް އާދޭހަކަށް ފަހުގައެވެ. އެއީ ފިނި ހަވީރެކެވެ. ބިޝާރާ ލައިގެން ހުރީ ޓޮަޕަކާއި ޖިންސެކެވެ.
ކަސްޓަމާ ދިމާ އަތިރިމަތިން ހޭޅި ތެރެއަށް ބިޝާރާ ވަދެގެން ދިޔައެވެ. އެވަގުތު އެތާނގައި އެހެން މީހަކު ނުއިންނާނެ ކަމަށް ހީކޮށް ފުންމަމުން ކޮރަމުން ހިނަގަމުން ދިޔައެވެ. ބިޝާރާ ޢާއްމުކޮށް އިށީންނަ އައްޓާއި ހަމައަށް ދިޔައިރު އެ ހިސާބުގައި އެއްވެސް މީހަކު ނެތެވެ. އަށީގައި އިށީންނަމުން ގޮނޑުދޮށަށް ބީއްސަމުންދާ ރާޅުތަކަށް ބަލަން ފެށިއެވެ. މޫދުގެ ލޮނުގަނޑުގައި އޮއްސެމުންދިޔަ އިރުގެ ދޯދިތަކުން ރަންކުލަ އެޅިފައި ހުއްޓެވެ. އިރުގެ ދޯދިތަކުން އުފެދެމުން ދިޔަ ވިދުވަރަށް ގެއްލިފައި އޭނާއަށް އިނދެވުނެވެ. ނަމަވެސް އިސާހިތަކުން ބިޝާރާ އަށް ގިސްލެވެން ފެށުނެވެ.
ޖެހިގެން އައި ރެއެވެ. ބިޝާރާ ހުރީ ފުދޭވަރަކަށް ނިދި މަދުވެފައެވެ. އެހެނަސް އޭނާ ކަސްޓަމް ސަރަޙައްދު ހޭޅިތެރެއަށް ދިޔައެވެ. އެރޭ އަނެއްކާވެސް ޔަރަސް އެތާ އިންތަން ފެނުނެވެ. އެއްވެސް ޖެހިލުންވުމެއް ނެތި ގޮސް އިށީންނީ އޭނާގެ އަށީގައެވެ. އެ އަށީގައި އިން ޔަރަސް އާއި ނުހަނު ގާތުގައެވެ.
"ކަލޭ ކީއް ތިކުރަނީ؟"
"އަހަރެން މިތާ އިށީންނީނު."
"އަހަރެން ނުބުނަމެއްނު ކަލޭ ކައިރީ އިށީންނާށެކޭ!"
"އޯކޭ އޯކޭ. އައި އޭމް ސޮރީ. ވަރުބަލިވެފަ ހުރިވަރުން އިށީންދެލާހިތުން ހުރީމަ!"
"ދެން ކަލޭ ގެއަށް ގޮސް އިށީންނީމަ ވީނު!" ޔަރަސް ހަޅޭއް ލަވައި ގަތެވެ.
ޔަރަސް ހަޅޭއް ލަވައިގަތުމުން ބިޝާރާއަށް ފަހަތަށް ޖެހިލެވުނެވެ. ހަމަ އެއާއެކު އޭނާގެ ގޭގެ ޙާލަތާއި މެދު ވިސްނަން ފެށުނެވެ. ހުސްކަމާއި ފަޅުކަން އެކުލެވިގެންވާ ގެއެކެވެ. އޭނާގެ މަންމަ މިއަދުވެސް ލޯ މަރާލައިފިނަމަ އެ ގެ ދޫކޮށް ދާންޖެހޭނެ ކަން އޭނާއަށް އެނގެއެވެ. އެގޭގައި އެކަނި އުޅޭނެހައި ހިތްވަރެއް އޭނާގެ ގައިގައި ނުހުންނާނެ ކަން އެނގެއެވެ. މިރަށުގައި އޭނާ އަށް އަޅާލާނެ އެހެން މީހަކުވެސް ނުހުންނާނެއެވެ. އުމުރުން އެންމެ އަށާރަ އަހަރުގައި އޭނާގެ ދިރިއުޅުން ހަނގުރާމައެއްގެ ވިލާގަނޑު ދަށުވާނެއެވެ. މަންމަ ނިޔާވުމުން ކިޔެވުން ހުއްޓާލައި ވަޒީފާ އަކަށް ދިއުމަށް މަޖުބޫރު ވާނެއެވެ.
ލަދުރަކި ގޮތަކަށް ބިޝާރާ ޔަރަސް އަށް ބަލައިލިއެވެ. ބިޝާރާގެ ލޮލުގައި ވަނީ ހިތާމައިގެ އަސަރެވެ.
"ޕްލީސް، އަހަރެން މިތާ މަޑުކޮށްލިޔަދީ! އަހަރެން ގެއަށްގޮސް ކުރާނެ އެއްވެސް ކަމެއް ނޯންނާނެ." ބިޝާރާގެ ދެލޯ ކަރުނައިން ފުރެމުން ދިޔައެވެ. މުތީ ތަކެއްހެން ހަނދުވަރުގެ އަލިން ކަރުނަތައް ވިދަމުން ދިޔައެވެ. ނަމަވެސް ޔަރަސް ބަލައިލީ ދުރަށެވެ. ބިޝާރާގެ އެދުމަށް އެއްވެސް ޖަވާބެއް ނުދެއެވެ.
އެތައް އިރެއްވަންދެން ބިޝާރާ އާއި ޔަރަސް ހަނު ތިއްބެވެ. ޔަރަސް އަށް އެހެން އިނދެވުނީ އޭނާ ވަރަށް ފަހުން ޝިކާރައެއް ކޮށްފައި ވާތީއެވެ. އެހެން ނޫންނަމަ ބަނޑުހައި ވެފައިވާ ސިންގާއެއް ފަދައިން މިހާރު އިނީހީ ބިޝާރާ ގެ ލޭފޮދު ބޮއެލުމުގައި މަސްޢޫލު ވެގެންނެވެ. އޭނާގެ ގައިން ދުވަނީ މީރުވަހެވެ. ތާޒާ ލޭގެ ވަހެވެ. ޔަރަސް މަޑުން އިންނަމަވެސް ސިކުޑިތެރޭގައި އެނަން ވަނީ ނޯޓް ކޮށްލެވިފައެވެ. އޭނާ ބަނޑުހައި ވެފައި އިންނަ ރެއަކުން އެއްމެ ލޭ ތިއްކެއްވެސް ދޫނުކޮށް ބޮއެ ހުސްކޮށްލުމުގެ ނިޔަތް ގަނެގެންނެވެ.
އެތައް ގަޑިއިރެއް ފަހުން ބިޝާރާ އެތަނުން ދިއުމަށް ތެދުވެއްޖެއެވެ. ޔަރަސް ނޫން ކަމަށް ހެދިގެން އިނދެ އޭނާއަށް ބަލައިލިއެވެ.
"ޝުކުރިއްޔާ." ނޯށް ދަމާލަމުން ބިޝާރާ ވާހަކަ ދައްކަން ފެށިއެވެ. އޭނާގެ އަޑު ވަނީ ރުއިމުގެ ސަބަބުން ކުރަކި ވެފައެވެ. ބިޝާރާ މަޑުމަޑުން ހިނގަމުންގޮސް ރުއްގަނޑު ތެރެއިން މަގުމައްޗަށް ނުކުމެއްޖެއެވެ.
ޔަރަސް އެތަނުގައި އިރުކޮޅެއް ވާންދެން އިނެވެ. "އެ އަންހެން ކުއްޖާ އަހަންނަށް ހާދަ ކިޔަމަން ތެރިއެވެ." ޔަރަސްގެ ހިތަށް އެރިއެވެ. ދެން އޭނާ އާއި މިތަނުން ބައްދަލުވާ ފަހަރަކުން ޔަރަސް ގެ ޙަޤީޤަތް ކިޔައިދިނުމަށް ނިންމިއެވެ. ވާގޮތެއް އެނގިދާނެ ތާއެވެ.
ނުނިމޭ
ކުއްލި ޚަބަރު
Recent Post
">
އައްމަޑޭ ތީތި ކަޑައޭ
ReplyDelete