ފަހުގެ ޚަބަރު


އިތުރަށް...

ޑރ. އަފްރާޝީމް ޢަލީގެ މަރުގެ ޚަބަރު އެހީ ހައިރާންކަމާއި ފުންހިތާމަޔާއި އެކުގައެވެ.

ލިޔުނީ: Unknown - Tuesday, October 2, 2012 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ޑރ. އަފްރާޝީމް ޢަލީ ވަރަށް އިހާނެތިގޮތެއްގައި ރޭ ދަންވަރު އަވަހާރަކޮށްލާފައިވާ ޚަބަރު އެހީ ހައިރާންކަމާއި ފުން ހިތާމަޔާއި އެކުގައެވެ. ހަމަ ގައިމުވެސް މިއީ އަޅުގަނޑު ނޫނަސް ރާއްޖޭގެ ހަމަ ކޮންމެ ފަރުދަކު އެ ހިތާމަވެރި، ބިރުވެރި ޚަބަރު އަހާފައި ރިއެކްޓް ކުރެވޭނެ ގޮތެވެ.

އާދައިގެ މަތިން ރޭވެސް އެލް.އޭ ނިއުސް އަޕްޑޭޓް ކުރުމަށް ގޭގައި އިނީ އިރުއިރުކޮޅުން ކަރަންޓް ކެނޑެމުންދާތީ އެކަމާ ފުދޭވަރަކަށް 'ނައްޓާފައި' އިނދެގެން ނެވެ. އެހެން އިންނަ އިރު އާދައިގެ މަތިން ޓްވިޓަރ އަދި ފޭސްބްކް އިން އޮންލައިންވެގެން އިނުމަކީވެސް އާދައެކެވެ. އެންމެ ފަސޭހައިން ޚަބަރުދަބަރު އޮޅުންފިލާތީވެއެވެ.

އެހެން އިންދާ ކުއްލިއަކަށް ފެނުނީ ޔަޒީލް ނަމަކަށް ކިޔާ މީހަކު ކޮށްފައިވާ ޓްވީޓެކެވެ. އޭގައި އޮތީ "ޑރ. އަފްރާޝީމަށް ހަމަަލާދީ ޒަޚަމް ކޮށްލައިފި،" މިހެންނެވެ. ވަގުތުން އެ ލިޔުންކޮޅު ކޮޕީކޮށްލުމަށްފަހު ފޭސްބްކް އިން ވާހަކަ ދައްކަމުންދިޔަ ކުއްޖަކަށް ފޮނުވާލީމެވެ. އަދި އެއަށްފަހު ރާއްޖޭގެ ހުރިހައި އޮންލައިން ނޫސްތައް ހުޅުވައި ހާވަން ފެށީމެވެ. އެފަދަ އެއްވެސް ޚަބަރެއް ނެތެވެ. ޓީވީގެ ހުރިހައި ޗެނަލްތަކާއި ދިވެހިރާއްޖޭގެ އަޑުވެސް ޗެކްކޮށްލިއިރު އެފަދަ ޚަބަރެއްގެ ހިލަމެއްވެސް ނެތެވެ. އަނެއްކާވެސް އޮންލައިން ނޫސްތަކުގެ ޞަފްޙާތައް ރީފްރެޝް ކޮށްލައި ހާވަން ފެށީމެވެ. އެފަދަ ކަމެއް ނެތެވެ.

"އަފްރާޝީމް ނިޔާވެއްޖެޔޯ." އަހަރެން ފޭސްބްކް އިން ވާހަކަ ދައްކަމުންގެންދިޔަ ކުއްޖާ ބުނެލިއެވެ. އަހަންނަށް ޤަބޫލުކުރަން ދަތިވެގެން ހަމަހުވާހޭ އަހާ ސުވާލުކޮށްލަމުން ޓްވިޓަރވެސް އަލުން ބަލައިލީމެވެ. އޭރު ޔަޒީލް އަނެއްކާވެސް އެހެން ޓްވީޓެއް ކޮށްފައިވެއެވެ. އޭގައިވަނީ އަފްރާޝީމް ޢަލީ ނިޔާވި ވާހަކައެކެވެ. އަވަހަށް ޗެނަލްތައް ބަލަން ފެށީމެވެ. ޓީވީއެމް އިން ފޮނުވަމުން ދިޔައީ ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމްގެ އަޑެވެ. ދީނީ ޕްރޮގްރާމެކެވެ. ވީ ނިއުސްއަށް ލި އިރު އެއިގެއިން ވީ އެފްއެމް ލޯގޯ އަރާފައި އިނެވެ. އެއްވެސް އަޑެއް ނުއިވެއެވެ. ރާއްޖެ ޓީވީގައި އަރާފައިވަނީ ކުލަބަރި އެވެ. ދި ޓީވީއަށް ލިއިރު އަންހެން ކުއްޖަމު ވަރަށް ހެވިފައި (އަމިއްލައަށް މަޖާވެފައި) އިނދެން ހަމަ އާދައިގެ ޚަބަރުތައް ކިޔަމުން ގެންދިޔައެވެ.

އަނެއްކާވެސް ނޫސްތައް ބަލައިލީމެވެ. އެފަހަރު ހަވީރު އޮންލައިންގައި އަފްރާޝީމަށް ހަމަލާދީފިކަމަށް ބުނެފައި އޮތެވެ. އަނެއްކާވެސް ވީ ނިއުސްއަށް ލީމެވެ. އެވަގުތު ވީ ނިއުސްގައިވެސް ބްރޭކިންގ ނިއުސްއެއްގެ ގޮތުގައި ބެނަރ އަށް އަރަމުން ދިޔައީ ހަމަ އެ ސުރުޚީއެވެ.

އެއިގެ ގާތްގަނޑަކަށް 5 ވަރަކަށް މިނެޓް ފަހުން ދި އެފްއެމް އިން ބްރޭކިންގ ނިއުސް އެއްގެ ގޮތުގައި އެ ޚަބަރު ގެނައެވެ. ޕޮލިސް މީޑިއާ އޮފިޝަލްގެ އަޑާއި އެކުގައެވެ. އަވަހާރަވިކަން ޔަޤީންކޮށްދެމުންނެވެ. އެވަގުތު ވެގެންދިޔަގޮތް ބުނަންވެސް ދައްޗެވެ.

މާތްﷲ މި ދުނިޔެއަށް ލެއްވި ފުރާނަ ތަކުގެ ތެރެއިން އެންމެ މާތްކުރައްވާ ފޮނުއްވާފައިވަނީ އިންސާނުންނެވެ. އިންސާނުން އެއް އިންސާނަކު އަނެއް އިންސާނުން މަރާވާހަކަ ފިލްމުތަކާއި ވާހަކަތަކުން ފެނުނަސް އެއީ އަރަގަތުން މަނާކުރައްވާފައިވާ ބޮޑު ފާފައެކެވެ. އަނެކާއާއި މެދު ކޮންމެ ގޮތަކުން ހިތްހަމަ ނުޖެހުނަސް އޭނާގެ ފުރާނަ ނައްތާލުމުގެ ޙައްޤު އަހަރަމެން އިންސާނުންނަށް ލިބިގެނެއް ނުވެއެވެ. ސިޔާސީ ފިކުރު ނުވަތަ ދީނީ ފިކުރު ތަފާތުވެ ހައްދުފަހަޅަ އަޅައިދިޔަސް ވެހެވެ. ނުވަތަ ފައިސާގެ ދަހިވެތިކަމުގައި މީހަކު ފޭރެންވިޔަސް ވެހެވެ.

ކޮންމެއަކަސް އަލްމަރުހޫމް ޑރ. އަފްރާޝީމް ޢަލީ އަވަހާރަވެގެން ދިޔައީ ރޭ އެގާރަ ޖެހުމާއި ހަމައަށް ޤައުމުގެ ރަސްމީ ޓީވީ މެދުވެރިކޮށް ދީނީ ދަރުސް ދެއްވުމުގައި އިންނެވުމަށް ފަހުއެވެ. ނަސޭޙަތްދެއްވަމުން އެބޭފުޅާއާއި މެދު ހިތްހަމަ ނުޖެހުމެއް އޮތްނަމަ އެބައެއްގެ ކިބައިންވެސް މަޢާފަށް އެދެމުންނެވެ.

ހަމަ ގައިމުވެސް ޑރ. އަފްރާޝީމް ޢަލީ އާއިމެދު އަޅުގަނޑުގެ ހިތުގައި ކިލަނބު ކަމެއް ނެތެވެ. އަޅުގަނޑާއި އެބޭފުޅާގެ ފިކުރާއި ދިމާނުވުން އެއީކީ މައްސަލައެއް ކަމަކަށް ނުދެކެވެ. ދުޢާ އަކީ އެ މަރުޙޫމްގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުމެވެ. ޢާއިލާއަށް ކެތްތެރިކަމާއި ޢާފިޔަތު ދެއްވުމެވެ.
އާމީން
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް