ފަހުގެ ޚަބަރު


އިތުރަށް...

ލ. ސްޓާ އާއި އިސްކަންދަރު ލަނޑެއް ނުޖެހި އެއްވަރު

ލިޔުނީ: Unknown - Sunday, December 16, 2012 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ވިމެންސް ފުޓްބޯޅަ ޗެމްޕިއަންޝިޕް 2012ގެ ފުރަތަމަ މެޗުގައި އިއްޔެ ހަވީރު ލ. ގަމު ތުނޑީ އަވަށުގެ ސޮސައިޓީ ފޯ ތުނޑީ އެޑްވާންސްމެންޓް އެންޑް ރެކްރިއޭޝަން (ލ. ސްޓާ) އާއި އިސްކަންދަރު ސްކޫލުގެ ބެލެނިވެރިންގެ ފަރާތުން ބައިވެރިވި އިސްކަންދަރު ޓީމު ކުޅުނު މެޗު ނިމުނީ އެއްވެސް ކޮޅަކަށް ލަނޑެއް ނުޖެހި ދެ ޓީމު އެއްވަރު ވެގެން ނެވެ.

ހެންވޭރު ދަނޑުގައި ހަވީރު ކުޅެވުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ވެސް ވަނީ ލަނޑު ޖަހާނޭ ގިނަ ފުރުސަތުތަކެއް ހޯދައިފަ އެވެ. އަދި ފަހު ހާފުގެ ކުޅުން ފެށިގެ ގިނަ ވަގުތު ބޯޅަ ގެންގުޅުނު އިސްކަންދަރު ޓީމުން ވަނީ ލ. ސްޓާގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފަ އެވެ.

ދިވެހި ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމުގައި ވެސް ހިމެނޭ ގިނަ ކުޅުންތެރިންތަކަކާ އެކީ ކުޅެމުން ގެންދިޔަ އިސްކަންދަރު ޓީމުން އުފައްދަމުން ދިޔަ ހަމަލާތަށް ލ. ސްޓާގެ ފަހަތް ބަލަހައްޓަމުން ގެންދިޔަ ކުޅުންތެރިން ވަނީ ވަރަށް ރަނގަޅަށް ދިފާއުކޮށްފަ އެވެ. މި މެޗުގެ ކްއީން އޮފް ދަމެޗުގެ މަގާމަށް ހޮވުނީ މެޗުގައި ފާހަގަ ކޮށްލެވޭ ފަދަ މޮޅު ކުޅުމެއް ދެއްކި އިސްކަންދަރު ޓީމުގެ ކެޕްޓަން އެވެ.

އިއްޔެގެ މެޗަށް ފަހު ސަން އޮންލައިނަށް ދިން އިންޓަވިއުއެއްގައި ލ. ސްޓާގެ ކޯޗު މުހައްމަދު އަލީ ނަސީރު ބުނީ މެޗުގެ ނަތީޖާއާ ދޭތެރޭ ހިތްހަމަޖެހޭ ކަމަށާއި އަދި ކުޅުންތެރިންގެ ކުޅުމާ ދޭތެރޭގައި ވެސް ހިތްހަމަޖެހޭ ކަމަށެވެ.

"އަޅުގަނޑު މެންގެ ކުޅުންތެރިން ދެއްކި ކުޅުމާ ދޭތެރޭ މިހިރީ ވަރަށް ހިތްގަމަޖެހިފައި. ނަތީޖާ ވެސް ރަނގަޅު. އަޅުގަނޑުމެން މިއަދު ނުކުތީ އިންޖަރީގައި ތިބުމުން ކުރިއަށް ކުޅޭ މުހިއްމު ދެކުޅުންތެރިއަކު ނުހިމަނައި" ލ. ސްޓާ ކޯޗު ބުންޏެވެ. "އިސްކަންދަރުގައި ގައުމީ ފެންވަރުގައި ފާހަގަ ކުރެވޭ ކުޅުންތެރިންތަކެއް ތިބި އިރު އަޅުގަނޑުމެންގެ މިތިބީ ހަމަ ރަށުތެރެއިން ހޮވާލައިގެން ނެރުނު ކުދިން ކޮޅެއް" ނަސީރު އިތުރަށް ފާހަގަ ކުރި އެވެ.

އިސްކަންދަރު ޓީމުގެ ކޯޗު މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ސޮބާހު މުހައްމަދު (ސޮބާ) ބުނީ އޭނާގެ ޓީމު ކުޅެން އެރީ މޮޅުވެގެން ތިން ޕޮއިންޓު ހޯދަން ކަމަށެވެ. އަދި ހުރިހާ ކުޅުންތެރިން ވެސް ވަރަށް ރަނގަޅަށް ކުޅުނު ކަމަށާއި އެހެން ނަމަވެސް ގޯލް ކުރިމަތީގައި ރަނގަޅަށް ނިންމާ ނުލެވުމުން ނަތީޖާ މިގޮތަށް ދިމާވީ ކަމަށެވެ.

"އަޅު ގަނޑުމެން މިއަދު ނިކުތީ ފުރަތަމަ މެޗު ވީމާ ހަމަ ތިން ޕޮއިންޓު ހޯދަން. ދެން ޓާގެޓަކަށް ހެދީ ފުރަތަމަ މެޗުން ބަލި ނުވާން އަދި އެކަން ފުރިހަމަ ވެސް ކުރެވުނު. މެޗުގެ ހަމަ އެކަނި މައްސަލައަކީ ރަނގަޅަށް ކުޅެފަ ފުރުސަތުގެ ބޭނުން ނުހިފުން" ކަމަށް ސޮބާ ބުންޏެވެ. "ދެން ކުޅުމާ ދޭތެރޭ ވަރަށް ހިތްހަމަ ޖެހޭ. ހުރިހާ ކުޅުންތެރިން ވެސް ވަރަށް ހިތްވަރު ކުރި" ކަމަށް އިސްކަންދަރު ކޯޗު ބުންޏެވެ.

އިސްކަންދަރު ޓީމުގައި ގައުމީ ޓީމުގެ ފަސްކުޅުން ތެރިން ތިބިނަމަވެސް ސޮބާ ބުނީ ލ. ސްޓާގަވެސް ތިބީ ފެންވަރުގެ ގޮތުން ހަމަ ގައުމީ ޓީމަށް ނަގާވަރުގެ ކުޅުންތެރިން ކަމަށެވެ.

"އަހަރުމެން ޓީމުގަ ގައުމީ ޓީމުގެ ކުޅުންތެރިން އެބަ ތިބި. އެކަމަކު އަޅުގަނޑު ބުނާނީ އެޓީމު (ލ. ސްޓާ) ގައި ވެސް ތިބީ މިލެވެލްގަ ހަމަ މޮޅެތި ކުޅުންތެރިންނޭ. އެއީ ހަމަ ގައުމީ ޓީމުން ޖާގަ ދޭވަރުގެ ކުޅުން ތެރިން އެބަތިބި. އަޅުގަނޑު އެމީހުންގެ ޕްރެކްޓިސް ވެސް ބަލާލިން. އެކުޅުން ތެރިން ރަށުގަ ތިބީމަ ނުފެންނަނީ. އަޅުގަނޑު މެންގެ ކުޅުންތެރިން މާލޭގައި ތިބީމާ ގައުމީ ޓީމުން ފުރުސަތު މިލިބެނީ" ސޮބާ އިތުރަށް ފާހަގަ ކުރި އެވެ.

މި މުބާރާތުގައި ކުރިއަށް އޮތް މެޗުގައި ބައްދަލު ކުރާނީ މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަން (އެމްބީސީ) އާއި ސަން ހޮޓެލްސް އެންޑް ރިޒޯޓްސް (އެސްއެޗްއާރު) އެވެ. މިމެޗު ވެސް ކުޅުމަށް ހަމަޖެހިފައި ވަނީ މިއަދު ހަވީރު ހެންވޭރު ދަނޑުގަ އެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް