ފަހުގެ ޚަބަރު


އިތުރަށް...

އެއްހާސް އަހަރު – ފަސްވަނަ ބައި

ލިޔުނީ: Unknown - Thursday, January 31, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:

އެންމެފަހުން ބިޝާރާ ކޮޅަށް ތެދުވެއްޖެއެވެ. އޭރުވެސް އޭނާގެ ކަނދުރާ ދޮށުން ލޭ ފާއްދަމުން ދެއެވެ. އަތުގެ އިނލިތަކުން ލޭ ތިކި ޖަހަމުން ދިޔައެވެ. ތެދުވެގެން ގޮސް ފާޑަކަށް ރުކުގައި ލައްގަނެލިއެވެ.

"އެ މާ އެއީ ތީނައަށް. އަނެއްކާ އެ ވެސް މައްސަލައެއް ދޯ – ތީނަ - ...." ބިޝާރާ އަނެއްކާވެސް ނޭވާ ކުރުވެ ކޮށި އަރައިފިއެވެ.

"އަހަރެން. ކީކޭ؟" އިންސާނުންނާއި ބޭކާރު އަނގަ ތަޅާކަށް ޔަރަސް އަށް ވަގުތެއް ނެތެވެ.



"ތީނަ، ތިމާ ބޭނުން ނުކުރިޔަސް ތިއީ އަހަރެެން އަތުގަ ތީނައަށް ދެވެން އޮތް އެއްޗަކީ!"  ބިޝާރާގެ މޫނުމަތިން މިހާރު ފެންނަމުން ދަނީ ބިރުގަތްފައި ހުރިކަމުގެ އިޙްސާސަށްވުރެން ބޮޑަށް ހިތްކުދިކުދި ވެފައިވާ ކަމުގެ އަލާމާތް ތަކެކެވެ. މި އަންހެން ކުއްޖާއަށް އެވަނީ ކިހިނެތް ވެފައި ހެއްޔެވެ!! ޔަރަސް ބޭނުންވަނީ އެކުއްޖާއަށް ކުރެވުނުހައި އަނިޔާއެއް ކުރާށެވެ. ނަމަވެސް ކޮންމެވެސް ސަބަބަކާއި ހުރެ އެކަން ނުކުރެވި ފަސްޖެހެނީ ކީއްވެގެން ބާވައެވެ!!

"ތީކީ ޤަބޫލު ކުރެވޭނެ ވާހަކައެއް ނޫން!!"

"ކީ... ކީކޭ ތިބުނީ؟"

"ކަލޭގެ ލޭފޮދު، މިހިރަ މޮޔަ އިންސާނާ! ކަލޭގެ ލޭފޮދު ދެވިދާނެނު!" މިހެން ބުނުމާއި އެކު ބިންމައްޗަށް ވެއްޓިފައިވާ ފިނިފެންމާ ނަގަމުން އެއްވެސް މާނައެއް ނެތްގޮތަށް އެއަށް ބަލައިލުމާއި އެކު އޭނާގެ އަނގަޔަށްލައި ހަފާލިއެވެ. އަދި އެއްވެސް ރަޙްމެއް ނެތްގޮތަކަށް މަލުގެ ތަނޑި ވައްޓާލިއެވެ. އެއަށްފަހު ކުރިންވެސް ބިޝާރާއަށް ބަލަމުންދިޔަ ހަރުކަށި ގޮތަށް ބަލަން ފެށިއެވެ. ބިޝާރާ އިސްއުފުލާލަމުން ޔަރަސް އަށް ބަލައިލިއެެވެ. އެމަލަށް އެފަދަ އިހާނެތި ގޮތެއް އޭނާ ހެދީ ކީއްވެގެން ކަމާއިމެދު ވިސްނަންފެށިއެވެ. އެވަގުތު ޔަރަސްގެ މޫނުމަތިން ފެނުނު ނަފުރަތު ފެނުމުން ނާއުންމީދުގެ އިޙްސާސް ކުރެވިގެން ދިޔައެވެ.

ބިޝާރާއަށް ފުންނޭވައެއް ބޭރުކޮށްލެވުނެވެ. ހަމަ އެވަގުތު މަޑުމަޑުން ރޮވެން ފެށުނެވެ. އޭނާ މިއަދުވަނީ ރުއިމަށް ފޫހިވެފައެވެ. ހިތްދަތިކަމާއިމެދުވެސް އިންތިހާއަށް ފޫހިވެފައެވެ. އެކަނި މާއެކަނި ދިރިއުޅެން ޖެހުމުން އެ ދިރިއުޅުމާއި މެދުވެސް އޭނާވަނީ ފޫހިވެފައެވެ. އޭނާގެ ނިކަމެތި މަންމައާއި މެދު ވިސްނާލިއެވެ. އެ މަންމައަށްޓަކައި ވެސް މަންމަގެ ތަރިކަ ދަމަހައްޓަން ޖެހޭނެކަން އޭނާގެ ހިތަށް ވިސްނައިދިނެވެ. އެހެނަސް ވެމްޕަޔަރ އެއްގެ ކިބައިން އިންސާނަކަށް ސަލާމަތް ނުވެވޭނެކަން ވެސް އޭނާ ދަނެއެވެ. މިކަން ހިތަށް ވެރިވުމާއިއެކު އޭނާގެ ހަށިގަނޑު ތުރުތުރު އަޅައިގެން ދިޔައެވެ. އޭނާ މިހާރު އެހުރީ މަރުގެ ތުންފަތްމަތީގައި ކަން އޭނާއަށް އެނގެއެވެ. އެހެނަސް އޭނާގެ ފުރާނައިގެ ސަލާމަތަށް އެދި އެންމެ ފަހު ފަހަރަށް ނަމަވެސް އާދޭސް ކުރަން ޖެހޭނެކަން އޭނާ އަށް އެެނގެއެވެ. ޔަރަސްގެެ އަމަލުތަކުން ބިޝާރާއަށް ކެެތްކުރެވެނީ ހަމަ ކިރިޔާ އެވެ.

" ޕްލީސް އަހަންނަށް ތިހެން ނުހަދާ. ޕްލީސް އަހަރެން މަރާނުލައި ދޫކޮށްލާ. އަހަރެެެން ދޫކޮށްލައިފިއްޔާ ތީނަ ބުނި ކޮންމެ ކަމެއް ކޮށްދޭޭނަން." ބިޝާރާގެ އަޑުގައިވަނީ ބަލިކަށި ގޮތެކެވެ.  އެ ބަލިކަށި ދެލޮލުން ޔަރަސް އަށް ބަލައިލިއެވެ. އެ ދެ ލޮލުން އޭނާގެ ކޯތާފަތް މައްޗަށް ކަރުނަ އޮހޮރެމުން ދިޔައެވެ.

"އަހަންނަށް އަނިޔާއެއް ނުކޮށް ދޫކޮށްލައިފިނަމަ ކަލޭ އަހަރެންގެ ފަރާތުން އެދުނު ކޮންމެ ކަމެއްވެސް ކޮށްދޭނަން! އަހަންނަށް ފުރުޞަތެއް ދީ އަޅެ ޕްލީސް!!"

ބިޝާރާ އަނެއްކާވެސް ޔަރަސް އާއި ދިމާއަށް ބަލައިލިއެވެ. އޭނާގެ ލޮލުން ބިރުވެރިކަމުގެ އަސަރު ފެންނަމުން ދިޔަ ނަމަވެސް އޭނާގެ މޫނު މަތިން ފެންނަމުން ދިޔަ ހިތާމައިގެ އަސަރުވެސް ފެންނަމުން ދިޔައެވެ.

" ޕްލީސް، އަހަރެންގެ މަންމައަށްޓަކައިވެސް އަހަރެން ދިރި ހުރިޔަދީ." މިހެން ބުނުމާއި އެކު ބިޝާރާއަށް ގިސްލެވެން ފެށިއެވެ. އިރުކޮޅަކުން އެ ގިސްލުން ރުއިމަކަށް ބަދަލުވެއްޖެއެވެ. ހަށިގަނޑަށް ގަދަ ވޭނެއް އަޅާތީ ރޯފަދައިން އަޑުން އަޑު ނަގައި ރޮމުން ވާހަކަ ދައްކަން ފެށިއެވެ.

" އަހަރެންގެ ފުރާނައިގެ ބަދަލުގަ ހަމަ ކޮންމެ އެއްޗެއްވެސް ޤުރުބާން ކޮށްފާނަން. އަހަރެން މަރުވެއްޖެއްޔާ އަހަރެންގެ މަންމަ ދިރި ހުރިއިރު  ދުނިޔޭގަ ހުރުމަށް ދެކުނު ހުރިހައި ހުވަފެނެއް ބިލާހަކަށް ވެގެން ދާނެ!!"  މިހެން ބުނުމާއިއެކު ބިޝާރާގެ މޫނު ޔަރަސް ލައިގެންހުރި ކަޅު ކޯޓްގައި ޖައްސާލިއެވެ. އެއަށްފަހު ދެ އަތުން ކޯޓްގައި ހިފާ އެލިގަންނަމުން އަނެއްކާވެސް އާދޭސް ކުރަން ފެށިއެވެ. ރޮމުން ގިސްލަމުން ސަލާން ޖަހަމުން ދިޔައީ އޭނާގެ ފުރާނަ މުއްތި ކޮށްދިނުމަށް އެދިއެވެ.

އެވަގުތު ޔަރަސް ބަލަހައްޓައިގެން ހުރީއެވެ. ބިޝާާގެ ފަން އިސްތަށިގަނޑަށެވެ. ތުރުތުރު އަޅަމުން ދިޔަ އޭނާގެ ހަށިގަނޑަށެވެ. ޔަރަސްގެ ދުނިޔޭގެ ޙަޤީޤަތާއި ކުރިމަތިލާ ކޮންމެ މީހަކަށްވެސް އެފަދަ ހާލެއް ޖެހޭނެކަން ޚުދު އޭނާ އަބަދުވެސް ދަނެއެވެ. އެހެނަސް މި އިންސާނާގެ މޫނުމަތިން އާދަޔާޚިލާފަށް މޮޅިވެރިކަން ފެންނަމުން ދިޔައެވެ. އޭނާގެ ހިތުގައި އަނދަމުންދިޔަ ގިލަންވެރިކަން ބޭރުފުށުންވެސް ފެންނަމުން ދިޔަ ފަދަ އެވެ. ނަމަވެސް އެ ހުރިހައި ކަމަކަށްވުރެން ބޮޑަށް ޔަރަސް ހުރީ ބިޝާރާގެ ފަރާތުން ލިބެން އޮތް މަންފާ އަށްޓަކައި ކަރުހިއްކައި ގަނެފައެވެ.

ޔަރަސް ބަނޑުތެރެއަށް ހޭންފެށިއެވެ. އޭނާގެ ސަބަބުން އެ ނިކަމެތި އަންހެން ކުއްޖާ ކޮށާ ކުދިކޮށްލެވިއްޖެ ފަދައެވެ. އެހެނަސް އެއީ އޭނާގެ ހުރިހަ ޝިކާރައެއްގެ ފަރާތުންވެސް ފެންނަ އާދައިގެ ކަމެއް ކަމަށް ޔަރަސް ދެކެއެވެ. އަދި ޔަރަސްގެ ގެއަށް ބިޝާރާ ގެންދާނަމަ، އޭނާ ހޯދުމަށް ދެވަނަ އެހެން މީހަކު ނުހުންނާނެކަން ކަށަވަރު ކުރުމަކީވެސް ކޮންމެހެން ކުރަންެ ޖެހޭކަމެއް ކަން އޭނާގެ ހަނދާނުން ކައްސާލިޔަކަ ނުދެއެވެ. ކަންތައްތައް ގޯހުން ގޯހަށް ވާކަށް ވަގުތު ދެވޭކަށް އޭނާއަކަށް ނެތެވެ. ބިޝާރާގެ ގާތް ރައްޓެހިންނާއި ތިމާގެ މީހުންނަށްޓަކައި އޭނާ ގެއަށް ދާން ބޭނުންވެ ގިސްލާ ރުއިމަކީ ޔަރަސް އަށް ނުތަނަވަސްކަން ލިބިގެން ދިޔަ ކަމެކެވެ.

ޔަރަސްގެ ކޯޓްގައި ހިފަހައްޓައިގެން އިން ބިޝާ އޭނާގެ ހަށިގަނޑާއި ދުރަށް ޖައްސާލި އެވެ. ބިޝާރާގެ ގިސްލުމުގެ އަޑު ނުއިވޭހާ ދުރަށެވެ.

" ކަލޭގެ ވާހަކަ އަހަންނަށް ކިޔާދީ! އަހަންނަށް އެ ވާހަކަ ކަމުގޮސްފިނަމަ އަދި އެވާހަކަ އަހަންނަށް ޤަބޫލު ކުރެވިއްޖެ ނަމަ ފަހަރުގަ ކަލޭ މަރާނުލާ ދޫކޮށްލެވިދާނެ."

ޔަރަސް ދެއްކި ވާހަކަތައް ބިޝާރާ އަޑުއެެހި ނަމަވެސް އެއްޗެކޭ ނުބުނެ އިނީއެވެ. ނުވެސް ދަންނަ މީހަކަށް، ވޭމްޕަޔާ އަކަށް އޭނާގެ ހަޔާތުގެ ހިތާމައިގެ ވާހަކަތައް ހިއްސާ ކުރުމަކީ އެހާ ހަމަޖެހޭ ކަމެއް ކަމަކަށް އޭނާ އަށް ޤަބޫލެއް ނުކުރެވުނެވެ.

" ނޫން، އަޅެ ޕްލީސް އަހަންނަކަށް ތިކަމެއް ނުވާނެ!"

" އެެހެން ވެއްޖެއްޔާ ކަލޭ ޖެހޭނީ މަރާއި ކުރިމަތިލާން!!" މިހެން ބުނަމުން އޭނާގެެ ދިގުވެފައިވާ ދެ ފޭރާ ދަތް ދައްކާލިއެވެ. މިފަހު އެ ދެ ދަތް އިހުނަށްވުރެންވެސް ދިގުވެފައި ބިރުވެރިއެވެ. ޔަރަސްގެ ކުރިމަތީގައި ހުރި މޮޔަ އަންހެން ކުއްޖާ އެއްވެސް ބިރެއް ނެތި އޭނާގެ އަގު ވައްޓާލަމުން ދަތީ ރުޅި އައިސް ދަތްކުނޑި ވިކޭވަރު ވިއެވެ. ކުއްލި ޙަރަކާތަކާއި އެކު ބިޝާރާގެ ދަތްދޮޅީގައި ހިފާ އޭނާ އާއި ހަތަރުކަޅި ހަމަވާ ވަރަށް ކައިރި ކޮށްލި އެވެ.

" އަހަރެން ކަލޭގެ ލޭ ބޮމުން ދާއިރު މަގޭ ގައިގަ ހުރި ވިހަ ކަމާއި އެކަމުން އަޅާނެ ވޭން ކަލެއަށް އަންދާޒާ ކޮށްލަންވެސް ނޭނގޭނެ!"

އެވަގުތު ބިޝާރާއަށް ތެޅި ގަނެވުނެވެ. ޔަރަސްގެ މޫނާއި ދުރަށް އޭނާގެ މޫނު އަނބުރާލިއެވެ. އެއަށްފަހު އަނެއްކާވެސް ރޮމުން ގިސްލަމުން ސުވާލު ކުރިއެވެ.

"ކީއްވެގެންތަ ކަލޭ އަހަންނަށް އަނިޔާކޮށް ތި ބުނިިފަދަ ބޮޑުވޭނެއް ދޭން ޖެހިގެން ތި އުޅެނީ!؟"

'ސަބަބަކީ އެއީ އަހަންނަށް ކުރެވޭނެ ކަމަކަށް ވާތީ!" ސިންގާއެއް ފަދައިން ޔަރަސް ފެލިގަތެވެެ. އޭނާގެ ކެތް ތެރިކަން ކޮޅުންލައި ދިޔައެވެ.

"އަހަރެން މީ ވޭމްޕަޔަރެއް. ކަލޭ ތީ އިންސާނެއް. އަހަންނަކީ ޝިކާރަވެރިޔާ، ކަލޭޭޭ ތީ އަހަރެންގެ ޝިކާރަ. ކަލޭގެ ފުރާނަ މިހާރުވަނީ އަހަރެންގެ އަތްމަތީގަ!! މިހެން ބުނަމުން ބިޝާރާގެ މޫނުގައި ހިފައި ގަހާލާ ޖެހިއެވެ.

" ހަމަ މިހާރު ކަލޭގެެ ވާހަކަ އަހަންނަށް ކިޔައިދީ، އެހެން ނޫނީ އަހަރެން ކަލެޔަށް ކޮންމެފަދަ އަނިޔާއެއްވެސް ދީފާނަން. އަދި ކަލޭ މަށަށް ދޮގު ހެދިކަން އެނގިއްޖެއްޔާ 'އަނިޔާ' އޭ މިކިޔާ ލަފުޒު ގެ މާނަ އެއަށްވުރެވެސް ވޭން ހުރި އެއްޗަކަށް މާނަ ބަދަލުވާހާ އަނިޔާ ކޮށްލާނަން!"

ނުނިމޭ
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް