ފަހުގެ ޚަބަރު


އިތުރަށް...

ރަނގަޅު ބަފަޔަކަށް ވުމަށް ކުރެވިދާނެ 10 ކަމެއް

ލިޔުނީ: Unknown - Sunday, February 3, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ދިވެހި މުޖުތަމަޢުގައި ދަރިން ބަލައިބޮޑުކުރުމުގެ މަރުޙަލާގައި މަންމައިން ކުރައްވާ މަސައްކަތާއި އަޅާބަލާއިރު، ބައްޕައިންގެ ދައުރު ވަރަށް ކުޑައެވެ. ގިނަ ބަފައިން އެމީހުންގެ މައިގަނޑު ޒިންމާ އަކީ ދިރިއުޅުން ކަޑައްތުކުރުމަށް ފައިސާ ހޯދުންކަމުގައި ދެކޭތަންވެސް ފެންނަނީ މަދުންނެއް ނޫނެވެ. ދަރިންނާއި އެކު ވަގުތު ހޭދަކޮށް އަނބި މީހާއަށް އަޅައިލައި އެކުގައި ވަގުތު ހޭދަކުރުމަކީ ދިވެހި ބައެއް ބަފައިން ދަންނަ ކަންކަމެއް ނޫނެވެ. އަދި ކިއެއްތަ، އެފަދަ ބަފައިންދެކެނީ މިހިރަމިހިރަ ކަންކަމީ އަނބިދަށުވުން ކަމުގައެވެ.

ކުރިން މިދެންނެވީ ބައެއް ބަފައިންގެ ވާހަކަ ދޮގެއްތޯއެވެ. އަނެއްބައި ބަފައިންގެ ވިސްނުމާއި ޢަމަލުތައް ހުންނަނީ ކުރިން ދެންނެވުނު ގޮތާއި މުޅިން ޚިލާފަށެވެ. އަނބިދަށުވެފައިވާ ފިރިއެއްގެ ލަޤަބް ލިބުނަސް ދަރިންނާއި އަނބިންނަށް ލޯބިދީ އެކުގައި ވަގުތު ހޭދަކުރެވޭ ކަމުގެ އުފާ ޙާޞިލްކުރަމުން ދިރިއުޅުން ވޭތިކުރަމުންދާ ބަފައިންވެސް މަދެއްނޫނެވެ.

ކުދިންގެ ނަފްސާނީ، އަޚްލާޤީ އަދި ދިރާސީ ކަންކަން ހެޔޮގޮތުގައި ތަރައްޤީވުމަށް ބައްޕައިންގެ ދައުރަކީ މުހިއްމު ދައުރެކެވެ. ހެޔޮ ބަފަޔަކަށް ވުމަށް ކުރެވިދާނެ ކަންތައްތަކެއް ހުންނާނެކަން ކަށަވަރެވެ. އެފަދަ ބައެއް ކަންކަމާއިމެދު މިލިޔުމުގައި އަލިއަޅުވާލާނަމެވެ.

1-    ތިބާގެ ދަރިންގެ މައިމީހާއަށް އިޙްތިރާމް ކުރާށެވެ.

ރަނގަޅު ބައްޕައަކަށް ވުމަށްޓަކައި ދަރިންނަށް ކޮށްދެވޭނެ އެންމެ ރަނގަޅު ކަމަކީ ތިބާގެ ދަރިންގެ މައިމީހާއަށް އިޙްތިރާމް ކުރުމުމެވެ. ކައިވެނީގެ ގޮށުގައި ރަނގަޅަށް ބަނދެވިފައިވާނަމަ އެގޮށް މޮހުނަނުދީ ބާރުކުރެވޭތޯ މަސައްކަތްކުރާށެވެ. ގޮށް މޮހެވި ކައިވެނި ރޫޅިފައިވީނަމަވެސް ތިބާބެ ދަރިންގެ މައިމީހާއަށް އިޙްތިރާމް ކުރަންޖެހެއެވެ. ދަރިންގެ މައިމީހާކަމަށް ވީތީ އޭނާއަށް ވެވުނުމިންވަރަކުން އެހީތެރިވާންޖެހެއެވެ. މަންމައާއި ބައްޕަ އެކަކުއަނެކަކަށް އިހްތިރާމުކޮށް އަޅާލުމާއި އޯގާތެރިކަންދީގެން އުޅޭއިރު އެކަން ދަރިންފާހަގަކުރާނެއެވެ. މިކަމުގެ ސަބަބުން އެކުދިންނަށް ރައްކާތެރި މާހައުލެއް ލިބިފައިވާކަމުގެ އިހްސާސްކުރެވޭނެއެވެ. އެކުދިންނަށް ޤަބޫލުކުރެވޭނީ ޚުދު އެކުދިންނަށްވެސް މައިންބަފައިންގެ އަޅައިލުމާއި އޯގާތެރިކަމާއި އިޙްތިރާމް ލިބިގެންދާކަމެވެ.

2-   ދަރިންނާއިއެކު ވަގުތު ހޭދަކުރާށެވެ.

ބައްޕައަކު ވަގުތުތައް ހޭދަކުރާގޮތަކުން އެ ބައްޕައަކަށް މުހިންމުކަންދެވެނީ ކޮންކަމަކާމެދުކަން ދަރިން ވިސްނައިގަންނާނެއެވެ. ދަރިންނާއިއެކު ހަފުތާއަކު އެއްފަހަރުނަމަވެސް ވަގުތުކޮޅެއް ހޭދަނުކޮށްއުޅޭ ބައްޕައިން ދިވެހި މުޖުތަމަޢުގައި މަދެއް ނޫނެވެ. މިފަދަ ބައްޕައިން ބަހަނާއެއްގެގޮތުގައި ދައްކަނީ މަސައްކަތުގެ ނުވަތަ ވަޒީފާގެ ބުރަކަމެވެ. އެ ބައްޕައިން މަސައްކަތްކުރަނީ ނުވަތަ ވަޒީފާއަދާކުރަނީ ކޮން މަޤުޞަދެއްގައިކަމާމެދު ވިސްނާނުލެވެނީކަމަށް ވެދާނެއެވެ. އެހެނީ އާއްމުދަނީ ހޯދަނީ އެ ދަރިންނަށް ރަނގަޅު ކުރިމަގެއް ހޯދައިދިނުމުގެ ނިޔަތުގައިކަން ކަށަވަރެވެ. އެހެންކަމުން ދަރިންގެ ޙައްޤުގައި ދަރިންނާއިއެކު ވަގުތު ހޭދަކުރުމަށް ސަމާލުކަންދިނުމަކީ ނިހާޔަތަށް މުހިންމުކަމެކެވެ. ދަރިންނާއިއެކު ވަގުތު ހޭދަކުރުމުން ދުރުހެލިވެއްޖެނަމަ، އެކުދިން ދެކޭނީ އެކުދިންނަށް ދޭންޖެހޭ އަހައްމިއްޔަތުކަން ނުދެވެނީކަމުގައެވެ. މިފަދަ ބަފައިން ދަރިންދެކެ ލޯބިވާކަމަށްބުނެ ކިތަންމެވަރަކަށް އެދަރިން ބުނާކަންތައްތައް ކޮށްދިންނަމަވެސް މި ޙާލަތުގައި އެކުދިންގެ ވިސްނުން ހުންނާނީ މިދެންނެވި ގޮތަށެވެ. ދަރިންނަކީ ބަލަބަލާތިއްބާ އިސާހިތަކުން ބޮޑެތިވެގެންދާނެ ކުދިންތަކެކެވެ. ގެއްލިގެންދާ ކޮންމެ ފުރުޞަތަކީ އަލުން އަނބުރާ ލިބޭނެ ފުރުޞަތެއް ނޫނެވެ.

3- އަޑުއެހުމަށް ފުރުޞަތު ހޯދާށެވެ.

ދަރިންގެ ފަރާތުން ކުށެއްކުރެވުމުން ނުވަތަ އެކުދިން ބަސްނާހާ އުޅުމުންމެނުވީ ގިނަފަހަރަށް ބައްފައިން އެކުދިންނާއި ވާހަކަދައްކާ ތަނެއް ނުފެނެއެވެ. ބައްޕަ ދަރިފުޅާއި ވާހަކަދައްކާލަން ބޭނުންވާކަމަށް މަންމަ ބުނުމުން ގިނަފަހަރަށް އެކުދިން ބިރުގަނެ ޖެހިލުންވަނީ މިދެންނެވި ސަބަބާއިހުރެއެވެ. މިކަމަށްއޮތް އެންމެރަނގަޅު ހައްލަކީ ވީހާވެސް ޅަޢުމުރުގައި ކަންކަމާމެދު ދަރިންނާއި ވާހަކަދައްކައި ގުޅުން ބަދަހިކުރުމުވެ. ދަރިން ޖެހިލުމެއްނެތި ބައްޕަގެ ގާތުގައިވެސް ކަންކަމުގެ މަޝްވަރާކޮށް ދިމާވާ އެކިއެކި ކަންކަން ހިއްސާކުރުމަށް ހިތްވަރުލިބޭނީ މިދެންނެވިގޮތަށް ޢަމަލުކޮށްގެންނެވެ. ދަރިންނަށް ވަގުތުދީ އެކުދިން ދައްކާވާހަކަ އަޑުއަހާށެވެ.

4- ލޯތްބާއިއެކު ތަރުބިއްޔަތު ކުރާށެވެ.

ދަރިންނަށް ރަނގަޅު ތަރުބިއްޔަތު ދިނުމުގައި ލޯތްބާއި އޯގާތެރިކަން އިސްކުރާށެވެ. ހެޔޮގޮތް ބުނެދިނުމަކީ އަދަބުދޭން ޖެހުމުން އެކަނި ކުރާކަމަކަށް ނަހަދާށެވެ. އެކުދިން އުޅެންވީ ހެޔޮގޮތް އަބަދުވެސް އޮޅުންފިލުވައިދޭށެވެ. ރަނގަޅަށް އުޅުމުން އެކަމުން ލިބޭނެ ލާބަޔާއި މަންފާ އޮޅުންފިލުވައިދޭށެވެ. މަޑުމައިތިރިކަމާއި ލޯތްބާއިއެކު ކުދިން ތަރުބިއްޔަތުކުރުމަށް މަސައްކަތްކުރާ ބަފައިންނަށް ދަރިންގެ ލޯބި ފުރިހަމައަށް ލިބިގެންދާނެއެވެ.

5- ކުދިންނަށް ނަމޫނާއަކަށްވާށެވެ.

ބައްޕައިންނަށް ޤަބޫލުކުރެވުނަސް ނުކުރެވުނަސް ދަރިން ނަމޫނާއެއްކަމުގައި އެފަރާތް ބަލާނެފަރާތެކެވެ. ބައްޕަގެ ލޯބި ފުރިހަމައަށް ލިބެމުންދާ އަންހެންދަރިފުޅަކުނަމަ އެ ދަރިފުޅަކު ފިރިހެންކުދިންނަށް އިޙްތިރާމްކޮށް ޤަދަރުކުރާނެއެވެ. އަދި ފިރިއެއްގެ ކިބައިން އެކުދިން ދެކެން ބޭނުންވާނެ ސިފަތައް އެ ބައްޕަގެ ކިބައިން ހޯދާ ދަސްކުރާނެއެވެ. ބަފައިން އެމީހުންގެ ފިރިހެން ދަރިންނަށް ނަމޫނާދައްކަން ޖެހެއެވެ. ތެދުވެރިކަމާއި،މަޑުމޮޅިކަމާއި ހިތްތިރިކަން އަދި ޒިންމާދާރުވުންފަދަ މުހިންމު ސިފަތައް ޢަމަލުން ދައްކަންޖެހެއެވެ. ދިރިއުޅުމަކީ ދަތުރަކަށް ވީހިނދު މިދަތުރުގެ އިސް މާލިމީއެއްގެ މަޤާމު ބަފައިން ފުރިހަމައަށް އަދާކުރަންޖެހެއެވެ.

6- މުރުޝިދަކަށް ވާށެވެ.

ދަރިންނަށް ފިލާވަޅުތައް ބުނެދިނުމާއި ކިޔަވައިދިނުމަކީ އެހެން މީހުން ކުރަންޖެހޭ ކަމެއްކަމުގައި ވަރަށްގިނަ ބަފައިން ދެކެއެވެ. އެހެންނަމަވެސް ބަފަޔަކު އޭނާގެ ދަރިންނަށް ހެވާއިނުބައި ވަކިކޮށްދީ ކަންކަމުގައި ހިތްވަރުގަދަކޮށް ގަދައަޅައި މަސައްކަތްކުރުމަށް ބާރުއަޅާނަމަ އޭނާގެ ދަރިން އަބަދުވެސް ކަންކަން ނިންމާނީ އެންމެ ރަނގަޅުގޮތަށެވެ. މިގޮތަށް އެހީވެދީހަދާ ބަފައިން ދިރިއުޅުމުން ލިބޭ ތަޖުރިބާތައް އެކުދިންނާއި ހިއްސާކޮށް އެކަންކަމުން ލިބިގަންނަންޖެހޭ ޢިބްރަތްތައް އޮޅުންފިލުވައިދޭނެއެވެ.

7- އެއްސުފުރާމަތިން ކެއުމުގެ އާދަ ގެންގުޅޭށެވެ.

ދުޅަހެޔޮ ޢާއިލާއެއް ބިނާކުރުމަށްޓަކައި އެކުގައި އެއްސުފުރާމަތިން ކެއުމުގެ އާދަ ގެންގުޅުމަކީ ވަރަށް މުހިންމުކަމެކެވެ. ދުވާލުގެ ބުރަކަމުގެ ތެރެއިން ޢާއިލާއާއިއެކު ވަގުތުކޮޅެއް ހޭދަކޮށްލުމަށް ފުރުޞަތު ލިބިގެން ދިއުމުގެ އިތުރުން، އެކުދިންނަށް ދިމާވާ ކަންކަން ހިއްސާކުރުމާއި އަދި ކުރަން ޤަޞްދުކުރާ ކަންކަން ހިއްސާކުރުމަށް ފުރުޞަތު ހުޅުވިގެންދާނެއެވެ. މިފަދަ ވަގުތުތަކަކީ ކުދިން ދައްކާވާހަކަތައް އަޑުއެހުމަށް ވަގުތުދިނުމަށް ނުހަނު އެކަށޭނަ ހިނދުކޮޅެކެވެ. އަދި ނަޞޭޙަތްތެރިވުމަށްވެސް ނުހަނު މުނާސަބު ވަގުތުކޮޅެކެވެ. މިހުރިހައިކަމެއްގެ އިތުރުން ޢާއިލީ މެންބަރުން އެއްތަންވެ އެކުގައި ވަގުތު ހޭދަކުރުމަށް މިއީ އެންމެ އެކަށޭނަ އެއްވަގުތެވެ.

8- ކުދިންނަަށް ފޮތްކިޔައިދޭށެވެ.

މިއަދު އަޅުގަނޑުމެންގެ ދަރިންގެ ޙަޔާތަށްވެސް އެންމެ ބޮޑު ނުފޫޒެއް ފޯރުވައި އަތްގަދަކޮށްފައިވަނީ ޓީވީއެވެ. އެހެންކަމުން ދަރިން ފޮތާއި އަހުލުވެރިކޮށް ފޮތްތެރިކަން ކުދިންގެ ކިބައިގައި އަށަގެންނެވުމަށް ބައްޕައިންގެ ދައުރަކީ މުހިންމު ދައުރެކެވެ. ކުދިންނަށް ކަންކަން ދަސްވަނީ ބަލައި އަޑުއަހައިގެންނެވެ. ފޮތްކިޔައިގެންނެވެ. ކުދިންގެ ވީހާވެސް ޅަޢުމުރުގައި އެކުދިން ފޮތަށް އަހުލުވެރިކުރުވުމަށް މަސައްކަތް ފަށާށެވެ. އެކުދިން ބޮޑެތިވެލުމުން ކުދިން އަމިއްލައަށް ފޮތްކިޔައިއުޅުމަށް ބާރުއަޅާށެވެ. ކުދިން ފޮތްކިޔުމަށް ޝައުޤުވެރިކުރެވުމަކީ އެކުދިންގެ ތަޢުލީމީ އަދި ޢަމަލީ މައިދާން ހެޔޮގޮތުގައި އާރާސްތުކުރުމަށް ކޮށާދެވޭ ސާފުސީދާ މަގެކެވެ.

9- ކުދިންނަަށް ލޯބިދޭށެވެ.

ކުދިންނަށް ފުރިހަމަ ހިމާޔަތަކާއި ރައްކާތެރިކަމެއް ލިބިފައި އޮންނަން ޖެހެއެވެ. އެކުދިންނަށް އެކަން އިޙްސާސް ކުރެވެން ޖެހެއެވެ. މިކަންކަން އެކުދިންނަށް އިޙްސާސްކުރެވޭނީ އެކުދިންނަކީ ބޭނުންތެރި ބައެއްކަން ޢާއިލާގެ ފަރާތުން ދައްކާނަމައެވެ. ޢާއިލާ ޤަބޫލުކުރާ ކުއްޖެއްކަން ދައްކައިދީގެންނެވެ. ފުރިހަމަ ލޯތްބާއި އަޅާލުން ދެވިގެންނެވެ. މައިންބަފައިން، ޚާއްޞަކޮށް ބަފައިން، ދަރިންގެ ގައިގާ ބައްދާލާ ލޯބިން ފިރުމާލުމަކީ ލަދުވެތިކަމެއް ކަމުގައި ދެކެގެން ނުވާނެއެވެ. ކޮންމެ ދުވަހަކުވެސް އެކުދިންދެކެ ލޯބިވާކަން ބަހާއި ޢަމަލުން ދައްކަންޖެހެއެވެ. އެކުދިންދެކެ ލޯބިވާކަމުގެ ޙަޤީޤީ އިޙްސާސް ކޮށްދެވޭނީ ލޯބިވާކަން އަންގައިދީގެންނެވެ.

10- ބައްޕަގެ ޒިންމާ ނިމުނީކަމަށް ހީނުކުރާށެވެ.

ދަރިން ބޮޑެތިވެ އަމިއްލަދިރިއުޅުމަކަށް ފައިނަގާ ހިސާބަށް ދިޔަނަމަވެސް، ބައްޕަގެ ތަޖުރިބާއާއި ނަސޭޙަތުގެ ބޭނުން ހިފުމަށް އެދިތިބޭނެކަން ހަނދާންނައްތާ ނުލާށެވެ. ސްކޫލުގެ ކަމެއްގައި ނުވަތަ އައު ވަޒީފާއަކަށް ނުކުތުމަށް ތައްޔާރުވަމުންދާ ހިނދު ނުވަތަ ކައިވެނިކުރުމަށް ތައްޔާރުވަމުންދާހިނދު ނަމަވެސް ކުދިންގެ ޙަޔާތުގައި ބައްޕައިންގެ ދައުރަކީ މުހިންމު ދައުރެކެވެ. ފުރާފުރިހަމަވެ ކައިވެންޏެއްކޮށް ދަރިންލިބޭހިސާބަށް ދިރިއުޅުން ދިޔަނަމަވެސް ބައްޕައިންގެ ދައުރަކީ ނުވަތަ މައިންބަފައިންގެ ދައުރަކީ ނިމިގެންދާނެ ދައުރެއްނޫނެވެ.

މަޢުލޫމާތު ނެގީ  http://www.A-Better-Child.org އިން
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް