ފަހުގެ ޚަބަރު


އިތުރަށް...

ފެނަކަ އިން ތަކެތި ފޯރުކޮށް ނުދީގެން ފޮނަދޫ ނަރުދަމާ ނިޒާމުގެ ހައުސް ކަނެކްޝަން ހަދަމުން ދިޔަ ކުންފުނިން މަސައްކަތް މެދުކަނޑާލައިފި

ލިޔުނީ: Unknown - Sunday, February 3, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
މިދިޔަ އަހަރު ފެބްރުއަރީ މަހު 1 ވަނަ ދުވަހު ރަސްމީކޮށް އިފްތިތާޙް ކޮށްފައިވާ ލ. ފޮނަދޫ ނަރުދަމާ ނިޒާމުގެ ހައުސް ކަނެކްޝަން ހަދަމުން ދިޔަ ކުންފުނިން އެ މަސައްކަތް މެދުކަނޑާލައިފިއެވެ. އެ ކުންފުނިން މަސައްކަތް މެދުކަނޑާލާފައި ވަނީ އެ މަސައްކަތް ކުރުމަށް ބޭނުންވާ ސާމާނު ފެނަކަ ކޯޕަރޭޝަނުން ބަރާބަރަށް ފޯރުކޮށް ދެމުން ނުދާތީ ކަމަށް މަޢުލޫމާތު ލިބެއެވެ.

ހައުސް ކަނެކްޝަންތައް މެދު ކަނޑާލާފައި ވާއިރު ރަށުގެ ބައެއް ގޭގެއަށް ގުޅާނިމިފައި ވިޔަސް ގޭގޭގައި ކުރިން ބޭނުން ކުރަމުން ގެންދިޔަ ޖަންކްޝަންތައް ހުސްކޮށްދީފައި ނުވުމާއި ގޭގެއިން ނުބައިވަސް ދުވުމުގެ ޝަކުވާތަކުގެ އަޑު ރަށުތެރެއިން އިވެމުން ދާކަން ފާހަގަ ކޮށްލެވެއެވެ.

ވެރިކަން ބަދަލުވުމަށް ފަހު ފޮނަދޫ ނަރުދަމާ ނިޒާމުގެ ޚިދުމަތް މިހާރު ސަރުކާރުގައި ތިއްބެވި ފަރާތްތަކުން ނުދީ އަހަރެއްހައި ދުވަސް ފަހުން ފެށި މަސައްކަތް ކުރަމުން އަންނަ ގޮތާއިމެދުވެސް ރައްޔިތުންގެ ޝަކުވާތައް ގިނަކަން ފާހަގަ ކޮށްލެވެއެވެ.

ލ. ފޮނަދޫގައި ސަރުކާރުން ޤާއިމު ކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ފައްޓަވައިދެއްވީ ރައީސުލް ޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު އެވެ. ނަރުދަމާ ނިޒާމު ގެ ޚިދުމަތް ފައްޓަވައިދެއްވުމަށްޓަކައި މިދިޔަ އަހަރުގެ ފެބްރުއަރީ 1 ވަނަ ދުވަހު މެންދުރުފަހު ފޮނަދޫ ކުރިގަމު އަވަށުގައި ޤާއިމް ކޮށްފައިވާ ނަރުދަމާ ނިޒާމުގެ މައި ސެންޓަރުގައި ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައި ވެއެވެ. މި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ރައްޔިތުންނަށް ނަރުދަމާ ނިޒާމުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ޚިދުމަތެއް ކަމަށެވެ.

ފޮނަދޫގައި ނަރުދަމާ ނިޒާމެއް ޤާއިމު ކުރުމުގެ ބޭނުންތެރިކަން ސަރުކާރަށް ވިސްނިފައި އޮންނަތާ ގިނަ ދުވަސްތަކެއް ވެއްޖެ ކަމަށާއި އޭރު އޮތް އެމްޑީޕީ ސަރުކާރުގެ ކުރީގައި ފޮނަދޫ ނަރުދަމާ ނިޒާމުގެ މަސައްކަތް އޮތީ ނުހިންގިފައި ކަމަށް ވިދާޅުވިއެވެ.

"އެހެން ނަމަވެސް ސަރުކާރު ބަދަލުވުމާއި އެކުގައި ނަރުދަމާ ނިޒާމެއްގެ ބޭނުންތެރިކަން ތި ރައްޔިތުން މި ސަރުކާރަށް ފާހަގަ ކޮށްދެމުން އަންނަތާ ދުވަސްތަކެއް ވެއްޖެ. އަޅުގަނޑުމެން ސަރުކާރު ހިންގުމާއި ހަވާލުވީއިރު ފޮނަދޫގައި ޤާއިމުވެފައި ހުރި ސްވަރޭޖް ޕްރޮޖެކްޓްގެ އޮފީހެއް. ދެން އަޅުގަނޑުވެސް ކޮންމެވެސް މިންވަރަކަށް ސާފުވޭތޯ ބެލިން އެއީ ކޮންކަމެއް ކުރަން ޤާއިމުވެފައި ހުރި އޮފީހެއްތޯ؟ އަޅުގަނޑަށް ހިތްވަރެއް ލިބުނު އެ އޮފީހުގެ ނަން ފެނުނީމާ، އޭގައި އޮތް ސްވަރެޖް ޕްރޮޖެކްޓް ކަމަށް. އެހެން ނަމަވެސް އެ އޮފީހުން މެދުވެރިވެގެން ނަރުދަމާ ނިޒާމެއް ޤާއިމުކުރުމުގެ ކަންކަން ކުރިއަށް ގެންދާނެ ގޮތެއް ހަމަޖެހިފައި ނެތި އޮތީތީވެ އެ އޮފީސް މެދުވެރިކޮށް ނަރުދަމާ ނިޒާމުގެ ކަންތައްތަކެއް ކުރިއަކަށް ނުގެންދެވުނު. ސަރުކާރުން އެހެންވީމާ ޤަސްދުކުރީ އޭޝިއަން ޑިވެލޮޕްމެންޓް ބޭންކްން ލޯނެއް ނަގަން." މި ނަރުދަމާ ނިޒާމު ޤާއިމު ކުރުމަށްޓަކައި ގާތްގަނޑަކަށް ދެ މިލިޔަން ޑޮލަރުގެ ލޯނެެއް ނަގާފައި ވާކަމަށް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ފޮނަދޫ ނަރުދަމާ މަސައްކަތުގެ އިތުރުން ފެނުގެ ޚިދުމަތް ދިނުމުގެ ކަންތައްތައްވެސް ހަމަޖެހޭތޯ ސަރުކާރުން ބައްލަވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ.

"އިރާދަ ކުރެއްވިއްޔާ ހަމަ މިއަހަރުގެ ތެރޭގައި ސަރުކާރުން ބަލާނަން މިރަށުގެ ފެނަށްވެސް ކޮންމެވެސް ހައްލެއް ސަރުކާރުން ފޯރުކޮށްދެވޭތޯ." ފެނުގެ ޚިދުމަތުގެ އިތުރުން ފޮނަދޫގެ މަގާއި ފޮނަދޫގެ ތަރައްޤީއަށް ބޭނުންވާ އެހެނިހެން ކިތަންމެ ކަމެއްވެސް ސަރުކާރުން ވިލަރެސް ކުރައްވަމުން ގެންދަވާ ކަމަަށްވެސް ރައީސް ވިދާޅުވިއެވެ. އޭގެ ތެރޭގައި ފޮނަދޫގެ ކަރަންޓްގެ ޚިދުމަތް އިޔާދަ ކުރަނިވި ހަކަތައިން ދެވޭނެ ގޮތަކަށް ހަމަޖެއްސުމުގެ ޕްރޮޖެކްޓެއް ފަށައިގަނެވޭނެ ކަަމަށް ވިދާޅުވިއެވެ. އަދި އެ ޕްރޮޖެކްޓް ހަމަޖެހިގެން އައީ ކޯޕަން ހޭގަންގައި 2009 ވަނަ އަހަރު ބޭއްވި ބައްދަލުވުމުގެ ތެރެއިން ކަމަށް ވިދާޅުވިއެވެ. އެ ބައްދަލުވުމުގައި ޑެންމާރކް ބޮޑުވަޒީރާއި ދިމާވެގެން ލ. އަތޮޅުގެ ޗާޓެއް ދައްކާފައި މި އަތޮޅަށް މިފަދަ ޕްރޮޖެކްޓެއް ހޯދުމަށް ހުށައެޅުއްވި ކަމަށް ވިދާޅުވިއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް