ފަހުގެ ޚަބަރު


އިތުރަށް...

އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާގެ މަގާމު އުމެއިރަށް

ލިޔުނީ: Unknown - Saturday, February 16, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ހަވީރުން ހޮވާ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާގެ މަގާމު ރާއްޖޭގެ ގައުމީ ޓީމުގެ މިޑްފީލްޑަރު މުހައްމަދު އުމެއިރު ރޭ ހޯދައިފި އެވެ.

ދަރުބާރުގޭގައި ރޭ އޮތް ހަވީރު ސްޕޯޓްސް އެވޯޑްސް ދިނުމުގެ ހަފުލާގައި މިދިޔަ އަހަރު ވިކްޓަރީ އަށް ކުޅުނު އުމެއިރަށް މޮޅު ކުޅުންތެރިއާގެ އެވޯޑް ހަވާލުކޮށްދެއްވީ ކުޅިވަރާ ބެހޭ ވަޒީރު މުހައްމަދު ހުސެއިން ޝަރީފް (މޮންދު) އެވެ. މި މަގާމާ އެކު އުމެއިރަށް ވަނީ 30،000ރ. ގެ ފައިސާގެ އިނާމާއި ހަވީރުގެ އެސޯސިއޭޓް ސްޕޮންސަރުން ހުށަހަޅައިފައިވާ ބެނެފިޓްސް ލިބިފަ އެވެ

މިއީ މޮޅު ކުޅުންތެރިއާގެ މަގާމު އުމެއިރު ހޯދި ފުރަތަމަ ފަހަރެވެ

މިދިޔަ އަހަރު ވިކްޓަރީގައި މޮޅު ކުޅުމެއް ދެއްކި އުމެއިރު ވަނީ މިދިޔަ ސީޒަންގައި 26 ލަނޑު ޖަހައި، ހަވީރު ރަން ބޫޓް ވެސް ހާސިލްކޮށްފަ އެވެ. ރޭގެ ހަފުލާގައި އުމެއިރަށް ރަންބޫޓް ހަވާލުކޮށްދެއްވީ އެފްއޭއެމްގެ ރައީސް އިލްހާމް އަހުމަދެވެ. ހަވީރު ރަންބޫޓާ އެކު އުމެއިރަށް ވަނީ 20،000ރ. ގެ ފައިސާގެ އިނާމާއި ބެނިފިޓްސް ލިބިފަ އެވެ

އުމެއިރު މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި މިދިޔަ އަހަރު ފަނޑިޔާރުން އިންސާފުކުރި މުބާރާތްތަކުން 2،470 ޕޮއިންޓް ހޯދައިގެންނެވެ. އުމެއިރާ އެންމެ ގާތުން މި މަގާމަށް ވާދަކުރީ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އެވެ. މިދިއަ އަހަރު ނިއު ރޭޑިއަންޓަށް ދިވެހި ލީގާއި ޕްރެޒިޑެންޓްސް ކަޕަށް ހޯދައިދިނުމުގައި މުހިންމު ރޯލެއް ކުޅުނު ދަގަނޑޭ އަށް ލިބުނީ 2،172 ޕޮއިންޓެވެ. ތިން ވަނަ އަށް ދިޔައީ ނިއު އާއި ގައުމީ ޓީމުގެ ގޯލްކީޕަރު އިމްރާން މުހައްމަދެވެ. އިމްރާނަށް ލިބުނީ 1،362 ޕޮއިންޓެވެ. މި މަގާމަށް ދެން ވާދަކުރި މާޒިޔާގެ އަސަދުﷲ އަބްދުﷲ އަށް 811 ޕޮއިންޓް ލިބުނުއިރު، މިދިޔަ އަހަރު ވިކްޓަރީ އަށް ކުޅުނު ޝާފިއު އަހުމަދު (ޝާފީ) އަށް ލިބުނީ 783 ޕޮއިންޓެވެ

ހަވީރުން ހޮވި 2012 ވަނަ އަހަރުގެ 21 އަހަރުން ދަށުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާގެ މަގާމު ހޯދީ މިދިޔަ އަހަރު ވިކްޓަރީ އަށް ކުޅުނު ޒުވާން ޑިފެންޑަރު ރިލްވާން ވަހީދު (ރިލޭ) އެވެ. ރޭގެ ހަފުލާގައި ރިލޭ އަށް އެވޯޑް ހަވާލުކޮށްދެއްވީ އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމެވެ

މި ސީޒަންގައި ނިއު އަށް ކުޅޭ ގައުމީ ޓީމުގެ ޒުވާން ޑިފެންޑަރު ރިލޭ 21 އަހަރުން ދަށުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދީ 1،875 ޕޮއިންޓާ އެކު އެވެ. މި މަގާމަށް ދެން ވާދަކުރި މާޒިޔާގެ ސަމްދޫހު މުހައްމަދަށް 1،250 ޕޮއިންޓް ލިބުނުއިރު، އެ ޓީމުގެ އަމްދާން އަލީ އަށް ލިބުނީ 1،243 ޕޮއިންޓެވެ

ޚަބަރު: ހަވީރު އޮންލައިން

ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް