ފަހުގެ ޚަބަރު


އިތުރަށް...

އެއްދާން ކުރުމުގެ އަދަބުތައް..

ލިޔުނީ: Unknown - Friday, March 22, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހީމް
الحمد لله رب العالمين، والصلاة والسلام على أشرف الأنبياء والمرسلين، نبينا محمد وعلى آله وصحبه وسلم وبعد: އިންސާނުންނަށް ބޭނުން ޖެހޭ ހުރިހައި ކަމެއް މާތްވެގެންވާ އިސްލާމްދީނުގައި ވަރަށް ފުރިހަމައަށް އުނގަންނައިދެއްވާފައި ވެއެވެ. އެގޮތުން އެހެން ދީންތަކާއި ފަލްސަފާތަކާއި ޚިލާފަށް އާއިލީ ގުޅުންތަކަކީ މިމާތް ދީނުގައި ވަރަށް ފުރިހަމަ، ރިވެތި ނިޡާމަކުން ތަރުތީބު ކުރެވިފައިވާ ބައެކެވެ.

ޚާއްސަކޮށް ދެމަފިރިންގެ ދެމެދުގައިވާ ޚާއްސަ ގުޅުން ބަހައްޓަންޖެހޭ ގޮތާއި މެދުގައި އަޚްލާގާއި ރިވެތި އަދަބުތައް މުސްލިމުންގެ ނަބިއްޔާ ދަސްކޮށްދެއްވާފައި ވެއެވެ. އަދި އެކަލޭގެފާނަކީ ހުރިހައި ކަމެއްގައި އަޅުގަނޑުމެންގެ ނަމޫނާއެވެ.ރޭކުރުމާއި އެއްދާން ކުރުމުގެ އަދަބުތަކަކީ އުނދަގޫ އަދި ގިނަ ކަންތައްތަކެއް ނޫނެވެ. އަދިކިޔެއް، އިސްލާމްދީނުގެ ލުއިފަސޭހަކަމާއި އެއްގޮތަށް އެއީވެސް ދަސްކުރުމަށާއި ޢަމަލުކުރުމަށް ފަސޭހަ ކަމެކެވެ. އެގޮތުން ފުރަތަމަ ހަނދާނުގައި ބަހައްޓަންޖެހޭ ކަމަކީ: ދެމަފިރިންގެ ދެމެދުގައި ވާ ލޯބި ބަދަލު ކުރުމުގައި އަސްލަކީ ﷲ އާއި އެކަލާނގެ ރަސޫލާ ނަހީކުރައްވާފައިނުވާ ކޮންމެ ކަމެއް ނުވަތަ ގޮތެއްވެސް ހުއްދަވުމެވެ. އެއީ ދެމަފިރިންކުރެ ދެމީހުންގެ ހިންމަޖެހުމާއި އާދަމުގެދަރިވަންތަކަމުގެ ހަމަތަކާއި އެއްގޮތަށް އޮށްނަންޖެހޭ ގުޅުމެކެވެ. ވީމައި ޝަރީޢަތުގައި އެގުޅުން އޮށްނަން ޖެހޭ މަދު، ގިނަ މިނުގެ ވަކި މިންވަރެއް، ނުވަތަ އެކަމަށްޓަކައި ވަކި ވަގުތެއް، އަދި ވަކި ވައްތަރެއް ކަނޑައަޅުއްވާފައެއް ނުވެއެވެ. އެއީ ދެމަފިރިންގެ އަމިއްލަ ޝައުޤާއި ޛައުޤާއި އެއްގޮތަށް ދޫކޮށްލެވިފައިވާ ކަމެކެވެ. ހަމައެކަނި ޝަރީޢަތުގައި ވަކިކަމެއް ވަކި ގޮތަކަށް ކުރުމަށް ނުވަތަ ނުކުރުމަށް އަންގަވާފައި ވާނަމަ އެކަމަކަށް ކިޔަމަން ގަތުމުން އެފުދުނީއެވެ. އެގޮތުން ރޭ ކުރުމުގެ އަދަބުތަކާއި މެދުގައި އައިސްފައިވާ ޝަރުޢީ ހުކުމްތަކުގެ ތެރޭގައި ކަނޑައެޅިގެން ކުރުން ހަރާމް ކުރެއްވިފައިވާ ކަންތަކާއި އަޅައިލުން ވާޖިބުވާ ކަންތައްތަކާއި އެދެވިގެންވާ، ސުންނަތް ނުވަތަ މުސްތަޙައްބު އަދަބުތަކެއް ވެއެވެ. އެއަދަބު ތަކަކީ:

1- އިޚްލާޞް: އެއީ މާތް ﷲ އަށްޓަކައި އެކަލާނގެ ހަރާމް ކުރައްވާފައިވާ ޒިނޭއާއި ފާޙިޝްކަންތައްތަކުން ދެމަފިރިންގެ ޢިތްފަތާއި އަބުރު ރައްކާތެރި ކުރުމާއި މިބިމުގައި މާތް ﷲ އަށް އަޅުކަންކުރާނެ ޞާލިޙު ދަރިފަސްކޮޅެއް އިތުރު ކުރުމުގެ މަތިވެރި ނިޔަތާއި ގަސްތުގައި ދެމަފިރިން ރޭކުރުމެވެ. ޝައްކެއްނެތް ގޮތުގައި މިއީ ކައިވެނީގެ އެއްމެ ބޮޑު ދެމަޤްޞަދެވެ. އިތުރުއެކަލޭގެފާނުން ހަދީޘްކުރައްވާފައިވެއެވެ. (( يَا مَعْشَرَ الشَّبَابِ، مَنْ اسْتَطَاعَ مِنْكُمْ الْبَاءَةَ فَلْيَتَزَوَّجْ، فَإِنَّهُ أَغَضُّ لِلْبَصَرِ وَأَحْصَنُ لِلْفَرْجِ وَمَنْ لَمْ يَسْتَطِعْ فَعَلَيْهِ بِالصَّوْمِ، فَإِنَّهُ لَهُ وِجَاءٌ )). މާނައަކީ: “އޭ ޒުވާނުންނޭވެ! ތިޔަބައިމީހުންކުރެ ކުޅަދާނަކަން ލިބިގެންވީ ކޮންމެ މީހަކު ކައިވެނި ކުރާށެވެ! ކައިވެންޏަކީ އެއްމެ ބޮޑަށް އިސް ތިރިކޮށްދޭ (ބެލުންތަކުން ލޯ މަނާކޮށްދޭ) އަދި އެއްމެބޮޑަށް ޢިތްފަތް ރައްކާތެރިކޮށްދޭ ކަންތަކެވެ. އަދި ކުޅަދާނަވެގެން ނުވާ ނަަމަ ރޯދަ ހިފާށެވެ! ފަހެ ހަމަކަށަވަރުން ރޯދައަކީ އޭނާއަށްޓަކައި ވާ ނިވާފަތްގަނޑެކެވެ.” البخاري އާއި مسلم.މާތް ﷲ މިއުންމަތަށް ދެއްވާފައިވާ ފަޟްލުގެ މަތިވެރިކަން ބައްލަވާށެވެ! އެކަލާނގެއަށްޓަކައި އަދާކުރެވޭ ޚާލިޞް އަޅުކަމުގެ އިތުރުން އެކަލާނގެ ނަހީކުރައްވާފައިވާ ކަންކަމުން ދުރުހެލިވުމަށްޓަކައި ޙަލާލު ކުރެއްވި ކަންތައްތަކުން ފުދިގަތުމާއި އެފަދަ ކަންކަމުގައިވެސް އެކަލާނގެ ވަޖުހުފުޅުއެދިގެން ކުރުމަކީ ޘަވާބާއި ދަރުމަ ހުރިކަމެކެވެ. ދެމަފިރިން އެކަކު އަނެކަކާއި ގާތްވުމުގައި މިމަތިވެރި ގަސްތު އޮތުމަކީ މޮޅު، އިތުރު ކަމެކެވެ. رسول الله صلى الله عليه وسلم ހަދީޘްކުރައްވާފައިވެއެވެ. ((وَفِي بُضْعِ أَحَدِكُمْ صَدَقَةٌ)) “ތިޔަބައިމީހުންގެ އަނބިންގެ ގާތަށް ދިޔުމުގައިވެސް ތިޔަބައިމީހުނަށް އަޖުރު ވެއެވެ.” އަޞްޙާބުން ދެއްނެވިއެވެ. يا رسول اللَّه! ތިމަންބޭކަލުންގެ އަނބިންގެ ގާތުން ޝަހުވަތް ފުއްދުމަކީވެސް އަޖުރު ލިބޭނެކަމެއްތޯއެވެ!؟ ހަދީޘްކުރެއްވިއެވެ. ((أَرَأَيْتُمْ لَوْ وَضَعَهَا فِي حَرَامٍ أَكَانَ عَلَيْهِ فِيهَا وِزْرٌ فَكَذَلِكَ إِذَا وَضَعَهَا فِي الْحَلَالِ كَانَ لَهُ أَجْرًا)) مسلم. ” ތިޔަބައިމީހުން ހަރާމް ގޮތުގައި ޝަހުވަތް ފުއްދައިފި ނަމަ އެކަމުގެ ސަބަބުން ފާފަވެރިވާނެކަމުގައި ގަބޫލުކުރަމުނޫން ހެއްޔެވެ!؟ (ޔަގީނެވެ.) ހަމައެފަދައިން ހަލާލު ގޮތުގައި އެކަން ފުއްދައިފި ނަމަ އެކަމުގައި އަޖުރު ލިބޭހުއްޓެވެ.” ޢިތްފަތް ރައްކާތެރި ކުރުމާއި އެކުގައި ދަރިން ލިބުމުގެ ގަސްތަކީވެސް މިމާތް ޝަރީޢަތުގައި ދެމަފިރިން ގުޅުމުގެ މާތް މަގުސަދެކެވެ. މާތް ﷲގެ ވަޙީބަސްފުޅުގައިވެއެވެ. {{وَابْتَغُوا مَا كَتَبَ اللَّهُ لَكُمْ}} البقرة 187. މާނައަކީ: “އަދި ތިޔަބައިމީހުން (އަނބިންނާއި އެއްދާންކުރާއިރު) މާތް ﷲ ތިޔަބައިމީހުނަށް ލިޔުއްވާފައިވާ ދަރިން ލިބުމަށް އެދޭށެވެ.” ޢިއްފަތްތެރިކަމާއި ދަރިން ހޯދުމުގެ މުހިންމުކަން އަންގަވައި އިތުރު އެކަލޭގެފާނުން ހަދީޘް ކުރައްވާފައިވެއެވެ. ((تَزَوَّجُوا الْوَدُودَ الْوَلُودَ فَإِنِّي مُكَاثِرٌ بِكُمْ الْأُمَمَ)) سنن أبى داود. “ބޮޑަށް ލޯބިވާ، ގިނައިން ވިހާ މީހުންނާއި ކައިވެނިކުރާށެވެ! ޤިޔާމަތްދުވަހުގައި އެއްމެގިނަ އުންމަތެއްކަމުގައި ތިމަންކަލޭގެފާނުންގެ އުންމަތް ވުމަށް އެދިވަޑައިގަންނަވަމެވެ.”

2- މުގައްދިމާ: ދެމަފިރިން ގާތްވާއިރުގައާއި އެއްދާންކުރަން ފެށުމުގެ ކުރީގައި ލޯބީގެ މުގައްދިމާއަކުން ފެށުމަކީ އެދެވިގެންވާ ކަމެކެވެ. އެއީ ދެމަފިރިންގެ ނަފްސު ތައްޔާރު ކުރުމަށްޓަކައެވެ. ޚާއްސަކޮށް އަނބިމީހާއާއި ލޯބިކޮށް، ސަމާސަކޮށްލުމުގައި ވަގުތުކޮޅެއް ހޭދަކުރުމަކީ މުހިންމު ކަމެކެވެ. އިތުރުއެކަލޭގެފާނުން މިފަދައިން ކަންކުރައްވާކަމުގައި ރިވާވެގެން ވެއެވެ.

3 - ދުޢާ: ޖިމާޢުވުމަށް ފެށުމުގެ ކުރީގައި ބިސްމި އާއި ދުޢާ ކިޔުމަކީ އިތުރުއެކަލޭގެފާނުން ދަސްކޮށްދެއްވާފައިވާ ކަމެކެވެ. އެދުޢާއަކީ: ((بِاسْمِ اللَّهِ، اللَّهُمَّ جَنِّبْنَا الشَّيْطَانَ وَجَنِّبْ الشَّيْطَانَ مَا رَزَقْتَنَا)) متفق عليه (البخاري ومسلم). މާނައަކީ: ” ﷲގެ އިސްމުފުޅުން ފަށަމެވެ. ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! އަޅަމެން ޝައިޠާނާގެ ކިބައިން ސަލާމަތް ކުރައްވާންދޭވެ! އަދި އިބަރަސްކަލާނގެ އަޅަމެނަށް ދެއްވާ ދަރިފުޅު ޝައިޠާނާގެ ކިބައިން ސަލާމަތް ކުރައްވާންދޭވެ!” ޖިމާޢުވާން ފެށުމުގެ ކުރިން މިދުޢާ ކިޔުމަކީ ސުންނަތެކެވެ. ﷲ ގެ ރަހުމަތާއި ބަރަކާތް ލިބި، ޝައިޠާނާގެ ކިބައިން ތިމާއާއި ތިމާގެ ދަރިފަސްކޮޅު ސަލާމަތްވާނެ ސަބަބެކެވެ.

4- ގޮތް: ޖިމާޢު ވުމުގައި ދެމަފިރިންނަށް ހުއްދަވެގެންވާ ގޮތަކީ ނުވަތަ ސްޓެޕްތަކަކީ ކޮބައިތޯއެވެ؟ މިސުވާލުގެ ޖަވާބު ޖުމްލަކޮށް އިސްވެ ހިނގައްޖެއެވެ. އެއީ ދެމަފިރިންގެ ދެމެދުގައިވާ ލޯބީގެ ގުޅުން ބަދަލު ކުރުންފަދަ ކަންކަމުގައި އަސްލަކީ ހުއްދަވުމެވެ. ކޮންމެ ކަމެއް ހުއްދަ ކަމުގައި ވަކި ދަލީލެއް އޮތުން ލާޒިމެއް ނޫނެވެ. ﷲ އާއި ރަސޫލާ މަނާ ކުރައްވާފައިވާ ކަމެއްކަމުގައި ނުވާ ކޮންމެ ކަމެއް ހުއްދައެވެ. އެގޮތުން، ދެމަފިރިން ހިންހަމަޖެހޭ ގޮތަކަށް އެދެމީހުންގެ ވަގުތު ހޭދަކުރުމަކީ ދީން ހުއްދަކުރާ ކަމެކެވެ. އުށްޑުން ނުވަތަ ބަންޑުން ނުވަތަ އަރިމައްޗަކުން ވިޔަސް ހުއްދައެވެ. މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. {{ نِسَاؤُكُمْ حَرْثٌ لَكُمْ فَأْتُوا حَرْثَكُمْ أَنَّى شِئْتُمْ…}} البقرة 223. މާނައަކީ: “ތިޔަބައިމީހުންގެ އަނބިންނަކީ ތިޔަބައިމީހުނަށްޓަކައިވާ ދަނޑެކެވެ. ފަހެ ތިޔަބައިމީހުންގެ ދަނޑަށް ތިޔަބައިމީހުން ބޭނުން ގޮތަކަށް އަންނާށެވެ!” ފުރަގަހުން އަނބިމީހާއާއި ގާތްވެއްޖެ ނަމަ ލިބޭ ދަރި ނުކުޅެދޭ ކުއްޖެއްކަމުގައި ވާނެކަމަށް މަދީނާގައި ތިބި ޔަހޫދީން ކިޔައި އުޅުމުގެ ސަބަބުން ފުރަގަހުން ނުވަތަ ތަފާތު ގޮތްގޮތަށް ގާތްވުމަކީ ނޭދެވޭކަމެއް ކަމުގައި އަންޞާރުންގެ ތެރޭގައި ދެކެވިފައިވެއެވެ. މުހާޖިރުންގެ ތެރޭގައި އެކަން އޮންނަނީ އެއާއި ޚިލާފަށެވެ. މުހާޖިރު ފިރިހެން ބޭކަލަކާއި އަންޞާރުންގެ އަންހެން ބޭކަނބަލެއްގެ ކައިވެނިވެ، މުހާޖިރު ބޭފުޅާ އެބޭފުޅާގެ އަނބިކަނބަލުންނާއި ގާތްވުމުގައި އަންޞާރުން ދެކެލައްވާގޮތާއި ޚިލާފު ގޮތެއް ހެއްދެވުމުން އަނބިކަނބަލުން އެކަމާއި އިންކާރު ކުރައްވައި އިދިކޮޅު ހެއްދެވިއެވެ. އަދި އެޚަބަރު އިތުރުއެކަލޭގެފާނުންނާއި ހަމައަށް ފޯރުމާއި އެކުގައި އިސްވެދިޔަ އާޔަތް ބާވައިލައްވައި ޔަހޫދީންގެ ބަސް ދޮގުކުރައްވައި ދެމަފިރިން އެއްދާންކުރުމުގައި ތަފާތު ގޮތްތަކާއި ސްޓެޕްތައް ބޭނުން ކުރުމަކީ ހުއްދަ ކަމެއްކަމުގައި މާތް ﷲ އެންގެވިއެވެ. އަދި އާޔަތުގެ ތަފްސީރުގައި އިބްނު ޢައްބާސްގެ އަރިހުން ޞައްހަވެގެން ވެއެވެ. ” أَنَّى شِئْتُمْ ” “ބޭނުންގޮތަކަށް” އައުމުގެ މާނައަކީ: “مُقْبِلَاتٍ وَمُدْبِرَاتٍ وَمُسْتَلْقِيَاتٍ يَعْنِي بِذَلِكَ مَوْضِعَ الْوَلَدِ” މާނައަކީ: ” އުށްޑުންނާއި ބަންޑުންނާއި ކުރިމަތިންނާއި ފުރަގަހުން، ކޮންމެ ދިމާއަކުން ވިޔަސް ދަރިލިބޭތަނާއި (ފަރުޖާއި) ގާތްވުމެވެ.” سنن أبى

5- ފުރަގަސްފަރާތް ބޭނުން ނުކުރުން: އަނބިމީހާގެ ފުރަގަސްފަރާތް ބޭނުންކުރުމަކީ އެއްވެސް ހާލެއްގައި ޖާއިޒް ކަމެއް ނޫނެވެ. އަދިކިޔެއް، އެއީ ބޮޑުވެގެންވާ ހަރާމްކަމެކެވެ. އިސްވެދިޔަ އާޔަތުގައި އަނބިމީހާގެ ގާތަށް ބޭނުންގޮތަކަށް އައުމުގެ ހުއްދަ މާތް ﷲ ދެއްވާފައިވަނީ ” حَرْث ” އަށެވެ. (ދަނޑަށެވެ.) އެއީ ޝައްކެއްނެތްގޮތުގައި އެކަނބަލުންގެ ފަރުޖެވެ. ގޮވާންކުރެވޭ ތަނަކީ އެއީއެވެ. ދަރިންލިބޭ ތަނަކީ އެއީއެވެ. އަދި އެއީ ފަރުޖުކަން އާޔަތުގެ ތަފްސީރުގައި ޞައްޙަމަގުން ޞަރީޙަކޮށް އައިސްފައިވެއެވެ. އިތުރުއެކަލޭގެފާނުން ހަދީޘްކުރައްވާފައިވެއެވެ. ((مَلْعُونٌ مَنْ أَتَى امْرَأَتَهُ فِي دُبُرِهَا)) الألباني، صحيح أبي داود. މާނައަކީ: “އަންހެނާގެ ފުރަގަސްފަރާތް ބޭނުންކޮށްފި މީހަކީ މަލްޢޫނެކެވެ.” އެއީ މާތް ﷲގެ ލަޢުނަތް ހައްގުވެއްޖެ މީހެކެވެ. އަދި أبو هريرة رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. رسول الله صلى الله عليه وسلم ހަދީޘްކުރައްވާފައި ވެއެވެ. ((لَا يَنْظُرُ اللَّهُ عَزَّ وَجَلَّ إِلَى رَجُلٍ جَامَعَ امْرَأَتَهُ فِي دُبُرِهَا)) މާނައަކީ: “އެމީހެއްގެ އަނބިމީހާގެ ފުރަގަސްފަރާތާއި ޖިމާޢުވެއްޖެ މީހަކަށް މާތް ﷲ (ރަޙުމަތުގެ ބެއްލެވުމުން) ނުބައްލަވާނެއެވެ.” الترمذي އާއި ابن ماجه އަދިވެސް އިތުރު އިމާމުން ރިވާކުރައްވާފއިވެއެވެ. މި ޢަމަލުގެ ނުބައިކަމާއި މެދުގައި އިތުރު ރިވާޔަތްތައް ވާރިދުވެފައިވެއެވެ. ފިރިމީހާ މި ޢަމަލު ކުރުމަށް ގަސްތުކޮށްފި ނަމަ އޭނާއަށް ކިޔަމަން ގަތުމަކީ ހުއްދަކަމެއް ނޫނެވެ. ޝައްކެއްނެތްގޮތުގައި މިފަދަ ޢަމަލަކީ ފިޠުރަތާއި ޚިލާފު، ﷲ އާއި އާޚިރަތް ދުވަހަށް އީމާންނުވާ މީހުންގެ ޢަމަލެކެވެ.

6.- ހައިޟުގެ ވަގުތުގައި އަރާމު ލިބިގަތުން: ޙައިޟުގެ ހާލަތުގައި، ޙައިޟުން ޠާހިރުވުމުގެ ކުރީގައި އަނބިމީހާގެ ކުރިމަތީފަރާތުން ލައްޛަތު ލިބުމަކީ ހަރާމްވެގެންވާ ކަމެކެވެ. މާތް ﷲގެ ވަހީބަސްޅުގައިވެއެވެ. {{وَيَسْأَلُونَكَ عَنِ الْمَحِيضِ قُلْ هُوَ أَذًى فَاعْتَزِلُوا النِّسَاءَ فِي الْمَحِيضِ وَلا تَقْرَبُوهُنَّ حَتَّى يَطْهُرْنَ فَإِذَا تَطَهَّرْنَ فَأْتُوهُنَّ مِنْ حَيْثُ أَمَرَكُمُ اللَّهُ إِنَّ اللَّهَ يُحِبُّ التَّوَّابِينَ وَيُحِبُّ الْمُتَطَهِّرِينَ}} البقرة 222. މާނައަކީ: ” އެބައިމީހުން ހައިޟާއިމެދުގައި ކެލޭގެފާނާއި ސުވާލު ކުރާނެއެވެ. ކަލޭގެފާނުން ވިދާޅުވާށެވެ! އެއީ ހަޑިއެއްޗެކެވެ. (ނަޖިހެކެވެ.) ފަހެ އެކަނބަލުން ޠާހިރުވެއްޖައުމަށްދާންދެން (ޖިމާޢުވުމުގެ ގޮތުން) އެކަނބަލުންނާއި ކައިރިނުވާށެވެ! ފަހެ ޠާހިރުވުމުން މާތް ﷲ އަމުރުކުރައްވާފައިވާ ފަދައިން އެކަނބަލުންގެ ގާތަށް އަންނާށެވެ. (އެކަނބަލުންނާއި ޖިމާޢުވާށެވެ.) ހަމަކަށަވަރުން ﷲ އީ ގިނަގިނައިން ތައުބާވާމީހުންދެކެ ލޯބިވެ ވޮޑިގަންނަވާ އަދި ޠާހިރުވާ މީހުންދެކެ ލޯބިވެ ވޮޑިގަންނަވާ ރަސްކަލާނގެއެވެ.” އެބަހީ އެކަނބަލުންގެ ފަރުޖާއި ކައިރި ނުވާށެވެ! ޙައިޟުގެ ހާލަތުގައި ޖިމާއުވުމަކީ ކަނޑައެޅިގެން ހަރާމް ކަމެއްކަމުގައި ދެބަސްވުމެއް ނެތެވެ. އެފަދަ ޢަމަލެއް ކުރެވިއްޖެ މީހާގެ މައްޗަށް ދީނާރެއް ނުވަތަ އޭގެ ދެބައިކޮށްފައި އެއްބައިގެ މިންވަރު ކައްފާރާއެއްގެ ގޮތުގައި ހޭދަކުރުމަކީ ވާޖިބެކެވެ. ނަމަވެސް، ޖިމާޢުވުން ފިޔަވައި އެހެން ގޮތްގޮތުން ގާތްކަން ބެހެއްޓުމަކީ ރަނގަޅުކަމެކެވެ. ޔަހޫދީން އެމީހުންގެ އަނބިން ޙައިޟު ވުމުން އެމީހުންނާއި ހުރިހައި ގުޅުމެއް ކަނޑާލައެވެ. ދެން ޙައިޟުވެރިންނާއި ބެހޭ (އިސްވެދިޔަ) އާޔަތް ބާވައިލެއްވުމުން އިތުރުއެކަލޭގެފާނުން ހަދީޘްކުރެއްވިއެވެ. ((اصْنَعُوا كُلَّ شَيْءٍ إِلَّا النِّكَاحَ)) “ޖިމާޢުވުން ފިޔަވައި ހުރިހައިކަމެއް ކުރުން ހުއްދައެވެ.” އަދި އިތުރު އެކަލޭގެފާނުން އެކަލޭގެފާނުންގެ އަނބިއަނބިކަނބަލުންނާއި އެކުގައި ހައިޟުގެ ހާލަތުގައި އިށީނދެ އޮށޯވެ، ފަރިއްކުޅުވައި އެކަނބަލުންގެ ހަށިގަނޑުން އުފާހާސިލު ކުރައްވާކަމުގައި ސާބިތު ވެއެވެ. ވީމައި ހައިޟުގެ ވަގުތުގައި އަނބިމީހާގެ ފޫޅާއި ކަކުލާއި ދެމެދު ނުވަތަ ފަރުޖު ފިޔަވައި އެހެން ހިސާބުތަކުން އަރާމު ލިބުމަކީ ހުއްދަކަމެކެވެ

7.- ދެވަނަ ބުރަށް ފެންވެރުން ނުވަތަ ވުޟޫކުރުން: ޖިމާޢުވުމަށްފަހުގައި ދެވަނަ ބުރައް ޖިމާއުވާން ބޭނުންވެއްޖެނަމަ، ފެންވެރުން ނުވަތަ ވުޟޫ ކުރުމަކީ އެދެވިގެންވާ ކަމެކެވެ. أبو سَعِيدٍ الْخُدْرِيِّ رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. رسول الله صلى الله عليه وسلم ހަދީޘްކުރައްވާފައި ވެއެވެ. (( إِذَا أَتَى أَحَدُكُمْ أَهْلَهُ ثُمَّ أَرَادَ أَنْ يَعُودَ فَلْيَتَوَضَّأْ بَيْنَهُمَا وُضُوءًا)) مسلم. މާނައަކީ: “ތިޔަބައިމީހުންކުރެ މީހަކު އަނބިމީހާގެ ގާތަށް އައުމަށްފަހުގައި ދެވަނަފަހަރަށް އަންނަން ގަސްތުކުރާނަމަ ދެފަހަރުގެ ދެމެދުގައި ވުޟޫކުރާށެވެ”. ބައެއް ރިވާޔަތުގައި ވެއެވެ. ((فإنه أنشط له في العود)) ” ދެވަނަފަހަރަށް އަނބިމީހާގެ ގާތަށް އައުމަށްޓަކައި ވުޟޫކުރުމަކީ ބޮޑަށް މުރާލިކޮށްދޭ ކަމެކެވެ.” صحيح ابن خزيمةދަތިކަމަކަށް ނުވާނަމަ ފެންވަރައި ހިނައިގަތުމަށްފަހުގައި ކައިރިވުން ފުރިހަމަވެފައި މޮޅުއިތުރެވެ. އިތުރުއެކަލޭގެފާނުންގެ އަރިހުން ޞައްހަވެގެން ވެއެވެ. أبو رَافِعٍ رضي الله عنه ވިދާޅުވިއެވެ. ހަމަކަށަވަރުން رسول الله صلى الله عليه وسلم އެއްދުވަހެއްގައި އެކަލޭގެފާނުންގެ އަނބިއަނބިކަނބަލުންގެ ގާތަށް ވަޑައިގެންނެވިއެވެ. އަދި ކޮންމެ އަނބިކަނބަލެއްގެ ގާތުގައި ނާނާފުޅު ފިއްލަވައެވެ. ތިމަންނާ ދެންނެވީމެވެ. ﷲގެ ރަސޫލާއެވެ! ހުރިހައި ބޭކަނބަލުންގެ ގާތުން އަވަދިވެވަޑައިގެން އެއްހިނައިގަތުމަކަށް ހެއްދެވުން ކީތްތޯއެވެ؟ ހަދީޘްކުރެއްވިއެވެ. ((هَذَا أَزْكَى وَأَطْيَبُ وَأَطْهَرُ)) سنن أبى داود. “މިގޮތް ރިވެތިކަން ބޮޑުވެފައި، ސާފުކަން ބޮޑުވެފައި، ޠާހިރުކަން ބޮޑުވެ.” الألباني މިހަދީޘް ރަނގަޅުކަމުގައި ވިދާޅުވެފައިވެއެވެ. (صحيح أبي داود). ދެބުރު ދޭތެރޭގައި ވުޟޫކޮށް، އެއްމެފަހުގައި ހިނައިގަތުމާއި، ކޮންމެ ފަހަރަކަށް ފެންވެރުމާއި ދެގޮތަކީވެސް ސުންނަތްވެގެންވާ ދެގޮތެވެ.

8- ހިނައިގަތުން: ޖުނުބުވެރިވުމުން ހިނައިގަތުމަކީ ވާޖިބެކެވެ. އެއީ މަނިބޭރުވުން ނުވަތަ ދެމަފިރިންގެ ލަދުވެތި ގުނަވަން ބައްދަލުވުން ފަދަ ކަމެއް މެދުވެރިވުމެވެ. أم المؤمنين عائشة رضي الله عنها ގެ އަރިހުން الترمذى އާއި ابن ماجه ރިވާކުރައްވާފައިވެއެވެ. އިތުރު އެކަލޭގެފާނުން ހަދީޘްކުރައްވާފައި ވެއެވެ. (( إِذَا جَاوَزَ الْخِتَانُ الْخِتَانَ فَقَدْ وَجَبَ الْغُسْلُ )). މާނައަކީ: “އެއް ޚިތާނު އަނެއް ޚިތާނަށް ވަދެއްޖެ ނަމަ ހަމަކަށަވަރުން ފެންވެރުން ވާޖިބު ވެއްޖެއެވެ.” މިފަދައިން البخاري އާއި مسلم ވެސް ރިވާކުރައްވާފައިވެއެވެ. ދެމަފިރިން އެކުގައި ހިނައިގަތުމާއި ފެންވެރުމަކީ ހުއްދަ ކަމެކެވެ. އަދިކިޔެއް އެއީ ކުޅަދާނަވެގެންވާނަމަ ބޮޑަށް ރަނގަޅުގޮތްކަމުގައި ދެކެމެވެ. އެއީ ދެމަފިރިންގެ ލޯތްބާ ގުޅުމުގެ ބޮޑުކަން ތައުބީރު ކޮށްދޭ ކަމެކެވެ. عائشةَ رضي الله عنها ވިދާޅުވެފައިވެއެވެ. ((كُنْتُ أَغْتَسِلُ أَنَا وَرَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مِنْ إِنَاءٍ وَاحِدٍ وَنَحْنُ جُنُبَانِ)) متفق عليه (البخاري ومسلم). “ތިމަންކަމަނާ އާއި رسول الله صلى الله عليه وسلم އާ ދެމަފިރިކަނބަލުން ޖުނުބުވެރިކަމުގެ ހާލަތުގައި ތިއްބަވާފައި އެއް ކަންވާރަކުން ހިނައިގަންނަވަމުއެވެ.”

9- ވުޟޫ: ޖުނުބުވެރި ހާލަތުގައި ކައިބޮއެ ހަދަން ނުވަތަ ނިދަން ބޭނުންވެއްޖެ ނަމަ ސުންނަތްވެގެންވާ ގޮތަކީ ވުޟޫ ކޮށްގެން ކައިބޮއެ ހެދުން ނުވަތަ ނިދުމެވެ. އިތުރުއެކަލޭގެފާނުން އާއްމުކޮށް ޢަމަލު ކުރައްވައި އެކަލޭގެފާނުންގެ މިތުރުންނަށް އަންގަވާފައިވަނީ މިފަދައިންނެވެ. عائشةَ رضي الله عنها ގެ އަރިހުން ރިވާވެގެން ވެއެވެ. ((كَانَ إِذَا أَرَادَ أَنْ يَأْكُلَ أَوْ يَنَامَ وَهُوَ جُنُبٌ، غَسَلَ فَرْجَهُ وتَوَضَّأَ وُضُوءَهُ لِلصَّلَاةِ)) މާނައަކީ: “އިތުރުއެކަލޭގެފާނުން ޖުނުބުވެރިހާލަތުގައި ފަރިއްކުޅުވަން ނުވަތަ ނިދިކުރެއްވުމަށް ގަސްތު ކުރައްވައިފިނަމަ އެކަލޭގެފާނުންގެ ކުރިމަތިފަރާތްޕުޅު ދޮންނަވައި، ނަމާދަށް ވުޟޫ ކުރައްވާފަދައިން ވުޟޫ ކުރައްވައެވެ.” މިފަދައިން البخاري އާއި مسلم އަދި އިތުރުން އެހެން އިމާމުންވެސް ރިވާކުރައްވާފައި ވެއެވެ. އަދިވެސް ابْنِ عُمَرَ رضي الله عنهما ގެ އަރިހުން ދެއިމާމުން ރިވާކުރައްވާފައި ވެއެވެ. ” އުމަރުގެފާނު رسول الله صلى الله عليه وسلم އާއި ސުވާލުކުރެއްވިއެވެ. ޖުނުބުވެރިކަމުގެ ހާލުގައި އަޅުގަނޑުމެނަށް ނިދިދާނެތޯއެވެ؟ ހަދީޘްކުރެއްވިއެވެ. (( نَعَمْ، لِيَتَوَضَّأْ، ثُمَّ لِيَنَمْ حَتَّى يَغْتَسِلَ إِذَا شَاءَ)) “އާނއެކެވެ. ވުޟޫކޮށްގެނ ނިދާށެވެ. އަދި ބޭނުންވީމައި ފެންވަރާށެވެ.” ރޭގަނޑުގައިނަމަ ފަތިސްވެއްޖައުމަށްދާންދެން، ނުވަތަ ނަމާދު ވަގުތު ވެއްޖައުމާއި ހަމައަށް ފެންވެރުން ލަސްކުރުމަކީ ހުއްދަކަމެކެވެ. އަދި މިވުޟޫއަކީ ސުންނަތެއްކަމުން ބައެއް ފަހަރަށް ވުޟޫވެސް ނުކޮށް ނިދުމަކީ މައްސަލައެއް ނޫނެވެ. عائشةَ رضي الله عنها ވިދާޅުވެފައިވެއެވެ. ((كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَنَامُ وَهُوَ جُنُبٌ مِنْ غَيْرِ أَنْ يَمَسَّ مَاءً)) سنن أبى داود. “رسول الله صلى الله عليه وسلم ޖުނުބުވެރި ހާލުގައި ފެނުގައި ބީހިވަޑައިނުގަނެ އަވަހާރަފުޅު ލައްޕަވައެވެ.” ވީމައި މިހުރިހައި ގޮތަކީ ހުއްދަ ގޮތެވެ. އިތުރުވެގެންވާ ގޮތަށް އިތުރަށް ކުރެވޭތޯ ބަލަންވާނެއެވެ.

10-ޢަޒްލު: ޢަޒްލު ކުރުމަކީ ބަނޑުބޮޑު ނުވުމަށްޓަކައި ފަރުޖުން ބޭރަށް މަނި ބޭރުކުރުމެވެ. ހުއްދަ ޢުޛުރަކާއި ލައިގެން ޢަޒްލު ކުރުމާއި އެހެންވެސް ގެއްލުމެއް ނެތް ވަސީލަތެއް ބޭނުންކޮށްގެން ޢުޛުރުފިލައި ދާންދެން ދޭތެރެ ދުރުކުރުމަކީ ޖާއިޒް ކަމެކެވެ. جابر

މަސްދަރު: ރާއްޖެއިސްލާމް
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް