ފަހުގެ ޚަބަރު


އިތުރަށް...

"ސްޓްރޯކް" ދެނެގަންނާނީ ކިހިނެތް؟

ލިޔުނީ: Unknown - Saturday, March 30, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
މި މާރޗް މަހުގެ 29 ވަނަ ދުވަސް ވެގެން ދިޔައީ ފޮނަދުއަށް ސިހުން ލިބިގެން ދިޔަ ދުވަހަކަށެވެ. މެންދުރުފަހު 3 ޖަހާކަން ހާއިރު ރަށުތެރެއިން އިވެން ފެށީ ފޮނަދޫ 'ކައްޕި' އިބްރާހިމްދީ ކުއްލި ގޮތަކަށް ނިޔާވި ޚަބަރެވެ. (އެ މަރްޙޫމަށް މާތްﷲ ރަޙްމަތްލައްވާ ސުވަރުގޭގެ ދާއިމީ ނިޢުމާތް މިންވަރު ކުރައްވާށި – އާމީން)
މެންދުރު ފޮނަދޫ ރޯޔަލް ކުޒިން (ބަކުރު ހޮޓަލުން) ސައި ބޮއެގެން ޚަބަރު ބަލަން ގެޔަށް ދިޔަ އިބްރާހިމްދީ ނިޔާވީ ޚަބަރު ބަލަން އޮއްވާ ސްޓްރޯކެއް ޖެހިގެން ކަމަށް ޑޮކްޓަރާއި ޙަވާލާދީ އެލްއޭ ނިއުސް އަށް މަޢުލޫމާތު ދިން ފަރާތަކުން ބުނެއެވެ.

ބޭރު ޤައުމެއްގައި ހިނގި ޙާދިޘާއެކެވެ. "ޕާޓީއެއްގެ ތެރެއިން އަހަރެންގެ ރަޙްމަތްތެރިއަކު ކުއްލިއަކަށް ވެއްޓުނެވެ. އަމިއްލައަށް ތެދުވުމަށްފަހު ޕާޓީގައި ތިބި މީހުންނަށް އޭނާ ޔަޤީންކަން ދިނީ އޭނާގެ ޙާލު ރަނގަޅު ކަމަށެވެ. އަދި ވެއްޓެން ދިމާވީ އޭނާގެ އައު ބޫޓުން ގަލެއްގައި އަޅައިގެންފައި ކަމަށްވެސް ބުންޏެވެ. އަހަރުމެން އެމްބިއުލާންސަށް ގުޅުމަށްވެސް އެދުނީމެވެ.

އަހަރުމެން އޭނާ ނަގައިގެން ސާފުކޮށްފައި އޭނާއަށް ކާއެއްޗެހި ގެންގޮސްދިނީމެވެ. އޭނާ އޭރު އިނީ ފާޑަކަށެވެ. ނަމަވެސް އިންގްރިޑް (އަންހެންމީހާގެ ނަން) އެ ޕާޓީގައި މަޖާނަގާ ހެދިއެވެ. އެދުވަހު ތަންކޮޅެއް ފަހުގެ ވަގުތެއްގައި އިންގްރިޑްގެ ފިރިމީހާ އަހަރުމެންނަށް ގުޅާފައި އޭނާ ހަސްފަތާލުގައި އެނދުމަތި ކުރިކަމަށް ބުންޏެވެ. އިރުއޮއްސި 6 ޖެހިއިރު އިންގްރިޑް މި ދުނިޔެއާއި އަލްވަދާޢު ކިޔައިފިއެވެ."

ޕާޓީ ތެރޭގައި ހުއްޓާ އިންގްރިޑަށް ޖެހުނީ ސްޓްރޯކެކެވެ. ސްޓްރޯކެއް ޖެހުމުން ފެންނާނެ ޢަލާމާތްތައް އެމީހުންނަށް އެނގޭބާވަ އެވެ. އެފަދަ ޢަލާމާތްތައް އެވަގުތު އޭނާގެ ކައިރީގައި ތިބި މީހުންނަށް އެނގުނު ނަމަ މިވަގުތު މި ދުނިޔޭގައި ފަހަރުގަ އިންގްރިޑް ހުރީސްކަން ނޭނގެއެވެ. އެހެނީ ސްޓްރޯކް ޖެހޭ ބައެއް މީހުން ސަލާމަތް ކުރެވެއެވެ. ނަމަވެސް އެމީހުން ފުރިހަމަ ޞިއްޙަތެއްގައި އާދައިގެ ދިރިއުޅުމެއް އުޅެވޭގޮތް ވުމަކީ ނާދިރު ކަމެކެވެ.

ސްޓްރޯކް ދެނަގަތުން:
ނާރުތަކާއިބެހޭ ޚާއްޞަ ޑޮކްޓަރެއް ބުނާގޮތުން ސްޓްރޯކެއް ޖެހިފައިވާ މީހަކަށް ސްޓްރޯކް ޖެހޭތާ 3 ގަޑިއިރަށްވުރެން ގިނައިރު ނުވަނީސް ފަރުވާދެވޭގޮތް ވެއްޖެނަމަ ސްޓްރޯކް ޖެހުމުން ކުރިމަތިވާ އަސަރުތައް އަލުން އަނބުރާ އިޢާދަ ކުރެވޭނެއެވެ. އޭނާ ބުނާގޮތުން އެކަމަށް ބޭނުންވާ އުކުޅަކީ ސްޓްރޯކް ދެނަގަތުން، ޑޮކްޓަރުން ބަލިމީހާ ބެލުމާއި 3 ގަޑިއިރު ވުމުގެ ކުރިން ސިއްޙީ ފަރުވާ ދިނުމެވެ.

ސްޓްރޯކް ދެނެގަތުމުގެ 3 ފިޔަވަޅު:
ބައެއް ފަހަރަށް ސްޓްރޯކެއް ޖެހިފައިވާކަން ދެނެގަތުން އުނދަގޫ ކަމަކަށްވެ އެވެ. އަދި ސްޓްރޯކާއި ގުޅޭ މަޢުލޫމާތު ލިބިފައި ނެތުމުގެ ސަބަބުން ބައެއް ފަހަރާ ގޯހުން ގޯހަށް ދެއެވެ.

މިހާރު ޑޮކްޓަރުން ވިދާޅުވާގޮތުން ސްޓްރޯކެއް ޖެހިފައިވާ މީހެއް ކައިރީގައި ހުންނަ މީހަކަށް، ސްޓްރޯކް ޖެހުނު މީހާ ކައިރީގައި 3 ސުވާލެއް ކޮށްގެން އެކަން ދެނެގަނެވޭނެ އެވެ. އެ ތިން ސުވާލަށް ނުވަތަ ތިން ފިޔަވަޅަށް އެސް.ޓީ.އާރް STRގެ ނަމުން ނަން ދީފައިވާ  އެވެ.

އެސް S  : ސްޓްރޯކް ޖެހުނު މީހާ ކައިރީގައި ސްމައިލް ކުރުމަށް SMILE (ހިނިތުންވުމަށް) ބުނާށެވެ.
ޓީ T  : ސްޓްރޯކް ޖެހުނު މީހާ ކައިރީގައި ޓޯކް ކުރުމަށް TALK (ވާހަކަ ދެއްކުމަށް) ބުނާށެވެ. މިގޮތުން އާދައިގެ ޖުމުލައެއް ބުނުމަށް ބުނާށެވެ. (މިސާލަކަށް: މިއަދަކީ އަވިބާރު ދުވަހެކެވެ.)
އާރް R  : ސްޓްރޯކް ޖެހުނު މީހާ ކައިރީގައި ރެއިސް ބޯތު އާރމްސް RAISE BOTH ARMS (ދެއަތް މައްޗަށް ނެގުމަށް) ބުނާށެވެ.

ސްޓްރޯކެއް ޖެހުނުކަމަށް ޝައްކުކުރެވޭ މީހާއަށް މިދެންނެވި ކަންކަމުން ކަމެއް ކުރުމުގައި ދަތިކަމެއް ދިމާވާނަމަ އަވަހަށް އެމްބިއުލާންސަށް ގުޅައި ސިއްޙީ ފަރުވާދޭ ތަނަކަށް ގެންގޮސް ޑޮކްޓަރަށް އެވާހަކަތައް ކިޔައިދޭށެވެ.

ސްޓްރޯކެއް ޖެހިފައި ވާކަން ދެނަގަތުމަށް ކުރެވިދާނެ އަނެއް ކަމަކީ ސްޓްރޯކެއް ޖެހިފައި ވާކަމަށް ޝައްކު ކުރެވޭ މީހާ ކައިރީގައި ދޫ ބޭރަށް ނެރުމަށް ބުނާށެވެ. އެމީހާ ދޫ ނެރޭއިރު ދޫ ކުރުގެޅިފައި ނުވަތަ އެއް ފަރާތަކަށް ވެއްޓިފައި ވާނަމަ އެވެސް ސްޓްރޯކެއް ޖެހިފައި ވާކަމުގެ ޢަލާމާތެކެވެ.

އެމެރިކާގެ ނޭޝަނަލް ސްޓްރޯކް އެސޯސިއޭޝަނުން ވަނީ ސްޓްރޯކެއް ޖެހިފައިވާ މީހެއްގެ ކިބައިން އަންނަނިވި ޢަލާމާތްތައް ފެންނާނެ ކަމަށް ބުނެ ލިސްޓެއް ޢާއްމު ކޮށްފައެވެ.

•    ކުއްލިއަކަށް މޫނުމައްޗަށް ނުވަތަ އަތަށް ނުވަތަ ފަޔަށް (ޚާއްޞަކޮށް ހށިގަނޑުގެ އެއްފަޅިން) އައްސިވާގޮތް އިޙްސާސްކުރެވުން ނުވަތަ ވަރުބަލިކަން އިޙްސާސް ކުރެވުން.
•    ކުއްލިއަކަށް ވާނުވާ ނޭނގޭގޮތްވުން، ވާހަކަދެއްކުމާއި ފަހުމު (އަންޑަސްސްޓޭންޑް) ވުމަށް އުނދަގޫވޫން.
•    ދެލޮލަށް ނުވަތަ އެއްލޮލަށް ކުއްލިއަކަށް ނުފެންނަގޮތް ވުން.
•    ކުއްލިއަކަށް ހިނގުމަށް ދަތިވެ އެނބުރުން އަރާގޮތްވުމާއި ބެލެންސް ކުރަން އުނދަގޫވުމާއި ކަންކަން ގުޅުވުމަށް (ކޯޑިނޭޓް ކުރުމަށް) އުނދަގޫވުން.
•    ވަކި ސަބަބެއްބެތި ކުއްލިއަކަށް ވަރަށް ބޮޑަށް ބޮލުގައި ރިހެން ފެށުން.

މަތީގައި ބަޔާންކުރެވުނު ކަންކަމުން ކަމެއް މެދުވެރިވާ ކޮންމެ ފަހަރަކީ ސްޓްރޯކެއް ޖެހުމުގެ ޢަލާމާތް ކަމަށް ބަލައިގަނެގެން ނުވާނެއެވެ.

ސްޓްރޯކަކީ ކޮބާ؟
ސިކުނޑީގައިވާ ސެލްތައް މަސައްކަތް ކުރަނީ މެދުކެނޑުމެއްނެތި އެ ސެލްތަކަށް އޮކްސިޖަން އާއި ގުލްކޯޒް ލޭގެ ޒަރީޢާއިން ލިބިގެންނެވެ. ސްޓްރޯކް ނުވަތަ ސެރެބްރޯވަސްކިއުލަރ އެކްސިޑެންޓް (ސީވީއޭ) ކުރިމަތިވަނީ ކޮންމެވެސް ސަބަބަކާއިހުރެ ސިކުނޑީގެ ވަކި ހިސާބަކަަށް ލޭ ފޮނުވުން ހުއްޓިގެންނެވެ. މިކަމުގެ ސަބަބުން ހިނދުކޮޅެއްގެ ތެރޭގައި ސިކުނޑީގެ އެ ހިސާބެއްގައި ހުންނަ ސެލްތައް މަރުވެ އެވެ. މިދެންނެވި ފަދައިން ލޭ ނުހިނގުން ކުރިމަތިވާ ބައެއް ސަބަބުތަކަށް ކުރުގޮތަކަށް ބަލާލާނަމެވެ.

•    ލޭ ހޮޅިއެއް ބެދުން
-    ލޭ މައްޗަށް ދިއުމުގެ ސަބަބުން
-    ސަރުބީ މަތިވުމުގެ ސަބަބުން
-    ހަކުރުބަލީގެ ސަބަބުން
-    ދުންފަތުގެ އިސްތިޢުލާމު ކުރުމުގެ ސަބަބުން
•    ލޭ ހޮޅިއެއް ފަޅައިގެން ދިއުން (ހެމަރޭޖް)
•    މައިގްރޭންގެ ސަބަބުން ބޮލުގައި ރިހުން

ސްޓްރޯކް ޖެހިފައިވާ މީހާއާއި މެދު އަމަލަުކުރާނެ ގޮތް:
•    މީހާ އުޑުތިލަމަތިން ހަމަ ތަނެއްގައި ބޭއްވުން
•    ބޯ އެނބުރުން، ވާނުވާއެއް އެނގޭވަރު ނުވުން ނުވަތަ ހޮޑުލަވާގޮތް ވާނަމަ ރިކަވަރީ ޕޮސިޝަން ގައި ބޭއްވުން
•    ވީ އެންމެ އަވަހަކާ ސިއްޙީ ފަރުވާ ހޯދުން

ސްޓްރޯކާއި ގުޅޭ ވަރަށް ގިނަ މަޢުލޫމާތުތައް އޮންލައިންކޮށް ކިޔާލެވެން އެބަހުއްޓެވެ. އަޅުގަނޑު މި ލިޔުން ލިޔެފައި މިވަނީ މިދެންނެވިފަދަ ބައެއް ލިޔުންތަކުންނެވެ. އޮންލައިންކޮށް ސްޓްރޯކާއި ގުޅޭ ދިވެހި ލިޔުމެއް އޮންލައިންކޮށްވެސް އަދި އެހެން ގޮތަކަށްވެސް ލިބޭގޮތް ނުވުމުން ލިޔުން ބިނާކުރީ މިދެންނަވާ ލިންކް ތަކުގެ އެހީގައެވެ.

http://purple-suit.blogspot.com/2008/06/how-to-recognise-stroke.html
http://neuro4students.wordpress.com/pathophysiology/
http://www.medicinenet.com/stroke/article.htm

ނޯޓް: އަޅުގަނޑަކީ މިފަދަ ސިއްޙީ މަޢުޟޫއަކަށް ލިޔުމުގެ ޤާބިލުކަމެއް ނެތް މީހެއް ނަމަވެސް، މިފަދަ ލިޔުމެއްގެ ޒަރީޢާއިން ޢާއްމުން ހޭލުންތެރި ކުރުވުމުގެ މުހިންމުކަން ވިސްނުމާއި ތަރުޖަމާ ކުރުމުގެ ޝައުޤު ހުންނަލެތް ބޮޑުކަމުން މިފަދަ މަޢުޟޫއަކަށް ލިޔެލުމަށް ޤަޞްދުކޮށް އެކަން މިންވަރުކޮށްދެއްވީތީ "އިޤްރައު" ގެ ކަލިމައިން ވަޙީ ބާވާލެއްވި އަޅަމެންގެ އިލާހަށް ޙަމްދާއި ޝުކުރު ދަންނަވަމެވެ.
ލިޔުނީ: އަޙްމަދު ރަޝީދު

ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް