ފަހުގެ ޚަބަރު


އިތުރަށް...

އެއްހާސް އަހަރު – އަށްވަނަ ބައި

ލިޔުނީ: Unknown - Tuesday, March 26, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
"އަޅެއްގެ ގޮތުގަތަ؟" އެއްވެސް އުއްމީދެއްނެތް ކުރަކިި ވެފައިވާ އަޑަކުން ބިޝާރާ ސުވާލު ކުރިއެވެ.

" އާނ!"
ޔަރަސްގެ ޖަވާބު ކުރުވެފައި ޤަބޫލު ކުރަން ދައްޗެވެ. ބިޝާރާގެ ދެ ލޮލުން ފެންނަން ހުރި އުއްމީދުގެ އުޖާލާކަން ފަނޑުވެގެން ދިޔައެވެ. ޔަރަސްގެ ޖަވާބު ޤަބޫލުކުރަން ދަތިވިއެވެ. ޚުދު ޔަރަސް އަށްވެސް އޭނާގެ އަނގައިން ބޭރުކޮށްލެވުނު ކުރު ޖުމްލަ ވެގެންދިޔައީ ހައިރާންކަން ލިބެނިވި ޤަބޫލުކުރަން ދަތި ކަމަކަށެވެ. ބިޝާރާގެ މޫނަށް ހިނދުކޮޅަކަށް ނަމަވެސް ގެނުވި އުޖާލާކަން ފަނޑުވެގެން ދިޔަގޮތް ޔަރަސް އަށް ހަމަ ރަނގަޅަށްވެސް އިޙްސާސް ކުރެވުނެވެ.

"އެހެން ވެއްޖެއްޔާ އަހަންނަށް ދެނެއް އަނިޔާއެއް ނުކުރާނަންދޯ؟" ބިޝާރާ އަށް ހިތްދަތިކަމެއް ލިބިގެން ދިޔަ ނަމަވެސް ދިރިހުރެވޭނެ ކަމަށް ލިބުނު އުއްމީދާއި އެކު ޔަޤީން ކޮށްލުމަށް ސުވާލު ކުރިއެވެ.

ޔަރަސް ޖަވާބުގައި އެއްވެސް އެއްޗެއް ނުބުނެއެވެ. މަޑުމަޑުން ބިޝާރާގެ ކުރިމަތީގައި ދެ ކަކޫ މައްޗަށް އިށީންނިއެވެ. އެއަށްފަހު ބިޝާރާގެ ދަތްދޮޅީގައި ހިފާފައި އުފުލާލިއެވެ. ބިޝާރާގެ ކަރުދޮށުގައި ފަސޭހައިން އަނގަޖެހޭ ގޮތަށެވެ. ބިޝާރާގެ ހިތުން ނިކުމެގެން އައިސްފައިވާ ލޭނާރު (އާޓަރީ) އިންނަ ހިސާބުގައި އޭނާގެ ފޭރާ ދަތް ހާކާލައި ލާހަން ދުއްވާލިއެވެ. އެއަށްފަހު ހިނދުކޮޅަކަށް މަޑުޖެހިލިއެވެ. އޭރު އޭނާގެ ދިގު ދެ ފޭރާދަތުގެ ކޮޅު ހުރީ ބިޝާރާގެ އާޓަރީ އަށް ވައްދާލަން ތައްޔާރު ކޮށްފައެވެ.

"ކަލޭ ހީވެސް ނުކުރާހާ ބޮޑަށް އަހަންނަށް ކަލެޔަށް ހާނިއްކަ ކުރެވިދާނެ." ބިޝާރާގެ ކަންފަތް ބުޑުގައި ސިއްރެއް ބުނާ ފަދައިން ޔަރަސް ބުނެލިއެވެ.

"އަހަރެން ކޮށްލާ ކަމަކުން ކަލޭ ޚިޔާލަށްވެސް ގެންނަން ނޭނގޭފަދަ ގޮތަކަށް ބިރުވެރިކަން ގެނެސް ފާނަން. ކަލޭ މަރާލުމަށް އެދި އަހަރެން ކައިރީ އާދޭސްކޮށް ރޮއެ ސަލާން ޖަހާވަރުވެސް ކޮށްލަފާނަން. ކަލެޔަށް އެހާވަރުގަދަ ވޭނެއް އަޅާނެ އަހަރެން ކޮށްލާ ކަމަކުން. އެހެންވީމަ ކަލޭ ގޮތެއް ނިންމާ! – މަގޭ އަޅަކަށް ވަންޏާ އޮތީ މިބުނި ގޮތް. އަނެއްގޮތުން ކަލޭ ނުޖެހޭނެ މަރު ނުވެގެން އާދޭސް ކުރާކަށް. ކަލެޔަށް އެނގިއްޖެތަ އަހަރެން މި ކިޔާ އެއްޗެއް؟"

"އަ.. އާނ." ޔަރަސްގެ އަތުތެރެއިން ސަލާމަތް ވެވޭތޯ ބިޝާރާ މަސައްކަތް ކުރިއެވެ. އެހެނަސް ޔަރަސް ހިފަހައްޓައިގެން އިނީ ވަރަށް ވަރުގަދަ އަށެވެ. ބިޝާރާގެ ބޮލުގެ އެއްފަރާތް ޖައްސާފައިވަނީ ރުކެއްގެ ބުޑުގައެވެ. އޭރުވެސް ޔަރަސްގެ އަނގަ ޖަހަން ތައްޔާރުވެގެން އިނީ ބިޝާރާގެ ކަރުދޮށުގައެވެ. އެވަގުތު ޔަރަސްގެ އިސްތަށިގަނޑުން ބައެއް ބިޝާރާގެ ކޯތާފަތުގައި ޖެހިފައި ހުއްޓެވެ. އެ އިސްތަށީގެ މަޑުކަން އިޙްސާސް ކުރެވިފައި ބިޝާރާއަށް ހައިރާން ކަމެއް ލިބުނެވެ. އެ އިޙްސާސާއި އެކު ޔަރަސް އަކީވެސް އިންސާނެއް ކަމަށް ބިޝާރާއަށް ހީވިއެވެ. އޭނާގެ ހިތްވެސް އިންސާނުންގެ ހިތް ފަދައިން މަޑުވާނެ ކަމަށް އޭނާ ހީކުރިއެވެ. އެހެނަސް އެކަން ވާނީ އެއީ ވޭމްޕަޔާ އެއް ނޫންނަމަ ތާއެވެ. އެކަމަކުވެސް ޔަރަސްގެ ގައިން ދުވަމުންދިޔަ ވަހާއި އެކު އޭނާގެ ބޮލުގައި ލާފައިވަ ޖެލް ނުވަތަ ހެއަރ ކްރީމްގެ މީރުވަސްވެސް ދުވަމުން ދިޔައެވެ. އެ ވަހުގެ ސަބަބުން ޔަރަސްގެ މައްޗަށް ބިޝާރާގެ ނަފުސު ދޫކޮށްލުމަށް ހިތްއެދެވެން ފެށިއެވެ. ނަމަވެސް ކުއްލި ގޮތަކަށް ހިތަށް އަންނަންފެށި އެ ފޮނި ޚިޔާލުތައް މެދުކަނޑާލީ ޔަރަސް ދައްކަމުން ގެންދިޔަ ވާހަކަ ފެއްޓުމުންނެވެ.

"މިވަގުތުން ފެށިގެން، ކަލޭ އަހަރެން ބުނާހާ ގޮތެއް ހަދަން ޖެހޭނެ، އަހަރެން ބުނި ކޮންމެ ކަމެއް ކަލޭ ޖެހޭނެ ކުރަން!."

"އެއްމެ ރަނގަޅު-." ކުރަކިވެފައިވާ މަސްތީ އަޑަކުން ބިޝާރާ ޖަވާބު ދޭން ފެށިއެވެ. "އަހަ-އަހަރެން ތިގޮތަށް އަމަލުކުރާނަން- ހަމަހުވަކޮށްފަ މިބުނީ!" ޖުމްލައިގެ ފުރަތަމަ ބައި ވަރަށް މަޑުން ބުނުމަށްފަހު ބާކީ ބައި ބުނެލީ ވަރަށް ބާރަށެވެ.

ޔަރަސް ބިޝާރާއާއި ދުރަށް ޖެހިލިއެވެ. އެއަށްފަހު ބިޝާރާއަށް ބަލައިލިއެވެ. އޭރު ބިޝާރާ ތުރުތުރު އަޅަމުން ދެއެވެ. ތުންފަތްވެސް ތެޅެމުން ދެއެވެ. އޭނާގެ ދެލޮލަށް ޖަމާވެ ހަނުހިމޭން ވެފައި ހުރި ކަރުނަތައް އޮހެން ފެށިއެވެ. ޔަރަސް އެވަގުތު ގޮތެއް ނިންމި އެވެ. މިރޭ ބިޝާރާ އޭނާގެ ފުރިހަމަ ޝިކާރައަކަށް ނުހެދުމަށެވެ. އަދި ބިޝާރާ އަށް ޚިޔާލަށްވެސް ނުގެނެވޭ މިންވަރަށް އޭނާ ބިރުގަންނަވައިލުމަށެވެ. އެ ބިރުގެ ސަބަބުން ބިޝާރާގެ ހަށިގަނޑުގައި ދައުރުވަމުންދާ ކޮންމެ ލެއި ތިއްކަކީ ބާރުގަދަ ލޭ ތިއްކަކަށް ހެދުމަށެވެ. ބިޝާރާގެ ގައިން ކުޑަކުޑަ ލޭ ފޮދެއް ބޮއެލިޔަސް އޭނާގެ ހާންތިކަން ފިލާހައި ބާރުގަދަ ލެއަކަށް ހަދާލުމަށެވެ. ނަމަވެސް އެކަމަށް ގިނަ ވަގުތު އޭނާއަށް ބޭނުން ވާނެއެވެ. ނަމަވެސް ޔަރަސް އަށް ވަނީ ބިޝާރާގެ ލެޔަށް އިންތިހާއަށް ދަހިވެތި ވެވިފައެވެ. އެ ލެއިން ދުވާ މީރު ވަހަށެވެ. ބިޝާރާގެ ކަނދުރާ މަތިން ފުއްޕާފައިހުރި ލޭ ހޮޅި ފެނުމުން އޭނާގެ ލޭ ފޮދު އެއްކޮށް ބޮއެ ހުސްކޮށްލައި މި ދުނިޔެއާއި ވަކި ކޮށްލުމަށް ހިތް އެދި ގޮވަމުން ދިޔައެވެ.

ޔަރަސް ބިޝާރާއަށް ބަލައިލިއެވެ. ބިޝާރާ އިނީ އޭނާގެ ފައިތިލައަށް ބަލަހައްޓައިގެންނެވެ. އިސްޖަހައިގެން އިންނަ ކަހަލަ ގޮތަކަށެވެ. ޔަރަސްގެ މޫނުމަތިން އެއްވެސް ކަހަލަ އަސަރެއް ފެންނާކަށް ނެތެވެ. ނަމަވެސް ކުއްލިއަކަށް އޭނާގެ މޫނުމަތިން ހައިރާން ކަމުގެ އަސަރު ފެންނަން ފެށިއެވެ. އޭނާގެ ޝިކާރައެއްގެ ގޮތުގައި އިން ނިކަމެތި އިންސި އާއި މެދު ވިސްނާން ފެށުނެވެ. އެ އަންހެން ކުއްޖާ އިނީ ހާދަހާ ބޮޑަކަށް ގޮތް ހުސްވެފައެވެ. މިވަގުތު އޭނާ ބޭނުންނަމަ މާ ބޮޑު އުނދަގުލަކާއި ނުލައި އެ އަންހެން ކުއްޖާ އޭނާގެ ފުރިހަމަ ޝިކާރައަކަށް އެއްވެސް ދަތިކަމެއް ނެތި ހަދާލެވިދާނެއެވެ.

ޔަރަސް ވަށައިގެން ހޯދާ ބަލައިލިއެވެ. އެއްވެސް ހިލަމެއް ނެތް މާހައުލެކެވެ. ބިޝާރާ ހަޅޭއްލަވައިގަތް ނަމަވެސް އެ އަޑު އިވޭނެ އެކަކުވެސް ކައިރި ހިސާބެއްގައި ނުހުންނާނެއެވެ. އެހެން ނޫނަސް އެތަނަށް މިވަގުތު މީހަކު އަޔަސް ވާނެ މާބޮޑު ކަމެއްވެސް ނޯންނާނެ ކަން ޔަރަސް ދަނެއެވެ. މީހެއްގެ ހިލަމެއް ވާއިރަށް ބިޝާރާ ގޮވައިގެން މާސިންގާ ޖަންގަލި ތެރެއަށް ވަދެވެސް ބޭނުން އެއްޗެއް ހަދަލެވިދާނެއެވެ. އޭނާ އަތުލެވޭހާ ބާރަށް ދުވެވޭނެ މީހަކު ނޫޅޭނެކަންވެސް އޭނާ ދަނެއެވެ. އަދި ބިޝާރާގެ ހަށިގަނޑު އެގޮތަށް އަންނަ ބަޔަކަށް ފެނުނަސް އެ ހަށިގަނޑުން އެމީހުންނަށް ކުރެވޭނެ ބޭނުމެއްވެސް ނޯންނާނެއެވެ. އޭރުން އޮންނާނީ މަރުވެ ހަރު އަރާފައިވާ ހަށިގަނޑެކެވެ. ގައިގެ އެތަން މިތަނުގައި ހުންނާނެ ޒަޚަމްތައް އަނގަތަކެއްހެން ހުޅުވިފައެވެ. ނޮޅާލާފައިވަ މަހާއި ހަމުގައި ހޭކިފައި ހުންނަ ލޭތައްވެސް ހުންނާނީ ހިކިފައެވެ. އެހެންކަމުން އެކަކަށް އެއްކަމެއްވެސް ނުކުރެވޭނެއެވެ. މިހާރު ބިޝާރާއަކީ އޭނާގެ މިލްކެކެވެ. އެހެން މީހަކު އައިސް ބިޝާރާ ސަލާމަތް ކުރުމަށް ކިތަންމެ ބޭނުންވި ނަމަވެސް އެކަމެއް ނުކުރެވޭނެއެވެ. އެ ފުރުޞަތެއް އޭނާ އިންސިއަކަށްވިޔަސް އަދި އެހެން މަޚްލޫޤަކަށްވިޔަސް ހަމަހިލާ ނުދޭނެއެވެ. އެހެން ނޫނަސް މިވަގުތު ބިޝާރާއަކީ އަބަދަށްޓަކައި ދުނިޔެއަށް ގެއްލިފައިވަ މީހެކެވެ.

ބިޝާރާ މަރާލުމުގެ ޚިޔާލު އުފެދުމާއިއެކު އަނެއްކާވެސް ކޮންމެވެސް ނޭނގޭ ބާރެއް ޔަރަސް ހުއްޓުވައިފިއެވެ. އޭނާގެ ސިކުނޑީގެ ކޮންމެވެސް ހިސާބަކުން ފަނޑުފަނޑު އަޑަކުން އެދެމުން ދިޔައީ ބިޝާރާ މަރައި ނުލުމަށެވެ. ނުވަތަ ލޭ ބޯން ފަށާގޮތަށް ބިޝާރާ އަލުން ރަނގަޅު ނުވާނެ ވަރަށް ލޭ ނުބުއިމަށް ގޮވަމުން ދިޔަ އެވެ. އޭނާގެ ލެޔަކީ ކާނާގެ ބައިތައް ނުވަތަ ނިއުޓްރިއެންޓްސް މުއްސަނދި، ތާޒާ، ވަރުގަދަ އަދި އެހާމެ މީރުވެސް ލެއެކެވެ. އެހެންކަމުން ބިޝާރާ އެއްކޮށް ހިބަ ކުރެވިއްޖެ ނަމަ އެކަމުން ޔަރަސް އަށް ކާނާގެ މުއްސަނދިކަމާއި ބާރުގަދަކަން ލިބޭނެކަން އޭނާއަށް ވިސްނުނެވެ. އޭނާގެ އަޅަކަށް އަދި ކާނާ ލިއްބައިދޭ ވަޞީލަތެއްގެ ގޮތުގައި ބޭނުން ކުރެވިދާނެ ކަން ޔަރަސް އަށް ވިސްނުނެވެ. ބިޝާރާގެ ލެއަކީ އެހާވެސް މަދު، އޭހަމެ ތާޒާ، ދިރުންދޭނެ ލެއެކެވެ. އަދި އެ ލޭ ބޭނުން ކުރަން ފެށުމުން އޭނާއަށް ޖެހިފައިވާ ބަލާއެއްކަހަލަ އެސްފީނާގެ ބާރު ގަދަވުން މަތަ ކުރެވިދާނެ ކަމަށް އޭނާއަށް ވިސްނުނެވެ.

ވޭތުވެދިޔަ އެއްހާސް އަހަރު ވެގެން ގޮސްފައިވަނީ ޔަރަސް އަށް ޖެހިފައިވާ އެސްފީނާގެ ސަބަބުން އޭނާއަކީ ރުންކުރު، އަވަހަށް މޫޑު ގޯސްވާ ރުޅިގަދަ ވޭމްޕަޔާ އަކަށެވެ. އިންސާނުންނަށް އެއްވެސް ރަޙްމެއް ނުހުންނަ މަޚްލޫޤަކަށެވެ. އޭނާ އިންސާނުން ވަގަށް ނަގައެވެ. އައި އެ އިންސާނުންގެ ފުރާނައަށްޓަކައި ކުރާ އާދޭސްތަކުގައި ކޮޅުފައިން ޖަހަމުން އަންނަ މަޚްލޫޤަކަށެވެ. އަދި އިންސާނުން އެގޮތަށް ކުރާ ބޭކާރު އާދޭހުގެ އަޑުން އޭނާގެ ބޮލަށް އުނދަގޫވެއެވެ. އެ ގޮވެލިފަތީގެ ސަބަބުން އޭނާގެ ގާތަށް ސިނގު ރުޅިއެއް އާދެއެވެ. ކޮންމެ ޝިކާރައެއް ކުރާއިރު އެއް އަޑުތަކެއް ތަކުރާރުވާތީ ބޮލަށް އުނދަގޫވެ އެވެ. ހަމަޖެހިލައިގެން ހުރެ އެންމެ ޝިކާރައެއް ކޮށްލުމަށް މަގުފަހި ނުވަނީ ކީއްވެބާވައެވެ؟ ޔަރަސްގެ ހިތަށް މިހެން އެރިނަމަވެސް ޝިކާރަ ކުރުމަށްވެސް ވަކި އުޞޫލުތަކެއް އޮންނަކަން އޭނާއަށް އެނގެއެވެ. ކޮންމެ އިންސިއެއްގެ ލޭ ބޮއެ ހުސްކޮށްލާން ޖެހެނީ އެމީހުން ދިރި ތިއްބައެވެ. އެމީހުންގެ ހިތުގައި ވިންދު ޖަހަމުން ދަނިކޮށެވެ. އެހެން ނޫނިއްޔާ ކަރުހިއްކުން އެއްކޮށް ނުފިލާ ކަމީ ވޭމްޕަޔަރުން ދަންނަ ހަޤީޤަތެކެވެ. މި ޙަޤީޤަތުގެ ސަބަބުން ޝިކާރަ ކުރުމަށް ކުރިމަތިވާ އުނދަގުލުން ސަލާމަތްވުމަށް ބައެއް ފަހަރާ އޭނާގެ ޝިކާރައިގެ އަނގަޔަށް ފޮތިގަނޑެއް ގަންނުވައި ޝިކާރައިގެ ދެއަތް އޭނާގެ އަނގަމަތީގައި އަޅުވާފައި ބިންމަތީގައި އަނގަވަތަށް ބާއްވަންވެސް ޖެހެއެވެ. އެހެން ހެދުމަށްފަހު ތަންކޮޅެއް ފަސޭހައިން ލޭފޮދު ބޮއެލެވޭތީވެ އެވެ.

ޔަރަސް ފުންނޭވާއެއް ދޫކޮށްލިއެވެ. އެއަށްފަހު ރުއްގަނޑު ތެރޭގައި ދެކޮޅަށް ހިނގަން ފެށިއެވެ. އިރުކޮޅެއްފަހުން ގޮސް ބިޝާރާގައި މުލައްދަނޑީގައި ހިފާފައި ނަގަމުން ދާމާފައި ކަހަލަ ގޮތަކަށް ބިޝާރާ ގޮވައިގެން ހިނގައިގަތެވެ. ޔަރަސް ބިޝާރާއާއި ދިމާއަށް ބަލާވެސް ނުލައެވެ. ބިޝާރާ ކުކުރަމުންދިޔައެވެ.އަނގައިން އިތުރު އަޑެއް ބޭރުނުކޮށް އޭނާވެސް މަސައްކަތް ކުރަމުން ދިޔައީ ޔަރަސް އަޅަމުންދިޔަ ގަދަފަދަ ފިޔަވަޅުތަކާއި އެއްވަރަށް ހިނގުމަށެވެ. ޔަރަސް ވިސްނަމުން ދިޔައީ ބިޝާރާއާއި މެދު ކަންތައް ކުރާނެ ގޮތަކާއި މެދުގައެވެ. އޭނާ ބޭނުންނަމަ ވަގުތުން ވަގުތަށްވެސް ބިޝާރާގެ ލޭފޮދު ބޮއެލުމަށްފަހު އެތަނުން ރައްކާވެވިދާނެ އެވެ. ނަމަވެސް އޭނާ ބޭނުންވަނީ ބިޝާރާގެ ބިރުވެރިކަން އިތުރު ކުރުވުމަށެވެ. އަދި އެއަށްފަހު، ބިޝާރާ ބިރުގަންފައި ހުންނަވަގުތު ލޭ ފޮދެއް ބެއެލާ ޓެސްޓް ކުރުމަށެވެ. އެގޮތުން ބިޝާރާގެ ލެއިން އޭނާ ބޭނުންވާ ފަދަ ފައިދާއެއް ކޮށްފިނަމަ، ދެން އޭނާ ގޮތެއް ނިންމާނެ އެވެ. ޔަރަސް އަށް މާގިނަ ވަގުތެއް ނެތެވެ. އޭނާއަށް ޖެހިފައިވާ އެއްހާސް އަހަރުގެ އެސްފީނާގެ ބަލާވެރިކަމުން މިންޖުވެވެން އޮތް ކޮންމެ ކަމެއްވެސް އޭނާ ކޮށްފާނެއެވެ.

ނުނިމޭ

ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް