ފަހުގެ ޚަބަރު


އިތުރަށް...

އިސްދޫ ދަރިކޮޅުން މުޡުހިރުއްދީން ރަސްގެފާނުގެ ޢާއިލާ (ފަސްވަނަބައި)

ލިޔުނީ: Unknown - Tuesday, April 16, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ދަރިކޮޅު ނުވަތަ ޢާއިލާ ހިނގަމުން ގޮސްފައިވާ ގޮތް ދެނެގަތުމަށްޓަކައި އެކަމުގެ ވަސީލަތް ހޯދައި ލިބިގަންނަން ޖެހެއެވެ. އެވަސީލަތަކީ ދަރިކޮޅާއި ދަރިކޮޅާއި ގުޅުން ހުރި ފަރާތްތަކަކީ ކޮބައިތޯ އެނގޭނޭ ތަކެއްޗާއި ކަންކަމެވެ. ލިޔުންތަކެވެ. ދަރިކޮޅުގެ ޗާޓެވެ. ޢާއިލީގަސް (ފެމިލީޓްރީ)އެވެ. ޢާއިލާ އެނގޭ އިތުބާރު ހުރި ފަރާތްތަކެވެ. އެހެންނޫނީ އެދަރިކޮޅުގެ މީހެކޭ މީހުން ބުނާ މީހަކީ އޭގެ މީހެއްތޯ، މިވެނިމީހަކު މިވެނިމީހަކާއި ގުޅޭތޯ، ގުޅޭނަމަ ގުޅެނީ ކޮންގޮތަކަށް ކިހާ ހިސާބަކުންތޯ، މިކަމެއް ނޭނގޭނެއެވެ.


އާދަމް ޢަލައިހިއްސަލާމްގެ ދެމަފިރިކަނބަލުންނާއި ޢީސާ ޢަލައިހިއްސަލާމް ފަދަ މަތިވެރިﷲ ގެ ކުޅަދުންވަންތަ ކަމުގެ ބޮޑުކަމުން އުފައްދަވައި ދުނިޔެއަށް ފޮނުއްވާ ބޭފުޅުން ފިޔަވައި އެހެން ކޮންމެ އިންސާނަކު ދުނިޔެއަށް އުފަންވުމާއި ގުޅިފައިވާނޭ ދެމީހެއްވާނެއެވެ. އެއިން ކޮންމެމީހެއްގެ ހަތަރު މަތިފުށުގައި ހަތަރު މީހުން ވާނެއެވެ. އޭގެ މައްޗަށްވެސް ހަމަ އެގޮތަށެވެ. މިހެންގޮސް ކޮންމެމީހެއްގެ ފެށުން ގުޅޭނީ އާދަމް ޢަލައިހިއްސަލާމް އާއި ކަމަށް ވިޔަސް ކޮންމެމީހަކާއި އާދަމް ޢަލައިހިއްސަލާމް އާއި ގުޅިފައިވާ ގޮތް ހޯދުމަކީ އިލާހީ މަދަދެއްނެތި އާދައިގެ އިންސާނަކަށް ކުރެވޭނޭކަމެއް ނޫނެވެ. ނަމަވެސް އެންމެދުރުން އެނގޭ ހިސާބަކުން އެމީހަކާއި ހަމަޔަށް އެނގެން އޮތްނަމަ އެކަން ބަލައި ދެނެގަތުމަކީ ކޮށްއުޅޭ ކަމެކެވެ.

މިލިޔުމުގެ ބޭނުމަށްޓަކައި މުޡުހިރުއްދީން ރަދުންގެ ޢާއިލާއާއި އެޢާއިލާއާއި ގުޅޭ ބައެއް ބޭފުޅުންނަށް ބަލާލެވިފައި އެވަނީ އެބޭފުޅުންގެ ހަމައެކަނި އެއްމަތިފުށުން ނުވަތަ ސިންގަލް ލައިނުންނެވެ. ބަލާލުމުގެ ފަސޭހައަކަށެވެ. ނަމަވެސް ބޭފުޅެއްގެ ދެ މަތިފުށުން، ތިން މަތިފުށުން، ހަތަރު މަތިފުށުން، ބަލާލައިފިނަމަ އެބޭފުޅަކާއި އިތުރު ބޭފުޅުންނާއި ގުޅޭނެއެވެ. މިލިޔުމުގެ ބޭނުމަށްޓަކައި މިގޮތަށް ބަލާލެވިފައިވާ ބޭފުޅުންނަކީ ގިނަ މީހުންނަށް އެނގޭ ބޭފުޅުންނަށް ވެދާނެކަމަށް ބެލެވޭ ބޭފުޅުންނެވެ. އެނޫން އެހެން ބޭނުމެއް އެކަމުގައި އަޅުގަނޑުގެ ނެތެވެ. މިއީ މިސިލްސިލާގައި ގެނެސްދެވޭ މުޡުހިރުއްދީން ރަދުންގެ ޢާއިލާގެ ހުރިހާ ބޭފުޅުން ނޫންކަމާއި ހޯދައި ދެނެގަތުމުގެ މަރުޙަލާގައިވެސް ބޭފުޅުން ވެދާނެކަމާއި އަދި ޢާއިލާއެއްގެ ވަކި ބޭފުޅުންތަކެއް ފާހަގަކުރެވިފައި ވުމުން އެޢާއިލާގެ ދެން ތިއްބެވި އެހެން ބޭފުޅުން ހޯދުމަށްވެސް ފަސޭހަވެގެން ދާނެކަން ހަނދުމަކުރެއްވުން އެދެވިގެންވެއެވެ. 

ކޮނޑޭ ޢަލިމަނިކުފާނުގެ މުޙައްމަދުދީދީ (ތުއްކަލާދީދީ)، ދެއްވަދޫ ގަނޑުވަރު އާމިނާ މަނިކުފާނާއި ކައިވެނިކުރައްވައި ލިބިވަޑައިގަތް ދޮންދީދީ އާއި ކައިވެނިކުރެއްވީ އޭނާއާއި ދެފަރާތުން ދެބެންގެ ދެދަރި *އިބުރާހީމްދީދީ ކަމާއި އެ ދެކަނބަލުންނަށް ލިބިވަޑައިގަތް ދެއްވަދޫ ގަނޑުވަރުދީދީ(އ) ޒަކަރިއްޔާދީދީ އަދި އިސްމާޢީލްދީދީގެ ތެރެއިން ފިރިހެން ދެބޭފުޅުން ހައްދުންމައްޗަށް ވަޑައިގެން އެތާނގައި ދިރިއުޅުއްވިކަމަށް ވެސް ދެންނެވިއްޖެއެވެ.

(*އިބުރާހީމްދީދީ އަކީ، ދެއްވަދޫ ގަނޑުވަރު ދޮންދަލޭކާ ކަނބުލޭގެފާނުގެ ޙަސަން މަނިކުފާނު(ތުއްކަލާ)، ކޮނޑޭ ޢަލިމަނިކުފާނުގެ ދޮންދީދީ (ކޮނޑޭދީދީ) އާއި، ކައިވެނިކުރައްވައިގެން ލިބިވަޑައިގަތް 2 ބޭފުޅުންގެތެރެއިން *އިބުރާހީމްދީދީ އެވެ. އަނެއްބޭފުޅަކީ މުޙައްމަދުދީދީ (ތުއްކަލާގެދީދީ) އެވެ. މި މުޙައްމަދުދީދީ އަށް ލިބިވަޑައިގަތް ޢާއިޝާދީދީ އާއި ކައިވެނިކުރެއްވީ ވިލިގިލީ ޚަޠީބު ދޮންމަނިކުފާނު ކަމަށް ވެސް ދެންނެވިއްޖެއެވެ.

ދޮންމަނިކުފާނާއި ޢާއިޝާދީދީގެ ބޭފުޅުންގެތެރެއިން ދޮންދީދީ، ޙަސަންދީދީ، ފާޠިމާދީދީ، މުޙައްމަދުދީދީ، މޫސާދީދީ، ޢަލިދީދީގެ ޢާއިލާގެ ގިނަ ބޭފުޅުން މިހާރުވެސްވަނީ ވިލިގިލީގައެވެ. ދޮންމަނިކުފާނާއި ޢާއިޝާދީދީގެ މަރިޔަމްދީދީ އާއި ކައިވެނިކުރެއްވީ މާލޭ ބޮއިގަސްދޮށުގޭ މޫސާ ކަލޭގެފާނެވެ. ލިބިވަޑައިގަތީ އާމިނާދީދީ، ޢާއިޝާދީދީ، ކަތްދާދީދީ އެވެ. އުސްތާޛު މައުމޫން ޢަބުދުލްޤައްޔޫމް އަކީ ކަތްދާދީދީ އާއި ޝައިޚު ޢަބުދުލް ޤައްޔޫމް ކައިވެނިކުރައްވައިގެން ލިބިވަޑައިގަތް ބޭފުޅެކެވެ. ކުރިންދެންނެވި މަރިޔަމްދީދީ އާއި ބޮއިގަސްދޮށުގޭ މޫސާ ކަލޭގެފާނާއި ދެމަފިރިކަނބަލުންގެ ޢާއިލާގެ ގިނަ ބޭފުޅުންވަނީ މާލޭގައެވެ.

ހައްދުންމަތީގައި ވަޒަންވެރިވެލެއްވި ޒަކަރިއްޔާދީދީ އާއި އިސްމާޢީލްދީދީގެ އެއްބަޑު އެއްބައްޕަ ދެއްވަދޫ ގަނޑުވަރުދީދީ(އ) އާއި ކައިވެނިކުރެއްވީ ކޮނޑޭ ޢަލިމަނިކުފާނުގެ މޫސާދީދީގެ އަޙުމަދުދީދީ އެވެ. ލިބިވަޑައިގަތީ އިސްމާޢީލްދީދީ، ފާޠިމާދީދީ، އިބްރާހީމްދީދީ، އަދި މުޙައްމަދުދީދީ އެވެ.

(މިހާރުގެ ބައެއް މީހުން ދެއްވަދޫ ގަނޑުވަރުދީދީ(އ)ގެ ނަން ކުރުކޮށް ކިޔައި ލިޔަނީ “ދެއްވަދޫދީދީ” އެވެ. ނަމަވެސް އެންމެ ކުރިންވެސް “ދެއްވަދޫދީދީ” ކިޔައި އުޅުނީ ކޮނޑޭ ޢަލިމަނިކުފާނާއި ޢާއިޝާދީދީގެ ދަރިކަލުން މުޙައްމަދުދީދީ (ތުއްކަލާދީދީ)ގެ ދޮންދީދީ އަށެވެ. މިނުކުތާ ހަނދުމަކޮށްލެއްވުން އެދެވިގެންވެއެވެ.)

ޒަކަރިއްޔާދީދީ އާއި އިސްމާޢީލްދީދީ އާއި އެއްބަޑު އެއްބައްޕަ ދެއްވަދޫ ގަނޑުވަރުދީދީ(އ) ގެ އިސްމާޢީލްދީދީ ކައިވެނިކުރެއްވީ ހަވަރުތިނަދޫ ފޫޅުމާ ދަލޭކާފާނާއެވެ. އިސްމާޢީލްދީދީ އާއި ދަލޭކާފާނު ދިރިއުޅުއްވީ ހަވަރުތިނަދޫގައެވެ. އެޢާއިލާ އެރަށާއި އެހެން ބައެއް ރަށްރަށުގައި އެބަވެއެވެ. މިސިލްސިލާގެ 4ވަނަ ބައިގައި ދަންނަވާފައިވާ މާލޭ ޤައުމީ ހޮޓެލުން ހައްދުންމަތީގެ ބޭފުޅަކާއި ވާހަކަދެއްކެވި ހަވަރުތިނަދޫ ކަތީބު ޙުސޭންދީދީ (އޮޅަދީދިކަތީބު) ގެ ބައްޕައަކީ ދެއްވަދޫ ގަނޑުވަރުދީދީ(އ) ގެ އިސްމާޢީލްދީދީގެ މުޙައްމަދުދީދީއެވެ.

ދެއްވަދޫ ގަނޑުވަރުދީދީ(އ) ގެ ފާޠިމާދީދީ އާއި ވާދޫ ގައްދަޑުގޭ ޢުސްމާނު މަނިކުފާނު ކައިވެނިކުރައްވައިގެން އުޅުއްވީ ވާދޫގައެވެ. މިދެމަފިރިކަނބަލުންނަށް އިބްރާހީމްދީދީ އަދި ތުއްތުދީދީ(އ) ލިބިވަޑައިގަތެވެ. މިބޭފުޅުން ލިބިވަޑައިގަތްފަހުން ޢުސްމާނު މަނިކުފާނު އަވަހާރަވުމުން ދެން ފާޠިމާދީދީއާއި ކައިވެނިކުރެއްވީ ޢުސްމާނު މަނިކުފާނުގެ ކޮއްކޮ ގައްދަޑުގޭ ޙުސައިން މަނިކުފާނެވެ. ލިބިވަޑައިގަތީ ކަތްދާދީދީ، ސަންފާދީދީ، އަދި މުޙައްމަދުދީދީ އެވެ. މިހާރު ފެންނަންއޮތް ވާދޫ ގައްދަޑުގެ ދަރިފަސްކޮޅުގެ ބޮޑުބަޔަކީ ދެއްވަދޫ ގަނޑުވަރުދީދީ(އ) ގެ ފާޠިމާދީދީގެ ދަރިފަސްކޮޅެވެ.

ގައްދަޑުގޭ ޢުސްމާނު މަނިކުފާނުގެ ތުއްތުދީދީ(އ)އަކީ ވާދޫ ތުއްތުކަތީބުގެ މުންނަ (ބައްޕަގެ މަންމަ)އެވެ. ޢުސްމާނު މަނިކުފާނުގެ އިބްރާހީމްދީދީ ކައިވެނިކުރެއްވީ ކޮނޑޭ ޢަލިމަނިކުފާނުގެ ހުޅެދޫދީދީ (ހުޅެއްދީދި)އާއި ހަވަރުތިނަދޫ ދޮންޢަލިތަކުރުފާނު (ހަވަރުތިނަދޫ ޙާޖީ މުޙައްމަދު ކަލޭގެފާނުގެ ބައްޕައާއި ދެބެންގެ ދެދަރި) ކައިވެނިކުރައްވައިގެން ލިބިވަޑައިގަތް ބޭފުޅުންގެތެރެއިން އާމިނާދީދީއާ އެވެ. އިބްރާހީމްދީދީ އާއި އާމިނާދީދީއަށް ލިބިވަޑައިގަތީ މުދިމް މުޙައްމަދުދީދީ، ގައްދަޑުގޭ ދޮންތުއްތުދީދީ(އ)، އަޙުމަދުދީދީ، ދޮންދީދީ އެވެ.
މުދިމް މުޙައްމަދުދީދީ އަށް ދެ ބަނޑަކުން ބޭފުޅުން ލިބިވަޑައިގަތެވެ. އާމިނާދީދީއާއި ކައިވެނިކުރައްވައިގެން ދޮންދީދީ އެވެ. ހަވަރުތިނަދޫ ވަލުގޭ ޙަސަންތަކުރުފާނުގެ ޢާއިޝާފާނާއި ކައިވެނިކުރައްވައިގެން އާމިނާދީދީ، އަޙުމަދުދީދީ އެވެ. ޑރ. ޢަލީ ލަޠީފުގެ މަންމައަކީ ފަހުން މިދެންނެވި އާމިނާދީދީ (އާމިނަތު މުޙައްމަދުދީދީ) އެވެ. ބައްޕައަކީ ގައްދަޑުގޭ ޢަބުދުﷲ ލަޠީފެވެ. އާމިނަތު މުޙައްމަދުދީދީ އާއި ކުރިން ކައިވެނިކުރެއްވީ ހަވަރުތިނަދޫ ޙަސަން ހަބީބެވެ. އެ ކައިވެނިން ޙަބީބާ ޙަސަން ޙަބީބު ލިބިވަޑައިގަތެވެ.

ގައްދަޑުގޭ ދޮންތުއްތުދީދީ(އ) އާއި މުލަކު ދުޑޭރެ އަޙުމަދުދީދީ ކައިވެނިކުރައްވައިގެން ލިބިވަޑައިގަތީ ގައްދަޑުގޭ ދޮންދީދީ އެވެ. ދޫޑޭރެ އަޙުމަދުދީދީ އަކީ ޙާޖީ ބަންޑާރައިންގެ ފާމުލަދޭރިކިލެގެފާނުގެ އަޙުމަދުދީދީގެ ދޫޑޭރެ ޢަލިދީދީ، ޙާޖީ ބަންޑާރައިންގެ ކިލެގެފާނުގެ ޙުސައިންދީދީގެ ދޮންދީދީއާއި ކައިވެނިކުރައްވައިގެން ލިބިވަޑައިގަތް އާމިނާދީދީ، އިބްރާހީމް މަޖުދުއްދީންގެ ދޮންމަނިކުއާއި ކައިވެނިކުރައްވައިގެން ލިބިވަޑައިގަތް ބޭފުޅެކެވެ. 

ގައްދަޑުގޭ ދޮންތުއްތުދީދީ(އ) އާއި ގެދަރު ޢަލިމަނިކު ކާވެނިކުރައްވައިގެން މަރިޔަމްދީދީ ޑރ. އަޙުމަދު ލަޠީފު އަދި ޢަބުދުﷲ ލަޠީފު ލިބިވަޑައިގަތެވެ. 

ކުރިން ދެންނެވި ގައްދަޑުގޭ ގައްދަޑުގޭ ދޮންތުއްތުދީދީ(އ)ގެ ދޮންދީއާއި ޝައިޚު ޢަބުދުﷲ ޒުހުރީ ކައިވެނިކުރައްވައިގެން ލިބިވަޑައިގަތް ބޭފުޅަކީ އަޙުމަދު ޒާހިރެވެ. ޝައިޚު ޢަބުދުﷲ ޒުހުރީއަކީ ގައްދަޑުގޭ ޢުސްމާނު މަނިކުފާނުގެ އިބްރާހީމްދީދީ، ކޮނޑޭ ޢަލިމަނިކުފާނުގެ ހުޅެއްދީދިގެ އާމިނާދީދީއާއި ކައިވެނިކުރައްވައިގެން ލިބިވަޑައިގަތް ދޮންދީދީއާއި، ކޮނޑޭ ޢަލިމަނިކުފާނުގެ ހުޅެއްދީދިގެ ފާޠިމާދީދީއާއި މުލަކު މައިގެ ޙަސަން މާރާދަކަލޭގެފާނު ކައިވެނިކުރައްވައި ލިބިވަޑައިގަތް ޙުސައިންދީދީ (ފިޔޯރީ ތުއްތީދީ) ކައިވެނިކުރައްވައިގެން ލިބިވަޑައިގަތް ޢަބުދުﷲ ޒުހުރީ އެވެ. ދޮންދީދީ އާއި ޙުސައިންދީދީ (ފިޔޯރީ ތުއްތީދީ)ގެ އަޙުމަދު ޙުސައިންދީދީ، ޝައިޚު ޢަލީ ޙުސައިންދީދީ، އާމިނަތު ޙުސައިންދީދީ، ޢާއިޝަތު ޙުސައިންދީދީގެ ޢާއިލާވެސް އެބަ އޮތެވެ.

ގައްދަޑުގޭ ޢުސްމާނު މަނިކުފާނުގެ އިބްރާހީމްދީދީ، ކޮނޑޭ ޢަލިމަނިކުފާނުގެ ހުޅެއްދީދިގެ އާމިނާދީދީއާއި ކައިވެނިކުރައްވައިގެން ލިބިވަޑައިގަތް އަޙުމަދުދީދީ ސަންފާދީދީ އާއި ކައިވެނިކުރައްވައިގެން ލިބިވަޑައިގަތީ މުޙައްމަދު ރަޝީދު، ޢަބުދުލް ޢަޒީޒު، ޢަލީ މުޞްޠަފާ (ކުރީގެ އެމް.އީ.އެސްގެ ޕްރިންސިޕަލް) އަދި މަރިޔަމްދީދީ ލިބިވަޑައިގަތެވެ.

ކޮނޑޭ ޢަލިމަނިކުފާނުގެ ހުޅުދޫދީދީ (ހުޅެއްދީދި)ގެ ޒުލޭޚާދީދީ އާއި ކައިވެނިކުރެއްވީ މީދޫ ގަނޑުވަރު ޙަސަންދީދީ އެވެ. ޙަސަންދީދީ އަކީ ޙާޖީ ބަންޑާރައިންގެ ކިލެގެފާނުގެ ޢާއިޝާދީދީ އާއި މީދޫ ގަނޑުވަރު މުޙައްމަދު ތައްޚާނާއި ކައިވެނިކުރައްވައިގެން ލިބިވަޑައިގެންނެވި ބޭފުޅުންގެތެރެއިން ބޭފުޅެކެވެ. އަނެއް 3 ބޭފުޅުންނަކީ އަޙުމަދުދީދީ، ކަތްދާދީދީ، އަދި އާމިނާދީދީ އެވެ. 

މީދޫ ގަނޑުވަރު ޙަސަންދީދީ، ހުޅުދޫދީދީގެ ޒުލޭޚާދީދީ އާއި ކައިވެނިކުރައްވައިގެން ލިބިވަޑައިގަތް ފިޔޯރީ ދޮންދީދީ އާއި ކައިވެނިކުރެއްވީ ހުޅުދޫ ވާރުގޭ އަޙުމަދުދީދީ އެވެ. މި ދެމަފިރިކަނބަލުންނަށް މަރިޔަމްދީދީ، މުޙައްމަދުދީދީ، އާމިނާދީދީ، އިބްރާހީމްދީދީ، ކަތްދާދީދީ، ޙަސަންދީދީ ލިބިވަޑައިގަތެވެ.

ހުޅުދޫ ޢަބުދުﷲ ރަޝީދަކީ ފިޔޯރީ ދޮންދީދީގެ މަރިޔަމްދީދީގެ ބޭފުޅެކެވެ.
ފިޔޯރީ ދޮންދީދީގެ މުޙައްމަދުދީދީގެ، މަރިޔަމްދީދީގެ ބޭފުޅަކީ ފިޔޯރީ އިރަމާގޭ ޢަބުދުﷲ ޙުސައިންދީދީ އެވެ. ޑރ. އިބްރާހީމްދީދީ (ޑރ.ޑީޑީ) އާއި ޝައިޚު މުޙައްމަދު ފާރޫޤަކީ މުޙައްމަދުދީދީގެ، ޒުލޭޚާދީދީގެ، އާމިނާދީދީގެ ބޭފުޅުންނެވެ. ޢަބުދުއްރަޝީދު ނާފިޒުމެންނަކީ މުޙައްމަދުދީދީގެ ރަޝީދާގެ ބޭފުޅުންނެވެ. 

ފިޔޯރީ ދޮންދީދީގެ ކަތްދާދީއާއި ދީދީގެ އެޅަދީދީގެ އިބްރާހީމްދީދީ އާއި ކައިވެނިކުރައްވައިގެން އަޙުމަދު އިބްރާހީމްދީދީ (ސަންދާނު އަހައްމައިދީ) މެން ބޭފުޅުން ލިބިވަޑައިގަތެވެ.

މުޙައްމަދުދީދީ (ކޫއްޑޫދީދީ) މެންނަކީ ފިޔޯރީ ދޮންދީދީގެ، ޙަސަންދީދީގެ، މަރިޔަމްދީދީގެ ބޭފުޅުންނެވެ.
ފިޔޯރީ ދޮންދީދީގެ އިބްރާހީމްދީދީ (އައްޑޫ ތުއްތީދި، ނުވަތަ ޝައިޚު އިބްރާހީމް ލުޠުފީ) ހިތަދޫ އެޅަދީދީގެ ފާތިމަތު ދީދީއާއި ކައިވެނިކުރައްވައިގެން މުޙައްމަދު އިބްރާހީމް ލުޠުފީ، ހިތަދޫ ގަނޑުވަރު ބެއްޔާގެ އިބްރާހީމް ދީދީގެ ޢާއިޝާދީދީއާއި ކައިވެނިކުރައްވައިގެން ފާޠިމަތު އިބްރާހީމް ލުޠުފީ، މާލޭ ކަންޒުދޮށުގޭ އަހުމަދުދީދީގެ ޢާއިޝާދީދީ އާއި ކައިވެނިކުރައްވައިގެން ސަމީރާ އިބްރާހީމް ލުޠުފީ، އަދި ހުޅުދޫ މުސްކުޅިއާގޭ އާމިނަތު ސުފައިދާ އާއި ކައިވެނިކުރައްވައިގެން ޑރ މުޞްޠަފާ ލުޠުފީ އާއި އަހުމަދު ލުތުފީ ލިބިވަޑައިގަތެވެ. (ނުނިމޭ)

ނޯޓް:
މިލިޔުމަށް ގެންނަންޖެހޭ ޞައްޙަ އުނިއިތުރެއް ވާނަމަ އެކަން އަންގަވާދެއްވުމަކީ އެދެވިގެންވާ ކަމެކެވެ.

ލިޔުމުގެ މުސައްނިފު:
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް