ފަހުގެ ޚަބަރު


އިތުރަށް...

މާވަށުގައި އިރަށް އަޅުކަންކުރި ބަޔަކު އުޅުނު

ލިޔުނީ: Unknown - Tuesday, April 16, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
މާވަށުގެ ދެކުނުކޮޅުގައި އޮންނަ ރުއްގަނޑު - ބަޔަކު ދިރިއުޅުނު ކަމުގެ ހެކިތައް ފެންނަން އެބަހުރި
މާވަށުގެ ތާރީޚު ދިރާސާކުރާއިރު ރަށުގެ ހުޅަނގުފަރާތުގައި ބަޔަކު ވަޒަންވެރިވެ އުޅުނުކަން އެނގެން އެބައޮތެވެ. ބަޔަކު އެސަރަހައްދުގައި އުޅުނުކަން ތާރީޚު ހެކި ދެއެވެ. މާވަށަކީ އަތޮޅުގައި އެންމެ ހުޅަނގުން އޮންނަ ރަށްކަމަށްވެފައި ރަށުގެ އިރުމަތިފަރާތަކީ ފަސޭހައިން ދޯނިފަހަރުވެސް އައިސް ބަނދަރުކޮށްލެވޭނެ ފަރާތްކަމުގައި ވިޔަސް ބަޔަކު އެސަރަހައްދާ މާދުރު ސަރަހައްދެއްގައި ރަށުގެ ފުއްޓަރު ފަރާތުގައި ވަޒަންވެރިވެ އުޅުނީ ކީއްވެތޯ މިއީ ހިތުގައި އުފެދޭ ސުވާލެކެވެ. ތަންތަނަށް ފުރައިގެން ދިޔުމާއި މިފަދަ އެހެނިހެން ކަންކަމަށްވެސް ދަތިތަކެއް އެ ސަރަހައްދުގައި ވަޒަންވެރިވެ އުޅުމުން ކުރިމަތިވާނެކަމީ ޝައްކެއްވެސް އޮތްކަމެއް ނޫނެވެ. އެހެންވީއިރު އެ ސަރަހައްދުގައި ބަޔަކު ވަޒަންވެރިވީ ކީއްވެހެއްޔެވެ؟

މި ސުވާލުގެ ޖަވާބު ހޯދާލުމަށްޓަކައި ދިވެހިރާއްޖޭގެ ޤަދީމީ ތާރީޚްގެ ތެރެއަށް ނަޒަރު ހިންގާލަން ޖެހެއެވެ.  ދިވެހިރާއްޖެއަށް ބަޔަކު އައިސް ވަޒަންވެރިވި ހިސާބަށެވެ. ދިވެހިރާއްޖޭގެ ފުރަތަމަ ވަޒަންވެރިންނަކީ އިންޑިޔާ ނުވަތަ އިންޑަސްވާދީ ހަޟާރަތުގެ ތެރެއިން އައި ބައެއްކަމަށް ބައެއް ތާރީޚީ އިލްމުވެރިން ބުނެއެވެ. މިހެން މިކަން ހިނގުމަކީ އެންމެ ގާތްގޮތްކަމަށް ބެލެވެއެވެ. ރާއްޖެއާ އެންމެ ކައިރީގައި އޮތީ ސުރީލަންކާ ނަމަވެސް އެބައިމީހުންނަކީ ކަނޑުދަތުރުތަކަށް މަޝްހޫރުވެފައިވާ ބައެއް ނޫންކަން ތާރީޚުން އެނގެން އޮތުމާއި އިންޑަސް ވާދީ ހަޟާރަތުގައި އުޅުނުބަޔަކީ ކަނޑަށް ގަދަ ބައެއްކަން ތާރީޚުން އެނގެން އެބައޮތެވެ. އެހެންކަމުން އިންޑިޔާއިން ބަޔަކު ދަތުރުކޮށްފައި ރާއްޖެ އައިސް ވަޒަންވެރިވީ ކަމުގައި ބެލެވެއެވެ. އަދި ދިވެހިންގެ އަސްލު ހޯދުމަށް ޖޯން ސުޓޭންލީ ގަރޑިނަރ ކުރެއްވި ތަހުލީލުންވެސް ދިވެހިން ވައްތަރުކަމަށް ބެލެވުނު އެއްބަޔަކީ އިންޑިޔާގެ ސަބްކޮންޓިނެންޓްގެ މީހުންނާއެވެ. ޝައްކެއްވެސް ނެތްގޮތުގައި އެބައިމީހުން ރާއްޖޭގައި ވަޒަންވެރިވިއިރު އެބައިމީހުންގެ ދީންވެސް އެބައިމީހުންނާއި އެކުގައި ރާއްޖެ އަންނާނެއެވެ. ހިންދުއިޒަމްއާއި ބުޑިޒަމްއަކީ އިންޑަސްވާދީ ހަޟާރަތުގެ މަޝްހޫރު ދީންތަކެވެ.

ދިވެހިރާއްޖޭގެ ޤަދީމީ ތާރީޚް ދިރާސާކުރައްވާ ބޭފުޅުން ހާމަކުރައްވާގޮތުގައި ދިވެހިންގެ އެންމެ ޤަދީމީ ދީނަކީ ހިންދުއިޒަމް ނުވަތަ ހިންދޫ ދީނެވެ. ސިއްތާމަ ގޯތަމަ ބުއްދާއަށް ނިސްބަތްވާ ބުޑިޒަމް ނުވަތަ ބުދުދީންވެސް އައީ ހިންދޫ ދީނުގެ ތެރެއިންކަމަށް ބުނެވެއެވެ. ދިވެހިރާއްޖެއިން މި ދެދީނުގެ އަސަރު ފެންނަ އެބަހުއްޓެވެ. ހިންދޫދީނަށް ބަލާއިރު އެދީން ރާއްޖެ އައީ ކޮން ތާރީޚެއްގައިކަން އެގޭކަށް  ނެތެވެ. އަދި އައީ ކޮން ސަރަހައްދަކުން ކަންވެސް އެނގެން ނެތް ނަމަވެސް ދެ ގޮތަކަށް ތާރީޚްގައި އެވާހަކަ ދެކެވެއެވެ. އެއީ އިންޑިޔާގެ އިންޑަސްވާދީ ޙަޟާރާތުގެ ތެރެއިންނާއި، އަވަށްޓެރި ސުރީލަންކާއިންކަމަށް ދެކެވޭ ވާހަކަތަކެކެވެ. މި ދެ ގައުމަކީ ރާއްޖެއަށް މީހުންއައިސް ވަޒަންވެރިވި ދެގައުމެވެ. މި މަޢުޟޫގައި ވާހަކަދައްކަވަމުން ދިވެހިރާއްޖެއަށް ހިންދޫދީން އައިސްފައިވަނީ އިންޑިއާޔާއި ސްރީލަންކާއިން ކަމުގައި ވުމަކީ އެކަށިގެންވާކަމެއް ކަމުގައި އިސްމާއީލް އަބުދުއްރަހީމް (2007) ހާމަކުރައްވާފައިވެއެވެ. ނަސީމާ މުހައްމަދު (2004) ހާމަކުރައްވާގޮތުގައި ހިންދުއިޒަމް ނުވަތަ ހިންދޫ ދީން ރާއްޖެއަށް އައި ވަކި ދުވަސްވަރެއް ނޭގެއެވެ. އެހެންނަމަވެސް ދިވެހިން އަޅުކަންކުރި ދީންތަކަށް ބަލާއިރު އެންމެ ޤަދީމީ ނުވަތަ އެންމެ ކުރީގެ ދީނަކީ ހިންދޫ ދީން ކަމަށް ހަބީބާ ހުސައިން ހަބީބް (2010) ހާމަކުރައްވައެވެ. އެހެންކަމުން ދިވެހިން އެންމެ ފުރަތަމަ އަޅުކަން ކުރި ދީނަކީ ހިންދޫދީންކަން ދިވެހި ތާރީޚުން އެނގެން އެބައޮތެވެ.

ހިންދުއިޒަމް ނުވަތަ ހިންދޫ ދީނުގެ ބައެއް މުހިންމު ކަންކަމަށް ބަލާލާނަމެވެ. ހިންދޫދަރަމް ނުވަތަ ހިންދޫދީނަކީ، ވޭދާ ތަކުގެ މައްޗަށް ބިނާ ވެގެންވާ އާލަމީ ދީނީ ސަގާފަތެކެވެ. އެގޮތުން ހިންދޫ ދީނަކީ ބުދު ދީންފަދައިން އަޅުކަން ކުރަން ވަކި ޚާއްޞަ އެއްޗެއް ގެންގުޅޭ ބައެއް ނޫނެވެ. އެބައިމީހުންނަކީ ގުދުރަތީ ތަފާތު ބާރުތަކަށް (މާއްދީ ބާރުތަކަށް) އަޅުކަންކުރާ ބައެއްކަން ސާބިތުވެފައިވެއެވެ. އަދި ހިންދޫ ދީނުގެ އަހުލުވެރިން ވެސް ވަރަށް ގިނަ ވައްތަރުގެ ބުދުތައް ގެންގުޅެއެވެ. މިއިން ކޮންމެ ބުދަކީވެސް އެބައިމީހުންގެ ކަލާންގެއެކެވެ. ތާރީޚްގެ ތެރެއަށް ނަޒަރުހިންގާއިރު، ހިންދޫދީނުގެ އަހުލުވެރިންނަކީ އެބައިމީހުންނަށް ބާރުގަދަހެން ހީވާ ކޮންމެ އެއްޗަކަށް އަޅުކަން ކުރަމުން ގެންދިޔަ ބައެއްކަން އެނގެއެވެ. އެ ގޮތުން ކޯރު، ފެން، ފިރިހެން ހަށި، އަލިފާން، އިރު، ތަރި، ހަނދު ފަދަ ތަކެއްޗަށް އެބައިމީހުން އަޅުކަން ކުރެއެވެ.

ދިވެހިން ހިންދޫދީނަށް ވެސް އުޅުނުކަން އިސްވެ ބަޔާންކުރެވުނު ބައެއް ވާހަކަތަކުގައި ވާނެއެވެ. އެކަމުގެ ހެކި ރާއްޖޭގެ އެކި ސަރަހައްދުތަކުން ފެންނަން އެބަހުއްޓެވެ. ފ. ނިލަންދޫއާއި، ބ. ހޮރަބަދޫ އާއި، އދ. އަރިއަދޫ، ފަދަ ރަށްރަށުން މިކަމުގެ ސާބިތު ހެކި ފެންނަން އެބަހުއްޓެވެ. ދިވެހިންގެ ތެރޭގައި މިއަދުވެސް ބައެއް ކަންކަމުގައި ހާއްޞަ ގޮތެއްގައި ދީނީ ކަންކަމުގައި ދުންދަޑި ޖަހާ ދުން އެރުވުމަކީ ހިންދޫދީނުގެ ނުފޫޒެއްކަމަށް ތާރީޚް ޢިލްމުވެރިން ފާހަގަކުރައްވައެވެ. ތޯހައިދާލާ ހަވާލާދެއްވާ މުހައްމަދު އިބުރާހިމް ލުތުފީ (1984) ހާމަކުރައްވާފައިވާ ގޮތުގައި ހުވަދު އަތޮޅުން ހިންދޫދީނުގެ އަހުލުވެރިން އިރުގެ ކަލާންގެއަށް އަޅުކަންކުރުމަށް ހަދާފައިވާ ފައްޅިއެއްގެ ބިނާތަކަކާއި އެ މަޒްހަބުގެ އިތުރު ނިޝާންތަކެއް ތޯހައިދާލްއަށް ފެނިފައިވެއެވެ. އަދި ހިންދޫދީނުގެ މީހުން ތާހިރުވުމަށް އެރިތިބޭ ވެވު ރާއްޖެއިން ފެނިފައި އެބަހުއްޓެވެ. މިއީ ހިންދޫދީނުގެ ތަންތަންކަމުގައި ތޯހައިދާލް ނިންމަވާފައިވަނީ އޭނާއަށް އިންޑިޔާއާއި ލަންކާއިން ފެނިލެއްވި މިފަދަ ތަންތަނާއި މިތަންތަނާއި ގުޅުންތަކެއް ހުރުމުން ކަމުގައި މުހައްމަދު އިބުރާހިމް ލުތުފީ (1984) ހާމަކުރައްވާފައިވެއެވެ.

އާދެ! އަޅުގަނޑު އިސްވެ މި ބަޔާންކޮށްލި މަދު ވާހަކަތަކަކީ ދިވެހިންގެ ތެރޭގައި އިހުގައި ހިންދުއިޒަމް ނުވަތަ ހިންދޫދީން އޮތްކަން ހާމަކުރުމަށްޓަކައި ދަންނަވާލި ދެތިން ވާހަކައެކެވެ. ދެން އަޅުގަނޑުގެ މަޢުޟޫއަށް އެނބުރިލާނަމެވެ. އަޅުގަނޑުގެ ނިންމުމަކީ ހައްދުންމަތީ މާވަށުގައި އިރަށް އަޅުކަން ކުރިބަޔަކު އުޅުނެވެ. ނުވަތަ އިރަށް އަޅުކަން ކުރި ހިންދޫދީނުގެ އަހުލުވެރިން މާވަށުގައި އުޅުނުކަމެވެ. މިއީ ހަމަ ހުރެފައި އަޅުގަނޑު ދަންނަވާ ވާހަކައެއް ނޫނެވެ. ސަބަބުތަކަކާއި، ހެކިތަކެއްގެ މައްޗަށް ބުރަވެ ނިންމާ ނިންމުމެކެވެ. އެވާހަކަ މި ބަޔާންކުރަނީއެވެ.

ހައްދުންމަތީ މާވަށުގެ ތާރީޚް ދިރާސާކުރުމުގެ މަސައްކަތުގެ ތެރެއިން އަޅުގަނޑަށް ލިބުނު އެއް މައުލޫމާތަކީ މާވަށުގެ ހުޅަނގުފާރާތު (މިހާރު ފަޅު ސަރަހައްދު، ނުވަތަ ) ގައި ބަޔަކު ވަޒަންވެރިވެ ދިރިއުޅުނުކަމެވެ. އަދި ތަންކޮޅެއް ފަހުގެ ތާރީޚްތަކަށް ބަލާއިރު ރަށުގެ އިރުމަތިފަރާތަށް ވަޒަންވެރިކަން ބަދަލުކުރުމަށް ފަހުވެސް ޢީދު ނަމާދު، ހުކުރު ނަމާދު ފަދަ ޙާއްޞަ ނަމާދުތަކަށް ރަށުގެ މީހުން ދަނީ އެ ސަރަހައްދަށެވެ. އެކަމުގެ ހެކިތައް މިހާރުވެސް ބަލައި ވިސްނައިފި މީހަކަށް ފެންނާނެއެވެ.

މާވަށުގެ ހުޅަނގު ފަރާތުގައި ބަޔަކު ވަޒަންވެރިވެ ދިރިއުޅެފައި ވީނަމަވެސް، ރަށް އުފެދިފައިވާ ގޮތުން އެތަނުގައި ދިރިއުޅެން އުނދަގޫވާނެކަން ހަމަ ޔަޤީނެވެ. ދަތުރުފަތުރުކުރުމާއި، މަސްވެރިކަން ކުރުމަށްވެސް ފުއްޓަރު ފަރާތުގައި ދިރިއުޅުމުން ދަތިތަކަކާ ކުރިމަތިވާނެއެވެ. އެހެނީ އޭރުވެސް އިރުމަތިފަރާތް ވާނީ ހަމަ މިހާރުހެން އެހެން ރަށްރަށަށް ވެސް ދެވެން އޮންނަ އެންމެ ފަސޭހަ ހިސާބަށެވެ. އެހެންކަމުން އެމީހުން އެ ސަރަހައްދުގައި މިފަދަ ދަތި އުނދަގޫތަކާއި އެކުވެސް ދިރިއުޅޭނީ އަޅުގަނޑުގެ ނަޒަރުގައި އަޤީދާ އާއި ގުޅިފައިވި ކަމެއްގެ ސަބަބުންކަމަށް ބެލެވެއެވެ. އަޤީދާގެ ހަރުދަނާ ކަމެއްގެ ސަބަބުންނެވެ. އަޤީދާ ބިނާވެފައިވަނީ ދީނުގެ މައްޗަށެވެ.

މާވަށުގައި އެންމެ ފުރަތަމަ ވަޒަންވެރިވީ ބަޔެއް އެކަކަށްވެސް ބުނާކަށް ނޭގެއެވެ. ދިރާސާ ކުރަނިކޮށް ނުފެންނާނެކަމެއް ނޭގެއެވެ. ދިވެހި ތާރީޚްގައި ލިޔެވިފައިވާ ވާހަކަތަކަށް ބުރަވާއިރު، ދިވެހިރާއްޖޭގެ ފުރަތަމަ ވަޒަންވެރިވީ އިންޑަސް ވާދީ ޙަޟާރަތުގެ ބަޔެއްކަމަށް ބުނެވެއެވެ. އިންޑަސް ވާދީ ޙަޟާރަތަކީ ހިންދޫދީނުގެ އެންމެ ބޮޑު ޙަޟާރަތެވެ. އަދި އެބައިމީހުންނާއެކު އެބައިމީހުންގެ ދީންވެސް އަންނާނެއެވެ. އެހެންކަމުން އިންޑަސްވާދީ ޚަޞާރަތުގެ ތެރެއިން ރާއްޖެއަށް ބަޔަކު އައިސް ރާއްޖޭގައި ވަޒަންވެރިވެ ކަންކޮޅުތަކަށް ފެތުރުނުއިރު މާވަށުގައިވެސް އެބައިމީހުން ވަޒަންވެރި ވުމަކީ ހަމަ ވެދާނެކަމެކެވެ. އެހެނަސް އެކަން ހިނގީ އެންމެ ފުރަތަމަ ދުވަސްވަރުކަމުގައި ނުވެދާނެއެވެ. ހިންދޫދީނުގެ މައި ރަށެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ފ.ނިލަންދު އޮންނަނީ ލ. އަތޮޅާއި ދުރު އަތޮޅެއްގައެއް ނޫނެވެ. މިދެންނެވި ގޮތަށް ބަޔަކު މާވަށުގައި ވަޒަންވެރިވިއިރު އެބައިމީހުންނަކީ ހިންދޫދީނުގެ އަހުލުވެރިންގެ ތެރެއިން އިރަށް އަޅުކަންކުރިބަޔަކަށް ވާނަމަ، އިރު އޮއްސޭ ފަރާތް ނުވަތަ މާވަށުގެ ހުޅަނގުފަރާތުގައި ވަޒަންވެރިވުމަކީ ހަމަވެދާނެކަމެކެވެ. އެހެނީ އެބައިމީހުންގެ ދީނަށް ހުރުމަތްތެރިކޮށް ހިތުމަށާއި، ދީނަށް އުޅެން ފަސޭހައަކަށެވެ. މި ދެންނެވި ގޮތަށް ވިސްނާއިރު މާވަށުގެ ހުޅަނގުފަރާތުގައި ވަޒަންވެރިވެ އުޅުނީ ހިންދޫދީނުގެ އަހުލުވެރިންކަމަށް ބެލެވިދާނެއެވެ. އަދި އެބައިމީހުން އެސަރަހައްދުގައި ވަޒަންވެރިވީ އަޤީދާގައި ހުރި ހަރުދަނާ ކަމެއްގެ ސަބަބުން ކަމަށް ވުމީ ގާތްކަމެކެވެ. އެ ސަރަހައްދުގައި މިހާރުވެސް ބަޔަކު އުޅުނުކަން ހާމަވާފަދަ ނިޝާންތައް އެބަހުއްޓެވެ. އެތަނުގައި ހުރި "އުސްގަނޑު" އަކީ ފަހަރެއްގައި އެކަމާ ގުޅުން ހުރި ތަނަކަށް ވުމީވެސް ދުރުކަމެއް ނޫނެވެ. އަދި އެހެން ނުވުމަކީވެސް ވެދާނެ ކަމެކެވެ. އެހެނީ އެއީ ތަންކޮޅެއް ފަހުގެ ތަނަކަށްވެސް ވުމީ އެކަށީގެންވާ ކަމެކެވެ. އެހެންނަމަވެސް ހިންދޫދީނުގެ މީހުން އެރި އުޅޭ ޒާތުގެ "ވެވު" މާވަށުގައިވެސް ހުއްޓެވެ.  ވެވަކީ ހިންދޫދީނުގެ އެހެން ތަންތަނުންވެސް ފެންނަމުންދާ ފަދަ ތަންތަނެވެ. އަދި ފަހުން، މާވަށުގެ މީހުންވެސް އިސްލާމްދީން ޤަބޫލުކޮށް، އިރުމަތިފަރާތަށް ބަދަލުވުމަކީ ގާތްކަމެކެވެ. އަދި ވެވުތައް ފަހުން އެހެން ބޭނުންތަކަށް ބޭނުންކުރަމުން ދިޔައީއެވެ. އެހެންކަމުން ތާރީޚީ ހެކިތަކަށާއި، ފެންނަން ހުރި ހެކިތަކަށް ރިޢާޔަތް ކުރާއިރު މާވަށުގައި އިރަށް އަޅުކަން ކުރިބަޔަކު އުޅުނުކަމަށް ބުނެވޭނެ ސަބަބުތައް ބައިވަރެވެ.

ނޯޓް:- މިއީ އަދި މިހާތަނަށް ދިރާސާ ކުރެވިފައިވާ މިންވަރެވެ. މި މައުޟޫގަޔާއި، މާވަށުގެ ތާރީޚާއި ގުޅޭ އެހެން މައުޟޫތަކުގައި ދިރާސާތައް ދަނީ ކުރެވެމުންނެވެ. މި މަސައްކަތަކީ، ޖުމްލަކޮށް އަޅުގަނޑުމެން ލިޔަމުންދާ ފޮތް " ހަނދާނާއި ތާރީޚްގެ ތެރެއިން – މާވަށް" މި ފޮތުގެ ދިރާސާ މަސައްކަތްތަކަކެވެ. މި ފޮތުގައި މާވަށުގެ ތާރީޚީ ވާހަކަތައް ތަފުސީލުކޮށް ހިމެނޭތޯ މަސައްކަތްކުރާނަމެވެ.

ލިޔުނީ: ރަމީޒް
މަސްދަރު: މާވަށް އިންފޯ
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް