ފަހުގެ ޚަބަރު


އިތުރަށް...

ހައްދުއްމަތީ ތަރައްޤީގައި ފާހަގަކޮށްލެވޭ އަލިގަދަ ތަރި - އަލްފާޟިލް އިލްޔާސް އިބްރާހިމް

ލިޔުނީ: Unknown - Saturday, April 6, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ލ. އަތޮޅަށް ލިބިފައިވާ ތަރައްޤީގެ ވާހަކަތައް ދައްކާއިރު، އެ ބޭފުޅެއްގެ ނަން ނުހިމަނާ މި އަތޮޅުގެ ތަރައްޤީގެ ވާހަކަތައް ފުރިހަމަ ނުކުރެވޭނެ އެއް ނަމަކީ އަލްފާޟިލް އިލްޔާސް އިބްރާހިމެވެ. ހައްދުންމަތީގެ ރައްޔިތުން މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ އިލްޔާސް އިބްރާހިމާއި މެދު ދިވެހި އެކުމާފާނުގައި ކޮންމެވެސް ލިޔުންތެރިއަކު ލިޔުއްވާފައިވާ މަޒުމޫނެއް ފެނި އެ ލިޔުން ލާމު އެޓޯލް ނިއުސް ގެ ކިޔުންތެރިންނާއި ހިއްސާ ކޮށްނުލައި ދޫކޮށްލައިގެން ނުވާނެ ކަން ވިސްނި، އެ ލިޔުން މިތާނގައި ނަކަލު ކޮށްލަމެވެ.

އަލްފާޟިލް އިލްޔާސް އިބްރާހިމް ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 18 ސެޕްްޓެމްބަރ 1945 ގައެވެ. ބައްޕާފުޅަކީ ތުޅާދޫގޭ އިބްރާހިމް ދޮންމަނިކުއެވެ. މަންމާފުޅަކީ ހައްވާ އާދަމް ހިމިތީ ( ހައްވާމަނިކެ ) އެވެ. ތަޢުލީމް ހާސިލް ކުރެއްވީ މަޖީދިއްޔާ ސްކޫލް އިންނެވެ. އަލްފާޟިލް އިލްޔާސް އިބްރާހިމްއަކީ ކޮންމެފަދަ ބޭފުޅަކާއި ގުޅުންބަހައްޓާ ޢާއްމު ރައްޔިތުންގެ ވަރަށްގާތް އެކުވެރި ސަރުކާރަށް ވަފާތެރި އިޚްލާސްތެރި ބޭފުޅެކެވެ. އަލްފާޟިލް އިލްޔާސް އިބްރާހިމްއަކީ ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހިމް ނާސިރުގެ ވެރިކަމުގައިވެސް ވަރަށް ގިނަ މަތީ މަޤާމް ތަކެއް ފުރުއްވި ތެދުވެރި އިޚްލާސްތެރި ދިވެހި ދަރިއެކެވެ. އަދި ދެވަނަ ޖުމްހޫރިއްޔާގެ ދެވަނަ ރައީސް އަލްއުސްތާޛު މައުމޫން އަބުދުލް ޤައްޔޫމްގެ ސަރުކާރުގައި ގިނަ ވުޒާރާތަކެއްގެ ވަޒީރުކަން ކުރެއްވި ޚިދުމަތްތެރި ވަފާތެރި ބޭފުޅެކެވެ.

އަލްފާޟިލް އިލްޔާސް އިބްރާހިމް ފުރަތަމަ ސަރުކާރަށް ޚިދުމަތް ފައްޓަވާފައި ވަނީ ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ތެރޭގައެވެ. އެދުވަސްވަރު ސަރުކާރުގައި ވަޒީފާ އަދާކުރެއްވުމުގެ ގޮތްތަކާއި އުސޫލްތައް މިއަދާއި އަޅައި ބަލާއިރު ވަރަށް ތަފާތެވެ. ނަމަވެސް އެދުވަސް ވަރު އިލްޔާސް އިބްރާހިމް ވަޒީފާ އަދާކުރެއްވުމުގައި ގެންގުޅުއްވި ގޮތްތަކެއްގެ ސަބަބުން އަލްފާޟިލް އިބްރާހިމް ނާސިރުގެ އެންމެ އަރިސް ބޭފުޅެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބިފައިވެއެވެ. އަދި އަލްފާޟިލް އިބްރާހިމް ނާސިރު އެންމެ އިތުބާރުކުރައްވާ އިބްރާހިމް ނާސިރު ސޮއިކުރައްވަންޖެހޭ ބައެއްލިޔުންތަކުގައި ސޮއިކުރެއްވުމުގެ އިޚްތިޔާރު ދެއްވާފައިވާ ބޭފުޅަކީ ހަމައެކަނި އަލްފާޟިލް އިލްޔާސް އިބްރާހިމްއެވެ.

އަލްފާޟިލް އިލްޔާސް އިބްރާހިމް އަކީ ޢާއްމު ރައްޔިތުންނަށް ވަރަށް ދީލަތިބޭފުޅެކެވެ. ދެރަމީހެއް މޮޅުމީހެއް ބެލުމެއްނެތި ޢާއްމުރައްޔިތުންނާއި ގުޅުންބަހައްޓަވާ ބޭފުޅެކެވެ. އަލްފާޟިލް އިލްޔާސް އިބްރާހިމް ގުޅުންބަހައްޓަވާ އެއްވެސްބޭފުޅަކާއި ގުޅުންނުކަޑާ އެކުވެރިކަން އާލާކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާކަން ފާހަގަކުރެވެއެވެ. ރާއްޖެތެރެއާއި ބެހޭ ވުޒާރާގެ ވަޒީރުކަމާއި ޙަވާލުވެ ހުންނެވިއިރު ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އަރައިވަޑައިގެން އެރައްރަށުގެ ރައްޔިތުންނާއި ބައްދަލުކުރުމުގެ ފުރުސަތު ލިބި އެރައްރަށުން ގާތްއެކުވެރީން ހޯއްދަވާފައި ހުންނެވިކަން ފާހަގަ ކުރެވެއެވެ. އަލްފާޟިލް އިލްޔާސް އިބްރާހިމް ސަރުކާރުގެ ވަޒީފާ އަދާކުރެއްވުމުގައި ފާހަގަކުރެވުނު ބައެއް ކަންކަން ވަނީފެނިފައެވެ. އަލްފާޟިލް އިލްޔާސް އިބްރާހިމްއަށް ވަޒީރުކަން ފުރަތަމަ ލިބިވަޑައިގަތީ 11 ނޮވެމްބަރ 1982 ގައެވެ. އެއީ މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒް އެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖުލިސް މެމްބަރެއްގެ ގޮތުން ގިނަދުވަސް ތަކެއްވަންދެން ޚިދުމަތް ކުރައްވާފައިވެ އެވެ. އަދި ޑިފެންސް މިނިސްޓްރީގެ ނައިބުކަމާއި ސިފައިންގެ ވެރިޔާގެ ނައިބުކަމާއި އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ކަން ހިންގަވާފައި ވަނީ އިޚްލާސްތެރިކަމާއިއެކުގައިކަން ފާހަގަކުރެވެއެވެ. އަދިމިނޫނަސް އެތަކެއް ވުޒާރާތަކުގެ ވަޒީރުކަން ކުރެއްވިއެވެ.

އަލްފާޟިލް އިލްޔާސް އިބްރާހިމް އާއި ސަރުކާރުން ހަވާލުކުރައްވާ ކޮންމެ މަސައްކަތެއް އިޚްލާސްތެރިކަމާއިއެކު ކުރެއްވުމަކީ އެމަނިކުފާނުގެ ހޮބީއެކެވެ. މިގޮތުން ފާހަގަކުރެވުނު މަސައްކަތުގެ ތެރޭގައި އެސްޓީއޯއާއި ހަވާލުވެ ހުންނެވިއިރު ލ. އަތޮޅުގެ ބައެއް ރަށްތައް އެއްފަސްކޮށް މަގުތައްހެއްދެވުމާއި ކައްދޫ އެއާރޕޯޓާއި ހަނިމާދޫ އެއާރޕޯޓާއި އެޓޮލް މިނިސްޓްރީ ހިންގެވިއިރު ރާއްޖެތެރޭގެ ރަށުއޮފީސްތައް ހެއްދެވުމާއި ހެލްތް މިނިސްޓްރީ ހިންގެވިއިރު ރާއްޖެތެރޭގެ ސިއްހީ މަރުކަޒުގެ މަސައްކަތް ފުރިހަކަމާއިއެކު ކުރެއްވިއެވެ. އެމަނިކުފާނު ކުރައްވާ ކޮންމެކަމެއް ސީދާ އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން ކުރައްވަމުން ގެންދަވާކަން ފާހަގަކުރެވިފައިވެއެވެ.

އަލްފާޟިލް އިލްޔާސް އިބްރާހިމްއަކީ ސިޔާސީ ގިނަޙަރަކާތްތަކެއްގައި ބައިވެރިވެ ކާމިޔާބުކަމާއިއެކު ކުރިހޯއްދަވައިފާބޭފުޅެކެވެ. 7 އޯގަސްޓް 2008 ގައި ތަސްދީޤް ކުރެވުނު ޤާނޫނު އަސާސީގެ ދަށުން ސަރުކާރު ހިންގުމަށް ގެނެވުނު ބޮޑު ބަދަލާއި ގުޅިގެން ރައްޔިތުންގެ މަޖުލިސްގައި ސަރުކާރާއި އިދިކޮޅުފަރާތްތަކުން ދައްކާ ގިނަވާހަކަތައް އަމާޒުވެގެންދަނީ ސީދާ އިލްޔާސް އިބްރާހިމްއަށެވެ. ނަމަވެސް މިކަމުގައި ސީދާ އެމަނިކުފާނު ޖަވާބު ދާރީ ވަނީ ސާބިތުކަމާއި އެކުގައެވެ. އަދި ބައެއް ރައްރަށުގައި ދިރިއުޅެމުންގެންދާ އިދިކޮޅުފަރާތްތަކުން އެމަނިކުފާނަށް ބަހުގެ ހަމަލާތަކާއި މަލާމާތުގެ ބަސްތައްވަނީ ރައްދުކޮއްފައެވެ. މިކަމަށްވެސް އެމަނިކުފާނު ޖަވާބު ދެއްވަނީ ވަރަށް ކެރިހުންނަވައިގެން އެބަޔަކު ރުޅިނާންނަ ފަދަ ސާދާ ބަހުރުވައިންނެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމަނިކުފާނު އިސްވެ ރިޔާސަތު ބެލެހެއްޓެވި ގިނަޖަލްސާތައް ބޭއްވިފައިވެއެވެ. އެމަނިކުފާނު ޖަލްސާތަކުގައި ވާހަކަފުޅު ދައްކަވާއިރު މީހުން އަޑުއަހާ ފަދަ ޢިބާރާތަކުން ވާހަކަފުޅު ދައްކަވާކަމީ އެމަނިކުފާނުގެ ކިބައިގައި ހުންނަ މާތްސިފައެކެވެ. އަޅުގަޑު ދެކޭގޮތުގައި އެމަނިކުފާނު އަރިހުގައި މަސައްކަތްކުރުމަކީ ވަރަށް ފަސޭހަ ކަމެކެވެ. އަދި މަސައްކަތްކުރަންވީގޮތް ވަރަށް ރަގަޅަށް އޮޅުންފިލުވައިދެއްވައެވެ. ( އަޅުގަނޑަކީވެސް އެމަނިކުފާނު އަރިހުގައި 1979 ން 1991 އަށް ވަޒީފާއަދާކުރުމުގެ ފުރުސަތު ލިބިފައިވާމީހެކެވެ. ) ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދި ޕާޓީތަކުގެ ރޯލު ފުޅާވެގެން ކުރިއަށް ހިންގުމުގައި އެމަނިކުފާނުގެ ދައުރު ވަރަށް ރަގަޅަށް ފެނިގެންދިޔައެވެ. މިގޮތުން އަޅުގަނޑު ފާހަގަކުރަނީ ޑީއާރުޕީއިން ހިންގި ގިނަހަރަކާތްތަކުން އެމަނިކުފާނު ފެނިގެން ދިޔައީ ޕާލަމެންޓްރީ މެމްބަރެއްގެ ގޮތުގައެވެ. އަދި ނިޒާމީ ވޯޓް ނެގުމަށާއި މަލްޓި ޕާޓީ އެކުލެވޭގޮތަށް ބޭއްވުނު ރިޔާސީ އިންތިޚާބުގެ ކެމްޕޭން އާއި ޑީއާރުޕީ ޕްރޮމޯޓް ކުރުމުގައި އިލްޔާސް އިބްރާހިމް ގެންގުޅުއްވި ސިޔާސަތު ފާހަގަކުރެވިގެން ދިޔައެވެ. އެމަނިކުފާނަކީ ސިޔާސީގޮތުން ވަރަށްގިނަ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ވިސްނުންތޫނު ބޭފުޅެކެވެ.

ފުރުއްވި ސަރުކާރުގެ ބައެއް މަތީ މަޤާމް
1.    ރައްޔިތުންގެ މަޖްލީސް މެމްބަރުކަން
2.    މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒް މިނިސްޓަރ ކަން
3.    މިނިސްޓްރީ އޮފް ޑިފެންސްގެ ނާއިބުކަން
4.    ސިފައިންގެ ވެރިޔާގެ ނާއިބުކަން
5.    އެސްޓީއޯގެ މެނެޖިންޑިރެކްޓަރކަން
6.    މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭސަންގެ މިނިސްޓަރ ކަން
7.    މިނިސްޓްރީ އޮފް ހެލްތްގެ މިނިސްޓަރ ކަން

ހުކުމް ކުރެއްވުން
ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ދެވަނަރައީސް އަލްއުސްތާޛު މައުމޫން އަބުދުލް ޤައްޔޫމް ހަތަރުވަނަ ދައުރަކަށް ރައީސްކަމަށް ކުރިމަތި ލެއްވުމުން އިލްޔާސް އިބްރާހިމް ވަނީ އެމަނިކުފާނާއި ދެކޮޅަށް ރިޔާސީ އިންތިހާބުގައި ތެދުވެފައެވެ. އެހެން ނަމަވެސް އިލްޔާސް އިބްރާހިމްގެ ޣައިރު ހާޒިރުގައި އެމަނިކުފާނުގެ މައްޗަށް ވަނީ ޤާނޫނާއި ހިލާފުވިކަމުގެ ކުށުގެ ދައުވާ އުފުލާ ފަނަރަ އަހަރަށް ޤައުމު ދޫކޮށް ވަޑައިގަތުމަށް ހުކުމް ކުރެވިފައެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް