ފަހުގެ ޚަބަރު


އިތުރަށް...

ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެންނަށް ކޮމެޓީން ފާސްކޮށްފި

ލިޔުނީ: Unknown - Wednesday, April 17, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ފަނޑިޔާރުންގެ ގާނޫނަށް މާވަށު ދާއިރާގެ މެމްބަރު އަބްދުލް އަޒީޒު ޖަމާލު އަބޫބަކުރު ހުށަހެއްޅުއްވި ދެ އިސްލާހުގެ ތެރެއިން އެއް އިސްލާހު ކޮމެޓީން ބަދަލުގެނެސް އެ އިސްލާހު މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން ފާސްކޮށްފިއެވެ.

އަޒީޒު ހުށަހަޅުއްވާފައިވާ އިސްލާހުގައިވަނީ "މިގާނޫނުގެ 15 ވަނަ މާއްދާގެ (ރ)ގައި އެހެންއޮތް ނަމަވެސް ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ސްޕޮންސަރ ކޮށްގެން ދަށުކޯޓުގެ ފަނޑިޔާރުކަމަށް ތަމްރީންކުރާ ދަރިވަރުން މިމާއްދާއިން އިސްތިސްނާ ވާނެއެވެ. އަދި ފަނޑިޔާރުކަމުގެ ވަޒީފާ ދިނުމުގައި މިފަދަ ދަރިވަރުންނަށް އިސްކަން ދޭންވާނެއެވެ."

އެއިސްލާހު އާމެދު ބަހުސްކުރުމަށް ފަހު، ކޮމެޓީން ފާސްކުރެއްވީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބްދުލްގަފޫރު ހުށަހެޅުއްވި އިސްލާހެވެ.

އަޒީޒު ހުށަހެޅުއްވި އިސްލާހުގެ ބަދަލުގައި ހާމިދު ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވަނީ "ގާނޫނީ ރޮގުން ނުވަތަ ޝަރުއީ ރޮގުން ޑިޕްލޮމާ ހާސިލްކޮށްފައިވާ ފަރާތްތަކަށް ފަނޑިޔާރަކަށް ވުމަށް ދެއަހަރު ދުވަހުގެ ތަޖުރިބާ ހުރުން ލާޒިމް. އެހެންކަމުން ޑިޕްލޮމާ ފުރިހަމަކޮށް އަދި ރާއްޖޭގެ ސްޕީރިއާ (ދަށުކޯޓް) ކޯޓެއްގެ ލީގަލް އެސިސްޓެންޓެއް ވުރެ މަތީ މަގާމެއްގައި ދެ އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ނުވަތަ ގާނޫނީ ވަކީލެއްގެ ގޮތުގައި މަދުވެގެން ދެ އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް މެޖިސްޓްރޭޓް ކޯޓެއްގެ މެޖިސްޓްރޭޓަކަށް ވެވިދާނެ" އެވެ.

ހާމިދުގެ އިސްލާހަށް ތާއިދުކުރެއްވީ ޕީޕީއެމުގެ މެމްބަރ ގުރައިދޫ ދާއިރާގެ މެމްބަރ އިބްރާހީމް ރިޒާއެވެ.
އިސްލާހު ފާސްކުރުމުގެ ކުރިން ކޮމެޓީގައި ވާހަކަ ދެއްކެވި ހުރިހާ މެމްބަރުންވެސް ވިދާޅުވީ ވަކިބަޔަކަށްފ ައިދާ ވާގޮތަށް ގާނޫނެއް ނުހެދޭނެ ކަމަށާއި އަޒީޒު ހުށަހަޅުއްވާފައިވާ އިސްލާހުގައި ވަކިބައެއް ފާހަގަ ކުރައްވާފައިވާކަމަށެވެ.

ދިއްދޫ ދާއިރާގެ މެމްބަރު ވިދާޅުވީ ޖުޑިޝަރީގެ ނިޒާމު އިސްލާހު ކުރެވޭނީ ތައުލީމީ ތަޖުރިބާހުރި ފަރާތްތައް ޖުޑިޝަރީގެ ސިސްޓަމްގެ ތެރެއަށް ވައްދައިގެން ކަމަށެވެ. މިހާރުގެ ޖުޑިޝަރީ ނިޒާމު ހަލާކުވާން މެދުވެރިވި މައިގަނޑު ސަބަބަކީވެސް އިލްމީ ގާބިލް ފަނޑިޔާރުން ކޯޓުތަކުގައި މަދުކަމުން ކަމަށް ސަމީރު ވިދާޅުވިއެވެ.

ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަމްޒާ ވިދާޅުވީ އެންމެ ބޮޑަށް ވިސްނަންވި ކަމަކީ ޖުޑިޝަރީއަކީ އަދުލްއިންސާފު ގާއިމުކޮށްދޭނެ ތަނެއްގެގޮތުގައި ހެދުންކަމަށާއި ކޮންމެހެން ފަނޑިޔާރުން ހިމާޔަތްކުރަން ނޫންކަމަށެވެ.

"އަޅުގަނޑުމެން ވިސްނަންވީ ޖުޑީޝަރީއަކީ އަދުލްއިންސާފު ގާއިމުކޮށްދޭނެ ތަނެއްގެ ގޮތުގައިވުން. ކޮންމެހެން ފަނޑިޔާރުން ހިމާޔަތްކުރާކަށް ނޫން ވިސްނަންވީ. އަޒީޒުގެ ބިލްގެ މަގުސަދަކީވެސް ތައުލީމާއި ތަޖުރިބާ ލިބިފައިވާ ފަނޑިޔާރުން އައްޔަންކުރުން. ނަމަވެސް މިހާރުވެސް މެޖިސްޓްރޭޓުން އައްޔަން ކުރަމުންދަނީ. އެކަމަކު މެޖިސްޓްރޭޓް ހުންނަނީ މާލޭގަ. އެއީ މައްސަލައެއް،" މެމްބަރު ހަމްޒާ ވިދާޅުވިއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް