ފަހުގެ ޚަބަރު


އިތުރަށް...

މުސާރަ ނުދޭތީ މާމެންދޫ ޕްރީ ސްކޫލްގެ ކިޔަވައިދިނުން އަންނަ އާދީއްތަ ދުވަހު ހުއްޓާލަނީ

ލިޔުނީ: Unknown - Thursday, April 11, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
މާމެންދޫ ޕްރީ ސްކޫލް ކުދިންކޮޅަކާއި އެކު ރައީސް ނަޝީދު - ފޮޓޯ: ޕީއޯ
ލ. މާމެންދޫގައި ހިންގަމުން އަންނަ ޕްރީ ސްކޫލްގެ މުދައްރިސުންނަށް މި އަހަރު އެއްވެސް މަހެއްގެ މުސާރަ ދިނުމަށް ފައިސާ ލިބިފައި ނުވާތީ މުސާރަ ނުދެވިވާތީ އެ ސްކޫލްގެ ކިޔަވައިދިނުން އަންނަ އާދީއްތަ ދުވަހު ހުއްޓާލާނެ ކަމަށް އެ ސްކޫލުން ބެލެނިވެރިންނަށް އަންގައިފިއެވެ.

މާމެންދޫ ކައުންސިލް ރައީސް އެލްއޭ ނިއުސް އަށް މިކަމާއި ގުޅިގެން ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި ވިދާޅުވީ އެ ސްކޫލްގެ މުދައްރިސުންނަށް ލިބެންޖެހޭ މުސާރަ ނުލިބޭތީ، 70 އަށްވުރެން ގިނަ ދަރިވަރުންނަށް ކިޔަވައިދޭ މި ސްކޫލް ބަންދުކުރުމަށް ނިންމާފައިވަނީ ބެލެނިވެރިންނާއި މަޝްވަރާކޮށް، ކަން އޮތްގޮތް އޮޅުންފިލުވައިދިނުނަށް ފަހުގައި ކަމަށެވެ.

މާމެންދޫ ޕްރީ ސްކޫލުން މިއަދު ނެރެފައިވާ އިޢުލާނެއްގައި ބުނެފައިވަނީ އެ ސްކޫލްގައި ކިޔަވައިދެމުން އަންނަ 3 ޓީޗަރުންނަށް މިއަހަރުގެ އެއްވެސް މަހެއްގައި މުސާރަ ލިބިފައި ނުވާކަމަށެވެ. އަދި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް އެކަން އަންގާ އެއްވެސް އަލިމަގެއް ފެނިފައި ނުވާތީ 14 އޭޕްރީލް 2013 ވާ އާދީއްތަ ދުވަހުން ފެށިގެން ޓީޗަރުންނަށް މުސާރަ ލިބެންދެން ޕްރީ ސްކޫލްގެ ކިޔެވުން ނޯންނާނެ ވާހަކަ ހިތާމަޔާއިއެކު ބެލެނިވެރިންނަށް ދަންނަވާ ކަމަށެވެ.

މާމެންދޫ ކައުންސިލްގެ ބަޖެޓް ހެދި އިރު، އެކިފަރާތްތަކަށްދޭ އެހީގެ ކޯޑްގެ ދަށުން އަމިއްލަ ފަރާތަކުން މާމެންދޫގައި ހިންގަމުން ގެންދާ ޕްރީ ސްކޫލަށް ބޭނުންވާނެ ފައިސާ ހިމަނާފައި ވާނެކަމަށް ކައުންސިލް ރައީސް ޢަލީ ޝިފާޒް އެލްއޭ ނިއުސް އަށް މަޢުލޫމާތު ދެމުން ވިދާޅުވިއެވެ.

"އެހެން ނަމަވެސް މިއަހަރު ރައްޔިތުން މަޖިލީހުން ބަޖެޓް ފާސްވެގެން އައިއިރު އެފައިސާ ހަމަޖެހިފައެއް ނެތް." ކައުންސިލް ރައީސް އިތުރަށް ވިދާޅުވީ މިކަމާއި ގުޅިގެން މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ބަޖެޓް ކަންތަކާއި ހަވާލުވެ ހުންނަވާ ޢަބްދުއް ރަޝީދާއި ވާހަކަދައްކާ ކަންކަން ކުރިއަށް ގެންދަން ޖެހޭގޮތް އޮޅުން ފިލުވަމުން ގެންދެވި ކަމަށެވެ. އަދި އެންމެ ފަހުން ޢަބްދުއް ރަޝީދު ދެއްވި ޖަވާބަކީ އެކަންކަން (ޕްރީ ސްކޫލްތަކަށް ފައިސާ ދޫކުރުން) ކުރިއަށް ގެންދަވަނީ މިނިސްޓްރީ އޮފް ފިނޭންސް އިން ކަމަށާއި ފިނޭންސް މިނިސްޓްރީއަށް ގުޅުމަށް ވިދާޅުވި ކަމަށެވެ.

"އަޅުގަނޑުމެން ދާދިފަހުން ކައުންސިލްގެ ރަސްމީ ދަތުރެއްގައި މާލެ ގޮސް، ފިނޭންސް މިނިސްޓްރީގެ އެސިންޓެންޓް ޑިރެކްޓަރ ޠަލްޙާތާއި ބައްދަލުކޮށް މިކަންކަން ކިހިނެތްތޯ ހަދަންވީ މަޝްވަރާ ކުރިން."  މި މަޝްވަރާތަކުގައި ޠަލްޙަތު ވިދާޅުވެފަ އޮތީ ޕްރީ ސްކޫލް އެހީގެ ފައިސާ ނުލިބޭކަމަށް އެދި ސިޓީ އެއް ފޮނުވުމަށް ކަމަށާއި އޭރުން ވަގުތީ ގޮތުން ކައުންސިލް މުވައްޒަފުންގެ މުސާރަ ކޯޑުން މައިނަސް ކޮށްގެން އެހީގެ ފައިސާ ކޯޑަށް ޖަމާކޮށްފައި ޕްރީ ސްކޫލް ފައިސާ ޖަމާކުރެވޭ ގޮތް ހައްދަވާދެއްވާނެ ކަމަށް ވިދާޅުވި ކަމަށެވެ. އަދި ޕްރީ ސްކޫލް ހިންގުމުގެ ފައިސާ ދެވެން ނެތްކަަމަށް ޠަލްޙަތު ވިދާޅުވި ކަމަށް ޝިފާޒް މަޢުލޫމާތު ދެއްވައެވެ.

ޝިފާޒް އިތުރަށް ވިދާޅުުވީ ފިނޭންސްގެ އިރުޝާދާއި އެއްގޮތަށް ސިޓީ ފޮނުވި ނަމަވެސް މިއަދާއި ހަމައަށްވެސް ޖަވާބެއް ލިބިފައި ނުވާކަމަށެވެ. ޝިފާޒް ވިދާޅުވީ ޕްރީ ސްކޫލް މުވައްޒަފުންނަށް މުސާރަ ނުލިބޭއިރު އެބޭފުޅުންނަށް ވަރަށް ދަތިވާ ކަމަށާއި ހިންގުމަށް ކުރިން ދެއްވާ އިލަވަންސްވެސް އެއްގޮތަކަށްވެސް މިއަހަރު ނުލިބޭ ކަމަށެވެ. އަދި ޕްރީ ސްކޫލުން ނަގަނީ ވަރަށް ކުޑަކުޑަ ފީއެއް ކަމަށާއި އެވަރުން ޕްރީ ސްކޫލެއް ނުހިންގޭނެ ކަމަށެވެ.

ޕްރީ ސްކޫލް ހިންގުމަށް ސަރުކާރުން ކައުންސިލްތަކަށް ދިނުމަށް ޤާނޫނުން ލާޒިމުކޮށްފައިވާ ފައިސާ ނުލިބޭ ކަމަށާއި މިކަމުގައި ފިނޭންސް މިނިސްޓްރީ އާއި މިނިސްޓްރީ އޮފް އެޑިއުކޭޝަނަށް ކައުންސިލުން ފޮނުވި ސިޓީއަށް ޖަވަބުދެއްވާފައި ނުވާކަމަށް ކައުންސިލް ރައީސް ވިދާޅުވިއެވެ.

ޕްރީ ސްކޫލްތަކަށް ލިބެންޖެހޭ ފައިސާ ލިބުމުގައި ރާއްޖޭގެ ފުރަތަމަ ޑިމޮކްރެޓިކް ވެރިކަން ކުރެއްވި ރައީސް ނަޝީދުގެ ދައުރުގައި އެއްވެސް ދަތިކަމެއް ކުރިމަތި ނުވާ ކަމަށް ކައުންސިލް ރައީސް ޝިފާޒް ހާމަކުރެއްވި އެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް