ފަހުގެ ޚަބަރު


އިތުރަށް...

ލާމު އަތޮޅުންވެސް މިހާރު ރިއަލިޓީ ފެންނަން ފަށައިފިއެވެ.

ލިޔުނީ: Unknown - Sunday, April 21, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ރައީސް ނަޝީދު ލ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން - ފޮޓޯ: ކުލަޔެލޯ
ރިއަލިޓީ ނުވަތަ 'ޙަޤީޤަތޭ' ބުނެ އޮޅުވާލުމަކީ ބައެއް ސިޔާސީ ވެރިންނާއި ބޮލަށް ފިތިފައި ތިބޭ ތާވަޅައެއް ގޮތަށް ސިޔާސީ މައިދާނުގައި އުޅޭ ބައެއް ސިޔާސީ ފަރާތްތަކުން އަބަދުވެސް ކުރަމުން އަންނަ ކަމެކެވެ. އެހެނަސް ރިއަލިޓީ ފޮރުވާފައި ބޭއްވުން ވާނީ ކުރަން އުނދަގޫ ކަންތައްތަކުގެ ތެރޭގައި ހިމެނޭނެ ކަމަކަށެވެ.

ރައީސް ނަޝީދު އެމްޑީޕީ ސަރުކާރާއި އެކު މަސައްކަތް ފަށައި އެ ސަރުކާރުގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ 'ރާއްޖޭގެ ރަށްތައް ދަތުރުފަތުރުން ގުޅާލުން' އިފްތިތާޙީ ޙަފްލާ ބޭއްވީ ލ. އަތޮޅުގައެވެ. މަޢުމޫނު ސަރުކާރުގެ ބައެއް 'މާލެވަންތަ ބޮޑުން' ބުނާގޮތުން ހައްދުންނައްޓާފައި ތިބޭ މީހުންގެ އަތޮޅުގައެވެ.

ކޮންމެއަކަސް ދަތުރުފަތުރުގެ ނިޒާމަކުން މުޅި ރާއްޖެ ގުޅާލުމުގެ ވާހަކަތައް އެމްޑީޕީ ސަރުކާރުން ދައްކަން ފެށުމުން އެކަމަށް އެމްޑީޕީ އާއި އިދިކޮޅު ފަރާތްތަކުން ލައްކަ ގިނަ ހަޖޫ ޖެހިއެވެ. ނުވާނޭ ކަމެއް ކަމަށް ބުނެ ބާޖުމަރާ (ބެޓްކުރާ) ހިސާބަށް ދިޔައެވެ. ތަންކޮޅެއް ކުރީ ޒަމާނުގައި ނަމަ ބޯފޮޅި އަޅަން ނަދުރު ބުނީސްކަން ކަށަވަރުވާހާ ގިނަ ގޮތްގޮތަށް އެމްޑީޕީ ސަރުކާރަށް މަލާމާތާއި ފުރައްސާރަ ރައްދުވެގެން އައެވެ. އެމްޑީޕީ ޢާއްމު މެންބަރުންނަށް ވެސް އަމާޒު ކޮށް އެކަންކަން ހިންގަމުން ދިޔައެވެ.

ނަމަވެސް ރިއަލިޓީ އަކީ މިހާރު އަތޮޅުގެ ކޮންމެ ރަށަކަށް ދިހަވަރަކަށް ރުފިޔާ ހޭދަކޮށްގެން ދަތުރު ކޮށްލޭކަމެވެ. އަންނި އަށް ގަންޖާބޯ ކިޔަމުން، އެމްޑީޕީ އެންމެންނަކީ ރާބޮއެ، މަސްތުވާ ތަކެތި ބޭނުންކުރާ ބައެއްކަމަށް ކިޔަމުން، ނުވީތާކަށް އަންނި ސަރުކާރުން އެއްވެސް ކަމެއް ކޮށްދީފައި ނުވެޔޭ ކިޔަމުން އަރާ މިތިބެނީ އަންނި ސަރުކާރުން ފެށި ދަތުރު ފަތުރު ކުރުމުގެ ނިޒާމުން ދުއްވަމުންދާ ފެރީ އެއްގައެވެ. ލޯކަލް ކައުންސިލް އިންތިޚާބްގައި އަތޮޅު ކައުންސިލަށް ކުރިމަތިލެއްވި ފަރާތްތަކުން އަތޮޅުގެ ރަށްރަށަށް މި ދެންނެވި ފެރީގައި ގޮސް ފައިބާ އެ ރަށްރަށުގެ ރައްޔިތުންނާއި ބައްދަލުކޮށް މި ބުނަނީ އަންނި ސަރުކާރުން އެއްވެސް ކަމެއް ކޮށްދީފައި ނުވާ ކަމަށެވެ. އެހެންވީމާ ރިއަލިޓީ މިއޮތީ ކިހާ ރީތިކޮށް ހާމަވާން ދޮގެއްތޯއެވެ. މިޔަރެއްގެ ބަނޑުދަށުގައި ތަތްކޮށްގެން އޮންނަ އައްޓަމަހެއް (ޝާކް އެންޑް ރެމޯރާ ފިޝް) މިޔަރަށް އެއްޗެތި ނުގޮވާ، އެސޮރަށް ފަސޭހައިން ކާނާ ލިބޭތީ، އޭގެ ބަދަލުގައި މިޔަރުގެ ހަންގަނޑު ސާފުކޮށްދެނީ ޝުކުރުވެރިކަމާއި އެކުގައެވެ. މިވެސް ރިޔަލިޓީއެކެވެ. ޤުދުރަތުގެ ފުރިހަމަ ކަމާއި އިންސާނުންނަށް ނަމޫނާއަކަށް މާ ރަނގަޅަށްވެސް ފުދޭނެ ރިޔަލިޓީ އެކެވެ.

އެހެން ރިޔަލިޓީއެކެވެ. ކާބޯތަކެތީގެ އަގު މަތިވެގެން ގޮސް އަނގަޔާ އަތާ ދިމާނުވެ، ފޮނަދުއާއި ލ. އަތޮޅުގެ ބައެއް ރަށްރަށުގައިވެސް 'ލައްކަ ބޮޑެތި' މުޒާހަރާތައް ކޮށްފައިވެއެވެ. އައްނި ނުވަތަ އެމްޑީޕީ ވެރިކަން ނިމިގެން ނޫނީ ތަކެތީގެ އަގުހެޔޮ ނުވާނެ ކަމަށް ބުނަމުން ދިޔައެވެ. ނަމަވެސް މިއަދުގެ ރިޔަލިޓީ އަކީ ކޮބައިތޯއެވެ. ފިޔާ ކިލޯއެއް 3 ރުފިޔާޔަށް ލިބޭތޯއެވެ. ޕެޓްރޯލް ލީޓަރެއް 5 ރުފިޔާއަށް ތިރިވެއްޖެތޯ އެވެ. ނޫޑްލްސް ޕެކެޓެއް 2 ރުފިޔާއަށް ދަށްވެއްޖެތޯއެވެ. ރިއަލިޓީ ކޮބައިތޯއެވެ.

"އެމްޑީޕީ އަކީ ލާދީ ބައިގަނޑެކެވެ. އެމްޑީޕީ ސަރުކާރަކީ ލާދީނީ ސަރުކާރެކެވެ." މިވެސް އަބަދު ގޮވަމުންދިޔަ އަދި މިހާރުވެސް ގޮވަމުންދާ ވާހަކަ ތަކެކެވެ. ދީން ހިމާޔަތް ކުރަން ޕީޕީއެމް ހޮވުމަށް ގޮވާ މޮޔައިންވެސް ފެންނަމުން އަންނަ މި ރާއްޖޭގެ ވެރިކަން ބަޣާވާތަކުން ވައްޓާލުމަށްފަހު، ވެރިކަމަށް ނަގާފައިވާ ވެރިޔަކީ ލާދީނީ މީހެކޭ، އޭނާގެ ދަރިންނަކީ 'ކާލީމާ' އާއި ކިރިސްޓިއަން ދީނަށް ތަބާވާ ބައެކޭވެސް ކިޔާ އަޑު މިހާރު އިވެމުން ދެއެވެ. މިވެސް ރިއަލިޓީއެވެ.

ބަޣާވާތަށްފަހު އެމްޑީޕީ ނައްތާލުމަށް ދިވެހި ފުލުހުންނާއި ސިފައިންގެ ތެރެއިން ބަޔަކު، ބަޣާވާތުގެ ބޮޑުންގެ ބަހަށް ވަރަށް ނޭއްގާނީ ގޮތެއްގައި ވަރަށް ފާޅުކަން ބޮޑުގޮތެއްގައި މަސައްކަތް ކުރަންފެށިކަމީވެސް ރިއަލިޓީއެކެވެ. މިގޮތުން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ބަދުނާމުކުރުމަށް ހީވެސް ނުކުރާކަހަލަ ބޮޑެތި ޖަރީމާތައް ހިންގިކަމީވެސް ރިޔަލިޓީ އެކެވެ. ނަމަވެސް އެހުރިހާކަމެއް ފަނުފުލުން ދިޔައީ ﷲ ތަޢާލާ އަބަދުވެސް ނަސްރު ދެއްވަނީ ޙައްޤަށް ކަމަށް ވަޙީ ބަސްފުޅުގައި އައިސްފައި ވާތީކަން މިއަދު މި ޤައުމުން ފެންނަ ބޮލުރޮދި ކޮށިފައިވާ ހައެއްކަ ޝައިޚުން ފިޔަވާ ދެންތިބި މީހުން ދަންނާނެއެވެ.

އެމްޑީޕީގެ ފަތުރުވެރިކަމުގެ ސިޔާސަތު އިފްތިތާޙް ކޮށްދެއްވުމަށް ރައީސް ނަޝީދު ވަޑައިގެންނެވީ ލ. އަތޮޅަށްކަމީ އޮޅުވާލާ މީހުން އެހެން މަންޒަރެއް ދައްކަން އުޅުނަސް ރިޔަލިޓީއެކެވެ. މި ރިޔަލިޓީގެ ތެރެއިން ފެނިގެން ދިޔައީ އެއަށްވުރެން ބޮޑު ރިޔަލިޓީއެކެވެ. ރައީސް ނަޝީދަށް މަރުޙަބާ ދެންނެވުމަށް ކައްދު ބަންޑުންވާ ވަރަށޭ ބުނެވޭހާ ގިނަ ޢަދަދަކަށް ދިވެހި ރައްޔިތުން އެދުވަހު ކައްދުއަށް ގޮސްތިބި ކަމީ ހާދަހާ ބޮޑު ރިޔަލިޓީ އެކެވެ. 'މަރާލިޔަސް އެމްޑީޕީ' ޖަހައިގެން ގަންޖުފަރާތް ލައިގެންތިބީ ޒުވާނުންނެވެ. ރައީސް ނަޝީދުގެ އެ ދަތުރުފުޅުގައި އެރުއްވި ކޮންމެ ރަށަކުން ފެނިގެން ދިޔައީ މި ދަންނަވާ ރިޔަލިޓީ އިނގޭތޯއެވެ. ލ. އަތޮޅުގައި އެމްޑީޕީގެ ކުލަވަރު އެންމެ ފަނޑުކަމަށް ކިޔާ ލ. ފޮނަދޫންވެސް ފެނިގެން ދިޔައީ ރައީސް ނަޝީދުގެ ވެރިކަމުގެ ދުވަސްވަރުގައި ފެނިފައި ނުވާފަދަ ބޮޑު ތަރުޙީބެކެވެ. ފެނިގެން ދިޔައީ ލާމު އަތޮޅުންވެސް މިހާރު ރިއަލިޓީ ފެންނަން ފަށައިފި ކަމެވެ. ޤައުމުގެ އެކި ކަންކޮޅުތަކުންވެސް ފެންނަމުން ދަނީ މިދެންނެވި ރިޔަލިޓީއެވެ. މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު އެމްޑީޕީ އާއި ގުޅުނު ފަދައިން ހީވެސް ނުކުރާފަދަ ވަރުގަދަ ޝަޚްޞިއްޔަތުތައް ކުރިއަށް އޮތް ތަނުގައި ޕާޓީ އާއި ގުޅިގެން އަންނަތަން ފެންނަން ފެށުމުން ރާއްޖޭގެ މަޝްހޫރު 'ރިއަލިޓީއަށް' ވެސް އަސްލު ޙަޤީޤީ ރިއަލިޓީ އަކީ ކޮބައިކަން އެނގިގެން ދާނެ ކަމަށް އުއްމީދު ކުރެވެއެވެ. ނަމަވެސް އެހެން ރިއަލިޓީއެއްވެސް މި ރާއްޖޭގައި އެބަ ގެންގުޅެއެވެ. އަސްލު ރިޔަލިޓީ އެނގުނަސް އެ ރިއަލިޓީ ވަޅުލުމަށް މަސައްކަތް ކުރަމުން އަންނަ ބަޔަކު އުޅޭކަމީވެސް ހަމަ ރިއަލިޓީއެކެވެ.

ނަމަވެސް ހައްދުންމަތިންވެސް އަދު ފެންނަމުން ދަނީ ބާޠިލްގެ މައްޗަށް ޙައްޤު ގަދަވެގެންގޮސް ރިއަލިޓީ ފެންނާން ފަށާފައި ވާކަމެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް