ފަހުގެ ޚަބަރު


އިތުރަށް...

ކައްދޫ މުވައްޒަފުން ސިވިލް ސަރވިސްގެ ދަށަށް ބަދަލުކޮށްދިނުމަށް ރައީސް އަރިހު އެދެފި

ލިޔުނީ: Unknown - Wednesday, April 17, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ކައްދޫ މުވައްޒަފުންކޮޅެއް ބައްދަލުވުމެއްގައި - ފޮޓޯ: ކައްދޫ އެފްބީ ގްރޫޕް
ކައްދޫ އެއަރޕޯރޓްސް ކުންފުނީގެ މުވައްޒަފުން ސިވިލް ސަރވިސްގެ ދަށަށް ބަދަލުކޮށްދިނުމަށް ރައީސް އަރިހު އެދެފިއެވެ. ކައްދޫގައި ވަޒީފާ އަދާކުރަމުން އަންނަ ގިނަ މުވައްޒަފުންތަކެއް އަމިއްލައަށް ރައީސް ކަމުގައި ހުންނެވި ވަހީދު ހަސަން މަނިކާއި ބައްދަލުކޮށްފައިވަނީ މިރޭ 1900 ހާއިރު ކައްދޫ ވީއައިޕީ ގައެވެ.

ބައްދަލުވުން ފެށުމުގެ ގޮތުން ކުޑަ ތަޢާރަފަކަށް ދަމުން ކައްދޫ މެނޭޖަރ އަޙްމަދު ޢަލީ ވިދާޅުވީ ކައްދޫގެ ހުރިހައި މުވައްޒަފުންގެ އެދުމަކީ ކައްދޫ މުވައްޒަފުންނަކީ ސިވިލް ސަރވިސް މުއައްޒަފުން ގޮތުގައި ހަމަޖައްސަވައިދެއްވުން ކަމަށެވެ.

މިކަމާއި ގުޅިގެން ރައީސް ކަމަށް އަރާވަޑައިގެން ހުންނެވި ވަހީދު ހަސަން މަނިކު ވިދާޅުވީ މިހާރުވެސް މުވައްޒަފުންނަށް މުސާރަ ދެމުން ގެންދަވަނީ ސަރުކާރުގެ ބަޖެޓުން ކަމަށެވެ. އަދި މުވައްޒަފުން އެދޭ ގޮތަށް ހަމަޖައްސަވައިދެއްވޭތޯ ބައްލަވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ކައްދޫ މުވައްޒަފުންގެ ފަރާތުން ވާހަކަދެއްކި މީހަކު ބުނީ އެގޮތަށް ކައްދޫ މުވައްޒަފުން އެދޭ ސަބަބަކީ ސިވިލް ސަރވިސް މުވައްޒިފުންގެ ގޮތުގައި ތިބުމުން ވަޒީފާ އާއި މެދު ޔަޤީން ކަން ބޮޑު ކަމަށާއި މިހާރު ސިޔާސީ ގޮތުން އަންނަ ފިއްތުންތަކާއި ކަންތައްތަކުގެ ސަބަބުން މާދަމާވެސް ވަޒީފާގައި ހުރެވިދާނެ ކަމުގެ އެއްވެސް ޔަޤީންކަމެއް ނޯންނަ ކަމަށެވެ.

"އަޅުގަނޑު ތަންކޮޅެއް ތަފްޞީލްކޮށް އެކަމަށް އަލި އަޅުވާލަން ބޭނުން. ސިވިލް ސަރވިސް ގެ ގޮތުގައި ތިބީމަ އަޅުގަނޑުމެންނަށް ވަޒީފާއާއި މެދު ތަންކޮޅެއް ޔަޤީންކަން ބޮޑުވޭ. މި ސިޔާސީގޮތުން އަންނަ ފިއްތުންތަކާ ކަންތައްތައް ކުރިމަތިވާތީވެ އަޅުގަނޑުމެންނަށް މާދަމާވެސް ވަޒީފާގައި ތިބޭވޭނެ ކަމުގެ ޔަޤީންކަމެއް ނޯވޭ އިނގޭތޯ. ދެން އަނެއްކާ އަނެއްކަމަކީ މި ސިޔާސީ މަޤުޞަދު ޙާޞިލް ކުރުމަށްޓަކައި މި އެއަރޕޯޓް ކޮމްޕެނީގަ އެކިއެކި ޖަރީމާތައް ހިނގަމުންދަނީ. މިހާރު މިސާލަކަށް ބުނަންޏާ މި އެމްޑީޕީ ވެރިކަން ނިމި މަނިކުފާނު ވެރިކަމާ ޙަވާލުވީފަހުން ފޮނަދޫ ދާއިރާގެ ރައްޔިތުންނަށް ނޫނީ ލ. އަތޮޅުގެ ރައްޔިތުންނަށް ޤަބޫލުރެވިފަ އޮންނަ ގޮތަކީ ޢަބްދުއް ރަހީމް ޢަބްދުﷲ (ފޮނަދޫ ދާއިރާ މެންބަރު) ކަމަށް މި ދަޢުލަތް ހިނގަމުން ދަނީ. ދެން އެހެންވީމަ އެ އަބްދުއް ރަހީމް ޢަބްދުﷲ ބުނާ ގޮތެއްގެ މަތިން އެބަޖެހޭ ކައްދޫ އެއަރޕޯޓްވެސް ހިންގެން. އެކި އެކި ޖަރީމާތައް، ވަޒީފާއެއް ދިނަސް، މަޤާމެއް ބަދަލުވިޔަސް އެކަމަށް ކުފޫ ހަމަނުވާ މީހުން އެވަރެޖްކޮށް ބަލާއިރުގަ މި ހުންނަނީ. ހަމަ މުޅިންވެސް ގަޑުބަޑު ތެރޭގަ. އެހެންވީމަ އަޅުގަނޑުމެންނަށް އޮންނަނީ ވަރަށް ބޮޑު ބިރުވެރިކަމެއް." މި ސަރުކާރުގެ ދަށުން ކައްދޫ އެއަރޕޯޓް ކުންފުނީގެ ނަމުގައި ހިންގަން ފެށިފަހުން އެތަނަށް ދިމާވެފައިވާ އެންމެ ބޮޑު އެއްމައްސަލަ ކަމަށް ސިފަކޮށް މުވައްޒަފު ރައީސް އަރިހުގައި ދެންނެވިއެވެ.

ކައްދޫ މުވައްޒަފުގެ ވާހަކަތައް އަޑުއައްސަވަން އިންނަވައިފައި ރައީސް ސުވާލުކުރެއްވީ އެގޮތަށް ވަރަށް ގިނަ މުވައްޒަފުން ބަދަލުކޮށްފިތޯއެވެ.

ޖަވާބުދެމުން ކައްދޫ މުވައްޒަފު ބުނީ އެކަކަށް އިޢުލާނެއް ކޮށްލިޔަސް ދެމީހުންވެސް ނަގާފައި އެބަހުރި ކަމަށެވެ. އަދި ޕޮއިންޓް ދިނުމުގައި ގެންގުޅޭ ހަމަނުޖެހޭ އުޞޫލުތައްވެސް ކިޔައިދިނެވެ.

"ތީގަ ދެން އަޅުގަނޑަށްވެސް ކޮންމެވެސް ކަމެއް ކުރެވޭނެ އިރާދަ ކުރެއްވީތީ." މުވައްޒަފުންގެ ވާހަކަތައް އަޑުއެއްސެވުމަށްފަހު ރައީސް ވަހީދު މާ ބޮޑު ޔަޤީންކަމެއް ނެތްގޮތަށް ވިދާޅުވިއެވެ.

ކައްދޫ މުވައްޒަފުންވަނީ މުސާރަ ލިބުމުގައި ލަސްވަމުން އަންނަކަންވެސް ފާހަގަ ކޮށްފައެވެ. ކައްދޫ އެއަރޕޯޓް ޕްރައިވެޓައިޒްކޮށް ހިންގުމަށް ހަވާލުކޮށްފައި ނުވާކަމަށް ވަހީދު ޙަސަން މަނިކަށް އޮޅިވަޑައިގެން ވިދާޅުވެވުމުން ކައްދޫ މެނޭޭޖަރު، ކައްދޫ އެއަރޕޯޓްވެސް ޕްރައިވެޓައިޒް ކުރުމަށް އިޢުލާނު ކުރިކަމަށް ދެންނެވިކަން ފާހަގަ ކޮށްލެވެއެވެ.

ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ ސަރުކާރުން އެއަރޕޯޓްތައް ހިންގުމުން ސަރުކާރަށް މާ ބުރަ ބޮޑުވާ ކަމަށެވެ. އަދި ކައްދު ހިންގުމަށް ކުރިމަތިލި އައިލެންޑް އޭވިއޭޝަނަކީ ރަނގަޅު ކުންފުންޏެއް ކަމަށާއި ކުރިއަރަމުން އަންނަ ކުންފުންޏެއް ކަން ފާހަގަ ކުރެއްވިއެވެ. އަދި އެތާނގެ މެނޭޖްމެންޓަށް ތަޢުރީފުކޮށް ވާހަކަދެއްކެވިއެވެ. ރައީސްގެ ވާހަކަފުޅުތައް ހުރިގޮތުން ދޭހަވެގެން ދިޔައީ އެމަނިކުފާނަށް ކައްދޫ މުވައްޒަފުންގެ އެދުންތަކަށް މާބޮޑުކަމެއް ކޮށްދެވެން ނެތްކަމަށް ކަމަށް ފާހަގަ ކޮށްލެވެއެވެ. އަދި ވަހީދުގެ ވާހަކަތައް ހުރީ ޕްރައިވެޓައިޒްކޮސް ހިންގުމުން ފައިދާތައް ވާނެ ކަމަށެވެ.

ނަމަވެސް މަޝްވަރާކުރަންޖެހޭ ފަރާތްތަކާއި މަޝްވަރާ ކުރެއްވުމަށްފަހު މުވައްޒަފުން އެދޭގޮތް ހަމަޖައްސައިދެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި ވިދާޅުވުން ތަކުރާރު ކުރެއްވިއެވެ.

މީގެ އިތުރުންވެސް ކައްދޫގައި ހުރި އެހެނިހެން ބައެއް ކަންތައްތައް ވެސް ފާހަގަ ކުރިއެވެ. މީގެ އިތުރުން އަތޮޅު  ކައުންސިލް ރައީސް މުޙައްމަދު ރަޝީދުވެސް މިހާރު ލ. އަތޮޅުގައި ފަތުރުވެރިކަމާއި ގެސްޓްހައުސްގެ ވިޔަފާރި ކުރިއަރަމުންދާ ދިއުން ފާހަގަކޮށް ކައްދޫ އެއަރޕޯޓް އިތުރަށް ތަރައްޤީކުރަން ކައިރި މުސްތަޤުބަލެއްގައި ޖެހޭ ކަން ފާހަގަކޮށް ވާހަކަދެއްކެވިއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް