ފަހުގެ ޚަބަރު


އިތުރަށް...

ހުރަވީ ދުވަސް

ލިޔުނީ: Unknown - Sunday, April 14, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
މިއަދަކީ ހުރަވީ ދުވަހުގެ ގޮތުގައި ދިވެހިރާއްޖެގައި ފާހަގަކުރަމުން އަންނަ ދުވަހެވެ. ހުރަވީދުވަސް ނިސްބަތްވެގެން ވަނީ ދޮންބަންޑާރައިން ނުވަތަ އައްސުލްތާން ޣާޒީ ހަސަން އިއްޒުއްދީނުލް ހުރަވީއަށެވެ.

ޕޯޗުގީޒުންގެ އަތްދަށުން ބޮޑުތަކުރުފާނު ރާއްޖެމިނިވަން ކޮއްދެއްވިތާ 185 އަހަރު ފަހުން މަލާބާރީން ނުވަތަ ހޮޅިންގެ ލަޝްކަރެއް ރާއްޖެ އައިސް ހިޖްރައިން 3 ޞަފަރު 1166 މީލާދން 20 ޑިސެންބަރު 1752 ގައި، އޭރު ތަހުތުގައި އިންނެވި ރަދުން އައްސުލްތާން މުކައްރަމް މުހައްމަދު އިމާދުއްދީން 3 ވަނަ ސިރީ ނަވަރަންނަ ކީރިތި މަހާރަދުން އަތުލައިގެން ކަންނަން ނޫރައް ގެންގޮސް މަލާބާރީން މާލޭގައި އެމީހުންގެ ވެރިކަން ގާއިމް ކުރިއެވެ. މިކަން ހިނގުމަށް ދިމާވީ ގައުމަށް ހިޔާނާތް ތެރިވި އަލްގާޒީ ހަސަން ތާޖުއްދީންގެ ދެ ދަރިކަލުންކަމަށްވާ އޭރު ފަނޑިޔާރު ކަލޭގެފާނު މުހައްމަދު ޝަމްސުއްދީނާއި އޭނާގެ އެއްބަނޑު އެއްބަފާ ޙަތީބް އަހްމަދު މުޙިއްޔުއްދީން، ކަންނަންނޫރަށް ސިޓީއެއް ފޮނުއްވާ އަލީ ރާޖާއަށް ދިވެހިރާއްޖޭގެ ވެރިކަން ހޯދައިދެއްވަން ވިދާޅުވުމުންނެވެ. އެޒަމާނަކީ ދިވެހިރާއްޖޭގެ ވެރިކަމާއި ތޮޅެން ތަފާތު ފަރާތްތަކުން މަސައްކަތްކުރަމުން ދިޔަޒަމާނެއްކަން ދިވެހި ތާރީޚް ހެކިދެއެވެ.

މިހާދިސާއާ ގުޅިގެން ދިވެހިން މަލާބާރީންގެ އަޅުވެތިކަމުގެ ދަށަށް ދިޔައެވެ. މިއަޅުވެތިކަމުން ރާއްޖެ މިނިވަން ކުރެއްވީ ދޮންބަންޑާރައިންނެވެ. ހިޖްރައިން 3 ޖުމާދަލްއާޚިރާ 1166 ވީ އާދިއްތަ ވިލޭރޭ މެންދަމު މަލާބާރީންގެ ވެރިކަމުގެ މަރުކަޒުކަމަށް ހަދާފައިވާ ވެޔޮދޮށު ގަނޑުވަރަށް ހަސަންމަނިކުފާނުގެ އެކުވެރީންނާއެކު ވަދެވަޑައިގެން މަލާބާރީންނާ ހަނގުރާމަ ކުރައްވާ އެމީހުން ބަލި ކުރެއްވިއެވެ. އަދި ހޮޅިންގެ އަތްދަށުން ރާއްޖެމިނިވަން ކުރެއްވިއެވެ. ދިވެހި ތާރީހުން އެނގޭ ފަދައިން އެތައް ފަހަރެއްގެ މަތީން ދޮންބަންޑާރައިން ވަނީ ރާއްޖެ އަޅުވެތި ކުރުމަށް އައި މަލާބާރީންނާ ހަނގުރާމަ ކުރައްވާ ދުޝްމިނުން ބަލި ކުރައްވާފައެވެ. ހިޖުރައިން 1166 އާއި 1174 އާ ދެމެދު ކަންނަންނޫރުގެ އަލީ ރާޖާ ފޮނުއްވައިގެން ރާއްޖެ އާ ދިމާކުރަން އައި މަލާބާރުންގެ ގުރާބުތަކާ މާލޭގެ ބަނދަރުން ފެށިގެން ތިލަދުންމަތީ ދޮނަކުޅިއާ ދެމެދު ހިނގި ކޮންމެ ހަނގުރާމަ އެއްވެސް ދޮންބަންޑާރައިން ވަނީ ކާމިޔާބު ކުރައްވާފައެވެ.

އަލްޣާޒީ ކަމުގެ ލަގަބާއި ރަންނަބަނޑޭރިކަން ދޮންބަންޑާރއިންނަށް ލިބި ވަޑައިގަތީ ހިޖުރައިން 1167 ގައި ހޮޅީންނާ ކުރެއްވި ހަނގުރާމައިގެ ވެރިއެއްގެ ގިތުން ވަޑައިގެންނެވުމުންނެވެ. ދޮންބަނޑާރައިން ރާއްޖެގެވެރިކަމާ ހަވާލު ވެ ވަޑާއިގަތީ ހިޖުރައިން 1170 ވަނަ އަހަރު ޝައްވާލު މަހުގައި އައްސުލްތާން މުކައްރަމް މުހައްމަދު ޢިމާދުއްދީން މަލިކުގައި އަވަހާރަވުމަށް ފަހުއެވެ. ދޮންބަންޑާރައިން އަވަހާރަ ވެފައިވަނީ ހިޖުރައިން 1180 ގައި މީލާދުން 1 ފެބްރުއަރީ 1767ގައެވެ. ފަސްދާނު ވެޑުވިފައިވަނީ މާލޭ ހުކުރު މިސްކިތު ގަބުރުސްތާނުގައިވާ އިބްރާހީމް ރަސްގެފާނުގެ ޒިޔާރަތުގައެވެ.

އަޅުގަނޑުމެންގެ މި ދިވެހިރާއްޖޭގައި އުފެދިފައިވާ އަޅުގަނޑުމެންގެ ހައްޤުގައި އެތަކެއް ޤުރުބާނީތަކެއް ވެވަޑައިގެން މިފަދަ އަބްޠާލުންގެ ޒިކުރާ އައުކޮށް އެފަރާތްތަކުން ހިތްވަރު ލިބިގަތުމަކީ މިފަދަ ދުވަހެއްގައި އަޅުގަނޑުމެން ކުރަންޖެހޭ އެންމެ މުހިއްމު ކަންތަކެވެ. މި ފަދަ ދުވަސްތައް ފާހަގަ ކުރުމުގެ މަޤްޞަދަކީ އެބަތަލުން ގެނެސްދެއްވި މިނިވަންކަމާއި ޤައުމިއްޔަތު ދެމެހެއްޓުމުގެ ބާރާއި ޖޯޝް ދިވެހިންގެ ހިތްތަކުގައި ދިރުވައި ދެމެހެއްޓުންކަން ކަށަވަރެވެ.

މާތް ﷲ އެ ބަތަލުންނަށް ރަޙްމަތް ލައްވާށިއެވެ. އާމީން

މަޢްލޫމާތު:http://dv.wikipedia.org/wiki/ އިން

ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް