ފަހުގެ ޚަބަރު


އިތުރަށް...

އަމިއްލަ ހަރަދުގައި ވިޔަސް ރައްޔިތުންގެ ގާތަށް ދާނަން: ރައީސް

ލިޔުނީ: Unknown - Wednesday, April 17, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ރައީސް ވަހީދު ދަނބިދޫ ރައްޔިތުންނާ ބައްދަލުކުރައްވަނީ - ފޮޓޯ: ރައީސް އޮފީސް
ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރަށްތަކަށް ކުރައްވާ ދަތުރުތައް ސިފަކުރަމުންދަނީ ކެމްޕޭން ދަތުރުތަކުގެ ގޮތުގައި ކަމަށާއި އެ މަނިކުފާނު އަމިއްލަ ޖީބުން ހަރަދުކުރައްވައިގެން ވިޔަސް ރައްޔިތުންގެ ގާތަށް ވަޑައިގަންނަވާނެ ކަމަށް ރައީސް މުހައްމަދު ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ. 

ލ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅު ދަނބިދު އަށް ވަޑައިގެން އެ ރަށުގެ ބަނދަރުގެ މަސައްކަތް ފައްޓަވައިދެއްވުމަށް ފަހު ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ ރައްޔިތުންގެ ގާތަށް ވަޑައިގެން ގިނަގިނަ އިން ބައްދަލުކުރައްވަން ބޭނުންފުޅުވާ ކަމަށެވެ. ނަމަވެސް އެއީ ކެމްޕޭންގެ ގޮތުގައި ބައެއް ފަރާތްތަކުން ހީކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. 

"މިހާރު މިއީ ވަރަށް ނާޒުކު ދުވަސްވަރެއް. ވާގޮތަކީ އަޅުގަނޑު ރައްޔިތުންނާ ބައްދަލުކޮށްލަން އަޔަސް، މި ހީވަނީ ބޮޑު ކެމްޕޭން ދަތުރެއްގައޭ މިއުޅެނީ. އެހެންވީމާ އެކަން އެބަޖެހެޔޭ ހުއްޓުވާލަން. އެހެން ނަމަވެސް، އަޅުގަނޑު ތިޔަބޭފުޅުންގެ އަރިހަށް އަންނާނަން،" ރައީސް ވިދާޅުވި އެވެ. 

ރައީސް މި ގޮތަށް ވިދާޅުވެފައި މިވަނީ އެ މަނިކުފާނު ދައުލަތުގެ މުދަލާއި ފައިސާ ބޭނުންކުރައްވައިގެން ރަށްތަކަށް ދަތުރުކުރައްވަނީ އިންތިހާބުގެ ކެމްޕޭނަށް ކަމަށް އެ މަނިކުފާނުގެ ސަރުކާރުގެ ކޯލިޝަން ޕާޓީތަކުން ވެސް ތުހުމަތުކޮށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި ވަނިކޮށެވެ. އެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވެސް މެމްބަރުން ވަނީ އެ މަނިކުފާނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ބަހުގެ ހޫނު ހަމަލާތަކެއް ރައްދުކުރައްވައިފަ އެވެ. 

ދަނބިދޫގައި ރައީސް ވިދާޅުވީ ވެރިކަން ހިންގެވުމާ އެ މަނިކުފާނު ހަވާލުވެވަޑައިގެންނެވި ފަހުން ވޭތުވެދިޔަ އަހަރަކީ ފަސޭހަ އަހަރެއް ނޫން ކަމަށާއި ވަރަށް އުނދަގުލުން ކަންކަން ކުރެވުނު އަހަރެއް ކަމަށެވެ. އޭގެ ސަބަބަކީ، ރައީސް ވިދާޅުވި ގޮތުގައި، ފިކުރީ ތަފާތުތައް ބޮޑުވެ އެކި ކުލަކުލަ އަށް ބަދަލުވުމެވެ. 

"އަޅުގަނޑުގެ ވެސް އޮވޭ ޕާޓީއެއް. އެ ޕާޓީގައި އޮވޭ ކުލައެއް. އެކަމަކު އަޅުގަނޑު އެކުލައިގެ ޓައީއާ އެއްޗެހި އަޅައިގެން ތޮފި އަޅައިގެން އެ ކުލައިގެ ގަމީސް ލައިގެން އައިސް ތިޔަބޭފުޅުންގެ އަރިހުގައި ތިޔަ ހުރިހާ ބޭފުޅުން އަޅުގަނޑުގެ ޕާޓީ އަށް ވެދެވަޑައިގަންނަވާށޭ، އޭރުންނޭ ބަނދަރު ހެދޭނީ ކިޔައިގެން އަޅުގަނޑެއް ނޫޅެމެއް ނޫންތޯ،" ރައީސް ވިދާޅުވި އެވެ. 

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖޭގެ އެންމެ މުހިއްމު ފިކުރަކީ ގައުމީ ފިކުރާއި އަތޮޅާއި ރަށުގެ ފިކުރެވެ. އޭގެ މަތީގައި އެހެން ފިކުރެއް ގެންގުޅުމަކީ ގައުމު ބައިބައިވެ ތަރައްގީ ލަސްވެގެންދާނެ ސަބަބެއް ކަމަށް ރައީސް ވިދާޅުވި އެވެ. 

ރައީސް ވިދާޅުވީ ރަށްރަށުގައި އެކި މަޝްރޫއުތައް ހިންގާއިރު ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދަންޖެހޭ ކަމަށެވެ. ދަނބިދޫ ބަނދަރަށް ގެންނަންޖެހޭ އިސްލާހުތަކެއް ހުރިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ބަނދަރު ކުރިއަށް ގެންދާނީ ރައްޔިތުންނާ މަޝްވަރާކޮށްގެން ކަމަށެވެ. 

ރައްޔިތުންގެ އަޑު އަހަންޖެހޭނެ ކަމަށާއި ރައްޔިތުންގެ ވާހަކަ އަޑުއެހުމެއް ނެތި ކަންކަން ކުރުމުން ދެން ކުރާ ޝަކުވާ މާ ބޮޑު ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި އެފަދަ ޝަކުވާތައް އިވިވަޑައިގެންފައިވާ ކަމަށާއި އެ މަނިކުފާނު ބޭނުންފުޅު ވަނީ ރައްޔިތުންނާ ވީހާ ވެސް ގިނައިން ބައްދަލުކުރައްވައި ރައްޔިތުގެ އަޑު އެއްސެވުމަށް ކަމަށް ރައީސް ވިދާޅުވި އެވެ. 

ރައީސްގެ ދަތުރުފުޅުގައި ދަނބިދޫގެ އިތުރުން ވަޑައިގަތުމަށް ހަމަޖައްސަވާފައި ވަނީ އެ އަތޮޅު ކުނަހަންދު އަށެވެ. ކުނަހަންދޫ ބަނދަރުގެ މަސައްކަތް ވެސް ރަސްމީކޮށް ރައީސް ފައްޓަވައިދެއްވާނެ އެވެ. 

ޚަބަރު : ހަވީރު އޮންލައިން
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް