ފަހުގެ ޚަބަރު


އިތުރަށް...

އިސްދޫ ދަރިކޮޅުން މުޡުހިރުއްދީން ރަސްގެފާނުގެ ޢާއިލާ (ހަތަރުވަނަބައި)

ލިޔުނީ: Unknown - Thursday, April 4, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ހުވަދުއަތޮޅުގައި ފުރަތަމަ “ދީދީ” ކިޔާފައިވަނީ ކޮނޑޭ ޢަލިމަނިކުފާނުގެ ދޮންދީދީ (ކޮނޑޭދީދީ) އަށެވެ. ދޮންދީދީގެ މަންމައަކީ ޙާޖީ ބަންޑާރައިންގެ ކިލެގެފާނުގެ ޢާއިޝާދީދީ އެވެ. ރާއްޖޭގައި ފުރަތަމަ ދީދީ ކިޔާފައިވާކަމަށް އެނގޭ ކީހި އިބްރާހީމްދީދީ އާއި ދޮންބީނާގޭ އާމިނާދީދީ އާއި ދެބެއިންނަކީ މިދެންނެވި ދޮންދީދީ (ކޮނޑޭދީދީ) އާއި ވަރަށްތިމާގެ ބޭފުޅުންނެވެ. ކީހި އިބްރާހީމްދީދީ އާއި ދޮންބީނާގޭ އާމިނާދީދީގެ ބައްޕައަކީ މުޡުހިރުއްދީން ރަދުންނާއި އެއްބަނޑު ޙަސަން ހޮޅި ހަކުރާމަނިކުފާނުގެ، ވީރު ޢަލީ ދޮށިމޭނާކިލެގެފާނެވެ. މަންމައަކީ އިބްރާހީމް ރަސްގެފާނުގެ، ސަންފާ ރަންދި ކަނބާފާނެވެ. (އިބްރާހީމް ރަސްގެފާނާއި މުޡުހިރުއްދީން ރަދުންގެ މަންމާފުޅާއި ދެބެންގެ ދެދަރިއެވެ. އަދި އިބްރާހީމް ރަސްގެފާނު ކައިވެނިފުޅު ކުރައްވައިގެން ހަބޭފުޅުން ލިބިވަޑައިގެންނެވި ޢާއިޝާ ކަނބާފާނަކީ މުޡުހިރުއްދީން ރަދުންނާއި އެއްބަނޑު ފާޠިމާ މާވާކިލެގެފާނުގެ، ދަރިކަނބަލުންނެވެ. މަޝްހޫރު ޙާޖީ ބަންޑާރައިންނަކީ އިބްރާހީމް ރަސްގެފާނާއި ޢާއިޝާ ކަނބާފާނުގެ ބޭފުޅެކެވެ.)
 

ކޮނޑޭ ޢަލިމަނިކުފާނާއި ޙާޖީ ބަންޑާރައިންގެ އިބުރާހީމް ފާމުލަދޭރި ކިލެގެފާނުގެ ޢާއިޝާދީދީ (ދޮށީދީދީ) އަށް ލިބިވަޑައިގަތް ދޮންދީދީ (ކޮނޑޭދީދީ) އާއި ކައިވެނިކުރެއްވީ ދެއްވަދޫ ގަނޑުވަރު ދޮންދަލޭކާ ކަނބުލޭގެފާނުގެ ޙަސަން މަނިކުފާނު (ތުއްކަލާ) އެވެ. ލިބިވަޑައިގަތް ބޭފުޅުންނަކީ މުޙައްމަދުދީދީ (ތުއްކަލާގެ، ދީދީ) އާއި އަދި *އިބްރާހީމްދީދީއެވެ. މުޙައްމަދުދީއަށް ލިބިވަޑައިގަތް ބޭފުޅަކީ ޢާއިޝާދީދީ އެވެ. ޢާއިޝާދީދީ ކައިވެނިފުޅު ކުރެއްވީ ވިލިގިލީ ޚަޠީބު ދޮންމަނިކުފާނާއެވެ. މިއީ ކޫއްޑޫ ޢީސާޚަޠީބުގެ ވިލިގިލީ ދޮންޢަލިތަކުރުފާނު ޚަޠީބުގެ ދަރިކަލެކެވެ. ވިލިގިލީ ދޮންޢަލިތަކުރުފާނު ޚަޠީބުގެ ތިން އަނބިކަނބަލަކަށް ބޭފުޅުން ލިބިވަޑައިގެންފައިވެއެވެ. އޭނާ ކުނބުރުދޫ ދޮންތަކުރުގެ ދޮންފާޠިމާއާ ވެސް ތަންކޮޅެއްކުރިން ކައިވެނިކުރެއްވިއެވެ. ދޮންތަކުރަކީ ޙާޖީ ބަންޑާރައިން ކަނޑުލައި ޝަހީދުކުޅަ ޙާދިޘާގައި ބައިވެރިވި ތުނބުޅިގޯތީ ކުދިންނާއެކީ އެދޯނީގެ ހުންގާނުގައި ހުރި މީހާއެވެ. އޭގެ އިނާމަކަށް ރަސްކަމުގެ ފަރާތުން އޭނާއަށް ދެއްވީ ހުވަދުއަތޮޅުގެ ވާރެވެ. ދޮންތަކުރު ހުވަދުއަތޮޅަށް އައިއިރު އޭނާއާއެކީ އަޅެއްފަދަ ޅަވަރެއްގެ އިންސާނަކު ގެނައެވެ. އެއީ މާލޭ ތުބުޅިގޯތީ ކުއްޖެއްކަމަށް ބުނެއެވެ. މީނާއަށް ހުވަދުއަތޮޅުގެ މީހުން ކިޔައިއުޅުނީ “އުތުރުކޮއްޔާ” (އުތުރުކޮއި) އެވެ. ދޮންފާޠިމާގެ މަންމައަކީ ދޮންތަކުރު ހުވަދޫ ވާރުވެރިއަކަށް ހޯޑެއްދޫގައި ހުރެގެން ކައިވެނިކުރި ހުވަދޫ މީހެކެވެ. އެދުވަސްވަރު ހުވަދުއަތޮޅުގެ ވާރު (އަތޮޅުވެރިކަން) ކުރަނީ ހޯޑެއްދޫގައެވެ. 

ކޮނޑޭ ޢަލިމަނިކުފާނާއި ޙާޖީ ބަންޑާރައިންގެ އިބްރާހީމް ފާމުލަދޭރި ކިލެގެފާނުގެ ޢާއިޝާދީދީ (ދޮށީދީދީ) އަށް ލިބިވަޑައިގަތް މުޙައްމަދުދީދީ (ތުއްކަލާދީދީ) ކައިވެނިކުރެއްވީ ދެއްވަދޫ ގަނޑުވަރު ދޮންދަލޭކާ ކަނބުލޭގެފާނުގެ އާމިނާ މަނިކެފާނާއެވެ. މުޙައްމަދުދީދީ ތުއްޕުޅުއިރު މަންމަ (ޢާއިޝާދީދީ) އާ އެކީ ފުވައްމުލަކަށް ވަޑައިގަތުމަށްފަހު މަންމަ އައްޑުއަތޮޅު މީދޫއަށް ދިރިއުޅުއްވުމުން ބަދަލުކުރެއްވުމުން މުޙައްމަދުދީދީ ހުންނެވީ މާފާފުޅު (މަންމަގެ ބައްޕަ) ފާމުލަދޭރިކިލެގެފާނުގެ އަރިހުގައި މުލަކު “ކަރިއްޔަ” ގައެވެ. މުޙައްމަދުދީދީ ދެއްވަދޫއަށް ވަޑައިގެން ދެއްވަދޫ ގަނޑުވަރު އާމިނާމަނިކެފާނާއި ކައިވެނިކުރެއްވީ މުޙައްމަދުދީދީގެ ދައްތަ ދޮންދީދީ (ކޮނޑޭދީދީ) އެދިވަޑައިގެންނެވެ. 

މުޙައްމަދުދީދީއާއި ދެއްވަދޫ ގަނޑުވަރު އާމިނާމަނިކެފާނާއި ކައިވެނިކުރައްވައިގެން ލިބިވަޑައިގަތް ބޭފުޅަކީ ދޮންދީދީއެވެ. މިދޮންދީދީއާއި ކައިވެނިކުރެއްވީ އޭނާއާއި ދެފަރާތުން ދެބެންގެ ދެދަރި (މަތީގައިވާ) *އިބުރާހީމްދީދީއެވެ. ލިބިވަޑައިގަތީ ދެއްވަދޫ ގަނޑުވަރުދީދީ(އ)، ޒަކަރިއްޔާދީދީ، އަދި *އިސްމާޢީލްދީދީއެވެ. ހައްދުންމައްޗާއި ކޮޅުމަޑުލާއި އެހެން ބައެއް ދިމަދިމާލުގައި އުފެދިފައިވާ “ދެއްވަދޫ އިސްމާޢީލްދީދީ”ގެ ޢާއިލާގެ ފެށުމަކީ މަތީގައިވާ (ޙާޖީބަންޑާރައިންގެ ދަރިކޮޅުގެ) މި *އިސްމާޢީލްދީދީ އެވެ. އިސްމާއީލްދީދީ ހައްދުންމަތީ ވަޒަންވެރިވީ ގަމު ތުނޑީ އަވަށުގައި ކަމަށާއި އޭގެފަހުން މިޢާއިލާގެ ބޭފުޅަކު މާބައިދޫގައި ދިރިއުޅުއްވިކަމަށް ވެސް ބުނެވެއެވެ. ޒަކަރިއްޔާދީދީ ވެސް އޭނާގެ ބޭބެ އަރިހަށް އެއަތޮޅަށް ވަޑައިގެން އެތާނގައި އުޅުއްވިއެވެ.

ހައްދުންމަތީގައި (ޙާޖީބަންޑާރައިންގެ ދަރިކޮޅުގެ) އަދި އެހެން އިސްމާޢީލްދީދީއެއް ވަޒަންވެރިވެ އުޅުއްވިއެވެ. މި އިސްމާޢީލްދީދީ އަކީ ޙާޖީ ބަންޑާރައިންގެ އިބްރާހީމް ފާމުލަދޭރިކިލެގެފާނުގެ ކަރެއްޔަ ޙަސަންދީދީގެ ބޭފުޅެކެވެ.

ދެއްވަދޫގަނޑުވަރު ޢާއިލާގެ ދެބޭފުޅަކާއި ކައިވެނިކުރެއްވި ދޮންދީދީ (ކޮނޑޭދީދީ) އާއި މުޙައްމަދުދީދީ (ތުއްކަލާދީދީ) އަކީ މުޡުހިރުއްދީން ރަދުންނަށް ހޫރުކާފަ (ކާފަގެ ކާފަ) އަދި ޙާޖީ ބަންޑާރައިންނަށް މުނިކާފަ (ބައްޕަގެ ކާފަ) ވިދާޅުވާ ބޭފުޅުންނަށްވީމާ އެބޭފުޅުން ދެއްވަދޫ ގަނޑުވަރުގެ ބޭފުޅުންނާއި ކައިވެނިކުރައްވައިގެން ލިބިވަޑައިގެންނެވި ބޭފުޅުންގެ ދަރިފަސްކޮޅު ހިމެނިގެންދަނީ ޝަމްސުއްދީން ފަނޑިޔާރު ތަކުރުފާނުގެ ދަރިކޮޅާއި އަބޫބަކުރު ފަނޑިޔާރު ތަކުރުފާނުގެ ދަރިކޮޅާއި އިސްދޫ ދަރިކޮޅާއި އަދި ދިޔަމިގިލީ ދަރިކޮޅުގެ ބޭފުޅުންނަށެވެ. މިދަރިކޮޅު މިހާރު ހުވަދުއަތޮޅުގެ ރަށްރަށުގައި ވެއެވެ.

1961 ހާ ތާނގައި މާލޭ ޤައުމީހޮޓެލުން ހައްދުންމަތީ މާބައިދޫގެ ބޭފުޅަކާއި ބައްދަލުވެ “ތިމަންނާމެންގެ ދެއްވަދޫ އިސްމާޢީލްބޭގެ ޢާއިލާގެ ޙާލުއަޙުވާލަކީ ކޮބައިތޯ” ހަވަރުތިނަދޫ ކަތީބު ޙުސޭންދީދީ (އޮޅަދީދި ކަތީބު) އެއްސެވީމާ އެބޭފުޅަކު ވިދާޅުވީ “އެބޭފުޅަކީވެސް އެޢާއިލާގެ ބޭފުޅެއް”ކަމަށެވެ. މިބޭފުޅަކީ ވަރަށް ފަހަކާޖެހެންދެންވެސް މާބައިދޫގެ ކަތީބަކަށް ހުންނެވި ބޭފުޅެއްކަމަށް އެނގިފައިވެއެވެ. މިދެންނެވި *އިސްމާޢީލްދީދީގެ ހައްދުންމަތީ ޢާއިލާގެ ބައެއް ބޭފުޅުން އެދަރިކޮޅުގެ ފެށުން އައިސްފައިވާ ގޮތް ހޯއްދެވުމަށް އުޅުއްވައެވެ. 

ދެއްވަދޫ ގަނޑުވަރުގައި އުޅުއްވި ބޭފުޅުންނަކީ އަބުރުވެރި މީހުންގެ އިޙުތިރާމް ލިބިވަޑައިގަތް ބޭފުޅުންކަމަށް ބުނެވެއެވެ. އަދި އެގަނޑުވަރުގެ އަންހެން ބޭފުޅުންނަކީ އެބޭފުޅުންގެ މާމާފުޅު އައިސާދިޔޯ ފަދަ “ތޫނުފިލި” ބޭފުޅުންކަމަށްވެސް ބުނެވެއެވެ. އައިސާދިޔޯއަކީ އަބޫބަކުރު ފަނޑިޔާރުތަކުރުފާނުގެ ދަރިކަނބަލެކެވެ. ފިރިކަލަކީ ޝަމްސުއްދީން ފަނޑިޔާރުތަކުރުފާނުގެ ދަރިކަލުން އަލްޙާއްޖު ޢަލީތުއްކަލާއެވެ. އިބުރާހީމް ރަސްގެފާނުވެސް މިގަނޑުވަރަށް ނިސްބަތްވާ ބޭފުޅަކާއި ކައިވެނިފުޅު ކުރެއްވިއެވެ. 

ކޮނޑޭ ޢަލިމަނިކުފާނާއި ކިލެގެފާނުގެ ޢާއިޝާދީދީ އާއި ދެބޭފުޅުނަށް ލިބިވަޑައިގަތް ދޮންދީދީ އާއި މުޙައްމަދުދީދީ ދެއްވަދޫ ގަނޑުވަރުގެ ބޭފުޅުންނާއި ކައިވެނިފުޅު ކުރެއްވުމުގެ ކުރިން ޢަލިމަނިކުފާނާއި ޢާއިޝާދީދީ އާއި ދެބޭފުޅުންވަނީ ވަކިވެވަޑައިގެންފައެވެ. މުއައްރިޚު މުޙައްމަދު އިބްރާހީމް ލުޠުފީ ލިޔުއްވާފައިވަނީ “ޢަލިމަނިކުފާނު އެންމެފުރަތަމަ ކާވެނިބެއްލެވީ އައްސުލްޠާނު މުޙައްމަދު ޣިޔާޘުއްދީންގެ ދަރިކަލުން އަލްއަމީރު އިބްރާހީމް ފާމުލަދޭރިކިލެގެފާނު (ޢަބުދުﷲ)ގެ ދޮށީދީދީއާއެވެ. މިދީދީއަށް ދެބޭފުޅުން ލިބިވަޑައިގަތުމަށްފަހު ފާމުލަދޭރިކިލެގެފާނުގެ އެދިވަޑައިގަތުމުގެމަތިން ދޮށީދީދީ ވަރިކުރައްވައި މުލަކަށް ފޮނުއްވެވިއެވެ.” މިގޮތަށެވެ. އެފަހަރު ޢާއިޝާދީދީގެ ބައްޕާފުޅު މާލެއިން މުލަކަށް ވަޑައިގަންނަވަމުން ކޮނޑޭމަތީ ލާބަދޫގެ ބޭރުގައި އޮޑިކޮޅުގައި ހުންނަވައިގެން ކޮނޑޭއިން ޢާއިޝާދީދީ އޮޑިކޮޅަށް ގެންނަވައި އެދީދީ ގޮވައިގެން މުލަކަށް ވަޑައިގަތީއެވެ. ހުވަދުއަތޮޅުގެ ވާރުވެރިއާއަށް ވުރެ ކިލެގެފާނުގެ ބާރުފުޅު ހުވަދުއަތޮޅުގައިވެސް ގަދަކަން އެދަތުރުފުޅުގައި އެނގުނެވެ. (ނުނިމޭ) 

ނޯޓެއް:
މިސިލްސިލާގެ ބައިތައް ލަސްވަމުންދާތީ ބައެއް ފަރާތްތަކުން އަޅުގަނޑާއި ގުޅުއްވައެވެ. އެހެންވަނީ މިލިޔުމަށް ކޮންމެހެން ބޭނުންވާނޭކަމަށް ފެންނަ ކަންތައްތަކެއް އެބަ ހުރިކަން ހެޔޮއެދޭ ބޭފުޅުންކޮޅެއްވެސް އަންގަވާދެއްވާފައި ވުމާއިއެކު އެކަންކަން މީގައި ހިމަނައި އިތުރަށް ފުރިހަމަވޭތޯ ބަލަން ޖެހުމެވެ. އެކަން ހަމަޖެމުންދާވަރަކުން އިރާދަކުރެއްވިއްޔާ ސިލްސިލާ ކުރިއަށް ދާނެއެވެ. 

ލިޔުމުގެ މުސައްނިފު:

ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް