ފަހުގެ ޚަބަރު


އިތުރަށް...

އެމެރިކާގެ ހަރަކާތްތައް ރާއްޖޭގައި ހިންގާގޮތާމެދު ކަންބޮޑުވެއްޖެ

ލިޔުނީ: Unknown - Sunday, May 5, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ގާދޫ އާއި ކައްްދޫ ސިފައިންގެ މަރުކަޒު ދިނުމަށް ނިންމާފައިވާކަމަށް އަޑުތައް ފެތުރިފައިވޭ
އެމެރިކާގެ އަސްކަރިއްޔާއާއި އެކު ރާއްޖެއިން ސްޓޭޓަސް އޮފް ފޯސް (ސޯފާ) އެގްރީމަންޓެއް ގާއިމު ކުރުމަށް މަޝްވަރާތަކެއް ކޮށްފައިވާކަމަށް ބުނާ މައްސަލާގައި މަދަނީ ތިން ޖަމިއްޔާއަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް، ވޮއިސް އޮފް ވޮމެން އަދި މޯލްޑިވްސް އެންޖީއޯ ފެޑަރޭޝަން ގުޅިގެން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ސޯފާ އެގްރީމަންޓްގެ މައްސަލާގައި އެ ޖަމިއްޔާތަކުން މިދިޔަ މަހުގެ 25 ވަނަ ދުވަހު އެމެރިކާގެ ބިއުރޯ އޮފް ކޮންފްލިކްޓް ސްޓޭބިލައިޒޭޝަން އޮޕަރޭޝަންސްގެ ސީނިއާ ފޮރިން އެފެއާޒް އޮފިސަރު ޑރ. ކުރިސްޓޮފާ ކޯޕޯރާއާއި އެކު ބޭއްވި ބައްދަލުވުމެއްގައި ސުވާލު ކޮށްފައިވާ ކަމަށެވެ. އަދި އެ އެއްބަސްވުމުގެ އެއްވެސް މައުލޫމާތެއް އެނގި ނުލައްވާ ކަމަށް ޑރ. ކުރިސްޓޮފާ ވިދާޅުވި ކަމަށ ްވެސް އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އެ ޖަމިއްޔާތަކުން ބުނީ ޑރ. ކުރިސްޓޮފާއާއި ބައްދަލު ކުރީ އެމެރިކާ ސަރުކާރުގެ ދައުވަތަކަށް ކަމަށެވެ. އަދި އެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނީ އެމެރިކާ ސަރުކާރުން ކަނޑައަޅާފައިވަ ހާއްސަ ރަށްތަކެއްގެ އިގްތިސާދީ ހާލަތު ދެނެގަތުމާއި ގުޅޭ ގޮތުން ކަމަށް ވެސް އެ ޖަމިއްޔާތަކުން ވަނީ ބުނެފައެވެ. ނަމަވެސް އެމެރިކާ ސަރުކާރުން ވަކި ރަށްރަށެއްގެ އިޖްތިމާއީ ހާލަތު ދެނެގަތުމަށް ބޭނުންވަނީ ކޮން މަގުސަދެއްގައިކަން ވެސް ހާމަ ނުކުރާ ކަމަށް ް އެ ޖަމިއްޔާތަކުން ވަނީ ބުނެފައެވެ.

އެމެރިކާ ސަރުކާރުން އެފަދަ މަސައްކަތްތަކެއް ކުރަމުން އަންނައިރު މީޑިއާތަކުގައި ހާމަވެފައިވާ އެގްރީމަންޓަކީ ސައްހަ އެއްޗެއްނަމަ އެކަމަކީ ގާނޫނު އަސާސީގެ 251 ވަނަ މާއްދާގެ (ނ) އާއި ފުށުއަރާނެ ކަމެއް ކަމަށް ވެސް އެ ޖަމިއްޔާތަކުން ވަނީ ބުނެފައެވެ. އަދި މި މައްސަލަ ކަމާބެހޭ ކޮމެޓީތަކުން ވަގުތުން ވަގުތައް ބެލުމަށް ވެސް އެ ޖަމިއްޔާތަކުގެ ނޫސްބަޔާނުގައި ވަނީ ގޮވާލާފައެވެ.

ނޫސްބަޔަނުގައި އިތުރަށް ބުނެފައިވަނީ އެފަދަ މައްސަލަ ތަކުގައި ދެފުށް ފެންނާނެހެން، ރައްޔިތުންނަށް ހާމަކަން ބޮޑު ގޮތަކަށް އެ ކަންކަމާއި ގުޅޭގޮތުން މައުލޫމާތުތައް ހާމަކުރަން ޖެހޭ ކަމަށެވެ. އަދި އެފަދަ އެގްރީމަންޓެއް ހަދާއިރު ފޯޅަވަހީގައި ކަންތައް ވެފައިވާ ގޮތަށް ވިސްނާލަން ޖެހޭ ކަމަށް ވެސް އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އެގޮތުން ފޯޅަވަހީގައި އެމެރިކާއިން އަސްކަރީ މަރުކަޒެއް ހަދާފައިވާއިރު އެ ރަށުގެ ރައްޔިތުން ގެދޮރު ނެތި ސީޝެލްސް ފަދަ ގައުމުތަކަށް ބޭރު ކޮށްލާފައިވާ ކަމަށާއި، އެފަދަ އެގްރީމަންޓްތައް ހަދާއިރު އެފަދަ ކަންކަމަށް ސަމާލުވާން ޖެހޭކަމަށް ވެސް އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ. އެމެރިކާގެ އަސްކަރީ މަރުކަޒެއް ފޯޅަވަހީގައި ގާއިމް ކޮށްފައިވަނީ އިނގިރޭސިންގެ އަތުން ކުއްޔަށް ނަގައިގެންނެވެ.

ތިން ޖަމިއްޔާއަކުން ކަންބޮޑުވުން ފާޅުކޮށް މި ނޫސްބަޔާން ނެރެފައި ވާއިރު ލ. އަތޮޅު ގާދޫ އެމެރިކާއަށް ދިނުމަށް ނިންމާފައި ވާކަމަށާއި ކައްދޫގައި ހުންނަ އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ސަރަޙައްދުވެސް ދިނުމަށް ނިންމާފައި ވާކަމަށް އަޑުތައް ފެތުރެމުން އަންނަތާ ދުވަސްކޮޅެއް ވެފައިވާކަން ފާހަގަ ކޮށްލެވެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް