ފަހުގެ ޚަބަރު


އިތުރަށް...

އަފްރާޝީމް އަވަހާރަކޮށްލި ހާދިސާ ހުމާމްގެ ދުލުން

ލިޔުނީ: Unknown - Thursday, May 23, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ފެށުން
ރ.އުނގޫފާރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުގެ ވާހަކަތައް އެންމެ ފުރަތަމަ ދެކެވިފައިވަނީ މިދިޔަ އަހަރު ބޭއްވި ބައިބަލާ މުބާރާތުގައެވެ. އެގޮތުން އަފްރާޝީމް އަވަހާރަކޮށްލުމުގެ ހުށަހެޅުން ހުމާމަށް ހުށަހަޅާފައިވަނީ ސިފައިންގެ މީހެއްކަމަށްވާ އަޒްލީފް ރައޫފްކަމަށް މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހުމާމް ވަނީ ބުނެފައެވެ. އެގޮތުން އަޒްލީފުގެ ފަރާތުން “ސްޕައި” (އަސްލުނަމެއް ނޭގޭ. ނަމަވެސް ކުރިން 13 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހެއް) ކިޔާމީހާކާ ބައްދަލުވި ކަމަށާއި، ފުރަތަމަ ހުށަހަޅާފައިވަނީ “ކަންތައްތަކެއް ކުރަން އެބަހުރި” ކަމަށެވެ. އަދި އެކަމަކީ ވަރަށް ސަޅި ކަމެއްކަމަށާއި، ހުމާމަށް އެކަމުން ފަހުން ފައިދާވާނެ ކަމަށް އަޒްލީފު ބުނެފައިވާކަމަށް ހުމާމް ވަނީ ބުނެފައެވެ.

އަފްރާޝީމް އަވަހާރަކޮށްލުމާއި ދެމެދު ހިނގި ކަންތައްތައް
ޑރ. އަފްރާޝީމް އަވަހާރަކޮށްލުމުގެ ވާހަކަތައް އަޒްލީފު ހުމާމު ގާތުގައި ދައްކާފައިވަނިކޮށް ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވީ މައްސަލައެއްގައި ހުމާމް ހައްޔަރުކުރެވުނެވެ. ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަން ޖެހުމުން، ހުމާމް ނިސްބަތްވާ ކުޑަހެންވޭރު ގުރޫޕާ އެކު މިދިޔަ އަހަރުގެ ބައިބަލާ މުބާރާތުގައި ހުމާމަށް ބައިވެރިނުވެވޭކަމަށް އޭނާ ވަނީ މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ބުނެފައެވެ. މިހެން އުޅެނިކޮށް އެއް ކިލޯގެ މަސްތުވާތަކެތީ ރާއްޖެއަށް އެތެރެކުރި ޕާކިސްތާނު މީހެއްގެ ގާތަށް ހުމާމު ފޮނުވި ކަމަށާއި، އެތަކެތި ވިއްކާލައިގެން ލިބޭ އެއްޗެއްގެ ދެބައިކުޅަ އެއްބައި ހުމާމަށް ލިބޭނެކަމަށް އަޒްލީފު ބުނެފައިވާކަމަށް ހުމާމް ވަނީ ބުނެފައެވެ. އެޔަށްފަހު ނ.ވެލިދުއަށް ގޮސް އެރަށު ކޮފީ ޝޮޕެއްގައި އިނދެ “ދެން އެންމެ އަވަހަށް މާލޭގައި ވަޅި ޖަހާނީ މަޖިލިސް މެންބަރެއްގެ ގަޔަށް” ކަމަށާއި “ޓީވީ ބަލަން ތިބޭށޭ” ބުނި ކަމަށް ހުމާމް ވަނީ ބުނެފައެވެ.

އަފްރާޝީމް އަވަހާރަކޮށްލުމުގެ 7 ދުވަސްކުރިން
ޑރ.އަފްރާޝިމް އަވަހާރަކޮށްލުމުގެ ވާހަކަތައް މިދިޔަ އަހަރުގެ ބައިބަލާ މުބާރާތުގެ ތެރެއިން ފެށުނު ނަމަވެސް މި “މިޝަން”ގެ ބޮޑު ވާހަކަ ދެކެވިފައިވަނީ އަފްރާޝިމް އަވަހާރަކޮށްލުމުގެ 7 ދުވަސްކުރިން ޖަލަޕީނޯ ރެސްޓޯރަންޓުގައި އަޒްލީފާއި، އަފްރާޝިމް އަވަހާރަކޮށްލުމަށް ފައިސާ ޚަރަދުރާ އަބްދުﷲ ޖާވިދު (ޖާ) އާއި އޭނާގެ ބޭބެ ޖަނާއާ ބައްދަލުވިކަމަށާއި، އަފްރާޝީމް މަރާލައިފި ނަމަ ހަތަރު މިލިއަން ރުފިޔާ “ހަމަ ހުވައޭ ލިބޭނޭ” އަޒްލީފް ބުނި ކަމަށާއި އެހެން މޭޒެއްގައި އިން ޖާގެ ބޭބެ “އާނ ލިބޭނޭ” ބުނި ކަމަށް ހުމާމް ބުންޏެވެ. މި ބައްދަލުވުމުގައި ހުމާމާއި އެކު އަފްރާޝިމް އަވަހާރަކޮށްލުމުގައި ބައިވެރިވާނީ ހ.ހިކޯސްޓް އަލީ ޝާން އާއި “ނަންގީ”ކަމަށް ހުމާމްކައިރީގައި ބުނިކަމަށް އޭނާ ބުންޏެވެ. “ނަންގީ” އަކީ އަފްރާޝިމް އަވަހާރަކޮށްލި މައްސަލާގައި ދޮގުހެކިދިން ކުޑަކުއްޖާއެވެ.

އަފްރާޝީމް އަވަހާރަކޮށްލަން ޖެހުނު ސަބަބު
ޑރ.އަފްރާޝީމް އަލީ އަވަހާރަކޮށްލަން ޖެހުނު ސަބަބެއްކަމަށް އެކަންތައް ރޭވި އަޒްލީފު ބުނެފައިވަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ދުވަހު ޓީވީތަކުގައި އަފްރާޝީމް ދައްކަވާފައިވާ ވާހަކަތަކަކީ އޭނާ ދުއްވާލަންޖެހޭ ސަބަބެއް ކަމަށެވެ. މިހެން ބުނި ދުވަހު ހުމާމާއި އަޒްލީފާއި އެކު ހުރީ “ސްޕައި” ކަމަށް ހުމާމް ވަނީ ބުނެފައެވެ.

އަފްރާޝީމް އަވަހާރަކޮށްލެވުނު ދުވަސް
ޑރ.އަފްރާޝީމް އަލީ އަވަހާރަކޮށްލާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހުގެ ރޭގަނޑުއެވެ. އެދުވަހު އަފްރާޝީމް ދިރިއުޅޭ ހ. ފުންވިލުގެ ކައިރިޔަށް އެގެ ބެލުމަށް ގުރޫޕަކާ އެކު ދިޔަ ކަމަށް ހުމާމް ވަނީ މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ބުނެފައެވެ.
އެދުވަހު އެއްކޮށްކަހަލަ ގޮތަކަށް އުޅުނީ ރާބޮއެ “ބިޑި” ބުއިމުގައި ކަމަށް ހުމާމް ބުންޏެވެ. އެގޮތުން އެދުވަހު 4 ފުޅި ރާބުއި ކަމަށާއި އަދި ޑޯލްފިން ކެފޭ ތެރޭގައި “ބިޑި” ބުއި ކަމަށް ހުމާމް ވަނީ ޝަރީއަތުގެ މަޖިލީހުގައި ބުނެފައެވެ.
އަފްރާޝީމް އަވަހާރަކޮށްލަން ބޭނުންކުރާ ސާމާނު ހުރި “ނަންގީ”ގެ ގެޔަށް ޝާންއާ އެކު ދިއުމުން “ނަންގީ” ނިކުތީ ކަޅުކުލައިގެ ޑަސްބިން ކޮތަޅެއް ހިފައިގެން ކަމަށާއި ކެމެރާތަކަށް ނާރާ ގޮތަށް ދިޔައީ ހެންވޭރު ޕާކު ތެރެއިން ލާފައި، ސުނާމީ ބިނާއާ ދިމާލުގައި އޮންނަ ޕާކަށް ގޮސް ކޮތަޅު ބެލި އިރު އޭގައި ކަތިވަޅިއަކާއި ބެނެޓް ވަޅިއަކާއި ޓީޝާޓާއި އަންގި އާއި ޖީންސް ހުއްޓެވެ. އެތަނުގައި ތިބެ އެއްޗެހި ބަދަލުކުރުމަށް ފަހު އަމީނީ މަގުން ގޮސް އަފްރާޝީމްގެ ގޭގެ ދޮރުމަތީ މަޑުކޮށް އެގޭތެރެޔަށް ހުމާމު ވަނެވެ. ޝާން ހުރީ މަގުމަތީގައި ފާރަޔަށެވެ.

އަފްރާޝީމް ގެޔަށް ވަޑައިގަތުމުން ފާރަޔަށް ހުރި ޝާން އެވާހަކަ ބުނިތާ 10 ވަރަކަށް ސިކުންތު ތެރޭގައި ހ.ފުންވިލުގޭ ތެރެޔަށް އަފްރާޝީމް ވަދެވަޑައިގަތުމުން އަތުގައި އޮތް ކަތިވަޅި މަޅާލުމާ އެކު އަފްރާޝީމް ސިހިވަޑައިގެން ދިފާއުގައި އަތް ނެންގެވި ކަމަށާއި އެކަމަކު އަތުގައި ޖެހިފައި ގޮތް ކަނދުރާ މައްޗަށް ހަމަލާ އެރުމާ އެކު އަފްރާޝީމް ވެއްޓި ވަޑައިގެންތަން ފެނުނު ކަމަށް ހުމާމް ބުންޏެވެ. އެވަގުތި ޝާން ވެސް ވަދެ ވަޅިން ހަމަލާ ދިން ކަމަށާއި އަފްރާޝީމް ވެއްޓެއް ދަނިކޮށް ބޮލުގައި ކަތިވަޅިން ޖެހުމުން ބޮލުން ބައެއް ނެއްޓުނެވެ. އަފްރާޝީމް “މަރުވި ކަމެއް އޭރު ނޭނގޭ” ކަމަށް ވަނީ ބުނެފަ އެވެ. ދެން މަސައްކަތްކުރީ އަފްރާޝީމް ސިޑި މައްޗަށް އަރުވަން ކަމަށާއި އެކަން ނުވެގެން، ގޭ ދޮރުމަތީ ހުރި “ނަންގީ” އަށް ޝާން ގުޅުމުން އޭނާ ވަދެ އަފްރާޝީމް ވެއްދީ ސިޑި ދަށަށް ކަމަށް ބުންޏެވެ.
ހުމާމް ބުނި ގޮތުގައި އޭރު އަފްރާޝީމް ނޭވާ ނުލައްވާ ކަމަށާއި އެއްވެސް ހަރަކާތެއް ނެތްކަން އެނގުނު ނަމަވެސް “މަރުވި ކަމެއް ނޭނގެ” އެވެ. އަދި ހަމަލާ ދިން ވަގުތު ހުމާމް ހާސްވެފައި ހުރުމުން ކުރެވޭ ނުކުރެވޭ ކަމެއް ނޭނގޭ ކަމަށާއި ހަމަލާ ދިނުމަށް ފަހު ޝާންއާ އެކު ސައިކަލުގައި ގޮސް ޝަހީދު އަލީ މިސްކިތް ކައިރި އަށް ފައިބައިފައި، މިސްކިތު ފެން އިސްކުރުން އަތްފައި ދޮވެ ހެދި ކަމަށް ބުންޏެވެ. ހަމަލާ އަށް ފަހު ނިކުތް އިރު އަތާއި ޓީޝާޓާއި ޖީންސްގައި ވެސް ލޭ ހުރި ކަމަށް ބުންޏެވެ.

ހުމާމް މިސްކިތް ކައިރީ ބަހައްޓާފައި ޝާން ދިއުމުން ހުމާމް އާއި “ނަންގީ” ދެން ދިޔައީ ޕާކަށް ކަމަށާއި އެތަނަށް ގޮސް ކުރިން ލައިގެން ހުރި ހެދުމަށް ބަދަލުކުރީ އެވެ. ދެން ދިޔައީ އާޓިފިޝަލް ބީޗް ސަރަހައްދަށެވެ. އެތަނަށް ގޮސް ބްލޫ ބޭ ކެފޭ އިން ރަނގަޅަށް އަތް ދޮވެ، އެތާ ކައިރީ އޮންނަ ޓާފް ދަނޑު ތެރެއަށް ވަދެ އޮއްވައި އޭނާ އަށް “ނިދުނީ” އެވެ. އެހެން ހެދީ އަޒްލީފް ބުނެގެން ކަމަށާއި ހޭލެވުނީ އަޒީފް ގޮވުމުން ކަމަށް ހުމާމް ބުންޏެވެ.

ހުމާމް ހައްޔަރުކޮށްފައިވަނީ ޓާފް ދަނޑުން ނިކުމެގެން ގޮސް ސްޓޭޓް ބޭންކް އޮފް އިންޑިއާއާ ދިމާލުގައި ހުންނަ ޖޯލިފަތި ކައިރީ ހުއްޓައެވެ.

ޑރ. އަފްރާޝީމް އަވަހާރަކޮށްލުމުން ހުމާމަށް އެއްވެސް ފައިސާއެއް ލިބިފައިނުވާކަމަށް އޭނާ ބުނެއެވެ. އެހެން ނަމަވެސް ރޭވުންތައް ރޭވި އަޒްލީފަށް އެޑްވާންސްގެ ގޮތުގައި 1 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް އަޒްލީފު ބުނެފައިވާކަމަށް ހުމާމް ބުނެއެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލިސް
މިއަދު ބޭއްވުނު ޝަރީއަތުގެ މަޖިލީހުގައި ކުރިން މި ކަމަށް އިންކާރުކުރީ ކީއްވެތޯ ސުވާލުކުރުމުން ހުމާމް ބުނީ އެއީ އޭނާގެ އާއިލާއަކަށް ވެދާނެގޮތަކާ މެދު ވިސްނާފައިކަމަށެވެ. އެހެން ނަމަވެސް މިހާރު ބޭނުންވަނީ އަފްރާޝީމްގެ އާއިލާގެ މައާފަށް އެދި އެކަމަށް ތަޢުބާ ވުމަށްކަމަށް ހުމާމް ބުންޏެވެ. އަދި މިކަމުގައި އޭނާއަށް އެންމެ ލުއި ގޮތެއް ހަދައި ދުނިޔޭގައި ބަހައްޓައި ދިނުމަށް ހުމާމް ވަނީ ޝަރީއަތުގެ މަޖިލީހުގައި އެދިފައެވެ.

މަސްދަރު: ޓައިމްސް އެމްވީ
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް