ފަހުގެ ޚަބަރު


އިތުރަށް...

ޖޭއެސްސީގެ ރައީސް ހާޒިރުކޮށް ހޫނު ޒުވާބެއްގެ ތެރެއިން ކޮމެޓީ ހުއްޓާލައިފި

ލިޔުނީ: Unknown - Thursday, May 23, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:

ޖޭއެސްސީގެ ރައީސް އާދަމް މުހައްމަދު މިއަދު ކޮމިޓީގައި - ފޮޓޯ: ހަވީރު އޮންލައިން
ޖުޑީޝަލް ސާވިސްގެ ކޮމިޝަނާ ދެކޮޅަށް އެމްޑީޕީގެ މެމްބަރުން ހުށަހެޅުއްވި މައްސަލަތަކެއްގައި އެ ކޮމިޝަންގެ ރައީސް އާދަމް މުހައްމަދު ހާޒިރުކުރި މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުން ހޫނުވެގެން ހުއްޓާލަން ޖެހިއްޖެ އެވެ.

ހުޅުމާލޭގެ ކޯޓުގެ ބެންޗްގެ މައްސަލަ ބައްލަވާ ހައި ކޯޓްގެ އިސް ފަނޑިޔާރު އަހްމަދު ޝަރީފު އަލީގެ ޝަކުވާތަކެއް ޖޭއެސްސީން ބަލަނީ ޝަރީއަތަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކަމަށް ބުނެ، އެމްޑިޕީގެ ހަތަރު މެމްބަރަކު ހުށަހެޅުއްވި މައްސަލައަކީ ކޮމިޓީގައި ކުރިއަށް ގެންދެވޭނެ އަދި އެ ބޭފުޅުންނަށް ހުށަހެޅުއްވޭނެ މައްސަލައެއް ނޫން ކަމަށް ޖޭއެސްސީގެ ރައީސް ކޮމިޓީގައި ފުރަތަމަ ވެސް ވިދާޅުވި އެވެ.

މަޖިލީހުގެ ގަވާއިދާ ހަވާލާ ދެއްވައި އޭނާ ވިދާޅުވީ މިނިވަން މުއައްސަސާއެއްގެ މެމްބަރަކު ކޮމިޓީއަށް ހާޒިރުކުރާއިރު 14 ދުވަހުގެ ފުރުސަތު ދޭންޖެހެ ކަމަށެވެ. އެ ފުރުސަތު ނުދީ ބައްދަލުވުން ނުބޭއްވޭނެ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

ދެ ވަނަ ކަމެއްގެ ގޮތުގައި އާދަމް މުހައްމަދު ފާހަގަ ކުރެއްވީ، ހުޅުމާލޭ ކޯޓުގެ ބެންޗުގެ މައްސަލަ ކޯޓުގައި އޮތްއިރު، ކޮމިޓީގެ ބައްދަލުވުމުން ޝަރީއަތަށް އަސަރު ކުރާނެ ކަމަށާއި އެފަދަ އެއްވެސް ކަމެއް އެއްވެސް ފަރާތަކަށް ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާ ކަމަށެވެ.

ހުޅުމާލޭ ކޯޓުގައި އޮތް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލައަކީ އެމްޑީޕީގެ މެމްބަރުންގެ މަސްލަހަތު އޮތް ކަމަކަށް ވުމުން، އެފަދަ މައްސަލައެއް އެ ބޭފުޅުންނަށް ހުށައެއް ނޭޅުއްވޭނެ ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވެވި އެވެ. އެއީ ގާނޫނު އަސާސީއާ ހިލާފު ކަމެއް ކަމަށް ވެސް އާދަމް މުހައްމަދު ވިދާޅުވި އެވެ. މި މައްސަލަތަކަކީ މީގެ ކުރީގެ ބައްދަލުވުންތަކުގައި ވެސް ޖޭއެސްސީން ފާހަގަކޮށްފައިވާ މައްސަލަތަކެކެވެ.

އާދަމް މުހައްމަދަށް ފަހު، ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ނިޒާމީ މައްސަލައެއް ނަންގަވައި އާދަމް މުހައްމަދު ފާޅުކުރެއްވި ކަންކަމަކީ ރަނގަޅު ކަމެއް ކަމަށާއި ކޮމިޓީ ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވި އެވެ. އަދި ކޮމިޓީން ކުރާ ސުވާލަށް ޖަވާބު ދެއްވުމަކީ އާދަމް މުހައްމަދު ވެސް ގާނޫނު އަސާސީއާ ހިލާފު ވާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މައްސަލައިގައި 30 މިނެޓަށް ވުރެ ގިނައިރު ރިޔާޒު ވާހަކަ ދެއްކެވިއިރު ކޮމިޓީގެ މުގައްރިރު ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވި އެވެ.

އެމްޑީޕީގެ މެމްބަރުންނާ އެކުވެގެން "ނަޝީދު ބޭނުންވަނީ ފަނޑިޔާރުގެ ފުޑާލަން" ކަށާއި އަދި ހުޅުމާލޭ ކޯޓު އުވާލުމަށް ނަޝީދު މަޖިލީހަށް ހުށަހަޅުއްވާފައިވާއިރު، ކޮމިޓީގެ މުގައްރިރެއްގެ ގޮތުގައި ނުހުންނެވޭނެ ކަމަށް ރިޔާޒު ވިދާޅުވި އެވެ.

"އަޅުގަނޑު ފަހުރުވެރިވަން އަޅުގަނޑު ކުރާ ކަންތަކަށް،" ހުޅުމާލޭ ކޯޓު އުވާލަން ހުށަހެޅުއްވި ބިލަށް އިޝާރަތް ކުރައްވައި ނަޝީދު، ރިޔާޒަށް ވަގުތުން ރައްދު ދެއްވި އެވެ.

ކޮމިޓީ ކުރިއަށް ގެންދިއުމަށް ފުރުސަތު ދެއްވުމަށް ނަޝީދާއި ކޮމިޓިގެ ބައެއް މެމްބަރުން ވެސް ރިޔާޒު ގާތު ތަކުރާރުކޮށް އެދިވަޑައިގަތެވެ. ނަމަވެސް އޭނާ މުގައްރިރަށް ފުރުސަތު ދެއްވީ، ކޮމިޓީގެ ބައްދަލުވުން ޓީވީން ލައިވްކުރުން ހުއްޓާލި ކަމަށް އެހެން މެމްބަރަކު ވިދާޅުވުމަށް ފަހު އެވެ.

އާދަމް މުހައްމަދާއި ރިޔާޒު ނެންނެވި ނުކުތާތަކަށް ނަޝީދު ވިދާޅުވީ އެކަންކަމަކީ ކޮމިޓީން ވަކި ގޮތަކަށް މީގެ ކުރިން ނިންމައި އެގޮތަށް އަމަލުކުރަމުންދާ ކަންކަން ކަމަށެވެ. އެގޮތުން ކޮމިޓީގެ މެމްބަރުންތަކެއް ހުށަހަޅައިގެން ބޭފުޅަކު ހާޒިރުކުރުމުގައި، މަޖިލީހަށް ވަޒީރަކު ހާޒިރާއިރު ދޭންޖެހޭ 14 ދުވަސް ދޭން ނުޖެހޭ ކަމަށް ކޮމިޓީން ނިންމާފައިވާ ކަމަށެވެ. އެ އުސޫލުން ފުރުސަތު ދޭންޖެހޭނީ، ކޮމިޓީގައި ހިމެނިވަޑައިނުގަންނަވާ މެމްބަރަކު މައްސަލައެއް ހުށަހެޅުއްވުމުން ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ މެމްބަރުން ހުށަހަޅުއްވާފައިވަނީ ޝަރީއަތުގައި އޮތް މައްސަލައެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ކޮމިޓީއަށް ހުށަހަޅާފައިވަނީ އެމްޑީޕީގެ މެމްބަރުންގެ މަސްލަހަތު ވެސް ފުށުއަރާ މައްސަލައެއް ނޫން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ކޮމިޓީގެ ބައްދަލުވުން ދެވަނަ ފަހަރަށް ހޫނުވީ ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު، ޖޭއެސްސީގެ ރައީސް އާދަމް މުހައްމަދާ ކުރެއްވި ސުވާލުތަކަށް ޖަވާބު ނުދެއްވުމުންނެވެ.

އަލީ ވަހީދު ވިދާޅުވީ ހުޅުމާލޭ ކޯޓުގެ ބެންޗުގެ މައްސަލައިގެ އެއް ހަސްމަކީ ޖޭއެސްސީކަމަށްވާއިރު، އެ މައްސަލަ ބައްލަވާ އިސްފަނޑިޔާރު އާދަމް ޝަރީފު ކޮމިޝަނަށް ހާޒިރުކުރެއްވުމަކީ ޝަރީއަތަށް ނުފޫޒު ފޯރުވުން ކަމަށެވެ. ފަނޑިޔާރުންގެ މައްޗަށް ޖޭއެސްސީން ފިޔަވަޅު އެޅޭނެ ކަމަށާއި އެހެންވެ، އާދަމް ޝަރީފު ހާޒިރުކުރުމަކީ ނުފޫޒު ފޯރުވުންތޯ، ނުފޫޒު ފޯރުވުމަކީ ކޮބައިތޯ އަލީ ވަހީދު ސުވާލު ކުރެއްވެވި އެވެ.

އެ ސުވާލުތަކަށް ދެއްވުމުން އަލީ ވަހީދު ކޯފާވެވަޑައިގެން ވިދާޅުވީ އާދަމް މުހައްމަދު މަސައްކަތް ކުރައްވަނީ "ގައުމު ހަލަބޮލިކުރަން" ކަމަށެވެ.
"މުޅި ގައުމު ހަމަޖެހި، މުޒާހަރާތައް ނުކޮށް އޮއްވައި އާދަމް މުހައްމަދު ގައުމު ހަލަބޮލި މިކޮށްލަނީ،" އޭނާ ވިދާޅުވި އެވެ.

އާދަމް މުހައްމަދާއި އަލީ ވަހީދުގެ "ޒުވާބު" ހޫނުވުމުން އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް އިހްތިރާމް ކުރެއްވުމަށް ވެސް މުގައްރިރު އެދިވަޑައިގެންނެވި އެވެ. އަދި ހަމައެއާކު ކޮމިޓީގައި ތިއްބެވި އެހެން ޕާޓީތަކުގެ ބައެއް މެމްބަރުން ވެސް ހޫނުވެ، އަލީ ވަހީދަށް އެއްޗެހި ގޮވި އެވެ.

އާދަމް މުހައްމަދާއި އަލީ ވަހީދުގެ ޒުވާބު ކުރިއަށް ދިޔައިރު ކުރީގެ ރައީސް ނަޝީދު ޖަލަށް ލާނެ ކަމަށް ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި އެވެ. އެއާއެކު އަލީ ވަހީދާއި އެމްޑީޕީގެ ބައެއް މެމްބަރުން ތަކުރާރުކޮށް ވިދާޅުވަމުން ދިޔައީ އެއް ބުރުން އިންތިހާބު ކާމިޔާބު ކުރާނެ ކަމަށެވެ.

އާދަމް މުހައްމަދުގެ ބައްދަލުވުން ހޫނުވެގެން ހުއްޓާލުމުން، މިއަދު ހާޒިރުކުރަން ނިންމާފައިވާ ޖޭއެސްސީގެ ނައިބު ރައީސާ އަބްދުﷲ ދީދީ އާއި މެމްބަރު މުހައްމަދު ސަލީމް އަދި ޝުވައިބު އަބްދުއްރަހްމާނުގެ ބައްދަލުވުން ކެންސަލްކުރެއްވެވި އެވެ.

މަސްދަރު: ހަވީރު
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް